Roadha Mihaaru
އޮޅުންބޮޅުން: އޮޅުމެއްގެ ތެރޭގައި

އޮޅުންބޮޅުން: އޮޅުމެއްގެ ތެރޭގައި

07 ނޮވެމްބަރ 2017

އިންތިޚާބުތައް ވަނީ ބޯމަތިވެފަ އެވެ. ފުރަތަމަ އޮތީ ޤާނޫނުއަސާސީ ތަރުޖަމާކުރުމުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު މެމްބަރުންގެ އިންތިޚާބެވެ. އެއަށް ފަހު ކުރިމަތިލާން ޖެހޭނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބާ އެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އެބަޔަކަށް މަންފާވާނެ ގޮތަކަށް ވާހަކަ ދައްކަމުން ގެންދަނީ އެވެ. އޭގެ ތެރޭގައި ޑޮލަރު ފަހާ ބުރުއަޅަމުން ދާ މީހުންނާއި އެއްތަނުން ތެޔޮ ގަނެގެން ރުފިޔާއެއް ނުވަތަ ދޮޅު ރުފިޔާގެ ފައިދާއަކާ އެކު އެހެން ތަނަކަށް ތެޔޮ ވިއްކާ މީހުން ވެސް ހިމެނޭނެކަން ނޭނގެ އެވެ.

އިންތިޚާބުތައް ވަނީ ބޯމަތިވެފަ އެވެ. ފުރަތަމަ އޮތީ ޤާނޫނުއަސާސީ ތަރުޖަމާކުރުމުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު މެމްބަރުންގެ އިންތިޚާބެވެ. އެއަށް ފަހު ކުރިމަތިލާން ޖެހޭނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބާ އެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އެބަޔަކަށް މަންފާވާނެ ގޮތަކަށް ވާހަކަ ދައްކަމުން ގެންދަނީ އެވެ. އޭގެ ތެރޭގައި ޑޮލަރު ފަހާ ބުރުއަޅަމުން ދާ މީހުންނާއި އެއްތަނުން ތެޔޮ ގަނެގެން ރުފިޔާއެއް ނުވަތަ ދޮޅު ރުފިޔާގެ ފައިދާއަކާ އެކު އެހެން ތަނަކަށް ތެޔޮ ވިއްކާ މީހުން ވެސް ހިމެނޭނެކަން ނޭނގެ އެވެ.

ވެރިކަންކުރާ ޕާޓީން ބުނަމުންދަނީ ފާއިތުވި ހަތަރު އަހަރުގެ ތަރައްޤީ އަށް ބަލާށެވެ. ޤައުމަށް ގެނެސްދީފައި އެ އޮތީ ކޮން ފަދަ އިމްރާނީ ތަރައްޤީއެއް ހެއްޔެވެ. ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ އުސް އިމާރާތެވެ. ކޮންކުރީޓްކޮށްގެން ހަދާފައި ހުރި އިމާރާތެވެ. ރައްޔިތުންނަށް ގެދޮރު ލިބުމުގެ މަގު ތަނަވަސްކޮށްދިނުމަށެވެ. ދިރިއުޅޭނެ އެޕާޓުމެންޓުތައް ގިނަކުރުމަށެވެ. ކުރިން ބުނަމުން އައީ މާލޭގެ ފަސްގަނޑު މާ މަޑުކަމަށެވެ. މާ ދޫކަމަށެވެ. މާ ބަރު އިމާރާތްތައް މާލޭގެ ބިމުގައި ނުހިފަހައްޓާނެ ކަމަށެވެ.

އެތަކެއް އަހަރު ވާންދެން މާލޭގައި އުސްކޮށް އިމާރާތްކުރެވޭ މިންވަރު ކަންޓުރޯލްކޮށްފައި އޮތުމަށް ފަހު ކުރިއަށް ވުރެ ބޮޑަށް ދޫކޮށްލުމުން ރައްޔިތުންނަށް ވަރަށް ފައިދާވި އެވެ. ގިނަ އުސް އިމާރާތްތައް ކުރެވި، މާލޭގައި ދިރިއުޅޭނެ އެޕާޓުމެންޓްތައް ގިނަވި އެވެ. މާލޭގައި އަތިރިމަތީގައި، ސަރުކާރުގެ ޓޫރިސްޓު ހޮޓަލެއް ހުރި ބިމުގައި ބިޔަ އިމާރާތެއް ނުކޮށް އެތަކެއް އަހަރު ވާންދެން ކުއްޔަށް ދޫކޮށްފައި ހުއްޓެވެ. މާލެ، ފެނުން މައްޗަށް އުފުއްލާފައި އޮތް ހަތާގައި އެ އިމާރާތް ހުރި ބައިގައި ބޮޑު ރެނދެއް ލައިގެންނޭ ބުނެ އެވެ. މިހާރު އެތަނުގައި އެތައް ބައިވަރު އެޕާޓްމެންޓުގެ ބިޔަ އިމާރާތެއް ކުރެވެމުން ދަނީ އެވެ. މާލޭގައި ގެދޮރު ނެތް ކިތައް ޢާއިލާ އަށް އެތަނުން ޖާގަ ލިބޭނެތޯ އެވެ؟ ބަރުދަނުގެ މައްސަލައެއް އޮތް ނަމަ، މި ސަރުކާރުން ހަމައެކަނި މާއްދީ ފައިދާއަކަށްޓަކައި ނުވަތަ މާލީ ފައިދާއަކަށްޓަކައި އެކަހަލަ ލާޤައުމީ ފިޔަވަޅެއް އަޅާނެތޯ އެވެ؟ ސަބަބަކީ އެފަދަ ފިޔަވަޅަކުން އަންނަން އޮތް ޖީލަށް އަޅުގަނޑުމެން ރައްކާތެރިކަމާ އެކު ރައްދުކޮށްދޭން އޮތް ޤައުމީ ތަރިކަ، މާލޭގެ ބިން ގެއްލިގެން ހިނގައިދާނެތީވެ އެވެ.

ވިލިނގިލި ޓޫރިސްޓު ރިޒޯޓަކުން ވިލިމާލެއަކަށް ބަދަލުކުރީ، އޭރު މާލެ ފުރިގެންކަމަށް ބުނެ އެވެ. މާލޭގައި ގެދޮރު ނެތް މީހުންނަށް ގެދޮރު ހޯދައިދިނުމުގެ މާތް ނިޔަތުގަ އެވެ. އެހެންނަމަވެސް މާލޭގައި ގެދޮރު ނެތް މީހުންގެ ގެދޮރު ނެތްކަމުގެ ހައިހޫނުކަމަކަށް މާ ބޮޑު ބަދަލެއް ނުގެނެވުނެވެ. އެކަމަށް އިތުރު ފަރުވާއެއް ހޯދައިދިނުމަށް ވުޖޫދަށް ގެނެވުނީ ހުޅުމާލެ އެވެ. ވަރަށް ބޮޑަށް ރޭވިގެންނެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް އެފަދަ މަޝްރޫޢުތައް ފަރުމާކުރެވޭ ގޮތަށެވެ. ވަކި އުސްމިނެއްގައި ގެތައް ބަހައްޓައިގެންނެވެ. ފަހަތުން ނުވަތަ ފުރަގަހުން ގެދޮރު ލިބޭ މީހުންގެ ގެތައް ކުރިމަތިން ލިބޭ މީހުންނަށް ވުރެ ބޮޑަށް އުސްކުރެވޭ ގޮތަށެވެ. ފަހަތުން ގެދޮރު ލިބޭ މީހުންނަށް ވެސް ކުރިމަތީން ފެންނަ ފެހިކަން ނުވަތަ ނޫކަން މުޅިން ނުގެއްލޭ ގޮތަށެވެ. ހުޅުމާލޭގައި އިމާރާތްކުރުމަށް ގެންގުޅުނު މިންގަނޑު ވެސް މިހާރު ބަދަލުކޮށްފި އެވެ. ކުރިއަށް ވުރެ މާ އުސްކޮށް އެންމެނަށް އިމާރާތްކުރެވޭ ގޮތަށެވެ. ރައްޔިތުންނަށް ގެދޮރުގެ ތަނަވަސް ކަން ހޯދައިދިނުމަށެވެ

ސަރުކާރުން ރައްޔިތުންނަށް ދޫކުރާ އެޕާޓްމެންޓުތައް ވެސް ދޫކުރަނީ ވަރަށް އިންޞާފްވެރިކަމާ އެކުގަ އެވެ. އެޕާޓުމެންޓް ލިބުން ޙައްޤު ފަރާތްތައް ހޯދުމަށް ކަނޑައެޅިފައި އޮންނަ މިންގަނޑެއްގެ ތެރޭގައި ޕޮއިންޓު ދީގެންނެވެ. ބައެއް ފަރާތްތަކުން އެޕާޓްމެންޓު ލިބުނު ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތް އޮޅުން ފިލުވަން އެދެ އެވެ. އެމަޢުލޫމާތު ޢާއްމުކުރުމަކީ، އެޕާޓްމެންޓު ލިބުނު މީހުންގެ ޒާތީ ކަމަކާ ބެހުން ކަމަށް ވެދާނެތީވެ، އަދި، އެމީހުންގެ "ޕުރައިވަސީ" އަށް އުނިކަމެއް އަތުވެދާނެތީވެ، އެކަން ވަނީ ވަންހަނާކޮށްފަ އެވެ. ސަރުކާރުން މިފަދަ ކަންތައް ކުރާނީ އަބަދުވެސް ރައްޔިތުންގެ ލާބައަށެވެ. ވަކި ޕާޓީއެއްގައި އުޅޭ މީހަކަށް ބަލާފައި، ނުވަތަ ވަކި މީހެއްގެ "ޗަމްޗާ" އަކަށް ބަލާފައެއް ނޫނެވެ.

ޤައުމެއް ހިންގުމުގައި މުހިއްމީ ސިޔާސަތެވެ. މީހާއެއް ނޫނެވެ. ވެރިކަމުގައި ދޮންތުއްތު ހުއްޓަސް ނުވަތަ ކަޅުތުއްތު ހުއްޓަސް އެއް ސިޔާސަތެއް ހިނގާކަމުގައި ވަނީ ނަމަ ގާޑު ބަދަލުވުމުގެ ފައިދާއެއް ރައްޔިތުންނަށް ނުކުރާނެ އެވެ.

އައްޑު އަތޮޅުގައި އިމާރާތްކުރާ ބޮޑު ހޮސްޕިޓަލުގައި ދޭނެ ޚިދުމަތްތަކާ ބެހޭ ގޮތުން ދާދި ފަހުން ވާހަކަދެއްކެވި އިސް ފަރާތެއް ވިދާޅުވި ގޮތުގައި، ބައެއް ކަހަލަ މުހިއްމު ޓެސްޓުތައް ހެދުމަށް މާލެއިން ވެސް އައްޑު އަތޮޅުގެ ހޮސްޕިޓަލަށް ބަލިމީހުން ދާނެކަން ރަނގަޅަށް އެނގިވަޑައިގެންފައިވެ އެވެ. މާލޭގައި 25 ފަންގިފިލާގެ ބޮޑު ހޮސްޕިޓަލެއް އިމާރާތްކުރެވި، މި ސަރަހައްދުގައި އެންމެ މަތީ ފެންވަރުގައި ފަރުވާދެވޭ ތަނަކަށް ވެގެންދާނެކަން ހާމަކުރެވިފައި ވަނިކޮށެވެ. ކުރިން ދެންނެވި ގޮތަށް، އައްޑު އަތޮޅަށް ފަރުވާއަށް ދާ މީހުންނަށް ހޮސްޕިޓަލުން ޚާއްޞަ ޕުރޮމޯޝަނަލް ސެޓްފިކެޓެއް ދޫކުރުމާ މެދު ވިސްނުން ވެސް ރަނގަޅެވެ. އީކުވޭޓަރު ހުރަސްކޮށްފައި ފަރުވާ ހޯދަން އައިކަމުގެ ސެޓްފިކެޓެވެ. އެއީ މާލެއިން ދާ މީހުންނަށް ރަނގަޅު ހަނދާނީ ލިޔުމަކަށް ވެސް ވެދާނެ އެވެ.

ކުރިޔަށް އޮތް ފަސް އަހަރުދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް އެކާވީސް "ހުދު އެތް" ލިބޭނެކަން ވެސް ހާމަވެގެން ހިނގައްޖެ އެވެ. އެކާވީސް ޚަރަދު ބޮޑު، ފައިދާއެއްނުވާ، މަޝްރޫޢުތަކަށް ރައްޔިތުން ޓެކްސްގެ ގޮތުގައި ދައްކާ ފައިސާއިން ހޭދަނުކޮށް އެ ލަނޑުދަނޑި ހާޞިލުކުރެވިދާނެ އެހެން ގޮތެއް ހަމަނެތީ ބާވަ އެވެ؟

ކަންތައްތައް ހުރީ މިހެންނެވެ. އިންތިޚާބުތަކުގައި ވޯޓު މަ ލާނީ ކޮން ބަޔަކަށް ހެއްޔެވެ؟

ސަރުކާރާ ޚިޔާލު ތަފާތު ފަރާތްތަކުން އިންތިޤާލީ ރައީސެއް ހޮވާ ވާހަކަ އެބަ ދައްކަ އެވެ. އެއީ ކީއްކުރަން ހޮވަންވީ މީހެއް ބާވަ އެވެ؟ ރިޔާސީ ދައުރު ހަމަވުމުން، އަލުން އިންތިޚާބެއް އޮންނާނެކަން ޤާނޫނުއަސާސީގައި އަދި ތަރުޖަމާނުކޮށް އޮތް މާއްދާ އިން ވަރަށް ސާފުކޮށް އެނގެ އެވެ. ރައީސަކު އިންތިޚާބުވުމުން އެބޭފުޅަކު ދައުރު ހަމަވާންދެން، ނުވަތަ ޤާނޫނުގައި ކަނޑައެޅިފައި އޮތް ގޮތަށް މަޤާމުން ދުރުކުރެވެންދެން މަޤާމުގައި ދެމިހުންނަވާނެ އެވެ. އެބުނާ އިންތިޤާލީ މީހަކު ބޭނުންވިއަސް ބޭނުންވާނީ އިންތިޚާބު އޮންނަ ދުވަސްވަރަކަށެވެ. އިންތިޚާބުގެ ތެރޭގައި، ވެރިކަމުގެ ބާރުތަކާއި ނުފޫޒުގެ ބޭނުން ކުރިޔަނުދިނުމުގެ ޔަޤީންކަން ހޯދުމަށެވެ. ވެރިކަމުގައި އޮތް އެއްވެސް ސަރުކާރެއް އެފުރުޞަތު ދޭނެތޯ އެވެ؟ އެހެންނަމަވެސް މީގެ އަހަރުތަކެއް ކުރިން، ހަމަނުޖެހުން ބޮޑު ދުވަސްވަރެއްގައި، ބަންގުލަދޭޝް އިން އިންތިޚާބުގެ ދުވަސްވަރުގައި، އެކަހަލަ ގޮތަކަށް ކަންތައް ކުރި އެވެ. އަޅުގަނޑުމެން މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީގައި ތަރުޖަމާ ނުކުރެވޭ އެއްވެސް މާއްދާއަކުން އެފުރުޞަތު، ތަރުޖަމާއަކާ ނުލައި، ހަނިކޮށް ދީފައެއް ވެސް ނުވެ އެވެ. އަޅުގަނޑުމެންގެ މާދަމާގެ ލީޑަރުންނަށް ގިނަ ދިވެހިންނަކީ މޮޔައިން ކަމަށް ހީފުޅުވަނީ ބާވަ އެވެ؟ ނޫން ނަމަ ވެރިކަމުގެ ދަހިވެތިކަމުގައި އެބޭފުޅުންނަށް ބައެއް ފަހަރު މޮޔަ ގޮވެނީ ބާވަ އެވެ؟

ވެރިކަމަށް އަންނަން ބޭނުންވާ ބަޔަކު، އެމީހުންގެ ސިޔާސަތު ހާމަކޮށްދޭންވާނެ އެވެ. މިހާރު ވެރިކަމުގައި އޮތް ސަރުކާރު ވެރިކަމަށް އައީ ވެސް ވަރަށް ގިނަ ސިޔާސަތު ހާމަކޮށްދީގެންނެވެ. ވަރަށް ގިނަ ކަންތައް ކުރުމަަށް ވަޢުދުވެގެންނެވެ. ވަޢުދު ފުއްދުމާއި ނުފުއްދުމަކީ މުޅިން ތަފާތު ކަމެކެވެ. އެންމެ ކުޑަ މިނުން ސިޔާސަތު ވިދާޅުވެ ދެއްވާށެވެ! ޝަރުޢީ ދާއިރާ އަށް ވާނީ ކިހިނެއްތޯ އެވެ؟ ސްޕްރީމް ކޯޓުގައި މިހާރު އޮތް ބެންޗަށް ވާނީ ކިހިނެއްތޯ އެވެ؟ ރާއްޖޭގެ ޑެމޮކްރަސީ އަށް ވާނީ ކިހިނެއްތޯ އެވެ؟ ރައްޔިތުންގެ މަޖިލީހުގެ ނިގުޅައިގެންފައިވާ ބާރަށް ވާނީ ކިހިނެއްތޯ އެވެ؟ މުސްތަޤިއްލު މުއައްސަސާތަކަށް ވާނީ ކިހިނެއްތޯ އެވެ؟ ނާޖާއިޒް ގޮތުގައި ބާރުގެ ބޭނުންކޮށްފައިވާ ނަމަ، ބާރުގެ ބޭނުންކޮށްފައިވާ މުއައްސަސާތަކުގެ މީހުންނަށް ވާނީ ކިހިނެއްތޯ އެވެ؟ ނޫސްވެރިންގެ މިނިވަންކަމަށް ވާނީ ކިހިނެއްތޯ އެވެ؟ ވާނެ ގޮތް ވިދާޅުވަން ކެރިވަޑައިނުގަންނަވާ ނަމަ، އަޅުގަނޑުމެންނަށް ވޯޓު ދޭން ކެރޭނީ ކިހިނެއްތޯ އެވެ؟

ޤައުމެއް ހިންގުމުގައި މުހިއްމީ ސިޔާސަތެވެ. މީހާއެއް ނޫނެވެ. ވެރިކަމުގައި ދޮންތުއްތު ހުއްޓަސް ނުވަތަ ކަޅުތުއްތު ހުއްޓަސް އެއް ސިޔާސަތެއް ހިނގާކަމުގައި ވަނީ ނަމަ ގާޑު ބަދަލުވުމުގެ ފައިދާއެއް ރައްޔިތުންނަށް ނުކުރާނެ އެވެ.

ކަންތައްތައް ހުރީ މިހެންނެވެ. އިންތިޚާބުތަކުގައި، ވޯޓު މަ ލާނީ ކޮން ބަޔަކަށް ހެއްޔެވެ؟