Roadha Mihaaru
ހިތާނީ ފެސްޓިވަލްގެ ޖާގަ އިތުރުކޮށްފި

ސަދަގާތު ފައުންޑޭޝަންގެ ހިތާނީ ފެސްޓިވަލްގެ ޖާގަ އިތުރުކޮށްފި

18 ނޮވެމްބަރ 2017

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ފަރާތުން ކުރިއަށް ގެންދަވާ ހިތާނީ ފެސްޓިވަލްގެ ޖާގަ އިތުރުކޮށްފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ފަރާތުން ކުރިއަށް ގެންދަވާ ހިތާނީ ފެސްޓިވަލްގެ ޖާގަ އިތުރުކޮށްފި އެވެ.

ފަސްޓް ލޭޑީ ހިންގަވާ ސަދަގާތު ފައުންޑޭޝަނުން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ހިތާނީ ފެސްޓިވަލްގައި މިއަހަރު ކުރިން ނިންމާފައި އޮތީ 140 ކުދިން ހިތާނުކުރާ ގޮތަށް ކަމަށްވިޔަސް މިހާރު ވަނީ 500 އަށް ޖާގަ އިތުރުކޮށްފަ އެވެ. ޖާގަ އިތުރުކޮށް، ރޭ ދޫކުރަން ފެށި ފޯމްތައް ވެސް މިހާރު ވަނީ ހުސްވެފަ އެވެ.

ސަދަގާތު ފައުންޑޭޝަންގެ ފަރާތުން، އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ހިތާނުކުރާ ކުދިންގެ އަދަދު އިތުރުކުރީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ. ރޭ ދޫކުރި ފޯމްތައް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 22 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށް މުއާޒް ވިދާޅުވި އެވެ.

މުއާޒް ވިދާޅުވި ގޮތުގައި ޖާގަ އިތުރުކުރުމުން، ހިތާނުކުރާ ކުދިން ބޭތިއްބުމަށް އެހެން ސަރަހައްދެއް ހަމަޖެއްސުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. ޖާގަ އިތުރުކުރުމުގެ ކުރިން ފެސްޓިވަލް ފުރަތަމަ ބާއްވަން ހަމަޖެއްސީ ހުޅުމާލޭ ރެހެންދި ސްކޫލްގަ އެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހަފުތާއެއްހާ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ފެސްޓިވަލްގައި ކުދިން ބެލެހެއްޓުމާއި ޑޮކްޓަރަށް ދެއްކުމާއި ބޭނުންވާ ވަސީލަތްތައް ވެސް ފޯރުކޮށް ދޭނީ ސަދަގާތު ފައުންޑޭޝަނުންނެވެ.