Roadha Mihaaru
ބިން ގަންނާނެ ބަޔަކު މިފަހަރު ވެސް ނުވި

މާލެއިން ބިން ވިއްކަން ދެފަހަރަށް ހުޅުވާލުމުން ވެސް ގަންނާނެ ބަޔަކު ނުވި

02 ނޮވެމްބަރ 2017

މާލެއިން ވިއްކަން ނިންމާފައިވާ ބިންތަކުގެ އަގު ދަށްކޮށް، ހައުސިން މިނިސްޓްރީން ދެ ވަނަ ފަހަރަށް ބިޑަށް ހުޅުވާލުމުން ވެސް، މުއްދަތު ހަމަވި އިރު ބިމެއް ގަންނަން ބަޔަކު ހުށަހަޅާފައި ނެތްކަން އެނގިއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މާލެއިން ވިއްކަން ނިންމާފައިވާ ބިންތަކުގެ އަގު ދަށްކޮށް، ހައުސިން މިނިސްޓްރީން ދެ ވަނަ ފަހަރަށް ބިޑަށް ހުޅުވާލުމުން ވެސް، މުއްދަތު ހަމަވި އިރު ބިމެއް ގަންނަން ބަޔަކު ހުށަހަޅާފައި ނެތްކަން އެނގިއްޖެ އެވެ.

ހައުސިން މިނިސްޓްރީން މާލެ އިން 19 ބިމެއް ވިއްކަން މިދިޔަ އޮގަސްޓް މަހު ފުރަތަމަ އިއުލާން ކުރީ އަކަފޫޓެއް 15،000ރ. ގެ ރޭޓުންނެވެ. އެ މުއްދަތު މިދިޔަ ސެޕްޓެމްބަރު މަހު ހަމަވެގެން ދެ ވަނަ ފަހަރަށް އިއުލާން ކުރިއިރު އޮތީ އަކަފޫޓަަކަށް މަދުވެގެން ހުށަހެޅޭނެ އަގު 12،000ރ. އަށް ދަށްކޮށްފަ އެވެ.

އެ މިނިސްޓްރީން ދެ ވަނަ ފަހަރަށް ހުޅުވައިލި އިރު އަގު ހުށަހަޅަން ދިނީ މިދިޔަ މަހުގެ 16 އިން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތު ހަމަވި އިރު އެއްވެސް ބަޔަކު އަގު ހުށަހެޅި ކަމެއް ހައުސިން މިނިސްޓްރީން ނުބުނެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން އެ މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއްނުވި އެވެ.

ސަރުކާރު ވިއްކަން ނިންމީ އޯކިޑްމަގުގައި ހުންނަ މ. މާފަންނުއާގެ އިން ދައުލަތަށް ނަގާފައިވާ ބައިން ތިން ބިމަކާއި ބޮޑުތަކުރުފާނު މަގުގައި ހުންނަ ކުރީގެ ކުނިކޮށިން ހަ ބިމާއި ވިލާ ކޮލެޖާ ޖެހިގެން އޮތް އެސްޓީއޯގެ ކޮންކްރީޓް މިކްސް ތައްޔާރުކުރާ ބިމުން 10 ބިމެކެވެ.

ކުރިން ބިމާ ބެހޭ ގާނޫނު އޮތީ ދައުލަތުގެ ބިންތައް ނުވިއްކޭ ގޮތަށެވެ. އެމްޑީޕީގެ ވެރިކަމުގައި މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުން ބިން ވިއްކަން ނިންމުމުން އޭރު ގާނޫނު އޮތް ގޮތުން އެކަން ނުކުރެވޭނެ ކަމަށް ކޯޓުން ނިންމި އެވެ. އެކަމަކު 2015 ގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަގުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލިހުން އެ ގާނޫނު އިސްލާހުކޮށް، ދައުލަތުގެ ބިންތައް ވިއްކޭ ގޮތަށް ވަނީ ބަދަލު ގެނެސްފަ އެވެ.