Roadha Mihaaru
ހިތާނީ ފެސްޓިވަލް އަންނަ މަހުގެ 15 ގައި

ސަދަގާތު ފައުންޑޭޝަންގެ ހިތާނީ ފެސްޓިވަލް އަންނަ މަހުގެ 15 ގައި

16 ނޮވެމްބަރ 2017

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދަވާ، ހިތާނީ ފެސްޓިވަލް އަންނަ މަހުގެ 15 ގައި ފަށާ ގޮތަށް ނިންމައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދަވާ، ހިތާނީ ފެސްޓިވަލް އަންނަ މަހުގެ 15 ގައި ފަށާ ގޮތަށް ނިންމައިފި އެވެ.

ފަސްޓް ލޭޑީ ފާތުން ހިންގަވާ ސަދަގާތު ފައުންޑޭޝަނުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި، އެ ފައުންޑޭޝަންގެ ފަރާތުން ވާހަކަ ދެއްކެވި އިބްރާހިމް މުއާޒް އަލީ ވިދާޅުވީ މި އަހަރުގެ ބޮޑު ބަންދާ ދިމާކޮށް ބާއްވާ މި ހަރަކާތް މިދިޔަ އަހަރަށް ވުރެ ފުރިހަމަ ވާނެ ކަމަށެވެ. އެގޮތުން ހިތާނުކުރާ ކުދިންގެ އަދަދު ވެސް މި ފަހަރު ވަނީ 140 އަށް އިތުރު ކޮށްފަ އެވެ.

"ހިތާނީ ފެސްޓިވަލް" ގެ ނަމުގައި ހުޅުމާލޭގެ ރެހެންދި ސްކޫލްގައި ބާއްވާ ހަރާކާތުގައި ބައިވެރިވުމަށް މާދަމާ ރެ އިން ފެށިގެން ފަސްޓް ލޭޑީގެ އޮފީހުން ފޯމު ދޫކުރާނެ ކަމަށް މުއާޒް ވިދާޅުވި އެވެ. އަދި މި މަހުގެ 25 ގެ ނިޔަލަށް އެ ފުުރުސަތު އޮތް ނަމަވެސް، ވީހާ ވެސް އަވަހަކަށް ފޯމު ހުށަހެޅުމަށް އޭނާ އެދިވަޑައިގަތެވެ. އަދި ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ފޯމު ހުށަހަޅައިފިނަމަ އިސްކަންދޭނީ ފޯމު ލާ ތަރުތީބުން ކަމަށް ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާންގެ މަގާމު ވެސް ފުރުއްވާ މުުއާޒް ވިދާޅުވި ގޮތުގައި ފެސްޓިވަލް ކުރިއަށް ގެންދާނީ ހިތާނުކުރާ ކުދިންނާއި އެ ކުދިންގެ އާއިލާ ހިތްހަމަޖެހޭ ފަދަ މާހައުލެއްގައި، ކުދިންނަށް ބައިވެރިވެވޭ ކަހަލަ ހަރަކާތްތަކާ އެކު އެވެ. އަދި ހިތާނުކުރާ ކުދިންނަށް މިދިޔަ އަހަރަށް ވުރެ ބޮޑު ހަދިޔާއެއް މި ފަހަރު ދޭނެ ކަމަށް ވިދާޅުވި އެވެ. މިދިޔަ އަހަރު ކުދިންނަށް ހަދިޔާއެއްގެ ގޮތުގައި ދީފައިވަނީ ޓެބްލެޓް ކޮމްޕިއުޓަރެކެވެ.

ހިތާނީ ފެސްޓިވަލް ހަފުތާއަކަށް ކުރިއަށް ގެންދާއިރު، ކުދިން ބެލެހެއްޓުމާއި ޑޮކްޓަރަށް ދެއްކުމާއި ބޭނުންވާ ވަސީލަތްތައް ވެސް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ސަދަގާތު ފައުންޑޭޝަނުންނެވެ.