Roadha Mihaaru
އައިޔޫއެމް އާއި އެމްއެންޔޫ ގުޅިގެން މަސައްކަތް ކުރަނީ

ހަތަރު ދާއިރާއަކުން ގުޅިގެން މަސައްކަތް ކުރުމަށް އައިޔޫއެމް އާއި އެމްއެންޔޫ އެއްބަސްވެއްޖެ

06 ނޮވެމްބަރ 2017

އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އައިޔޫއެމްގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި އިސްލާމިކް ޔުނިވަސިޓީގެ ފަރާތުން ސޮއިކުރެއްވީ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އެމްއެންޔޫ އިން ސޮއިކުރެއްވީ އެތަނުގެ ޗާންސެލަރު ޑރ. އަލީ ފަވާޒު ޝަރީފެވެ.

ފަސް އަހަރުގެ މުއްދަތަށް ދެމިގެންދާ މި އެއްބަސްވުމުގެ ދަށުން މައިގަނޑު ގޮތެއްގައި ކުރާނީ ދަރިވަރުންނާއި ވަސީލަތްތައް ބޭނުންކުރުމާ ގުޅޭ ކަންތައްތަކެވެ. އެގޮތުން ދެ ޔުނިވަސިޓީގެ މުވައްޒަފުން ތަމްރީނު ކުރުމާއިި ދެ ދަރިވަރުންނަށާއި މުވައްޒަފުންނަށް ވެސް އެ ދެ ތަނުގެ ލައިބްރަރީ ބޭނުންކުރުމާއި ތަފާތު އެކި ކަންކަމާ ގުޅޭ ދިރާސާތައް ހެދުމުގެ އިތުރުން ދެ ފަރާތް ގުޅިގެން އިލްމީ ކަންތައްތަކާއި ކޮންފަރެންސް ފަދަ ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ.

އައިޔޫއެމް އާއި އެމްއެންޔޫއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އައިޔޫއެމްގެ ޗާންސެލަރު ޑރ. ޝަހީމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: އައިޔޫއެމް

އައިޔޫއެމް އާއި އެމްއެންޔޫއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އައިޔޫއެމްގެ ޗާންސެލަރު ޑރ. ޝަހީމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: އައިޔޫއެމް

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން އައިޔޫއެމްގެ ޗާންސެލަރު ޑރ. ޝަހީމް ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ދެ ޔުނިވަސިޓީ އަށް ވެސް ވަރަށް ރަނގަޅު އަދި ފަސޭހަތަަކެއް ވެގެންދާނެ ކަމަށެވެ. މީގެ އިތުރުން ޔުނިވަސިޓީއެއްގެ ދަރަޖައާ އެކު އައިޔޫއެމް ހިންގަމުން އަންނަތާ ދެ އަހަރު ވެފައިވާއިރު، އެތަން އިތުރަށް ހަރުދަނާކުރަން އެމްއެންޔޫގެ އެހީތެރިކަން ބޭނުންވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ފަވާޒު ވިދާޅުވީ އެއްބަސްވުމާއެކު ރާއްޖޭގެ މަތީ ތައުލީމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމަކީ އެމްއެންޔޫ އަށް ވެސް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށް ފަވާޒު ވިދާޅުވި އެވެ.