15 ސެޕްޓެމްބަރ 2023
އަދުލުވެރިކަމުގެ ސިފައަކީ ކޮންމެ މުސްލިމެއްގެ ކިބައިގައި ވެސް ހުރުން ލާޒިމު ސިފައެކެވެ. ވަކިން ޚާއްސަކޮށް އެކިއެކި މަސްއޫލިއްޔަތުތައް އަދާކޮށް، މީސްތަކުންގެ މައްޗަށް އަމުރު ހިންގައި ހުކުމް ކުރަން ތިބޭ މީހުންގެ ކިބައިގައި އެ ސިފަ ހުރުން އައުލާކަން ވަކިން ބޮޑުވެގެން ވެ އެވެ. އިސްލާމްދީނުގައި އެ ބައެއްގެ ކިބައިގައި އަދުލުވެރިކަން ހުރުން ޝަރުތުކުރާ ފަރާތްތަކުގެ ތެރޭގައި ކުޑަކުދިންގެ ޙަޟާނަތު (އެ ކުދިންގެ ހުރިހާކަމެއް ބެލެހެއްޓުން) ހަވާލު ކުރެވޭ މީހުންނާއި ހެކިވެރިންނާއި ޤާޟީން ހިމެނެ އެވެ. ވީއިރު އެތައް ބައެއްގެ މައްޗަށް ހުކުމް ކުރާ ވެރިއެއްގެ ކިބައިގައި އަދުލުވެރިކަމުގެ ސިފަ ހުރުން ވަކިން ބޮޑަށް ލާޒިމުވާނެ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.
އަދުލުވެރިކަމުގެ ސިފައަކީ ކޮންމެ މުސްލިމެއްގެ ކިބައިގައި ވެސް ހުރުން ލާޒިމު ސިފައެކެވެ. ވަކިން ޚާއްސަކޮށް އެކިއެކި މަސްއޫލިއްޔަތުތައް އަދާކޮށް، މީސްތަކުންގެ މައްޗަށް އަމުރު ހިންގައި ހުކުމް ކުރަން ތިބޭ މީހުންގެ ކިބައިގައި އެ ސިފަ ހުރުން އައުލާކަން ވަކިން ބޮޑުވެގެން ވެ އެވެ. އިސްލާމްދީނުގައި އެ ބައެއްގެ ކިބައިގައި އަދުލުވެރިކަން ހުރުން ޝަރުތުކުރާ ފަރާތްތަކުގެ ތެރޭގައި ކުޑަކުދިންގެ ޙަޟާނަތު (އެ ކުދިންގެ ހުރިހާކަމެއް ބެލެހެއްޓުން) ހަވާލު ކުރެވޭ މީހުންނާއި ހެކިވެރިންނާއި ޤާޟީން ހިމެނެ އެވެ. ވީއިރު އެތައް ބައެއްގެ މައްޗަށް ހުކުމް ކުރާ ވެރިއެއްގެ ކިބައިގައި އަދުލުވެރިކަމުގެ ސިފަ ހުރުން ވަކިން ބޮޑަށް ލާޒިމުވާނެ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.
އެހެންވެ ވެރިންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ތަކުގެ ތެރޭގައި އަދުލުވެރިވުން ލައްވާފައި ވެ އެވެ. ސަބަބަކީ އެ ސިފަ ނެތް ކަމުގައި ވާ ނަމަ ދީނުގެ ހުކުމްތައް ތަންފީޒު ކުރުމުގައި އެ މީހަކު ފަރުވާތެރި ނުވާނެ އެވެ. އެ މީހަކު ވާނީ ފާސިގުންގެ ތެރެއިންނެވެ.
ހުކުމް ކުރުމުގައި އަދުލުވެރި ވުމަށާއި އަނިޔާވެރިވުމުން ދުރުހެލިވުމަށް ކީރިތި ޤުރުއާނުގައި އެތައް އާޔަތެއްގައި އަންގަވާފައި ވެ އެވެ. އެއް އާޔަތެއްގެ މާނައިގައި ވެ އެވެ. "ހަމަކަށަވަރުން މާތްﷲ އަމުރު ކުރައްވަނީ އަދުލުވެރިވުމަށާއި އިހުސާންތެރިވުމަށާއި ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުވުމަށެވެ. އަދި ފާހިޝް ކަންތައްތަކާއި މުންކަރާތްތަކާއި ބަޣާވަތްތެރިވުން އެކަލާނގެ ނަހީ ކުރައްވަ އެވެ. އެކަލާނގެ ތިޔަބައިމީހުންނަށް ވައުޒު އިއްވަވަނީ ތިޔަބައިމީހުން ހަނދުމަ ކުރުމަށްޓަކައެވެ." (އައްނަޙްލު 90)
އަލްމާއިދަތު ސޫރަތުގެ 8 ވަނަ އާޔަތުގައި ވަނީ، “ތިޔަބައިމީހުންނާ އެހެން ބަޔަކާ ދެމެދުގައިވާ ރުޅިވެރި ކަމެއް އެއީ ތިޔަބައިމީހުން އަދުލުވެރި ނުވުމަށް އޮތް ކަމެއް ކަމުގައި ނުހަދާށެވެ! ތިޔަބައިމީހުން އަދުލުވެރިވާށެވެ! އެ ގޮތް ތަގުވާވެރިކަމާ ގާތްކަން ބޮޑެވެ.”
އައްނިސާއު ސޫރަތުގެ 58 ވަނަ އާޔަތުގައި ވަރަށް ސަރީހަކޮށް އަންގަވާފައި ވަނީ "އަދި (އެކަލާނގެ އަމުރު ކުރައްވަނީ) ތިޔަބައިމީހުން ހުކުމް ކޮށްފި ނަމަ އަދުލުވެރިކަމާ އެކު ހުކުމް ކުރުމަށެވެ." މާތްﷲ ބާވައިލެއްވި ހުކުމްތަކާ އެއްގޮތަށް ހުކުމް ނުކުރާމީހާ އެއީ ކާފިރެއް ކަމުގައި ނުވަތަ ފާސިޤެއް ކަމުގައި ނުވަތަ އަނިޔާވެރިއެއް ކަމުގައި ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައި ވެ އެވެ. ޤުދުސިއްޔަ ހަދީސެއްގައި ވެ އެވެ. "އޭ ތިމަންﷲ ގެ އަޅުންނޭވެ. ހަމަ ކަށަވަރުން އަނިޔާވެރިވުން ތިމަން ﷲ ގެ ޒާތުފުޅަށް ހަރާމް ކުރައްވައިފީމެވެ. އެއީ ތިޔަބައިމީހުންގެ މެދުގައި ވެސް ހަރާމް ކަމެއް ކަމުގައި ލައްވައިފީމެވެ. ތިޔަބައިމީހުން އަނިޔާވެރި ނުވާށެވެ!" މިފަދަ ނައްސުތަކުގެ އަލީގައި އިހުގެ މުސްލިމުންގެ ވެރިކަން ހިންގީ އަދުލުވެރިކަމަކީ އިސްލާމީ ވެރިކަމުގެ އެންމެ މުހިންމު އަސާސް ކަމުގައި ބައްލަވައިގެންނެވެ.
މި ދެންނެވި އަސާސްގެ ދަށުން އޭރު އެއްވެސް ދަރަޖައެއްގައި ކަމަކަށް އިސްކުރެވޭ ވެރިއަކު އިންސާފުން ބޭރުވެއްޖެ ނަމަ އެ މީހަކު އެކަމަކުން ދުރު ކުރެވެ އެވެ. ޢުމަރުބުނު ޢަބްދުލްޢަޒީޒުގެ ޒަމާނުގައި އެކަލޭގެފާނު ރަށެއްގެ ވެރިއަކު ކަމުގައި އައްޔަން ކުރައްވާފައިވި ބޭކަލަކު އެ ރަށުގައި ކިއްލާ ހެދުމުގެ އިޒުނަ އަށް ޢުމަރުބުނު ޢަބްދުލްޢަޒީޒުގެ އަރިހުން އެދިވަޑައިގަތެވެ. އެ ހިނދު ޖަވާބުގައި ލިޔުއްވީ އަދުލުވެރިކަމުގެ ކިއްލާ އެ ރަށުގައި ބިނާ ކުރައްވައި އަނިޔާ އިން އެ ރަށުގެ މަގުތައް ސާފު ކުރެއްވުމަށެވެ.
ޚުލަފާއުއްރާޝިދޫންގެ ޒަމާނުގައި ރަށްރަށަށް ޤާޟީން އައްޔަން ކުރެވުނު އިރު އަދުލުވެރިކަމުން އެއްކިބާވެވިދާނެ ހުރިހާ ދޮރުތަކެއް ވަނީ ބަންދު ކުރައްވައިފަ އެވެ. ތާރީޚު ދިރާސާ ކުރުމުން ޚުދު އެބޭކަލުންގެ މައްޗަށް ހުކުމް ކުރެވިފައިވާ ތަން ފެނިގެން ދާނެ އެވެ. އެއްދުވަހަކު ފަނޑިޔާރުގެ ކުރިމައްޗަށް މީހަކު ހާޒިރުވެ އޭނާގެ ބަގީޗާއެއް ޚަލީފާގެ އަތްޕުޅުގައި ވެއްޖެ ކަމުގެ ދައުވާ ކުރިއެވެ. އެހެންވެ ޚަލީފާ ފަނޑިޔާރުގެ މަޖިލިހަށް ގެނެވުނެވެ. އަދި ދައުވާ ކުރި މީހާ އެކަމަށް ހެކި ދައްކަން އެދުނެވެ. ނަމަވެސް އޭނާ އަށް ހެކި ދެއްކެން ނެތުމުން މިކަމުގައި ޚަލީފާގެ ބަސްފުޅަކީ ކޮބައިތޯ ބެލެވުނެވެ. އެ ބުސްތާނަކީ ޚަލީފާ އަށް އެހެން ބޭކަލަކު ބައްލަވައިގެން ދެއްވި ބުސްތާނެއް ކަމަށް ވިދާޅުވުމުން އެކަމަށް ހެކި ދެއްކެވުމަށް ދެންނެވުނެވެ. ނަމަވެސް އެ ބުސްތާނު ބައްލަވައިގެންފައިވާ ކަމުގެ އެއްވެސް އަގުދެއް ޚަލީފާ އަށް ލިބިލައްވާފައި ނެތުމުން ހެކި ނުދެއްކުނެވެ. އެހެންކަމުން ދެން ޚަލީފާ އަށް ފުރުސަތު ދެވުނީ ހުވާކުރެއްވުމަށެވެ. ނަމަވެސް ޚަލީފާގެ އަތްޕުޅުގައި ހެއްކެއް ނެތުމުން ހުވާކުރައްވަން ބޭނުންފުޅެއް ނުވި އެވެ. އެހެންވެ ޤާޟީ އަބޫ ޔޫސުފް މައްސަލަ ނިންމެވީ އެ ޝަކުވާ ކުރި މީހާގެ ކޮޅަށެވެ.
މި ނޫން ވެސް އެތައް ބައިވަރު މިސާލުތަކެއް އަދުލުވެރިކަމާ ގުޅޭގޮތުން އިސްލާމީ ތާރީޚުން ފެނިގެންދާނެ އެވެ. އަދި ފާހަގަކޮށްލެވޭ އެންމެ މުހިންމު ކަމަކީ އިސްލާމްދީނުގެ ކުރީ ކޮޅުގައި ވެސް ޤަޟާއީ ބާރުތައް މުސްތަގިއްލު ކޮށް އޮތުމެވެ. ޤާޟީންގެ ހުކުމްތަކަށް ޚަލީފާ އިން ނުވަތަ އަމީރުން ވަދެވަޑައި ނުގަންނަވަ އެވެ. އެއީ ހުކުމްތައް އެންމެ އަދުލުވެރި ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައެވެ.
ވެރިންގެ ކިބައިގައި އަދުލުވެރިކަން ހުރުމަކީ މިހާ މުހިންމު ކަމެއް ކަމުގައި ވިއަސް އިސްލާމީ މުޖުތަމައެއްގެ ވެރިއަކަށް އިޚުތިޔާރު ކުރާ މީހާގެ ކިބައިގައި ހުންނަން ޖެހޭ އަދުލުވެރި ކަމަކީ މުތުލަގު އަދުލުވެރިކަމެއް ނޫނެވެ. އެހެނީ އިންސާނުންނަށް ތަކުލީފު ކުރެވިފައި ވަނީ އެ މީހުންނަށް ކުޅަދާނަވާ މިންވަރަށެވެ. މުތުލަގު އަދުލު ވެރިއަކީ ހަމައެކަނި މާތްﷲ އެވެ. އެބަހީ ހަމަ އެއްވެސް ކަމެއްގައި އެއްވެސް މިންވަރަކަށް އަނިޔާވެރިކަމެއް ނެތި އަދުލުވެރި ވެވޭނެ ފަރާތަކީ ހަމައެކަނި އެކަލާނގެ އެވެ. އެކަލާނގެ ވަހީބަސްފުޅުގެ މާނައިގައި ވަނީ "އަދި ކަލޭގެފާނު ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާނގެއީ އަނިޔާވެރި ކަލެއް ކަމުގައި ނުވެ އެވެ." (އާލްޢިމްރާން 182)
ވީމާ އަޅުތަކުންގެ ކިބައިން މާތްﷲ އެދިވޮޑިގަންނަވާ އަދުލުވެރި ކަމަކީ އެކަލާނގެ އަންގަވާފައިވާ ގޮތަށް ކަންތައްތައް ކުރުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އޮތް އަމުރެކެވެ. އިންސާނާ އަށް ކުޅަދާނަވީ މިންވަރަކުން އަނިޔާ އިން ދުރުހެލިވުމަށް އޮތް އަމުރެކެވެ. މިގޮތަށް އިޚުލާސްތެރި ކަމާ އެކު އިންސާނާ މަސައްކަތް ކުރާ ނަމަ އެ މީހާގެ ކޮނޑުގައި އެޅިފައިވާ އަމާނާތް އަދާ ކުރެވުނީ އެވެ. އެހެންކަމުން ފަހަރެއްގައި ހުރިހާ ހާލަތެއްގައި އަދުލުވެރި ނުވެވި ހިނގައިދާނެ އެވެ. މިސާލަކަށް ދެ މީހެއްގެ ދެމެދުގައި ނިންމި މައްސަލައެއްގައި ހެކިވެރިއަކު ކަނޑައެޅިގެން ދޮގު ހެކިދީ، އަނެއްކޮޅުން އެކަން އިންކާރު ކުރެވެން ނެތް ހާލަތެއްގައި ނުވަތަ ކުރިން ގެނެވުނު ޚަލީފާގެ މިސާލުގައިވާ ފަދައިން ހެއްކެއް ނެތުމުން ހުވާކުރަން މީހަކު ބޭނުން ނުވާ ހާލަތެއްގައި، އެންމެ އިންސާފުވެރިކޮށް ހުކުމެއް ނުކުރެވޭނެ އެވެ. ނަމަވެސް މިފަދަ ހާލަތްތަކުގައި ޤާޟީ އަދުލުން އެއްކިބާވީ ކަމުގައެއް ނުބެލެވޭނެ އެވެ.
ހަމަ އެފަދައިން މުސްލިމުންގެ ވެރިއަކަށް އިސްކުރެވޭ މީހުން ވެސް ވާނީ މިފަދައިން ނިސްބީ ގޮތެއްގައި އަދުލުވެރި ބަޔަކަށެވެ. މިއީ އޭގެ ޒާތުގައި މައްސަލައެއް ނޫނެވެ. އެހެންކަމުން އިސްލާމީ ދައުލަތެއްގައި ވެރިއަކަށް އިޚުތިޔާރު ކުރުމުގައި މިގޮތަށް ނިސްބަތުން ބަލާއިރު އަދުލުވެރި ވުމުން ފުދޭނެ އެވެ. ދެން އޮތީ އަދުވެރިއެއްކަން ކަނޑައަޅާނެ ގޮތެވެ. މިކަން ކުރުމަށްޓަކައި ބަލަން ޖެހޭނީ އެ މީހެއްގެ ޢަމަލުތަކަށެވެ. ޢަމަލުތަކުގެ ތެރެއިން ވެސް ތިމާއަށް ޔަގީންކަމާ އެކު އެނގޭ ކަންކަމަށެވެ. ނުވަތަ ޝަރުއީ ހަމަތަކުގެ މަތިން އަދުލުވެރިކަމާ އެކު ނިމިފައިވާ ކަންކަމަށެވެ. ތިމާ އަށް ކަށަވަރު ނުވާ ކަންކަމަށް ނުވަތަ އަނިޔާވެރި ގޮތެއްގައި ކޮށްފައިވާ ހުކުމްތަކަށް ނުވަތަ ފާސިގުން ދައްކާ ވާހަކަތަކަށް ނުވަތަ ފެތުރިފައިވާ އަޑުތަކަށް ބަލައިގެން މީހެއްގެ މައްޗަށް ހުކުމް ކަނޑައަޅައިގެން ނުވާނެ އެވެ. ސަބަބަކީ މިފަދަ ކަންކަން އިސްލާމްދީނުގައި މަނާކުރައްވާފައިވާތީ އެވެ.
ވީމާ މިފަދަ ކަންކަމުން އެއްކިބާވެ ކުރިން ބުނެވުނު ކަންކަމަށް ބަލައިގެން ވެރިއަކަށް އިސްކުރާނެ މީހެއްގެ އަދުލުވެރިކަން ކަނޑައެޅިދާނެ އެވެ. މިގޮތަށް ކަނޑައަޅާއިރު އަދުލުވެރިޔަކު ނެތް ކަމަށް ތިމާ އަށް ފާހަގަކުރެވުނު ނަމަވެސް ވެރިއަކަށް މީހަކު ހަމަ ކޮންމެހެން ވެސް އިސްކުރަން ޖެހޭނެތީވެ، ދެން ބަލަން ޖެހޭނީ އަދުލުވެރި ނުވުން އެންމެ ކުޑަ ކަމަށް ފާހަގަ ކުރެވޭ ފަރާތަކަށެވެ.
މުސްލިމް މުޖުތަމައުގައި އިސްލާމްވަންތަ މަދަނީ ދައުލަތެއް
އާއިލާ ހިމާޔަތް ކުރުމަށް ދައުލަތުން ލިބޭ ބާރުތައް
އާއިލާ ހިމާޔަތް ކުރުމަށް މުޖުތަމައުން ލިބޭ ބާރުތައް
އާއިލާ ހިމާޔަތް ކުރުމަށް ދީނުން ލިބޭ ބާރުތައް-2
އާއިލާތައް ހިމާޔަތް ކުރުމަށް ދީނުން ލިބޭ ބާރުތައް-1
އާއިލާ ހިމާޔަތް ކުރުމުގައި މުޖުތަމައުގެ މަސްއޫލިއްޔަތު
ކައިވެންޏަށް ހިތްވަރު ދިނުމަށް ކުރެވިދާނެ ކަންކަން
އާއިލާގެ މަގުސަދު: އަބުރުވެރިކަމާއި ދީންވެރިކަން
ނަސްލު ރައްކާތެރިކުރުމާއި އާއިލީ ލޯބި އިތުރުކުރުން
ކައިވެނި ހަރާމްވާ ބަޔަކު ތިބުމުގެ ހިކުމަތް