Roadha Mihaaru
ލެކްޗަރާއިން ކަޅު ހެދުމުގައި މުޒާހަރާ އަށް

ލެކްޗަރާއިން ކަޅު ހެދުމުގައި މުޒާހަރާ އަށް

08 މެއި 2022

ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއިންގެ މުސާރަ ބޮޑުކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓްރީއަށް ހުށަހެޅިތާ އަހަރުތަކެއް ވެގެން ދިޔައިރު ވެސް އެކަމުގައި އަމަލީ ސިފައެއް ނުޖެހުނެވެ. ތައުލީމީ ދާއިރާގެ އެންމެންގެ މުސާރަ ބޮޑު ކޮށްދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ފެބްރުއަރީ މަހު އިއުލާނުކުރެއްވުމުން އެންމެ އުފަލުން ތިބި އެއް ބަޔަކީ އެ ލެކްޗަރާއިންނެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެކަމަކު، މި މަހުން ފެށިގެން ޓީޗަރުންގެ މުސާރަ ބޮޑުކޮށްދިނުމަށް ނިންމައި އޭގެ ތަފްސީލްތައް މިދިޔަ ހަފްތާގައި އިއުލާނުކުރިއިރު ލެކްޗަރާއިންނާ ގުޅޭ އެއްވެސް ވާހަކައެއް ހިއްސާނުކުރެ އެވެ. އެއީ، އެ މީހުން ސިފަކުރި ގޮތުގައި މޫނު މަތީގައި ޖެހި އެތި ފަހަރެކެވެ.

ލެކްޗަރާ އިން ބޯޑުތައް ހިފައިގެން އަޑު އުފުލަނީ: މުސާރަ ބޮޑުކޮށްދޭނެ ކަން ފިނޭންސް މިނިސްޓަރު ވަނީ އިއުލާންކޮށްފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ލެކްޗަރާ އިން ބޯޑުތައް ހިފައިގެން އަޑު އުފުލަނީ: މުސާރަ ބޮޑުކޮށްދޭނެ ކަން ފިނޭންސް މިނިސްޓަރު ވަނީ އިއުލާންކޮށްފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ މަސައްކަތްތައް ކޮޅެއްގައި ޖެއްސުމަށް ދެ ޔުނިވާސިޓީގެ ލެކްޗަރާއިން މިއަދު ވަނީ ކަޅު ހެދުމުގައި މަސައްކަތަށް ނުކުމެފަ އެވެ.

ރައީސް އޮފީހުގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މުސާރައިގެ އާ އޮނިގަނޑާ އެކު ތައުލީމީ ދާއިރާގެ 8،800 އަށް ވުރެން ގިނަ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށެވެ.

ޖުމްލަކޮށް 37 ޕަސެންޓުން ފެށިގެން 87 ޕަސެންޓާ ދެމެދުގެ ކުރިއެރުމެއް މުސާރަތަކަށް ވަނީ އައިސްފަ އެވެ.

ލެކްޗަރާ އިން މުޒާހަރާއަށް ނުކުތް އިރު ތައުލީމީ ދާއިރާގެ މުސާރަތަކަށް އައި އިންގިލާބީ ބަދަލުގެ ތެރޭގައި ލެކްޗަރާ އިން ވެސް ހިމެނޭނެ ކަމަށާއި ވަރަށް އަވަހަށް ލެކްޗަރާއިންގެ މުސާރައަށް ބަދަލު އަންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިދިޔަ ހަފުތާގައި ވަނީ ވިދާޅުވެފަ އެވެ.

އެމްއެންޔޫގެ އެސިސްޓެންޓު ޕްރޮފެސަރު ޑރ. އާމިނަތު ޝާފިޔާ އާދަމް "މިހާރު" އަށް ވިދާޅުވީ ލެކްޗަރާއިންގެ މުސާރައަށް ބަދަލެއް ނާންނަތާ 10 އަހަރު ވެއްޖެ ކަމަށެވެ. މިއޮތް ހުރިހާ ދުވަހު ހަރަކާތެއް ނުހިންގައި މަޑުން ތިބީ ހެޔޮ ބަދަލެއް އަތުވެދާނެ ކަމުގެ އުއްމީދުގައި ކަމަށާއި ނަމަވެސް ލިބުނު ނަތީޖާ ހިތި ކަމަށް އޭނާ ވިދާޅުވި އެވެ.

އައިޔޫއެމްގެ ލެކްޗަރާއިން ކަޅު ހެދުމުގައި މިއަދު މުޒާހަރާކުރަނީ.

އައިޔޫއެމްގެ ލެކްޗަރާއިން ކަޅު ހެދުމުގައި މިއަދު މުޒާހަރާކުރަނީ.

ފެންވަރު ރަނގަޅު ޓީޗަރުން ނުލިބޭ މައްސަލަ ބެލުމަށް ގައުމީ ޔުނިވާސިޓީން މި ފަހުން ހެދި ދިރާސާގައި އިސްކޮށް ހުންނެވި އެއް ބޭފުޅަކީ ޑރ. ޝާފިޔާ އެވެ. އޭނާ ވެސް ވިދާޅުވީ ޔުނިވާސިޓީން މަސައްކަތް ކުރަނީ ތައުލީމީ ދާއިރާ ކުރިއަރުވައި، އިލްމީ ދިރާސާތައް ހެދުމަށެވެ.

އެކަމަކު، ޓީޗަރުންގެ މުސާރަ ބޮޑުކުރާއިރު، އޭގެ ހެޔޮ އަސަރު ލެކްޗަރާއިންނަށް ނުކުރުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ސިޔާސީ މަގުސަދެއްގައި ކުރާ ކަމެއް ނޫން. ބޭނުމަކީ އަޅުގަނޑުމެންނަށް ހައްގު އުޖޫރަ ހޯދުން،" ޑރ. ޝާފިޔާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ލެކްޗަރާއިންގެ އެންމެ ބޮޑު ޑިމާންޑަކީ މުސާރައިގެ މައްސަލަތައް ހައްލުކުރާއިރު، ޔުނިވާސިޓީން އެދިފައިވާ ކަންކަމަށް ރިއާޔަތްކުރުމެވެ. އަދި މުސާރައިގެ އޮނިގަނޑަށް ގެންނަ ބަދަލުތަކުގެ ތަފްސީލުތައް ހިއްސާކޮށްދޭން ޖެހޭ ކަމަށް ވެސް ޑރ. ޝާފިޔާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެހެން ބަޔަކަށް މުސާރަ ބޮޑުވެގެން އެއްގޮތަކަށް ވެސް ޝަކުވާ ކުރަނީކީ ނޫން. އެކަމަކު ހަމަޖެހޭ އުސޫލަކުން، މުޅި ގައުމުގެ އެންމެ މުހިއްމު މައިނާރަކީ ޔުނިވާސިޓީ ތެރޭ. ޔުނިވާސިޓީ ތެރޭގައި މި ތިބި މީހުން ކޮށްދޭ ކަންތަކުންނޭ މީހުން ނެރެނީ. އަޅުގަނޑުމެން ބޭނުންވޭ މިކަން ސާފުވާން، ތިލަވާން ކިހިނެއްތޯ މިކަން ހަމަޖެހިފައި އޮތީ،" އޭނާ ވިދާޅުވި އެވެ.

ލެކްޗަރާ އިން ޝުއޫރު ފާޅުކުރަނީ: މުސާރަ ބޮޑު ނުކުރާތާ 10 އަހަރު ވެއްޖެ ކަމަށް އެ ބޭފުޅުން ވިދާޅުވި. -- ފޮޓޯ: މިހާރު

ލެކްޗަރާ އިން ޝުއޫރު ފާޅުކުރަނީ: މުސާރަ ބޮޑު ނުކުރާތާ 10 އަހަރު ވެއްޖެ ކަމަށް އެ ބޭފުޅުން ވިދާޅުވި. -- ފޮޓޯ: މިހާރު

އެމްއެންޔޫގެ ލެކްޗަރާ އަޒީޒާ އަފީފް ވިދާޅުވީ ޓީޗަރުން ކުރަމުން އަންނަނީ ބުރަ އަދި ބޮޑު މަސައްކަތެއް ކަމަށެވެ. ކިޔަވައިދިން ދަރިވަރުންނަށް ބޮޑު މުސާރައެއް ލިބޭތީ އުފާވާ ކަމަށާއި އެއީ އެ ޓީޗަރުންނަށް ހައްގު މުސާރައެއް ކަމަށް އަޒީޒާ ވިދާޅުވި އެވެ.

"ޔުނިވާސިޓީތަކަކީ ދިވެހިރާއްޖޭގެ ތައުލީމުުގެ އެންމެ މަތީ ހަރުފަތޭ، ހައިބަތޭ، މައި ނާރޭ. މި ނާރު ބުރިކޮށް ނުލާށޭ. ތައުލީމުގެ މައި ނާރަކީ މަތީ ތައުލީމޭ. މަތީ ތައުލީމުގެ މައި ނާރު ބުރިކޮށް ނުލައްވާށޭ، އަޅުގަނޑުމެންނަށް ވެސް ހަމަހަމަ އުސޫލަކުން އުޖޫރަ ދެއްވާށޭ،" އޭނާ ވިދާޅުވި އެވެ.

ލެކްޗަރާއިންގެ މުސާރައިގެ މައްސަލައިގައި ދެ ޔުނިވާސިޓީގެ ލެކްޗަރާއިން ވަނީ ރައީސްއާ ބައްދަލުކުރަން ނިންމައިފަ އެވެ. އެ ބޭފުޅުން ވިދާޅުވި ގޮތުގައި އެ ހަރަކާތް ހުއްޓާލާނީ މުސާރައަށް ގެންނަ ބަދަލުތަކުގެ ތަފްސީލުތައް ރަސްމީކޮށް ހިއްސާކުރުމުންނެވެ.