04 ޖުލައި 2016
ސިވިލް ކޯޓުގެ އަނިޔާވެރި އަމުރަކުން، ހަވީރު ނޫސް ހުއްޓުވި އިރު، އެ ނޫހުގައި އެެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކުރި އެއްވެސް މީހަކަށް އިއްޔެ އިން ފެށިގެން ދެ އަހަރު ދުވަހުގެ ތެރޭގައި، މީޑިއާގެ އެއްވެސް ވަސީލަތެއްގައި މަސައްކަތް ކުރުން މަނާ ކޮށް ކޯޓުން ކުރި ހުކުމަކީ، އަނިޔާވެރިކަން އޭގެ އިންތިހާގައިވާ ހުކުމެކެވެ. އިސްލާމީ ޝަރީޢަތުގެ ޢާންމު އުޞޫލުތަކާއި ގާނޫނީ މަބްދައުތަކާ ވެސް މުޅިން ޚިލާފު ނިންމުމެކެވެ.
ސިވިލް ކޯޓުގެ އަނިޔާވެރި އަމުރަކުން، ހަވީރު ނޫސް ހުއްޓުވި އިރު، އެ ނޫހުގައި އެެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކުރި އެއްވެސް މީހަކަށް އިއްޔެ އިން ފެށިގެން ދެ އަހަރު ދުވަހުގެ ތެރޭގައި، މީޑިއާގެ އެއްވެސް ވަސީލަތެއްގައި މަސައްކަތް ކުރުން މަނާ ކޮށް ކޯޓުން ކުރި ހުކުމަކީ، އަނިޔާވެރިކަން އޭގެ އިންތިހާގައިވާ ހުކުމެކެވެ. އިސްލާމީ ޝަރީޢަތުގެ ޢާންމު އުޞޫލުތަކާއި ގާނޫނީ މަބްދައުތަކާ ވެސް މުޅިން ޚިލާފު ނިންމުމެކެވެ.
އަނެއްކާ މިހެން ބުނެގެން އެކަމާ ދެކޮޅަށް ކޯޓު ތެދުވުމުގެ ކުރިން، ގާނޫނުއަސާސީގެ 56 ވަނަ މާއްދާ ހަނދާންކޮށްލުން މުހިންމެވެ. ޖިނާއީ އަދި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓު އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ހައްގު މައްސަލައާ ގުޅުން ހުރި ކޮންމެ މީހަކަށް ލިބިގެންވާ ކަމަށް އެ މާއްދާގައި އޮތުމުން، ކޯޓުން ކުރާ ހުކުމްތަކާ ދެކޮޅުހެދުމުގެ ހައްގު ލިބިގެންވާ ކަން އެނގެ އެވެ. އިސްތިއުނާފް ކުރުމުގެ ހައްގު ލިބިދީފައި އޮންނަނީ ކޯޓުގެ ނިޔާއަކީ އަނިޔާއެއް ކަމަށް ގަބޫލުކުރުމުގެ ފުރުސަތު އޮންނާތީ އެވެ. އެހެންކަމުން ކޯޓުގެ ނިޔާއަކީ އަނިޔާއެއް ކަމަށް ބުނުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.
ހަވީރުގެ މައްސަލައިގައި ސިވިލް ކޯޓުން އިއްޔެ ކުރި ޙުކުމަކީ އިސްލާމީ ޝަރުޢީ ހަމަތަކާ ވެސް އަދި ގާނޫނީ ހަމަތަކާ ވެސް ޚިލާފު ހުކުމެއް ކަމަށް ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކުމެ ގަބޫލުކުރާނެ އެވެ. އެއީ އިންސާފުވެރި ހުކުމެއް ކަމަށް ގަބޫލު ކުރާނެ އެންމެ ހަތަރު މީހުން ނޫނީ ތިބޭނެ ކަމަށް ނުބެލެވެ އެވެ. އެއީ ދައުވާކުރި ތިން މީހުންނާއި އެ ހުކުމް ކުރި ގާޒީ އެވެ.
މައްސަލައިގެ ހުކުމްގައި ގާޒީ ހަވާލާދެއްވާފައިވާ އިސްލާމީ ފިޤްހީ ޤާޢިދާ (އިސްލާމިކް ލީގަލް މެގްޒިމް) އަކީ "ގެއްލުން ދުރު ކުރެވޭ ހުއްޓޭ" (الضرر يزال) އޮންނަ ބަސްފުޅެވެ. އިސްލާމީ ޢިލްމުވެރިން މި ފިޤްހީ ޤާޢިދާ އެކަށައެޅުއްވި ބިންގަލުގެ އަސްލަކީ، ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ (لا ضرر ولا ضرار) "ގެއްލުން ލިބިގަތުމެއް އަދި ގެއްލުން ދިނުމެއް ވެސް ނުވެއެވެ" މި ބަސްފުޅު ނޫންތޯ އެވެ. އެކަލޭގެފާނުގެ މި ބަސްފުޅުގައި ގެއްލުމާ ބެހޭ މައިގަނޑު ދެ ރުކުނެއް ހިމެނޭ ކަން ހަނދާން ނެތުނީތޯ އެވެ. ފުރަތަމަ ކަމަކީ ތިމާގެ އަމިއްލަ ނަފްސަށް ގެއްލުން ލިބިގަތުން ހުއްދަ ނުވުމެވެ. ދެ ވަނަ ކަމަކީ އަނެކާ އަށް ގެއްލުމެއް ދިނުން ވެސް ހުއްދަ ނުވުމެވެ.
މި ނަބަވީ ބަސްފުޅަށް ބިނާކުރައްވައި އިލްމުވެރިން އެކަށައަޅުއްވާފައިވަނީ އެންމެ ފިޤުހީ ޤާޢިދާއެއް ނޫނެވެ. "ގެއްލުން ދުރުކުރެވޭ ހުއްޓޭ" އޮންނަ ފިޤުހީ ޤާޢިދާ ނާޖާއިޒު ގޮތެއްގައި ބޭނުން ހިފައިފާނެ ކަމަށްޓަކައި ކުރިން ދެންނެވި ނަބަވީ ބަސްފުޅު އެކުގައި ޝާމިލްވާ ފިޤްހީ ޤާޢިދާތަކެއް އިލްމުވެރިން އެކަށައަޅާފައި އޮންނަ ކަން ވެސް ހަނދާންކޮށްލަން ޖެހެ އެވެ. އޭގެ ތެރެއިން ފުރަތަމަ ބަސްފުޅަކީ (الضرورات تبيح المحظورات) "ޒަރޫރަތްތެރިކަން، މަނާ ކަންތައް ހުއްދަ ކުރެތެވެ" މިފަދައިން އޮންނަ ޤާޢިދާ އެވެ. މި ޤާޢިދާގެ ތަފްޞީލީ އަނެއް ޤާޢިދާއަކީ (ما أبيح للضرورة يُقدَّر بقدرها) "ޟަރޫރަތަކަށްޓަކައި ކަމެއް ހުއްދަވާނީ، އެ ޟަރޫރަތެއް ފިލުވައިލެވޭ މިންވަރަށެވެ" މި ބަސްފުޅެވެ. މި ދެ ޤާޢިދާ މުޅިން ތަފްޞީލުކޮށްދޭ ތިން ވަނަ ޤާޢިދާއަކީ (الضرر لا يزال بالضرر) ގެއްލުން ދިނުމަކުން ގެއްލުމެއް ފިލުވައި ނުލެވޭ ހުއްޓެވެ" މި ބަސްފުޅެވެ.
މި ފިޤުހީ ޤާޢިދާތަކަށް ނަޒަރު ހިންގައިލުމުން ސާފުކަން ވަރަށް ބޮޑު ގޮތެއްގައި އެނގެން އޮތް ހަގީގަތަކީ ގެއްލުމެއް ނައްތައިލުމަށްޓަކައި ފިޔަވަޅު އެޅުމަކީ މުތުލަގު ގޮތެއްގައި އޮންނަ ކަމެއް ނޫން ކަމެވެ. އެހެނެއް ކަމަކު ގެއްލުމެއް ނައްތައިލުމަށްޓަކައި ފިޔަވަޅެއް އެޅޭނީ، އެ ގެއްލުން ކިރިޔައި ފިލުވައިލެވޭ މިންވަރަށެވެ. ހަމަ އެފަދައިން ގެއްލުމެއް ނައްތައިލުމަށޭ ކިޔާފައި އެހެން މީހަކަށް ނުއެކަށޭނަ ގެއްލުމެއް ދިނުން ވެސް ހުއްދައެއް ނުވާނެ އެވެ.
"ހަވީރު" ހުއްޓައިލުމާ ގުޅިގެން އެތާނގެ ނޫސްވެރިން ވަޒީފާއެއް ނެތި ތިބި ދުވަސްވަރު ބައްދަލުވެލަނީ: ސިވިލް ކޯޓުން ވަނީ މި މީހުން މަސައްކަތް ކުރުމުގެ ހައްގު ނިގުޅައިގެންފައި.
ދެން އޮތީ ގެއްލުމަކާއި މަސްލަހަތެއް އެކުގައި ކުރިމަތިވެއްޖެ ނަމަ، އަމަލުކުރާނެ ގޮތެކެވެ. ކޯޓުގެ ހުކުމަށް ބަލާއިރު، ހަވީރު ނޫހުގައި މަސައްކަތްކުރި މީހުން، އެހެން މީޑިއާއެއްގައި މަސައްކަތް ކުރުން މަނާކުރީ، ހަވީރު ނިއުސް އޭޖެންސީގެ ތިން ހިއްސާދާރުންގެ މަސްލަހަތު ހިމާޔަތް ކޮށްދިނުމަށެވެ. އެހެންވީމާ މީގެ އެއްކޮޅުގައި އޮތީ، ޑރ. ޒާހިރު ހުސައިންގެ އަމިއްލަ ގެދޮރު ރަހުނުކޮށްގެން ނެގި ލޯނުތަކުން ތަރައްގީ ކުރި ވިޔަފާރިން އެ ބުނާ ތިން މީހުންނަށް، ކޯޓު މެދުވެރިކޮށް ލިބެން އޮތް ފައިދާ އެވެ. އަނެއް ކޮޅުގައި އޮތީ ހަވީރުގައި މަސައްކަތް ކުރި 70 އަށް ވުރެ ގިނަ މީހުން އެހެން މީޑިއާއެއްގައި މަސައްކަތްކުރުން މަނާކުރުމުން އެ މީހުންނަށް ލިބޭނެ ގެއްލުމެވެ.
މި ފަދަ ޙާލަތުގައި އަމަލުކުރަން އޮންނަ ފިޤުހީ ޤާޢިދާއެއް ވެސް ހަނދާނަށްޓަކައި މިތަނުގައި ފާހަގަކޮށްލާނަމެވެ. އެއީ (درء المفاسد مقدم على جلب المصالح) "މަޞްލަހަތުތައް ލިބިގަތުމުގެ މައްޗަށް، ފަސާދަތައް ނައްތައިލުން އިސްވެގެންވެ އެވެ" އޮންނަ ފިޤުހީ ޤާޢިދާ އެވެ. ތިރީސް އަހަރު ވަންދެން ގައިން އެންމެ ދާތިއްކެއް ވެސް އޮހުރުވުމަކާ ނުލައި ލިބެން އޮތް މާލީ ފައިދާއެއް ބަޔަކަށް ހޯދައިދިނުން، 70 އެތައް މުވައްޒަފުންނެއް އާމްދަނީ ހޯދަން ކުރާ މަސައްކަތް ދެ އަހަރު ވަންދެން ހުއްޓުވުމުގެ މައްޗަށް އިސްކުރެވުނު ގޮތެއް އެނގޭނީ ގާޒީ އަށެވެ.
ދެން އޮތީ، މި މައްސަލައިގައި ހިމެނެނީ ދެ ގެއްލުން ކަމުގައި ބެލުމެވެ. އެފަދަ ޙާލަތުގައި ޢަމަލުކުރަން އޮންނަ އިސްލާމީ ފިޤްހީ ޤާޢިދާއަކީ، ދެ ގެއްލުމުގެ ތެރެއިން ކުޑަ ގެއްލުމަށް އިސްކަންދީ (ކުޑަ ގެއްލުމުގެ ބޭނުން ހިފައި) ބޮޑު ގެއްލުން ނައްތައިލުމެވެ. މި އުސޫލުން ޢަމަލުކުރުމުން، ފެތިގެން އެ ދަނީ ކުރިން ދެންނެވި "މަޞްލަހަތުތައް ލިބިގަތުމުގެ މައްޗަށް، ފަސާދަތައް ނައްތައިލުން އިސްވެގެންވެޔޭ" އޮންނަ ފިޤުހީ ޤާޢިދާ އަށެވެ.
ގާޒީ ވަޒަން ކޮށްލައްވާށެވެ! ބޮޑީ، އެ 70 އަށް ވުރެ ގިނަ މީހުން މީޑިއާގައި މަސައްކަތް ކުރުމުން، އެ ބުނާ ތިން ހިއްސާދާރުންނަށް ލިބޭ ގެއްލުން ހެއްޔެވެ؟ ނުވަތަ އެ ބުނާ ތިން ހިއްސާދާރުންނަށް ލިބެން އުޅޭ މާލީ ފައިދާއެއް ހޯދައިދިނުމަށްޓަކައި، އެ 70 އަށް ވުރެ ގިނަ މީހުންގެ ވަޒީފާ ހުއްޓުވުމުން އެ މީހުންނަށް ލިބޭނެ ގެއްލުން ހެއްޔެވެ؟ ގާޒީ މެދުވެރިވެގެން އެ ތިން ހިއްސާދާރުންނަށް ހޯދައިދޭން ތިޔަ އުޅެނީ ވެސް، ހަމަ އެ މުވައްޒަފުން ރެޔާއި ދުވާލު ޑިއުޓީ ބަހައިގެން އެތައް އަހަރެއް ވަންދެން ކުރި މަސައްކަތުން ހަވީރު ނޫހަށް ހޯދާފައިވާ އާމްދަނީގެ ފައިދާ އެވެ. މިއީ ހުޅަނގުން އިރު އެރިޔަސް ދޮގުކުރެވޭނެ ހަގީގަތެއް ނޫނެވެ.
މި ހުކުމަކީ ގެއްލުން ދުރުކުރުމުގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ހުކުމަކަށް ބަލާއިރު، ގެއްލުން ދުރުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ޒަރޫރީ ކަމެކެވެ. ނަމަވެސް ޒަރޫރަތްތައް ފުއްދުމުގައި ވެސް އިސްލާމީ ޝަރީޢަތުގައި އުސޫލުތަކެއް ކަނޑައެޅިފައި އެބަ ހުއްޓެވެ. ޒަރޫރަތްތައް ފުއްދުމުގައި އިލްމުވެރިންގެ މެދުގައި އެންމެ މަޝްހޫރު ފިޤްހީ ޤާޢިދާއަކީ (الضرورات تقدر بمقاديرها) "ޟަރޫރަތްތައް މިން ކުރެވޭނީ އެ ޟަރޫރަތްތަކުގެ މިންތަކުންނެވެ." މިފަދައިން އޮންނަ ބަސްފުޅެވެ.
މި ފިޤްހީ ޤާޢިދާ އިން ދޭހަކުރެވޭ މާނައަކީ ޒަރޫރަތެއް ފުއްދުމުގައި އަމަލުކުރަންވާނީ އެ ޒަރޫރަތެއް ކޮންމެހެން ފުދޭ މިންވަރަކަށެވެ. އެ ކަމުގެ މިސާލަކީ، ކާނެ އެއްވެސް އެއްޗެއް ނެތި ބަނޑަށް މަރުވާން ކައިރިވެފައި ހުރި މީހެކެވެ. އޭނާ އަށް އެ ވަގުތު ލިބެން އޮތްހާ ވެސް އެއްޗަކީ އޫރު މަސް ފަދަ ޙަރާމް އެއްޗެކެވެ. ނަމަވެސް އިންސާނާގެ ފުރާނަ ސަލާމަތް ކުރުމަކީ އިސްލާމީ ޝަރުޢީ ޟަރޫރަތްތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ، ﷲ ޙަރާމް ކުރެއްވި އެއްޗެއް ކައިގެން ވިޔަސް، އެ ފުރާނަ ސަލާމަތްކުރުން ހުއްދަ އެވެ. ނަމަވެސް މި ޙާލަތުގައި އެ ޒަރޫރަތްތެރިކަމުގެ ބޭނުން ހިފަން ޖެހޭނީ އެ ޒަރޫރަތުގެ މިންވަރަށެވެ. މާނައަކީ އޭނާގެ ކުރިމަތީގައި އޮތް އޫރު މަސްގަނޑުން، ބަނޑުފުރި އަލާ ކެނޑެންދެން ކެއުން ހުއްދައެއް ނުވާނެ އެވެ. ކެއުން ހުއްދަ ވާނީ އޭނާގެ ހައިކަން ކިރިޔާ ފިލާ މިންވަރަށެވެ. ނުވަތަ އޭނާގެ ފުރާނަ ސަލާމަތްކުރުމަށް ކިރިޔާ ބޭނުންވާ މިންވަރަށެވެ.
މި އުސޫލުން ބަލާއިރު، ހަވީރުގެ ހިއްސާދާރުން ކަމަށް ބުނެ ދައުވާ ކުރި މީހުންނަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ނަމަ، އެ ގެއްލުމެއް އަނބުރާ ރުޖޫއަކުރުމަކީ އިސްލާމީ ޝަރީއާ ދެކޮޅު ހަދާ ކަމެއް ނޫނެވެ. ނަމަވެސް އެ މީހުންގެ މަންފާ ލިބިގަތުމަށްޓަކައި، އެ ކަމާ ގުޅުމެއް ނުވެސް ނެތް ބަަޔަކު، އެ މީހުންގެ ވަޒީފާ އަދާކުރުން ދެ އަހަރު ވަންދެން މަނާ ކުރުމަކީ އިސްލާމީ ޝަރުޢީ ނިޒާމާ ޚިލާފު ނިންމުމެއް ކަމުގައި ނޫނީ ނުވާނެ އެވެ. އެއީ އެ ތިން މީހުންގެ ހައްގު ލިބިދިނުމުގެ ގޮތުން އަޅާ ފިޔަވަޅާއި، އެކަމުގެ ސަބަބުން އަނެއް މީހުންނަށް ލިބޭ ގެއްލުމުގައި، އަޅައި ނުކިޔޭ ވަރުގެ ނުބައްދަލު ތަފާތުތަކެއް ހުރުމުންނެވެ. އިސްލާމީ ފިޤްހީ ޤަވާޢިދުތަކާއި ޝަރުޢީ އުސޫލުތައް ސާފު ބަހުން ބުނާ ގޮތުގައި އެހެން މީހަކަށް ގެއްލުމެއް ލިބިދާނެ ކަމެއް ކުރުމަކީ ދީން ހުއްދަ ކުރާ ކަމެއް ނޫނެވެ.
އެހެންކަމުން، "ގެއްލުން ދުރުކުރެވޭ ހުއްޓޭ" އޮންނަ ފިޤުހީ ޤާޢިދާ އަށް ރިޢާޔަތް ކޮށް، ގެއްލުމެއް ދުރުކުރުން ޝަރުޢުގައި ހުއްދަ ވާނީ، އެ އަޅާ ފިޔަވަޅެއްގެ ސަބަބުން އެހެން އިންސާނަކަށް އެފަދަ ގެއްލުމެއް ކުރިމަތި ނުވާނޭ ގޮތުގެ މަތިންނެވެ. އެއީ ގެއްލުން ދުރުކުރުމުގައި ފުރިހަމަ ވާން ޖެހޭ ޝަރުތެއް ކަމަށް އިލްމުވެރިން އެއްބަސްވެ އެވެ. އެހެނީ ކޮންމެ އިންސާނަކީ ވެސް ﷲގެ ބެލެހެއްޓުންތެރިކަމުގެ ދަށުގައިވާ އަޅެކެވެ.
"ހަވީރު" ގައި ކުރިން މަސައްކަތްކުރި ނޫސްވެރިން އަލަށް އުފެއްދި "މިހާރު" ނޫހުގައި މަސައްކަތް ކުރަނީ.
ދެން އޮތީ ގާނޫނީ ނުކުތާތަކެވެ. ނަމަވެސް މީގެ ތެރެއިން އެންމެ ދެ ނުކުތާއަކުން ފުއްދައިލާނީ އެވެ. ފުރަތަމަ ނުކުތާއަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުން އަމަލުކުރަންވާނީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ރާއްޖޭގެ ގާނޫނުތަކަށް ކަމަށް ގާނޫނުއަސާސީގެ 142 ވަަނަ މާއްދާގައި ބުނެފައި އޮތުމެވެ. ވީމާ ކިތަންމެ މަތީ ކޯޓެއްގެ ފަނޑިޔާރަކަށް ވެސް ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ އިމުން ބޭރުން ހުކުމެއް ނީއްވޭނެ އެވެ. އިއްވައިފި ނަމަ އެ ވާނީ ޣައިރު ގާނޫނީ ހުކުމަކަށެވެ.
ގާނޫނުއަސާސީގެ 37 ވަނަ މާއްދާގައި ބުނެފައި އޮންނަނީ، ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. މިހާ ސާފުކޮށް މި ހައްގު ކަށަވަރުކޮށްދީފައި އޮތް އިރު، ބަޔަކު ކުރި ކުށަކާ ނުލައި، 70 އަށް ވުރެ ގިނަ މީހުން އެ މީހުން ކުރަމުން އައި މަސައްކަތް، ދެ އަހަރު ވަންދެން ކުރުން މަނާކުރުމަކީ، ގާނޫނުއަސާސީ އަށް އަމަލުކުރުން ކަމުގައި ބުނަންވީ ހެއްޔެވެ؟ ހަވީރު ނޫހުގައި ވަޒީފާ އަދާކުރުމަކީ ގާނޫނީ ނުވަތަ ޝަރުއީ ގޮތުން ކުށަކަށް ވީ ގޮތެއް ގާޒީ ބުނެެދެއްވާށެވެ!
މިއީ އަޅުވެތިކަމުގެ ޒަމާނެއް ނޫނެވެ. އިސްލާމީ ޝަރީއަތާ އެކު އަޅުވެތިކަން ނައްތައިލިތާ ސާދަ ގަރުނު ވެއްޖެ އެވެ. އެކަމަކު ވެސް އިސްލާމީ ޝަރީއަތާ ހަވާލައިދީ، ތިޔަ ހުކުމް ކުރެއްވީ، ހަވީރު ނޫން އެހެން މީޑިއާއެއްގައި ދެ އަހަރު ވަންދެން މަސައްކަތް ނުކުރެވޭނެ ކަމަށެވެ. ނޭނގި ނަމަވެސް ތިޔަ މަޖުބޫރު ކުރީ، މީޑިއާގައި މަސައްކަތް ކުރަން ބޭނުން ނަމަ ހަވީރު ގައި މަސައްކަތް ކުރާށެވެ. މިއީ އެއްވެސް މީހަކު އަޅުވެތިކޮށްގެން ނުވާނެ ކަމަށާއި އެއްވެސް މީހަކު ލައްވައި މަޖުބޫރުން މަސައްކަތް ކުރުވައިގެން ނުވާނެ ކަމަށް ގާނޫނުއަސާސީގެ 25 ވަނަ މާއްދާގައި ބުނެފައިވާ ބުނުމާ ކަނޑައެޅިގެން ޚިލާފު ހުކުމަކަށް ނުވާނެތޯ އެވެ؟
އިސްލާމީ ޝަރީއާގެ ކަންފުޅެއް ވެސް ނެތް އަދި ގާނޫނީ އެއްވެސް ހަމައެއް ނެތި އިއްވި ހުކުމުގެ ސަބަބުން، ގާނޫނު އަސާސީގެ އެތައް ހައްގެއް ނިގުޅައިގަތީ އެވެ. އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނުގައި މަނާކޮށްފައި ނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ނިގުޅައިގަތީ އެވެ. އަޅުވެތި ނުކުރުމާއި ގަދަކަމުން މަސައްކަތް ނުކުރުވުމުގެ ހައްގުން މަހުރޫމް ކުރީ އެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅީ އެވެ. ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަތީ އެވެ. މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިނިވަންކަން އަތުލީ އެވެ. މަސައްކަތްކުރުމުގެ ހައްގުން މަހުރޫމް ކުރީ އެވެ. މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގު ނިގުޅައިގަތީ އެވެ. ކުށެއް ކަމަށް ކަނޑައެޅިފައި ނުވާ ކަމަކަށް އަދި ގާނޫނަކަށް ރިއާޔަތް ކުރުމެއް ނެތި އަދަބު ވެސް ދިނީ އެވެ.
ގާނޫނުއަސާސީގެ ދެ ވަނަ ބާބުން ކަށަވަރު ކޮށްދޭ މި ހުރިހާ ހައްގުތަކާއި މިނިވަންކަން ނިގުޅައިގަންނަ ހުކުމެއް ކުރީމާ ވެސް، ފަނޑިޔާރު އެ އަމަލު ކުރެއްވީ ގާނޫނުއަސާސީއަށާއި ގާނޫނުތަކަށޭ ބުނަންވީތޯ އެވެ. ގާޒީ ހުކުމް ކޮށް ނިންމި ތަނުން، އެ ހުކުމް ތަންފީޒު ކުރެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު ފާޅުގައި ވިދާޅުވުމަށް ވުރެ ވަކިން ބޮޑަށް، އެ ހުކުމެއްގެ ބުރަދަން ގެއްލިގެންދާނެ އެހެން ކަމެއް އޮންނާނެތޯ އެވެ. ޖަވާބެއް ބޭނުމެވެ.
ހަވީރު މުވައްޒަފުންގެ ހައްގު ހިފެހެއްޓި މައްސަލަ ބަލަނީ
"ހަވީރު" އަކީ ޑރ.ޒާހިރުގެ މިލްކެއް: ސުޕްރީމް ކޯޓު
ހަވީރު މުވައްޒަފުންގެ ހުކުމް ލިޔުނީ އަލީ ހަމީދު
ފަސް މިނެޓް: މަތީ މަގާމުތަކަކީ ބޮޑު ބާރުތަކެއް ނޫން
ފަސް މިނެޓް: ދިވެހި ގައުމު 4 އަބްދުﷲގެ އަތްމަތީގައި
ހަވީރުގެ މުވައްޒަފުންގެ މައްސަލައަށް އެމްއެމްސީ ވަންނަނީ
އަނިލްގެ ނިންމެވުމަށް ޝިފާގްގެ ތައުރީފު
ހަވީރުގެ މުވައްޒަފުންނަށް އައީ ޣައިރު ގާނޫނީ އަމުރެއް
ހުކުމްތަކުގެ ތެރެއިން މިއީ ވަރުގަދަ ހުކުމެއް!
އަނިލްގެ ވާހަކަ ތަކަށް ސިވިލް ކޯޓުން ގޮންޖަހައިފި