Roadha Mihaaru
ޖަމިއްޔާތައް އުވާލުމަކީ ރަނގަޅު ހައްލެއް ބާ؟

އޮޅުން ބޮޅުން: ޖަމިއްޔާތައް އުވާލުމަކީ ރަނގަޅު ހައްލެއް ބާ؟

27 ނޮވެމްބަރ 2019

ސަރުކާރުން ގެންގުޅޭ ސިޔާސަތާއި ގާނޫނާއި ގަވައިދާ ޚިލާފުވާ ޖަމުޢިއްޔާތައް އުވާލުމުން އެ މައްސަލައެއް އެ ހިސާބުން ހައްލު ވެދާނެ ބާވަ އެވެ؟ އާދޭހެވެ. ހައްލުވީ އެވެ. އެ ޖަމިއްޔާއެއް އުވާލަން ގޮވާލާ ބަޔަކަށެވެ. އެ ބަޔަކު އެދޭ ގޮތަށް އެ ކަމެއް ވުމުން، އެ ހިސާބުން، އެ މީހުންނަށް އެކަންތައް ހައްލުވީ އެވެ. މާލޭގެ ޓުރެފިކް ކަންޓުރޯލް ކުރާ ގޮތަށެވެ. "ގަވާއިދާ އި ޚިލާފަށް ޕާކް ކުރެވުނު 250 އުޅަނދުގައި މި ހަފްތާގައި ސްޓިކާ ޖެހުނު"، މިއީ އާންމު ވާހަކަ އެވެ. އެކަމަކު ނެރެވުނު ނަތީޖާ އަކީ ކޮބައިތޯ އެވެ؟ މަގުމައްޗަކުން ނުފެނެ އެވެ. މަގުމަތީގައި ޕާކްކުރާ މީހުންގެ އަމަލަކުން ނުފެނެ އެވެ. މިފަދަ ކަންކަމާ އެކު އެކީގައި އަޅަން ޖެހޭ ބައިވަރު އެހެން ފިޔަވަޅުތައް ހުންނާތީ ވެ އެވެ. ބައެއް ކަންކަމަކީ ހަމައެކަނި އެއް ކަމެއް ކުރުމުން ބޭނުންވާ ނަތީޖާ ނެރެވޭނެ ކަންތައްތަކެއް ނޫނެވެ.

ސަރުކާރުން ގެންގުޅޭ ސިޔާސަތާއި ގާނޫނާއި ގަވައިދާ ޚިލާފުވާ ޖަމުޢިއްޔާތައް އުވާލުމުން އެ މައްސަލައެއް އެ ހިސާބުން ހައްލު ވެދާނެ ބާވަ އެވެ؟ އާދޭހެވެ. ހައްލުވީ އެވެ. އެ ޖަމިއްޔާއެއް އުވާލަން ގޮވާލާ ބަޔަކަށެވެ. އެ ބަޔަކު އެދޭ ގޮތަށް އެ ކަމެއް ވުމުން، އެ ހިސާބުން، އެ މީހުންނަށް އެކަންތައް ހައްލުވީ އެވެ. މާލޭގެ ޓުރެފިކް ކަންޓުރޯލް ކުރާ ގޮތަށެވެ. "ގަވާއިދާ އި ޚިލާފަށް ޕާކް ކުރެވުނު 250 އުޅަނދުގައި މި ހަފްތާގައި ސްޓިކާ ޖެހުނު"، މިއީ އާންމު ވާހަކަ އެވެ. އެކަމަކު ނެރެވުނު ނަތީޖާ އަކީ ކޮބައިތޯ އެވެ؟ މަގުމައްޗަކުން ނުފެނެ އެވެ. މަގުމަތީގައި ޕާކްކުރާ މީހުންގެ އަމަލަކުން ނުފެނެ އެވެ. މިފަދަ ކަންކަމާ އެކު އެކީގައި އަޅަން ޖެހޭ ބައިވަރު އެހެން ފިޔަވަޅުތައް ހުންނާތީ ވެ އެވެ. ބައެއް ކަންކަމަކީ ހަމައެކަނި އެއް ކަމެއް ކުރުމުން ބޭނުންވާ ނަތީޖާ ނެރެވޭނެ ކަންތައްތަކެއް ނޫނެވެ.

ޖަމިއްޔާއެއް ރަޖިސްޓުރީ ކުރަނީ އެ ޖަމިއްޔާ އިން ކުރަން ބޭނުންވާ ކަންތައްތައް ރަޖިސްޓްރާ އަށް ހުށައެޅުމުންނެވެ. އެ ޖަމިއްޔާ އަކީ ޑެމޮކްރަސީ ހަރުދަނާ ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއަކަށް ވިޔަސް ނުވަތަ ދީނީ ހޭލުންތެރިކަން އުފައްދަން ރަޖިސްޓްރީ ކުރާ ޖަމިއްޔާއަކަށް ވިޔަސް މެ އެވެ. އެ ޖަމިއްޔާ އިން ކުރުމަށް ހުށައަޅާފައި އޮންނަ ކަންކަމާ ޚިލާފަށް ކަމެއް ކޮށްފި ނަމަ ފިޔަވަޅު އެޅެންވީ އެވެ. ގާނޫނާ ޚިލާފް އަމަލެއް ހިންގާފައިވާ ނަމަ އެ އަމަލެއް ހިންގި ބަޔަކާ މެދު ހަރުކަށި ފިޔަވަޅު އެޅެންވީ އެވެ. ޖަމިއްޔާއެއް އުވާލަން ޖެހޭ ހިސާބަށް ވެސް ކަންތައް ގޮސްފައި އޮންނަ ކަމަށް ބައެއް ފަހަރު، ބައެއް ވެރިންނަށް ފެނިދާނެ އެވެ. އެހެންނަމަވެސް ޖަމިއްޔާއެއް އުވާލުމުން، ދާދި ފަހުން ސިޔާސީ ބޭފުޅަކު ވިދާޅުވި ފަދައިން، އެ ޖަމިއްޔާއެއް "އަޑިއަށް ދާނެ" (ހީވާ ގޮތުގައި މާނަކުރައްވަނީ އަންޑަ ގުރައުންޑް) އެވެ. މަސައްކަތްކުރާނީ "އަޑިން" ނެވެ. ފޮރުވިގެންނެވެ. ހަގީގަތުގައި ޖަމިއްޔާ އުވާލުމުގެ މަގުސަދު ފުރިހަމަ ނުވެ އެވެ. އެ ބަޔަކު ކުރަމުން ގެންދިޔަ ކަމެއް ކުރަމުން ގެންދާނެ އެވެ. ނަމެއް ނެތި އެވެ. ހަރަކާތްތަކުންނެވެ. އަމަލުންނެވެ. މިހެންވުމާ އެކު ޖަމިއްޔާއެއް އުވާލުމުގެ މަގުސަދު ގެއްލުނީ އެވެ.

ކަންކަން މިހެން ހުރުމާ އެކު ޖަމިއްޔާއެއް އުވާލުމުގެ ކުރިން އެ ތަނަކުން ކުރަމުން ގެންދިޔަ ޤާނޫނާ ޚިލާފް މަސައްކަތްތައް ހުއްޓުވަން ފިޔަވަޅު އެޅެންވީ އެވެ. ގާނޫނާ ޚިލާފަށް ކަންތައް ކުރި މީހުންނަށް އަދަބު ދެވެންވީ އެވެ. އެ ޖަމިއްޔާއަކުން ޤާނޫނާ ޚިލާފަށް ހިންގަމުން ދާ ކަންތައްތައް ބަލައި، އަދި ޤާނޫނާ ޚިލާފަށް ރާވާފައި ހުރި ކަންތައްތައް ހުއްޓުވަންވީ އެވެ. އެކަމެއް ނުކުރެވެ އެވެ. އަޅުގަނޑުމެންގެ ލީޑަރުންނަށް ހީވެފައި އޮންނަނީ ޤާނޫނެއް ނުވަތަ ޤަވައިދެއް ހެދުމުން އެ ހިސާބުން ހުރިހާ ކަމެއް ހަމަޖެހުނީ ކަމަށެވެ. ރައްޔިތުން އެއަށް އަމަލު ކުރާނެ ކަމަށެވެ.

ގިނަ ފަހަރު، ގިނަ ރައްޔިތުން، ބައެއް ޤާނޫނާއި ޤަވައިދަށް ތަބައަވާކަން އަމަލަކުން ނުދައްކަ އެވެ. މިސާލަކީ މާލޭގެ މަގުމަތީގެ ޓުރެފިކެވެ. މި ޒަމާނުގައި ދުނިޔޭގެ އެއްވެސް ގައުމެއްގައި އެހާ ބަސްއަހާ މުޖުތަމައެއް ނުއޮވެ އެވެ. އަޅުގަނޑުމެން ވެސް ފަސްދޮޅަހުގެ އަހަރުތަކުން ފެށިގެން މަޑުމަޑުން ބަދަލުވަމުން އައިސް މިހާރު މިއޮތީ ބޮއްސުން ލާފަ އެވެ. މި ހިސާބަށް ކަންތައް ދިޔައީ އަޅުގަނޑުމެންނަށް މަގު ދައްކަން ތިބި މީހުންނަށް ދުރު ފެންނަ ގޮތް ފުސްކަމުންނެވެ. މުއައްސަސާތަކުގައި މަސައްކަތް ކުރާ މީހުން، "އަމާ ބުނީތީވެ ފަރަށް ދާ ގޮތަށް" މަސައްކަތް ކުރަމުން ގޮސްފައި ވާތީވެ އެވެ. ޤާނޫނާއި ޤަވައިދާ ޚިލާފަށް ކަންތައް ކުރާ ކަން އެނގި ތިބެ ވެސް ފިޔަވަޅު އަޅަން ބޭނުން ނުވަނީ ކަމަށް ވެސް ވެދާނެ އެވެ. ފިޔަވަޅު އަޅަން ޖެހޭކަން ނޭނގިގެން ފިޔަވަޅު ނޭޅެނީ ކަމަށް ވެސް ވެދާނެ އެވެ. ވަރިހަމަ ކަމުން ފިޔަވަޅު ނޭޅެނީ ކަމަށް ވެސް ވެދާނެ އެވެ. ކަމެއް ކުރިއަސް ނުވަތަ ނުކުރިއަސް މަސް ނިމޭ އިރު ގެއަށް ގެންދަން ހަމަ މުސާރަ ލިބޭނެތީ ވެއެވެ.

ގޮތް ނޭނގޭ މަރުތައް ބަލާ ކޮމިޝަންގެ ތަހުގީގު ރިޕޯޓަކާ ގުޅިގެން މިހާރު ދެކެވޭ ވާހަކަތަކަކީ އަޅުގަނޑުމެންނަށް އާ ވާހަކަތަކެއް ނޫނެވެ. ހަރުކަށި ވިސްނުން ގެންގުޅޭ ކަމަށް ތުހުމަތުކޮށްފައި ވާ މީހުންގެ ނަންތަކަކީ ވެސް އަޅުގަނޑުމެންނަށް އާ ނަންތަކެއް ނޫނެވެ. ފާއިތުވި ވެރިކަމުގެ ދައުރުގައި އެ އަޑުތައް އަބަދުވެސް އަޅުގަނޑުމެންނަށް އިވުނެވެ. އެއިރު އޮތް ސަރުކާރުން ހަރުކަށި ދީނީ ވިސްނުމަށް ތާއީދު ނުކުރާ ކަމުގައި ވިޔަސް، ހަރުކަށި ވިސްނުމުގެ މީހުންނަށް ސަރުކާރުގެ ތެރެއިން، ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަށް ދިއުމަށް މަގު ތަނަވަސް ވެގެން ދިޔަ އެވެ. އެނގިގެންނެކޭ ނުދަންނަވަމެވެ. އެ މީހުން ކުރާ ކަންތައްތަކާ އަޅާނުލުމުންނެވެ. އެއިރު ދީނީ ލަފާ ދޭ ބައެއް މުހިއްމު ކޮމިޓީތައް އެކުލަވާލާފައި އޮތް ގޮތަށް ބައްލަވާލައްވާށެވެ. ދީނީ ކަންކަމުގައި މެދު މިނުގެ ވިސްނުމެއް ގެންގުޅޭ ކިތައް މެމްބަރުން ތިބިތޯ ބައްލަވާ ލައްވާށެވެ. ސަރުކާރުން ބޭނުން ވީ ކޮންމެ ވިސްނުމެއް ގެންގުޅުނަސް ސިޔާސީ ގޮތުން ތާއީދު ހޯދުމެވެ. އިންތިޚާބުތަކުގައި ވޯޓު ލިބެންޏާ "އެ ވެސް ރަނގަޅު، މި ވެސް ރަނގަޅެވެ." އެ ތާއީދު ސަރުކާރާ ގާތް ގުޅުމެއް ބާއްވާ ބައެއް ޖަމާއަތްތަކުން ސަރުކާރަށް ދިނެވެ.

ރާއްޖޭގައި ހަރުކަށި އިސްލާމީ ފިކުރު އަށަގަންނަމުން ދާ ކަމާއި އެ ފިކުރުގެ މީހުން ގިނަ ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް އަޅުގަނޑުމެން އެތަކެއް ފަހަރު ލިޔެފައި ވާނެ އެވެ. އަދި މިހާރު ސިޔާސީ ބޮންތީގައި ހިއްޕަވައިގެން ތިއްބެވި ބައެއް ބޭފުޅުން ވެސް އެ ވާހަކަ ބޭރުގެ ބައެއް ގައުމުތަކުގައި ވެސް ދެއްކެވި އެވެ. މަޑުމަޑުން އަޅުގަނޑުމެންގެ ފައުޖުގެ ތެރެއަށް އެ ފިކުރު ވަންނަމުން ދާ ވާހަކަ ވެސް އެ އިރު ވެސް ދެކެވުނެވެ. ކަމާ ބެހޭ ފަރާތްތަކުން، ވަގުތުން އެ ވާހަކަ ދޮގުކުރި އެވެ. ނަމަވެސް ވަރަށް ކައިރި މާޒީއެއްގައި ފައުޖަކުން ރިޓަޔަ ކުރި އިސް ވެރިޔަކު ސަރަހައްދީ ބައްދަލުވުމެއްގައި އިޢްތިރާފްވެވަޑައިގެންފައި ވަނީ ރާއްޖޭގެ ފައުޖުތަކުގައި ދީނީ ހަރުކަށި ވިސްނުމުގެ މީހުން އުޅޭ ކަމުގަ އެވެ. ވަރަށް ބިރުވެރި ވާހަކައެކެވެ. އަޅުގަނޑުމެން މިހާރު މިސްރާބު ޖަހާފައި މި އޮތީ އަޅުގަނޑުމެންގެ ރާއްޖެއާ އަވައްޓެރި ގައުމެއްގައި އޮންނަ ހަރުކަށި ވިސްނުމާ އެއްގޮތަށް ކުރިއަށް ދާ ކަހަލަ ގޮތަކަށެވެ.

މި ޒަމާނުގައި ކުރަން އެންމެ އުނދަގޫ ހަނގުރާމަ އަކީ މައުލޫމާތު ފެތުރުމާއި މަޢުލޫމާތު ދިނުން ހުއްޓުވުމަށް ކުރާ ހަނގުރާމަ އެވެ. ހާއްސަކޮށް މީސް މީޑިއާގަ އެވެ. މީސް މީޑިއާގައި ނުބައި ނަންނަމުގައި ނުބައި ޚިޔާލުތައް ނުވަތަ ދޮގު މަޢުލޫމާތު ފަތުރައި، މީހުންގެ އަބުރާ ބެހުނަސް ކުރެވޭނެ ކަމެއް ނުއޮވެ އެވެ. މިހެން ދެންނެވިޔަސް ވަރަށް އުނދަގޫ މަގަކުން ފިޔަވަޅު އެޅިދާނެ އެވެ. އެކަމަކު އެޅޭނީ ކިތައް ފިޔަވަޅުތޯ އެވެ؟ ކިތައް ފަހަރުތޯ އެވެ؟ އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި ރާއްޖޭގައި ދޮގު މަޢުލޫމާތު ފެތުރުމާއި، މީހުންގެ އަބުރަށް އަރައިގަތުމަށް ފުުރުސަތު ދިނުމާއި ހައްދު ފަހަނައަޅައިފައިވާ ދީނީ ޚިޔާލު ފައުޅުކުރުމުގައި، ސަރުކާރުގެ ކަމާ ބެހޭ އޮފީހުގައި ރަޖިސްޓްރީކޮށްފައި ހުންނަ މީޑިއާ އިން، އެނގިގެން ނަމަވެސް ނުވަތަ ނޭނގި ނަމަވެސް ވަރަށް ބޮޑު ރޯލެއް ކުޅެ އެވެ. ވަރަށް ފުޅާކޮށް އެ ތަންތަނުގެ ސިޔާސަތާ ޚިޔާލު އެއްގޮތް ނުވާ މީހުންގެ އަބުރު ކަތިލަ އެވެ. ގިނަ ފަހަރު ކިއުންތެރިންގެ ޚިޔާލުގެ ތެރެއިންނެވެ. މީހަކު މެރުމުގެ އިންޒާރު ދިނަސް އެ ޚިޔާލެއް ވެސް ޝާއިޢު ކުރެ އެވެ. އެފަދަ ނޫސްތަކާއި ވެބްސައިޓްތަކާއި ބުރޯޑްކާސްޓް ކުރާ ތަންތަނާ މެދު ފިޔަވަޅު އަޅަން ވެސް އަޅުގަނޑުމެންގެ ޓެކްސްގެ ފައިސާ އިން މުސާރަ ދީފައި އޮންނަ ދެ "ޓީމެއް" އޮވެ އެވެ. އެ ތަންތަނަކީ ކުރިން ދެންނެވި ގޯސްތައް ރަނގަޅުކޮށް ހަމަޔަކަށް އަޅުވަން އޮންނަ ތަންތަނެވެ. އެތަން ތަނުގައި މަސައްކަތް ކުރާ މީހުންނަށް އެންމެ ރަނގަޅަށް ކުރެވޭ މަސައްކަތަކީ ލިބޭ މުސާރަ ގެއަށް ގެންދިއުމެވެ. މީޑިއާ އިން ހަދާ ގޯސްތައް ރަނގަޅު ކުރުމަށް ހަރުދަނާ މަސައްކަތެއް ނުކުރެވެ އެވެ.

ރައްޔިތުންގެ ޓެކްސްގެ ފައިސާ އިން ހިންގާ މީޑިއާ އިން ދީނީ ގޮތުން ހަރުކަށި ވިސްނުން ފައުޅުކޮށް ސަރުކާރުން ހިންގާ ސިޔާސަތާ ފުށުއަރާ ގޮތަށް ވާހަކަ ދައްކާ އިލްމުވެރިންނަށް އެތަން ތަނުން ފުރުސަތު ނުދޭންވީ އެވެ. ނުވަތަ އެ ތަންތަނުން ފޮނުވާ ޕުރޮގްރާމެއް ފޮނުވެން ވާނީ އެ ބައި އެޑިޓް ކުރެވިގެންނެވެ. ސަރުކާރުން ބަލަހައްޓާ މިސްކިތްތަކުގައި ނަސޭހަތް ދިނުމުގައްޔާއި އިމާމުވެ ހުކުރު ނަމާދު ކުރުމުގައި ވެސް އޮންނަން ވީ މި ސިޔާސަތެވެ. ހަރުކަށި ވިސްނުން ފެތުރުނަ ދޭން ބޭނުން ނުވާ ނަމަ އެވެ.