Roadha Mihaaru

ހަތަރު ސިފައިންގެ ދުވުމުގެ ހިތްވަރު: ނަމޫނާއެއް

10 ޖެނުއަރީ 2018

ފުރަތަމަ ކަމަކީ މިއީ ރާއްޖޭގެ ނިސްބަތުން އާދައިގެ ދުވުންތެރިނެއް ނޫނެވެ. ދެ ވަނަ ކަމަކީ މިއިން ކޮންމެ ދުވުންތެރިއެއްގެ ލަނޑުދަނޑި ވެސް އާންމު ނިސްބަތުން މަތިވުމެވެ. ތިން ވަނަ ކަމަކީ، އެ އުއްމީދު ފުރިހަމަކުރުމުގައި މި ޓީމު ދައްކަމުން އަންނަ ހިތްވަރެވެ.

މޫސާ ލަތީފް މޫސާ ލަތީފް

ފުރަތަމަ ކަމަކީ މިއީ ރާއްޖޭގެ ނިސްބަތުން އާދައިގެ ދުވުންތެރިނެއް ނޫނެވެ. ދެ ވަނަ ކަމަކީ މިއިން ކޮންމެ ދުވުންތެރިއެއްގެ ލަނޑުދަނޑި ވެސް އާންމު ނިސްބަތުން މަތިވުމެވެ. ތިން ވަނަ ކަމަކީ، އެ އުއްމީދު ފުރިހަމަކުރުމުގައި މި ޓީމު ދައްކަމުން އަންނަ ހިތްވަރެވެ.

ހުރިހާ ކަމެއް ބަރާބަރަށް ދާ ނަމަ މި ހަތަރު ސިފައިން ރާއްޖޭގެ ދުވުމުގެ ތާރީޚަށް ބަދަލުތަކެއް ގެނައުން ވަރަށް ކައިރި އެވެ. އޭގެ ފުރަތަމަ ނިޝާންތައް، ނޭޕާލުގައި ހެދި ތަމްރީންތަކުން ފެންނަން އެބަ ހުއްޓެވެ. އެހެންކަމުން މިއިން ކޮންމެ ދުވުންތެރިޔަކު ވެސް އަމިއްލައަށް ކުރަމުން އަންނަ ހޭދަ އާއި، ރާއްޖެ އިން ބޭރުގައި ދެ އިރު ކުރިއަށް ގެންދާ ވަރުގަދަ ތަމްރީންތަކުގައި އަގެއް އޮތް ކަން ޔަގީންކުރެވެ އެވެ.

ސިފައިންގެ މެރެތަން ޓީމު، އެމްއެންޑީއެފްގެ މަގާމުތަކާ އެކު

ޝިފާޒް މުހައްމަދު، ކޯޕްރަލް

އަހުމަދު ރިޒާ، ސްޓާފް ސާޖެންޓް

މުހައްމަދު ރަޝީދު، ސާޖެންޓް

ނަސްރުﷲ އަހުމަދު، ސްޓާފް ސާޖެންޓް

ހަތަރު ދުވުންތެރިންގެ އަސްލު ފެންވަރު ވަޒަންކުރެވުނީ ނޭޕާލުގެ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ދަނޭރަމް ޗައުދަރީ މާލެ ގެނެސް ހެދި ތަމްރީންތަކުންނެވެ. ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ މެރެތަން ދުވުމުގެ ރެކޯޑް އޮތް ނަސްރު ،36، އާ ދަނޭރަމް ދިމާވީ 2016 ގައި ހޮންގް ކޮންގްގައި އޮތް އޭޝިއަން މެރެތަން ޗެމްޕިއަންޝިޕްގެ ތެރެއިންނެވެ. އޭރު އޭނާ ހުރީ އެ ދުވުމުގައި ބައިވެރިވި ނޭޕާލުގެ ދެ ދުވުންތެރިން ގޮވައިގެން އެތަނުގަ އެވެ.

"ރާއްޖޭގައި ދިގު ދުވުމުގެ ކޯޗެއް ނެތް ވާހަކަ ދެއްކީމާ އޭނާ ބުނީ އެހީވާން ބޭނުން ކަމަށް،" ނަސްރު ކިޔައިދިނެވެ.

މާލޭގައި ދެ މަހެއްހާ ދުވަހު، ދަނޭރަމްގެ ބެލުމުގެ ދަށުން ހެދި ވަރުގަދަ ތަމްރީންތަކުން ބޮޑު ކުރިއެރުމެއް ލިބުނެވެ. އެއީ އޭގެ ކުރިން ރާއްޖޭގެ އެކި ކޯޗުންގެ އެހީތެރިކަމުގައި މި ދުވުންތެރިންނަށް ހޯދުނު ކުރިއެރުމެއް ނޫނެވެ. އެހާ ހިސާބުން ހަތަރު ސިފައިން ނިންމީ ނޭޕާލުގައި ތަމްރީން ހަދަން ދާށެވެ. އުސް ގައުމަކަށް ވުމުން އެތަނުގައި ހަދާ ތަމްރީންތަކަށް ފަހު، ތިރި ގައުމެއްގައި ދުވެގެން ވަގުތު އަވަސްކުރުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން ސިފައިންގެ ކްލަބްގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު، ހަތަރު ދުވުންތެރިން ނޭޕާލަށް ދިޔަ އެވެ.

އަމާޒަށް ވާސިލްވާން އުނދަގޫ އުޅުމެއްގައި

އެއީ ފަސޭހަ ދިރިއުޅުމެއް ނޫނެވެ. އަދި އާއިލާ ބަލަހައްޓަމުން ކުރަން އުނދަގޫ ވެސް ހޭދައެކެވެ. ނަމަވެސް މި ދުވުންތެރިންގެ ހިތުގައި އޮތް އަޒުމަކީ އަމިއްލަ ގާބިލްކަން އޭގެ އެންމެ މަތީ ފެންވަރުގައި ވަޒަންކުރުމެވެ. ދިގު ދުވުންތަކުގައި އޭގެ ކުރިން އެ މީހުންނަށް ދެއްކުނީ އަސްލު ފެންވަރު ނޫންކަން އެނގި، ރާއްޖޭގެ ދިގު ދުވުމަށް އާ ދިރުމެއް ގެނެސްދިނުމެވެ.

"މިއީ ހިތްވަރުކޮށްފި ނަމަ ވާނެ ކަމެއް ކަން" ހަތަރު ދުވުންތެރިން ވެސް މިހާތަނަށް ސާބިތުކޮށްދީފި އެވެ. އެ މީހުންގެ ދުވުމުގެ ކެރިއަރުގައި ދެން މާ ބޮޑު ކުރިއެރުމެއް ނުލިބޭނެ ކަމަށް ބުނި ކޯޗުންނާއި އެހެން ދުވުންތެރިންގެ ބަހަކީ ހަގީގަތެއް ނޫންކަން ވެސް، ރާއްޖެ އާއި ނޭޕާލުގައި ހެދި ތަމްރީނުތަކުން އެ ވަނީ އަންގައިދީފަ އެވެ.

ސިފައިންގެ ހަތަރު ދުވުންތެރިން (ކަނާތުން ވާތަށް) ރަޝީދު، ޝިފާޒު، ނަސްރު އަދި ރިޒާ

ސިފައިންގެ ހަތަރު ދުވުންތެރިން (ކަނާތުން ވާތަށް) ރަޝީދު، ޝިފާޒު، ނަސްރު އަދި ރިޒާ

އެކަމަކު ކޮންމެ ކަމަކަށް ވެސް، ޝިފާޒާއި، ނަސްރާއި ރިޒާ އަދި މޯޑު ގަބޫލުކުރާ ގޮތަށް، ބޭނުންވަނީ ހިތްވަރެވެ. އެ ހިތްވަރު ހޯދަން ފަސް ތަރީގެ ހޮޓަލެއްގައި ތިބޭކަށް ނުޖެހެ އެވެ. އެންމެ މަތީ ކެއުން ކާކަށް ނުޖެހެ އެވެ.

ނޭޕާލުގައި މި ދުވުންތެރިން އެހެން މީހުންނަށް އަންގައިދިނީ އެ ހަގީގަތެވެ. މާ ބޮޑު ސްޕޮންސަރެއް އެ މީހުންނަކަށް ނުލިބުނެވެ. އެހެންކަމުން ސިފައިންގެއިން ލިބޭ މުސާރަ އިން ނޭޕާލުގައި ތިބެން ހޭދަކުރި އެވެ. ވަރަށް އާދައިގެ ދިރިއުޅުމެކެވެ. ވަރަށް އާދައިގެ ދެ ކޮޓަރި އެވެ. އާންމުކޮށް ކައިބޮއި އުޅުނީ އަމިއްލަ އަށް ކައްކައިގެންނެވެ. ދެ އިރު ތަމްރީނުތައް ހެދި ޓްރެކަށް ދާށާއި ތިބޭ ގެއަށް، ހިނގާފައި އަންނަން ކޮންމެ ދުވަހަކު ދެ ގަޑިއިރު ހޭދަކުރި އެވެ.

"އަޅުގަނޑުމެން ވަރަށް ހާލުގައި އުޅުނީ އަސްލު،" ޓީމުގެ އެންމެ ޒުވާން ދުވުންތެރިޔާ، މޯޑު، 26، ބުންޏެވެ.

އެކަމަކު އެ ގުރުބާނީ މި ދުވުންތެރިން ވަމުން އެ އަންނަނީ ތަފާތެއް ދައްކައިދިނުމުގެ ނިޔަތުގަ އެވެ. އެހެންކަމުން އުނދަގުލުގައި އުޅެގެން ވެސް ލިބެމުން އައި ކުރިއެރުން ވަރަށް ބަރާބަރެވެ.

"ނޭޕާލުގައި އިމްޕްރޫވި 50 ޕަސެންޓް،" ރިޒާ ބުންޏެވެ.

"ޓްރޭނިންގެ ސިސްޓަމް ވަރަށް ތަފާތު. ޝެޑިއުލާއި ކޯޗިންގެ ސްކިލްތަކާއި ތަޖުރިބާއަށް ބަލާއިރު ވަރަށް ބޮޑު ތަފާތެއް ފެނުނު."

ޝިފާޒްގެ ބޮޑު ކާމިޔާބީތައް

މި ފަހުގެ ތާރީޚެއްގައި ރާއްޖެ އިން ފެނުނު އެންމެ ކާމިޔާބު ދިގު ދުވުންތެރިޔާ ޝިފާޒްގެ ކުރިއެރުމަށް އެކަނި ބަލައިލިޔަސް ފުދެ އެވެ. ނޭޕާލުގެ ތަމްރީންތަކުގެ ކުރިން އޭނާ މެރަތަންއެއް ނުޖަހަ އެވެ. ޝިފާޒް ދުވަން ފެށި ފަހުން ފަސް ކިލޯ މީޓަރާއި 10 ކިލޯ މީޓަރުގެ ގިނަ ރޭސްތަކެއް ރާއްޖޭގައި އެންމެ ގިނަ ފަހަރަށް ކާމިޔާބުކުރީ އޭނާ އެވެ. އެކަމަކު މިސާލަކަށް، ފަސް ކިލޯމީޓަރުގެ ރޭސް، މިދިއަ ނޮވެމްބަރު 24 ގައި އޮތް ދިރާގު ރޯޑް ރޭހުގައި 16:15 މިނިޓުން ނިންމުމުގެ ކުރިން، އެހެން އެއްވެސް ރޭހެއްގައި އޭނާ އަށް 16 މިނިޓަށް ލެވިފައެއް ނުވެ އެވެ.

އޭގެ ކުރިން ދިރާގު ރޭސް ހަ ފަހަރު ކާމިޔާބުކުރި އިރު ވެސް ޝިފާޒްގެ ވަގުތު އުޅުނީ 17 މިނިޓްގަ އެވެ. އެކަމަކު ނޭޕާލުގައި ހެދި ތަމްރީންތަކާއި މިހާރު ސްރީ ލަންކާގެ އުސް ހިސާބެއް ކަމަށްވާ ކެންޑީގައި ހަދަމުން އަންނަ ތަމްރީނުތަކާ އެކު މި ފަހަރުގެ ރޭހުގައި އޭނާ ދުއްވައިގަތީ ގައުމީ ރެކޯޑް ހަދާނެ ކަމަށް އިއުލާން ވެސް ކޮށްފަ އެވެ. އެކަން ޝިފާޒަށް ކުރެވިދާނެ ކަމަކަށް ދިވެހި ގިނަ ކޯޗުންނާއި ދުވުންތެރިން ހިއެއްނުކުރެ އެވެ.

ފަސް ކިލޯމީޓަރުގެ ދުވުމުގައި ރާއްޖޭގެ ގައުމީ ރެކޯޑް ހަދަން ޝިފާޒް (ވާތް ފަރާތުގައި) ދިރާގު ރޭސް ފަށަނީ: އޭނާ ވަނީ މިދިއަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައި

ފަސް ކިލޯމީޓަރުގެ ދުވުމުގައި ރާއްޖޭގެ ގައުމީ ރެކޯޑް ހަދަން ޝިފާޒް (ވާތް ފަރާތުގައި) ދިރާގު ރޭސް ފަށަނީ: އޭނާ ވަނީ މިދިއަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައި

މި އަހަރުގެ މިހާތަނަށް ޝިފާޒް އެވަނީ ގައުމީ ތިން ރެކޯޑް ހަދައިފަ އެވެ. ފަސް ކިލޯމީޓަރުގެ ރޭހުގެ އިތުރުން ހާފް މެރެތަންގެ ރެކޯޑް (1 ގަޑި 14 މިނިޓް 48 ސިކުންތު) ވެސް މިހާރު އޮތީ އޭނާގެ އަތުގަ އެވެ. ނޭޕާލުގައި އެޕްރީލް މަހު ހެދި އެ ރެކޯޑަށް ފަހު މި އަހަރު ސެޕްޓެމްބަރު މަހު ރާއްޖޭގެ މެރަތަން ރެކޯޑް ވެސް އޭނާ ވަނީ އާކޮށްފަ އެވެ. އެހެންކަމުން ޝިފާޒަކީ، މި ފަހުގެ ތާރީޚެއްގައި ފެނުނު އެންމެ ރަނގަޅު ދިގު ދުވުންތެރިޔާކަން އެ އަންނަނީ ސާބިތުކޮށްދެމުންނެވެ.

މިހާރު ހަދަމުން އަންނަ ތަމްރީންތަކުގެ ސަބަބުން "ޓީމުގެ ފިޓްނެސް ލެވެލް ވަރަށް ރަނގަޅު،" ހަތަރު ދުވުންތެރިންނަށް އަންނަ ކުރިއެރުންތަކާ ބެހޭ ގޮތުން ނަސްރު ބުންޏެވެ.

"ކުރިން ނަމަ މި އުޅޭ ކުއްޖެއް ފައިވް ކޭ ދުވަނީ އެވްރެޖްކޮށް 18 މިނިޓުން. މިހާރު އެވްރެޖްކޮށް 16 މިނިޓުން ވާނެ. ޓެން ކޭ ވެއްޖެއްޔާ ޓްރޭނިންގައި 34 މިނިޓުން ދުވެލެވޭ."

ނޭޕާލުގެ ތަމްރީންތަކަށް ފަހު މެރެތަންގެ ވަގުތުތައް، ބްރެކެޓްގައި ކުރީގެ ވަގުތު

ޝިފާޒު މުހައްމަދު، 2 ގަޑި 40 މިނިޓް، ގައުމީ ރެކޯޑް (ފުރަތަމަ މެރަތަން)

އަހުމަދު ރިޒާ، 2 ގަޑި 49 މިނިޓް، (2 ގަޑި 51 މިނިޓް)

މުހައްމަދު ރަޝީދު، 2 ގަޑި 51 (2 ގަޑި 55 މިނިޓް)

ނަސްރުﷲ އަހުމަދު 3 ގަޑި 18 މިނިޓް (3 ގަޑި 32 މިނިޓް)

ކުރިންސުރެ ތަމްރީންތަކުގައި ޝިފާޒްގެ މުހިންމު ބައިވެރިއެއް ކަމަށްވާ ރިޒާގެ ނަޒަރުގައި އޭނާގެ އެކުވެރިޔަކީ "ވަރަށް ޕޮޓެންޝަލް ހުރި ކުއްޖެކެ"ވެ. އޭނާގެ ކިބައިން ފެންނަނީ ހަމައެކަނި ރާއްޖޭގައި ކާމިޔާބީތަކެއް ހޯދުމުގެ ހުނަރެއް ނޫނެވެ. އޭޝިއާ ސަރަހައްދުން ވެސް މެޑެލްތަކެއް ގެނެވޭނެ ފެންވަރު އެބަ ހުރި ކަމަށް ރިޒާ ގަބޫލުކުރެ އެވެ.

މިކަމަށް ޝިފާޒް "100 ޕަސެންޓް ދީފިއްޔާ އޭޝިއާ ސަރަހައްދުން ވެސް މެޑެލް ހޯދިދާނެ. ޝިފާޒަށް ސަޕޯޓް ލިބިއްޖެއްޔާ އާދަޔާ ހިލާފު ބޮޑު އިމްޕްރޫޕްމެންޓެއް [ލިބޭނެ]،" ރިޒާ ބުންޏެވެ.

ޓީމުގެ މެނޭޖަރެއްގެ ގޮތުން ނަސްރުގެ އުއްމީދުތައް ވެސް ހުރީ މަތީގަ އެވެ. ދުވުންތެރިން ކުރަމުން އަންނަ މަސައްކަތް އެންމެ ކައިރިން ބަލަމުން، ހިތްވަރުދެމުން އަންނަނީ ނަސްރެވެ. އޭނާ ބުނި ގޮތުގައި ރާއްޖޭގައި މިހާތަނަށް މެރެތަން ދުވުންތެރިޔަކަށް ނުދުވެވޭ ވަރުގެ ވަގުތަކާ ހަމައަށް ޝިފާޒަށް ދެވިދާނެ އެވެ.

"އަމާޒަކީ 2 ގަޑި 25 މިނިޓްގެ ވަގުތަކާ ހަމައަށް ދިއުން،" ޝިފާޒަށް ނިސްބަތްކޮށް އޭނާ ބުންޏެވެ.

ކޮންމެ ދުވުންތެރިއެއްގެ ވެސް އަޒުމެއް

ޝިފާޒްގެ އިތުރުން މިއިން ކޮންމެ ދުވުންތެރިއެއްގެ ވެސް އަޒުމްތަކެއް އެބަ އޮތެވެ. ހުރިހާ ދުވުންތެރިން ވެސް ދެން މިސްރާބު ޖަހާނީ މި މަހު 26 ގައި އޮންނަ ދުބާއީ މެރަތަން އަށެވެ.

ނަސްރު އަމާޒު ހިފާފައި ވަނީ ތިން ގަޑިއިރަށް ވުރެ އަވަހަށް މެރަތަންއެއް ޖަހާށެވެ. މިހާތަނަށް ރާއްޖޭގައި އެކަން ކުރެވިފައި އޮތީ އެންމެ ފަސް ދުވުންތެރިންނަށެވެ. އެއީ ޝިފާޒާއި ރިޒާ އާއި މޯޑްގެ އިތުރުން، ޝިފާޒްގެ ކުރިން މެރެތަންގެ ރެކޯޑް އޮތް އަހުމަދު ޝަރަފް އާއި ކުރީގެ ދުވުންތެރިޔާ ހުސެން ހަލީމް (ކުޑަހުސެން) އެވެ. އެހެންވެ މި ހާއްސަ "ކްލަބުން" ނަސްރަށް ފުރުސަތު ލިބުމަކީ، ރާއްޖޭގެ ނިސްބަތުން، ވަރަށް ބޮޑު ކާމިޔާބަކަށް ވާނެ އެވެ.

ރިޒާ އާއި މޯޑު މަސައްކަތްކުރަމުން އަންނަނީ އެ މީހުންގެ މެރަތަންގެ ވަގުތު އަވަސްކުރާށެވެ. ރިޒާގެ އަމިއްލަ ބައެއް ކަންކަމާ ހެދި މިފަހަރު ލަންކާގެ ތަމްރީންތަކުގައި ބައިވެރިއެއް ނުވެ އެވެ. އެކަމަކު އޭނާ މާލޭގައި ގެންދަނީ، އެހެން ދުވުންތެރިންނެކޭ އެއްގޮތަށް، ތަމްރީންތައް ފުރިހަމަކުރަމުންނެވެ.

"މިހާރު ޓާގެޓް މިކުރަނީ 2:30 ގެ ކުރިން ނިންމޭތޯ،" ރިޒާ ބުންޏެވެ.

ސީދާ މެރަތަންއަށް ހަށިގަނޑު އޭގެ އެންމެ މަތީ ފެންވަރުގައި ބޭނުންކުރެވޭ ވަރަށް ވުރެ މޯޑު އަދި ޒުވާނެވެ. އެކަމަކު އޭނާއަށް ވެސް ވަރަށް ބޮޑު ކުރިއެރުންތަކެއް ވަނީ ލިބިފަ އެވެ. އެހެންކަމުން މޯޑުގެ ހިތްވަރާއި ލަނޑުދަނޑި އެހެން ދުވުންތެރިންނަކަށް ވަކި ދުލެއް ނުކުރެ އެވެ.

"ހަގީގަތުގައި ބޭނުންވަނީ ފެމިލީ އަށް، ރާއްޖެއަށް، ސިފައިންގެ މުއައްސަސާއަށް، އަޅުގަނޑުގެ ދަރިންނަށް ދައްކައިދޭން އަޅުގަނޑަކީ ބޮޑެތި ގުރުބާނީތަކެއް ވެފައި ހުރި މީހެއްކަން،" މޯޑް ބުންޏެވެ.

އެމްއެންޑީއެފްގެ މެރެތަން ދުވުންތެރިން ކަމަށްވާ ނަސްރު އާއި މުހައްމަދު ރަޝީދު، ނޭޕާލުގައި ކާން ތައްޔާރުކުރަނީ: ތަމްރީނުތައް މިހާރު ހަދަމުން އަންނަނީ ލަންކާގައި

އެމްއެންޑީއެފްގެ މެރެތަން ދުވުންތެރިން ކަމަށްވާ ނަސްރު އާއި މުހައްމަދު ރަޝީދު، ނޭޕާލުގައި ކާން ތައްޔާރުކުރަނީ: ތަމްރީނުތައް މިހާރު ހަދަމުން އަންނަނީ ލަންކާގައި

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމާއި އެމްއެންޑީއެފްގެ އެހެން ވެރިންނާއި ސިފައިންގެ ކްލަބަށް މި ދުވުންތެރިންގެ ޝުކުރު ވަރަށް ބޮޑަށް އެބަ އޮތެވެ. ހަތަރު ދުވުންތެރިން ވެސް ބުނާ ގޮތުގައި ސިފައިންގެ އިސް ވެރިންނާއި ސިފައިންގެ ކްލަބްގެ އެހީތެރިކަން ނެތި މިހާ ހިސާބަކަށް ނާދެވުނީހެވެ.

"ވަރަށް ފުރިހަމަ އެއްބާރުލުމެއް، ސަޕޯޓެއް އެމްއެންޑީއެފްގެ އެންމެ މަތިން ފެށިގެން ވެސް އަޅުގަނޑުމެންނަށް ލިބެމުން އަންނަނީ،" ނަސްރު ބުންޏެވެ.

ދުބާއީ މެރަތަންއަށް ފުރަން ވަންދެން ދުވުންތެރިން ތިބޭނީ ލަންކާގަ އެވެ. އޭގެ ފަހުން ދުބާއީ އަށް ފުރާނީ ރާއްޖޭގެ ދިގު ދުވުންތެރިންނަށް އާ ހިތްވަރެއް ލިބޭނެ ފަދަ ނަތީޖާއަކަށް އެދިގެންނެވެ.

"އަމިއްލައަށް ހާލުގައި އުޅެގެން މަސައްކަތްކުރީމާ ނަތީޖާ މާ ރަނގަޅުހެން ހީވަނީ،" ނޭޕާލާއި ލަންކާގައި ހަދާ ތަމްރީންތަކަށް އަމާޒުކޮށް ނަސްރު ބުންޏެވެ.

"ގިނަ ފަހަރަށް އަމިއްލައަށް ކުރަން ޖެހޭ ގިނަ ކަންކަން ކެންސަލްކޮށްފައި ޓްރޭނިންއަށް ހަރަދުކުރަނީ. ހިތަށްއަރާނެ ތިމަންނަ ވަރަށް ހާލުގައޭ މިކަން މިކުރަނީ. އެހެންވެ 100 ޕަސެންޓް ދީގެން މަސައްކަތްކުރާނެ."

ހަގީގަތުގައި ސިފައިންގެ މި ޓީމުގެ ހިތްވަރަށް ސާބަސް ދޭން ޖެހެ އެވެ. އެ މީހުން ކުރަމުން އެ އަންނަ މަސައްކަތް، މަތިމަތިން ބަލައިލުމަކުން އަދި ނުވިސްނިދާނެ އެވެ. އެކަމަކު މިއީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ، ވަރަށް ބޮޑު ހިތްވަރެއް ނެރެމުން އަންނަ ޓީމެކެވެ. މިއީ އެހެން ދުވުންތެރިންނަށް ވެސް ނަމޫނާއެކެވެ.