Roadha Mihaaru
ގައުމު ދެކެ ލޯބިވުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ގައުމު ދެކެ ލޯބިވެ، ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމަށް ރައީސް އިލްތިމާސް ކުރައްވައިފި

19 ނޮވެމްބަރ 2017

ގައުމު ދެކެ ލޯބިވާ، ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާ އަދި އެކަކު އަނެކަކަށް އިހްތިރާމް ކުރާ ރައްޔިތުންތަކަކަށް ވުމަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސް އަބްދުﷲ ޔާމީން މިއަދު އިލްތިމާސް ކުރައްވައިފި އެވެ.

ގައުމު ދެކެ ލޯބިވާ، ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާ އަދި އެކަކު އަނެކަކަށް އިހްތިރާމް ކުރާ ރައްޔިތުންތަކަކަށް ވުމަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސް އަބްދުﷲ ޔާމީން މިއަދު އިލްތިމާސް ކުރައްވައިފި އެވެ.

މިއަދު ފާހަގަ ކުރާ ރާއްޖޭގެ ގައުމީ ދުވަހާ ގުޅިގެން ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސް ވިދާޅުވީ ކޮންމެ ގައުމެއްގެ ވެސް ގައުމީ ދުވަހަކީ، އެ ގައުމެއްގެ ރައްޔިތުންގެ ހިތްތަކުގައި ގިނަގުނަ ގައުމީ ޝުއޫރުތަކެއް އާވެ އާލާވެގެން އަންނަ ދުވަހެއް ކަމަށެވެ. މިއަދަކީ ގައުމާއި ގައުމުގެ ކުރިމަގާ މެދު އާ އުއްމީދުތަކެއް ކުރަން ޖެހޭ ދުވަހެއް ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.

ދިވެހިންގެ ދީނާއި ގައުމިއްޔަތުގެ ދިފާއުގައި ބޭރުގެ އިސްތިއުމާރީ ބާރުތަކާ ބޮޑުތަކުރުފާނު ކުރިމަތިލައްވައި ހޯއްދެވި ނަސްރާއި ކާމިޔާބީއަކީ ދިވެހިންގެ ގައުމިއްޔަތުގެ ބިންގާ އެޅިގެންދިޔަ ނަސްރަކާއި ކާމިޔާބީއެއްކަން ރައީސް ފާހަގަ ކުރައްވާފައިވެ އެވެ. އަދި އެއީ، ދިވެހި ދަރީންގެ ހިތްތަކުގައި ކުލުނާއި ލޯބި އުފެދިފައި އޮތް މިންވަރު ބަޔާން ކޮށްދިން އިބުރަތްތެރި ހާދިސާއެއް ހިނގައިދިޔަ ދުވަހެއް ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މިއަދުގެ އަޒުމަކީ ދިވެހި ގައުމު މިހާރު ދެކެމުން މިދާ ތަރައްގީގެ މަޝްރޫއުތައް، ހުއްޓުމެއް ނެތި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތުގައި ކުރިޔަށް ގެންދިއުން ކަމަށެވެ. އަދި މާޒީގައި ގައުމަށް ކުރިމަތިވެފައިވާ ހިތާމަ އާއި ހިތްދަތިކަމުން ފުރިގެންވީ ދުވަސްތައް އަލުން ގައުމަށް، ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރުން ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.