Roadha Mihaaru
އަނަސް މަރާލަން ހަމަލާދިނީ އޮޅުމަކުން: ޕޮލިސް

އަނަސް މަރާލަން ހަމަލާދިނީ އޮޅުމަކުން: ޕޮލިސް

31 އޮކްޓޯބަރ 2017

މާލޭގައި ހުންނަ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި މިދިޔަ ޖުލައި 31 ވަނަ ދުވަހުގެ ރޭ ރ. މީދޫ، މުހައްމަދު އަނަސް މަރާލާފައި ވަނީ އޮޅުމަކުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާލޭގައި ހުންނަ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި މިދިޔަ ޖުލައި 31 ވަނަ ދުވަހުގެ ރޭ ރ. މީދޫ، މުހައްމަދު އަނަސް މަރާލާފައި ވަނީ އޮޅުމަކުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އަނަސްގެ މަރުގެ މައްސަލައާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޗީފް ސްޓޭޝަން އިންސްޕެކްޓަރު އަހުމަދު ސާމިހު ވިދާޅުވީ ގަލޮޅު ހަނދުވަރުދޭ ގޯޅި ތެރޭގައި ހުންނަ އެ ސެންޓަރުގެ ތެރޭގައި އަނަސް އަށް ހަމަލާދީފައި ވަނީ ހަތަރު ސައިކަލެއްގައި ދިޔަ އަށް މީހެއްގެ ތެރެއިން ހަތަރު މީހެއް ކަމަށެވެ.

"އެ ހަމަލާދިނީ ސައިކަލްތަކުގެ ފަހަތުގައި ތިބި މީހުން. އެ ހަތަރު މީހުން އަނަސްގެ ފަހަތުން ދުވެފައި ގޮސް ތޫނު ހަތިޔާރުން ހަމަލާދީ ޒަހަމް ކޮށްލާފައިވާކަން ފާހަގަކޮށްލަން. އެ ޒަހަމާ ގުޅިގެން މުހައްމަދު އަނަސް ގަރާޖު ތެރެ އަށް ވެއްޓި ހަރަކާތް ހުއްޓެމުން ގޮސް އެ ތަނަށް ނިޔާވެފައިވާކަން އަޅުގަނޑުމެންގެ ތަހުގީގަށް ގަބޫލުކުރެވޭ،" އޭނާ ވިދާޅުވި އެވެ.

ސާމިހު ވިދާޅުވީ އަނަސް އަށް ހަމަލާ ދިނުމަށްފަހު އެ މީހުން އައި ސައިކަލުތަކުގައި ފިލައިގެން ދިޔައީ ކަމަށެވެ. އަދި އެ މީހުންގެ ތެރެއިން ބައެއް މީހުން މޫނު ނިވައިކޮށްގެން ތިބި ނަމަވެސް އެ އެންމެން ދެނެގަނެވި، މިހާރު ހައްޔަރުކޮށް މައްސަލަ ޝަރީއަތަށް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މުހައްމަދު އަނަސް އަށް ދިން ހަމަލާތަކަކީ ޖުމްލަ ގޮތެއްގައި މުހައްމަދު އަނަސް އަށް ދުރާލައި ހަމަލާ ދިނުމަށް ރޭވިގެން ދީފައިވާ ހަމަލާތަކެއް ނޫންކަން އަޅުގަނޑު ފާހަގަކުރަން. ނަމަވެސް މިފަދަ ގޮތަކަށް އެހެން ބަޔަކަށް ހަމަލާދީ މަރާލުމަށް ރޭވި، ދޭން އުޅުނު ހަމަލާއެއް އޮޅިގެން މުހައްމަދު އަނަސް އަށް ރައްދު ވެގެން ދިޔަކަން އަޅުގަނޑު ހިތާމަޔާ އެކު ފާހަގަކުރަން،" ސާމިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ކޮންމެވެސް ވަރަކަށް ދިގުލައިގެން ދިޔަ ކަމަށާއި އޭގެ މައިގަނޑު ސަބަބަކީ އެ މައްސަލައާ ގުޅިގެން ފުލުހުން ހޯދަން ބޭނުންވި ބައެއް މީހުން ހޯދަން ބުރަ މަސައްކަތެއް ކުރަން ޖެހުން ކަން ސާމިހު ފާހަގަކުރެއްވި އެވެ. އެހެންވެ އެންމެ ފަހުން ހައްޔަރުކުރި ދެ މީހުންގެ މައްސަލަ ޝަރީއަތަށް ފޮނުވަން ވަގުތުކޮޅެއް ހޭދަވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރ. އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅޭ އަނަސް އަށް ދިން ވަޅީގެ ހަަމަލާގައި އޭނާގެ ހަށިގަނޑުގެ 25 ތަނަކަށް ވަޅި ހަރާފައިވެ އެެވެ. އެ މައްސަލައާ ގުޅިގެން ފަސް މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ.