14 އޯގަސްޓް 2020
ރާއްޖޭގައި ގިނަ ޒުވާނުން މަތީ ތައުލީމު ހާސިލު ކޮށްފައިވަނީ އިޖުތިމާއީ، ވިޔަފާރި އަދި ގާނޫނީ ދާއިރާ އިން ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ރާއްޖޭގައި ގިނަ ޒުވާނުން މަތީ ތައުލީމު ހާސިލު ކޮށްފައިވަނީ އިޖުތިމާއީ، ވިޔަފާރި އަދި ގާނޫނީ ދާއިރާ އިން ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އިއްޔެ ފާހަގަކުރި މި އަހަރުގެ ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސް އިން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު، ގާތްގަނޑަކަށް 9،000 ދިވެހި ޒުވާނުން ކިޔަވާފައިވަނީ އިޖުތިމާއީ އާއި ވިޔަފާރި އަދި ގާނޫނީ ދާއިރާއިންނެވެ. ދެން އެންމެ ގިނައީ ތައުލީމާ ގުޅުން ހުރި ދާއިރާތަކުން ކުރިއަށް ދިޔަ ޒުވާނުންނެވެ. އެ ދާއިރާ އިން ގާތްގަނޑަކަށް 5،000 ޒުވާނުން މަތީ ތައުލީމު ހާސިލު ކޮށްފައިވާ ކަމަށް ދައްކަ އެވެ.
ތިން ވަނަ އަށް އެންމެ ގިނައީ ސައިންސާ ގުޅުން ހުރި ކޯސްތަކުން ކިޔެވި ޒުވާނުންނެވެ. އެ ދާއިރާ އިން 4،500 ވަރަކަށް ޒުވާނުން ކުރިއަށް ދިޔައިރު އެންމެ މަދު ކަމަށް ދިރާސާ އިން ދައްކަނީ ދަނޑުވެރިކަމާ ގުޅުން ހުރި ޕްރޮގްރާމްތަކުން މަތީ ތައުލީމަށް ކިޔަވާ މީހުންނެވެ.
ރާއްޖޭގައި ޒުވާނުން ކަމަށް ބަލަނީ އުމުރުން 18-34 އަހަރާ ދެމެދުގެ މީހުންނެވެ. ނަމަވެސް ބައިނަލްއަގުވާމީގޮތުން ޒުވާނުންގެ އުމުރުގެ ގޮތުގައި ކަނޑައަޅާފައިވަނީ 15-24 އެވެ. އެހެންވެ މި ދިރާސާގައި، މައުލޫމާތުތައް ބަހާލާފައިވަނީ ދެ އުމުރަށެވެ.
ރާއްޖޭގެ އާބާދީގެ 43 ޕަސެންޓު ހިއްސާ ކުރަނީ ޒުވާނުންނެވެ. މި އަހަރު 18-35 އަހަރާ ދެމެދުގެ 240،584 ޒުވާނުން އުޅޭއިރު، އެ އާބާދީ އެންމެ ބޮޑީ ކ. އަތޮޅުގަ އެވެ. ދެން ބ. އަތޮޅުގަ އެވެ. ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ޒުވާނުންގެ އާބާދީ 300،000 އަށް އަރާނެ ކަމަށް ވެސް ދިރާސާގައި ލަފާކޮށްފައި ވެ އެވެ.
ޒުވާނުންގެ ތެރެއިން 143،456 މީހުން ދިރިއުޅެނީ މާލޭގަ އެވެ. އޭގެ ތެރެއިން އެންމެ ގިނައީ 18-34 އަހަރާ ދެމެދުގެ ޒުވާނުންނެވެ. އެ އުމުރުގެ 105،042 މީހުން މާލޭ ސަރަހައްދުގައި އުޅެ އެވެ. އަތޮޅުތަކަށް ބަލާއިރު، 15-24 އަހަރާ ދެމެދުގެ 57،014 މީހުން އަދި 18-34 އަހަރާ ދެމެދުގެ 135،541 ޒުވާނުން ރަށްރަށުގައި އުޅެ އެވެ.
ތައުލީމު ހާސިލު ކޮށްފައިވާ އެންމެ މަތީ ވަނައަށް ބަލާއިރު، 15-34 އަހަރާ ދެމެދުގެ 82،924 މީހުން އޯ ލެވެލް ހަދާފައި ވެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ 18-34 އަހަރާ ދެމެދުގެ އަންހެނުންނެވެ. އެ އުމުރުގެ 29،555 އަންހެނުން އޯ ލެވެލް އިމްތިހާނު ހެދިއިރު އޭ ލެވެލް ނިންމާފައިވާ ކަމަށް މި ދިރާސާގައި ދައްކަނީ 19،362 ޒުވާނުންނެވެ. އޭގައި ވެސް އެންމެ ގިނައީ 18-34 އަހަރާ ދެމެދުގެ އަންހެނުންނެވެ.
ޑިޕްލޮމާ ހާސިލްކުރި ޒުވާނުންގެ އާބާދީ 26،977 ގައި އުޅޭއިރު، އެ ކެޓަގަރީގައި ވެސް އެންމެ ގިނައީ 18-34 އަހަރާ ދެމެދުގެ އަންހެނުންނެވެ. ޑިގްރީ އަދި އެ އަށް ވުރެ މަތިން ތައުލީމު ހާސިލު ކޮށްފައިވާ ކަމަށް 9،369 ޒުވާނުން ބުނެ އެވެ. އޭގައި ދެބައިކުޅަ އެއް ބަޔަށް ވުރެ ބޮޑު ބައި ހިއްސާކުރަނީ 18-34 އަހަރާ ދެމެދުގެ އަންހެނުންނެވެ.
މަތީ ތައުލީމާ ގުޅުން ހުރި ނުވަތަ ވޮކޭޝަނަލް އެއްވެސް ތަމްރީނެއް ހާސިލް ކޮށްފައިނުވާ ޒުވާނުންގެ އާބާދީ ފުދޭވަރަކަށް ގިނަ އެވެ. އޭގައި 15-34 އަހަރާ ދެމެދުގެ 41،942 މީހުން ބުނަނީ އެފަދަ އެއްވެސް ތައުލީމެއް ނުވަތަ ތަމްރީނެއް ހޯދާފައިނުވާ ކަމަށެވެ.
މިިދޔަ އަހަރު އޯ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ފާސްވެފައިވަނީ ކޮމްޕިއުޓަރު ސައިންސް އިންނެވެ. އެ މާއްދާ އިން ގާތްގަނޑަކަށް 87 ޕަސެންޓު ދަރިވަރުން ފާސްވެފައިވެ އެވެ. ދެން އެންމެ ގިނަ ދަރިވަރުން ފާސްވީ، ކުޑަކުޑަ ތަފާތަކާއެކު ކެމިސްޓްރީންނެވެ. ތިން ވަނައަށް އެންމެ ގިނަ ދަރިވަރުން ފާސްވީ އިސްލާމް މާއްދާއިންނެވެ. ދިވެހިން ފާސްވި ދަރިވަރުން ހިމެނެނީ އޭގެ ފަހުންނެވެ.
މިދިޔަ އަހަރު ލޯވަ ސެކަންޑްރީ ނުވަތަ ގްރޭޑު 6-7 ގައި 16،167 ދަރިވަރުން ކިޔެވިއިރު މަތީ ސާނަވީގައި ކިޔަވަމުން ދިޔައީ 3،776 ދަރިވަރުންނެވެ.
ތައުލީމް ހާސިލްނުކުރާ ނުވަތަ ވަޒީފާ އަދާނުކުރާ ނުވަތަ އެއްވެސް ތަމްރީނެއް ފުރިހަމަނުކުރާ ޒުވާނުންގެ އާބާދީ އުޅެނީ 29 ޕަސެންޓުގަ އެވެ. އެކަމުގެ ހާލަތު 22 އަހަރުން ދަށުގައި އަންހެނުންނާއި ފިރިހެނުން ދާދި އެއްވަރެވެ. ނަމަވެސް 22 އަހަރުން މަތީގެ އަންހެނުންގެ ތެރޭގައި، ތައުލީމް ހާސިލްނުކުރުމާއި ވަޒީފާ އަދާނުކުރުން ނުވަތަ ތަމްރީނު ފުރިހަމަނުކުރާ މީހުން ގިނަ އެވެ
ޒުވާނުންގެ ތެރެއިން 15-24 އަހަރާ ދެމެދުގެ 26،064 މީހުން ވަޒީފާ އަދާކުރެ އެވެ. ވަޒީފާ އަދާނުކުރާ 4،940 ޒުވާނުން އުޅޭކަމަށް، 2016 ވަނަ އަހަރު ހެދި ދިރާސާއިން ދައްކަ އެވެ. އެގޮތުން 15-17 އަހަރާ ދެމެދުގެ 17 ޕަސެންޓް ކުދިން ވަޒީފާ އަދާނުކުރާއިރު 18-19 އަހަރާ ދެމެދުގެ 25 ޕަސެންޓް ޒުވާނުން އަދި 20-24 އަހަރާ ދެމެދުގެ 13.4 ޕަސެންޓް ޒުވާނުން ވަޒީފާ އަދާނުކުރެ އެވެ.
Happy International Youth Day 2020! #YouthDay #Youth4GlobalAction #SDG16 pic.twitter.com/V66nJA6yJT
— Statistics Maldives (@statsmaldives) August 12, 2020
ވަޒީފާގެ ފުރުސަތުތައް ހުއްޓަސް ވަޒީފާ ހޯދަން މަސައްކަތް ނުކުރާ ކަމަށް 7،324 ޒުވާނުން ބުނާއިރު 308 މީހަކު ބުނެފައިވަނީ ވަޒީފާ ހޯދަން މަސައްކަތް ކުރާ ކަމަށާއި އެކަމަކު ވަޒީފާއެއް ނެތް ކަމަށެވެ. ވަޒީފާ ހޯދަން މަސައްކަތް ނުކުރާ ކަމަށާއި ވަޒީފާގެ ފުރުސަތު ނެތް ކަމަށް 25،563 ޒުވާނުން ބުނެފައި ވެ އެވެ.
ސިވިލް ސާވެންޓުންގެ ގޮތުގައި އެންމެ ގިނައިން މަސައްކަތް ކުރަނީ އަންހެނުންނެވެ. އެގޮތުން 15-34 އަހަރާ ދެމެދުގެ 11،671 މީހުން އަދި 30-34 އަހަރާ ދެމެދުގެ 5،157 މީހުން މަސައްކަތް ކުރެ އެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައީ ރަށްރަށުގައި ވަޒީފާ އަދާކުރާ އަންހެނުންނެވެ. ރަށްރަށުގައި ސިވިލް ސާވިސްގައި ވަޒީފާއަދާ ކުރާ އާބާދީ 10،000 އިން މައްޗެވެ.
ރާއްޖޭގައި 18-34 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން، އެންމެ ގިނަ މީހުން ހަރަކާތްތެރިވަނީ ޕަބްލިކް އެޑްމިނިސްޓްރޭޝަނާއި ޑިފެންސް ނުވަތަ ސޯޝަލް ސެކިއުރިޓީ އިންޑަސްޓްރީގަ އެވެ. އެ ދާއިރާގައި 11،159 މީހުން ވަޒީފާ އަދާކުރެ އެވެ. އެއަށްފަހު އެންމެ ގިނައީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުންނެވެ. އެ ދާއިރާގައި 9،891 މީހުން ވަޒީފާ އަދާކުރެ އެވެ.
ވަކިވަކި ވަޒީފާތަކަށް ބަލާއިރު، ސާވިސް އަދި ސޭލްސް ވޯކަރުންގެ ގޮތުގައި 18-34 އަހަރާ ދެމެދުގެ 12،766 މީހުން، ޕްރޮފެޝަނަލް މަސައްކަތްތަކުގައި 11،257 މީހުން އަދި ޓެކްނިކަލް އަދި އެސޯސިއޭޓް ޕްރޮފެޝަނަލްސްގެ ގޮތުގައި 11،113 މީހުން މަސައްކަތް ކުރެ އެވެ.
އާމްދަނީ ނުލިބޭ މަސައްކަތުގައި އެންމެ ގިނައިން ހަރަކާތްތެރިވަނީ އަންހެނުންނެވެ. އެގޮތުން، އަންހެނުން އެވްރެޖުކޮށް ކޮންމެ ހަފުތާއަކު 77 ގަޑިއިރު އާމްދަނީ ލިބޭ މަސައްކަތާއި އާމްދަނީ ނުލިބޭ މަސައްކަތުގައި ހަރަކާތްތެރިވެ އެވެ.
ޒުވާނުންގެ ތެރެއިން، މޮބައިލް ފޯނު ގެންގުޅޭކަމަށް 15-24 އަހަރާ ދެމެދުގެ އަންހެނުންގެ 87 ޕަސެންޓް އަދި ފިރިހެނުންގެ 88 ޕަސެންޓް މީހުން ބުނެފައި ވެ އެވެ. އުމުރުން 18-34 އަހަރާ ދެމެދުގެ 96 ޕަސެންޓް އަންހެނުން އަދި 97 ޕަސެންޓް ފިރިހެނުން ވަނީ ފޯނު ގެންގުޅޭ ކަމަށް ބުނެފަ އެވެ. ޒުވާނުންގެ ތެރެއިން އެންމެ ގިނައިން ސައިކަލު ގެންގުޅެނީ 18-34 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. އެ އާބާދީގެ 35 ޕަސެންޓް މީހުން ސައިކަލު ދުއްވާއިރު އަންހެނުންގެ ނިސްބަތް އުޅެނީ 8 ޕަސެންޓުގަ އެވެ. އެ ކެޓަގަރީގައި، 15-24 އަހަރާ ދެމެދުގެ 17 ޕަސެންޓް ފިރިހެނުން އަދި ތިން ޕަސެންޓް އަންހެނުން ސައިކަލު ގެންގުޅެ އެވެ.
ޒުވާނުންގެ މެދުގައި ގިނައީ ޓްރެފިކްގެ ކުށްތައް
މި އަހަރުގެ ޒުވާނުންގެ އެވޯޑް 10 މީހަކަށް
މި އަހަރު ޒުވާނުންގެ އެވޯޑް 10 މީހަކަށް
"ތައުލީމާއި ކުޅިވަރު އެކުގައި ކުރިއަށް ގެންދަން ޖެހޭ"
ޒުވާނުންނަށް ޚާއްސަ ހަރަކާތެއް މެޕްސްއިން ފަށައިފި
ޒުވާނުންގެ ބައިނަލްއަގްވާމީ ފޯރަމެއް ރާއްޖޭގައި ބާއްވަނީ
ޒުވާނުންނަށް ޖަލުތަކެއް އަޅާކަށް ބޭނުމެއް ނޫން: ރައީސް
ޒުވާނުންގެ އެވޯޑު މި އަހަރު 8 މީހަކަށް
ޒުވާނުންގެ ދުވަހާ ގުޅިގެން ހަރަކާތްތަކެއް ހިންގަނީ
ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި