Roadha Mihaaru
ބަޖެޓުގެ ބޮޑު ބައެއް ގެދޮރުވެރިކުރުމުގެ މަޝްރޫއަށް

ގެދޮރުވެރިކުރުމުގެ މަޝްރޫއަށް 580 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނައިފި

15 ނޮވެމްބަރ 2017

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދިނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ކަމަށާއި އެ މަޝްރޫއަށް 580 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދިނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ކަމަށާއި އެ މަޝްރޫއަށް 580 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހަޅުއްވައި ދެއްވަމުން މުނައްވަރު ވިދާޅުވީ ކުދިކުދި ރަށްތަކުގައި މީހުން ދިރިއުޅުމަށް ވުރެ، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރެވޭނެ ބިމެއް އޮތް ހުޅުމާލޭގައި ދިރިއުޅެވޭނެ ފުރުސަތުތައް ފަހިކޮށްދޭން ޖެހޭ ކަމަށެވެ. އެހެންވެ، ބޯހިޔާވަހިކަމާއި ތަހުޒީބާއި ތަމައްދުންގެ އާ ހަރުފަތަކަށް ރާއްޖެ އުފުލިގެންދާނެ ކަމަށް ވެސް މިނިސްޓަރު މުނައްވަރު ވިދާޅުވި އެވެ.

ބަޖެޓުގެ ބޮޑު ބައެއް ގެދޮރުވެރިކުރުވުމުގެ މަޝްރޫއަށް ހޭދަކުރާއިރު، ހުޅުމާލޭން 80،000 މީހުންނަށް ބޯހިޔާވަހިކަން ދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއު މިރޭ އިފްތިތާހު ކުރާނެ އެވެ. މި މަޝްރޫއުގެ ދަށުން 14 ބުރީގެ 25 ޓަވަރު އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

2018 ބަޖެޓުގައި ހިމެނިފައިވާ މުހިންމު ކަންކަން:

- ކުނި ނައްތާލުމުގެ 27 މަޝްރޫއަކަށް 189 މިލިއަން ރުފިޔާ.

- ކަރަންޓާއި ކާޑުގެ ސަބްސިޑީއަށް 276 މިލިއަން ރުފިޔާ.

- ބަނދަރު ހެދުމުގެ 63 މަޝްރޫއަކަށް 650 މިލިއަން ރުފިޔާ.

- އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް 7.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވޭ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރު ޝިޔާމް ބަޖެޓު ފޮތް ކިޔުއްވަނީ. - ފޮޓޯ: މަޖިލިސް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރު ޝިޔާމް ބަޖެޓު ފޮތް ކިޔުއްވަނީ. - ފޮޓޯ: މަޖިލިސް

މުނައްވަރުގެ ވާހަކައިގައި މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖަށް އަންނަ އަހަރު ކުރާނެ ހަރަދާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީއަށާއި ހުޅުމާލޭގެ ތަރައްގީ ހަރަދު ކުރާނެ މިންވަރެއް ވިދާޅެއް ނުވެ އެވެ. އެކަމަކު، މިނިސްޓަރު ވިދާޅުވީ އެ ދެ މަޝްރޫއަށް ވެސް ބަޖެޓުގައި "ޖާގަ" ދީފައިވާނެ ކަމަށެވެ.

މީގެ އިތުރުން ޑޮމެސްޓިކް އެއާޕޯޓުތައް ތަރައްގީ ކުރުމާއި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމާއި ބިން ހިއްކުމާއި މަގު ހެދުމަށް ބަޖެޓުގައި އިސްކަމެއް ދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ހަތަރު ރަށެއްގައި އެއާޕޯޓު އެޅުމަށް ބިން ހިއްކުމާއެކު، އެއާޕޯޓުގެ މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމައެއާކު، ޑިޒައިން ނިންމާފައިވާ ފެނާއި ނަރުދަމާ ނިޒާމުގެ 57 މަޝްރޫއަށް 1.1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރެވޭނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އަދި 18 ރަށެއްގައި ހަދަމުން އަންނަ މަގު ހެދުމުގެ މަޝްރޫއުތައް ނިންމާލުމަށް 209 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން މަޖިލީހަށް ހުށަހެޅީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެގޮތުން ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 22.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭ 16.3 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތުގައި ލިބޭ 5.2 ބިލިއަން ރުފިޔާ އާއި އެހެނިހެން ފަންޑުތަކާއި ހިލޭ އެހީގެ ގޮތުގައި ލިބޭ 858 މިލިއަން ރުފިޔާ އެވެ.