Roadha Mihaaru
ޒުވާނުންގެ ދުވަހާ ގުޅިގެން ހަރަކާތްތަކެއް ހިންގަނީ

ޒުވާނުންގެ ދުވަހާ ގުޅިގެން ހަރަކާތްތަކެއް ހިންގަނީ

15 ނޮވެމްބަރ 2017

މި އަހަރުގެ ޒުވާނުންގެ ދުވަހާ ގުޅިގެން މުޅި ރާއްޖޭގައި ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި އަހަރުގެ ޒުވާނުންގެ ދުވަހާ ގުޅިގެން މުޅި ރާއްޖޭގައި ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ ހުކުރު ދުވަހު ފާހަގަކުރާ ޒުވާނުންގެ ދުވަހާ ގުޅިގެން ކުރިއަށް ބާއްވާ ހަރަކާތްތަކާ ގުޅޭ ގޮތުން މީޑީއާއާ ވާހަކަ ދައްކަވަމުން އިރުތިޝާމް ވިދާޅުވީ ރަށްރަށުގެ އިތުރުން މާލޭގައި ވެސް މިއުޒިކް ޝޯ އާއި ޒުވާނުންގެ ހުނަރު ދައްކާލުމުގެ އެކި ކަންކަން އޮންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ބާބެކިއު އާއި ކުޑަކުދިންގެ ހަވީރާއި މިއުޒިކް ޝޯތައް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮންނާނެ ކަމަށެވެ. މީގެ އިތުރުން ދުޅަހެޔޮ ސިއްހަތަކަށް ސަމާލުކަން ދިނުމަށް، ރޯވިން އެސޯސިއޭޝަނާ ގުޅިގެން އައްޑޫގައި ހަރަކާތެއް އޮންނާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރޯވިން ހަރަކާތަށް ބޭނުންވާ ސާމާނުތައް ވެސް ރާއްޖެ ވަނީ ގެނެސްފައެވެ. އެ ކަމުގައި އެ ރަށުގެ ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިރުތިޝާމް ވިދާޅުވި އެވެ.

ޔޫތު މިނިސްޓްރީ އާއި ބައިކް މޯލްޑިވްސް ގުޅިގެން އަންނަ ހުކުރު ދުވަހު ބައިސިކަލް ދުއްވުމުގެ ހަރަކާތެއް ވެސް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. ބޮޑުތަކުރުފާނު މަގުން ދަރުބާރުގެ ކައިރިން ފަށާ ބައިސިކަލް ދުއްވުމުގެ ހަރަކާތް ނިންމާނީ ރަސްފަންނަށެވެ.

"ޒުވާނުންނަށް ހާއްސަ ކޮށްގެން ވަރަށް ގިނަ ހަރަކާތްތަކެއް އޮންނާނެ. އެކި ދުވަސްތަކުގެ މަތިން މުޅި ރާއްޖޭގައި މިއުޒިކް ޝޯ އާއި ބާބެކިއު އާއި ޒުވާނުންގެ ހުނަރުތައް ދައްކުވައިދޭނެ އެކި ފެސްޓިވަލްތައް އޮންނާނެ،" އިރުތިޝާމް ވިދާޅުވި އެވެ.

މީގެ އިތުރުން އަންނަ ހޮނިހިރު ދުވަހު ރަސްފަންނުގައި 60 އަށް ވުރެ ގިނަ ޒުވާން އާޓިސްޓުން ބައިވެރިވެގެން ބާއްވާ "ޒަވިޔަނި" ފެސްޓިވަލެއް ވެސް އޮންނާނެ އެވެ. އެ ފެސްޓިވަލްގައި ކުރެހުންތެރިންނާއި ފޮޓޯގްރާފަރުންނާއި ލިޔުންތެރިން ވެސް ބައިވެރިވާނެ އެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ ފެސްޓިވަލް ފަސްކުރަން ޖެހިދާނެ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.