01 އޯގަސްޓް 2016
އާއިލާތަކާއި މުޖްތަމައުތަކާއި ގައުމުތައް އުފެދިފައި އޮންނަ އިރު، އެކި ފެންވަރުގައި ވެރިން ތިބެ އެވެ. އާއިލާއެއްގައި ވެސް ވެރިއަކު ހުރެ އެވެ. ކޮންމެ މުޖްތަމައެއްގައި ވެރިން ތިބެ އެވެ. އިހުގައި އެމީހުންނަށް ކިޔައި އުޅެނީ ކަމުވޮށިގެންވާ މީހުންނެވެ. ގައުމާއި ދައުލަތުގައި ވެސް ވެރިން ތިބެ އެވެ. އިންސާނީ އާންމު އުސޫލަކީ ވެސް އިންސާނުންގެ ތެރޭގައި ކަންކަމުގައި ބަސް ކިޔައި އުޅެން އެކި ފެންވަރުގައި ވެރިން ތިބުމެވެ. އާންމުން އުޅެމުން ދާނީ ވެރިން ދައްކައިދޭ މަގުންނެވެ.
އާއިލާތަކާއި މުޖްތަމައުތަކާއި ގައުމުތައް އުފެދިފައި އޮންނަ އިރު، އެކި ފެންވަރުގައި ވެރިން ތިބެ އެވެ. އާއިލާއެއްގައި ވެސް ވެރިއަކު ހުރެ އެވެ. ކޮންމެ މުޖްތަމައެއްގައި ވެރިން ތިބެ އެވެ. އިހުގައި އެމީހުންނަށް ކިޔައި އުޅެނީ ކަމުވޮށިގެންވާ މީހުންނެވެ. ގައުމާއި ދައުލަތުގައި ވެސް ވެރިން ތިބެ އެވެ. އިންސާނީ އާންމު އުސޫލަކީ ވެސް އިންސާނުންގެ ތެރޭގައި ކަންކަމުގައި ބަސް ކިޔައި އުޅެން އެކި ފެންވަރުގައި ވެރިން ތިބުމެވެ. އާންމުން އުޅެމުން ދާނީ ވެރިން ދައްކައިދޭ މަގުންނެވެ.
ނަމަވެސް ވެރިއަކަށް ވުމަކީ، އެހެން މީހުންގެ ކަރަށް ފައިން އެރުމަށް ލިބޭ ހުއްދައެއް ނޫނެވެ. ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކީ ރައްޔިތުންގެ ގައިގައި ހަންމުށި އަޅަން ހުންނަ މީހެއް ނޫނެވެ. ސަރުކާރުގެ ވެރިޔާގެ ހައިސިއްތުން ބޮޑުވަޒީރުގެ މަގާމު މީހަކަށް ލިބުނަސް، އެއީ ގައުމުގެ ހުރިހާ ކަމެއް އޭނާގެ މުށު ތެރެއަށް ލުމަށް ލިބޭ ފުރުސަތެއް ނޫނެވެ. ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކަށް ވުމަކީ، އާންމު މަސްލަހަތަށް ބެލުމެއް ނެތި، ވަކި ބަޔަކު ބުނާހާ ގޮތަކަށް ގާނޫނުތައް ފާސްކޮށް ދިނުމަށް އޮތް ހުއްޖަތެއް ނޫނެވެ. އިންސާފުގެ ގޮނޑީގައި އިށީނދެވުމަކީ، އަނިޔާވެރިކަމުގެ ނިޔާތައް އިއްވަން ޖެހޭ ސަބަބެއް ނޫނެވެ. އަދި އަމުދުން ނޫސްވެރިކަމުގެ ގަލަމުގައި ހިފުމަކީ، އެހެން މީހުންގެ އަބުރު ކަތިލައި އާންމު މަސްލަހަތު ނަގައިލަން ލިބޭ ލައިސަންސެއް ވެސް ނޫނެވެ.
ނަމަވެސް މިފަދަ މަގާމެއް ނުވަތަ ހައިސިއްޔަތެއް ލިބިއްޖެ ނަމަ، ކޮންމެ މީހެއްގެ ދެ ކޮނޑު އުފުލި މޭ ފުފިގެންދެ އެވެ. ހިނގާފައި ދާ ނަމަ، ދެ އަތް ހަށިގަނޑާ ފޭވެ އެވެ. މީހަކާ މުޚާތަބު ކުރާ ނަމަ، އަޑު އުފުލި ހަރުކަށިވެ އެވެ. މީހެއްގެ ފަރާތުން ކަމަކަށް އެދޭ ނަމަ އަމުރުގެ ރާގު ހުރެ އެވެ. ކިބުރުވެރިކަމާއި ބޮޑާކަން ހިތަށް ވެރިވެ، އިންސާނާގެ ހައިސިއްޔަތާއި މަގާމާއި ދަރަޖަ ހަނދާން ނެތި ދެ އެވެ.
މަތީ މަގާމެއް ލިބުމަކީ ބޮޑާވެ ކިބުރުވެރިވާންވީ ސަބަބެއް ނޫނެވެ. މި އުންމަތުގެ ޚަލީފާއިންނާއި އިމާމުންނަށް ނުލިބޭ، މަތިވެރި މަގާމަކާއި އިއްޒަތަކާއި ޝަރަފެއް އަޅުގަނޑުމެންގެ ތެރެއިން އެކަކަށް ވެސް މިއަދު ލިބޭނެތޯ އެވެ! މި ދުނިޔެ އިން އެ ބޭކަލުންނަށް ހާސިލު ނުވި ކާމިޔާބެއް އަޅުގަނޑުމެންގެ ތެރެއިން އެކަކަށް ވެސް ހާސިލްވާނެ ތޯ އެވެ. އޭގެ ތެރެއިން ބައެއް ބޭކަލުންނީ، ދިރި ދުނިޔޭގައި ތިއްބެވި ހާލުގައި، ސުވަރުގެވަންތަވެރިން ކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގެންނެވި ބޭކަލުންނެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން އެކަކަށް ވެސް އެ ކަށަވަރު ކަމެއް ނެތެވެ.
ނަމަވެސް އެއިން ބޭކަލަކަށް މަތީ މަގާމެއް ލިބިވަޑައިގެންފި ނަމަ އިސްކުރައްވަނީ ކިބުރުވެރި ކަމާއި ބޮޑާކަމާއި ގޮތް ދެއްކުމެއް ނޫނެވެ. އެ ބޭކަލުންގެ މިޒާޖާއި ޠަބީޢަތް އިހުނަށް ވުރެ މަޑުމައިތިރިވެ އޯގާތެރިވެ އެވެ. މަތީ މަޤާމާއި ލިބިގެންދާ އާރާއި ބާރާއި ނުފޫޒަށް ވުރެ ބޮޑަށް އެ ބޭކަލުންގެ ހިތްޕުޅަށް ވެރިވަނީ، އެ ބޭކަލުންގެ އިސްތަށިފުޅުގައި އެޅިގެންދާ ވަރުގަދަ މަސްއޫލިއްޔަތާއި ޒިންމާތަކެވެ. ތިމާގެ ދަށުގައި ތިބި ރައްޔިތުންނަށް ދޭނެ ލޮޓިއަކާ މެދު ވިސްނުމުގެ ބަދަލުގައި، އެބޭކަލުންގެ ހިތްޕުޅަށް ބިރުވެރިކަން ވެރިކުރުވަނީ، އެ ރައްޔިތުންގެ ހައްގުތަކާ މެދު އަމަލުކުރި ގޮތާ ބެހޭ ގޮތުން ސުވާލު ކުރެވޭނެ ކަން ހަނދުމަފުޅުވާތީ އެވެ.
މި އުންމަތުގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނު ޚިލާފަތަށް އިސްވެވަޑައިގަތީ، އެ މަގާމަށް ދަހިވެތިވެގެން އެ ކަމަށް ކެމްޕޭން ކުރައްވައި "ހަދިޔާ"ގެ ނަމުގައި ރިޝްވަތުގެ ފައިސާތަކެއް ބަހައިގެންނެއް ނޫނެވެ. އެ ކަލޭގެފާނު އެ މަގާމަށް އިސްވެވަޑައިގަތީ އެހެން ޞަޙާބީން އެކަމަށް ބާރު އަޅުއްވައި އެކަމަށް އެދިވަޑައިގެންނެވި ވަރުންނެވެ. ވީއިރު، އެއީ މަގާމުގެ ނުފޫޒާއި ބާރު ދައްކަވާލައްވަން ކިހާ ރަނގަޅު ފުރުސަތެއްތޯ އެވެ. އަބޫބަކުރުގެފާނަކީ، އެކަލޭގެފާނުގެ އިލްމުވެރިކަމާއި ފިގުހުވެރިކަމާއި ހިކްމަތްތެރި ކަމަށް ހުރިހާ ސަހާބީން އެއްބަސްވެވަޑައިގަންނަވާ ބޭކަލެވެ. އެކަން އެހެން އޮތް އިރުވެސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހުގައި ވިދާޅުވީ ކީކޭތޯ އެވެ!
"އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން އަހުރެން މިހުރީ ތިޔަބައިމީހުންގެ މައްޗަށް އިސްކުރެވިފަ އެވެ. އަހުރެންނީ ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ (މި މަގާމަށް އެންމެ އެކަށީގެންވާ) މީހާއެއް ނޫނެވެ. އަހުރެންނަށް ރަނގަޅަށް ކަމެއް ކުރެވިއްޖެ ނަމަ، ތިޔަބައިމީހުން އަހުރެންނަށް ވާގިވެރިވެދޭށެވެ. އަހުރެންނަށް ގޯސްކޮށް ކަމެއް ކުރެވިއްޖެ ނަމަ، ތިޔަބައިމީހުން އަހުރެން ސީދާކޮށްދޭށެވެ! ތެދުވެރިކަމަކީ އަމާނާތެކެވެ. ދޮގުހެދުމަކީ ޚިޔާނާތެކެވެ. ޙައްގެއް ނިގުޅައިގަނެވިފައި ވުމުގެ ސަބަބުން ތިޔަބައިމީހުންގެ ތެރެއިން ނިކަމެތިވެފައިވާ މީހާއީ، އޭނާގެ ޙައްގު އަނބުރައި ހޯދައިދެވުމަށް ދާންދެން އަހުރެންގެ ގާތުގައި އެންމެ ވަރުގަދަ މީހާ އެވެ. އަދި މީހެއްގެ ޙައްގެއް އަތުލައިގެންފައިވުމުގެ ސަބަބުން ތިޔަބައިމީހުންގެ ތެރެއިން އެންމެ ވަރުގަދަ މީހާއީ، އޭނާގެ އަތުން އެ ހައްގެއް އަނބުރާ ހޯދައިދީފުމަށް ދާންދެން އަހުރެންގެ ގާތުގައި އެންމެ ނިކަމެތި މީހާ އެވެ..."
ތިމަންނާއީ ވެރިކަމަށް އެންމެ ގާބިލް މީހާ ކަމަށް އަދި އެންމެ މޮޅު މީހާ ކަމަށް އަބޫބަކުރުގެފާނު ދައުވާއެއް ނުކުރައްވަ އެވެ. އެންމެ ފުރަތަމަ ވެސް އިއުތިރާފްވެވަޑައިގަތީ، އިންސާނަކަށް ވީތީ ގޯސްކޮށް ކަމެއް ކުރެއްވިދާނެ ކަމަށެވެ. އަދި ރައްޔިތުންގެ ކިބައިން އެދިވަޑައިގަތީ، ގޯސްކޮށް ކަމެއް ކުރެއްވިއްޖެ ނަމަ، އެ ކަމެއް ފާހަގަކޮށް އެ ކަމެއް ރަނގަޅު ކުރާނެ ގޮތް ބުނެދިނުމަށެވެ. އަވަހާރަވެއްޖައުމާ ހަމައަށް މަގާމުގައި ދެމިހުންނެވީ އަދުލުވެރިކަން އިސްކުރައްވައި މީހުންގެ ހައްގުތައް އަދާ ކޮށްދެއްވައިގެންނެވެ.
"އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މައްޗަށް ވެރިއަކު ކަމުގައި އަހުރެން އިސްކުރެވިއްޖެ އެވެ. އަހުރެންގެ ކިބައިގައި ހުރި ހަރުކަށިކަން މި ހިނދުން ފެށިގެން ބަލިކަށިވެއްޖެ އެވެ. އެކަމަކު އަނެކުންނަށް އަނިޔާވެރިވެ ޢަދާވާތްތެރިވާ މީހުންގެ މައްޗަށް އަހުރެންގެ ހަރުކަށިކަން އަދިވެސް އޮންނާނެ އެވެ. އެކަކު އަނެކަކަށް އަނިޔާވެރިވެ ޢަދާވާތްތެރިވުމަށް ދޫކޮށްލައިގެން އަހުރެން ނުހުންނާނަމެވެ. މީހެއްގެ ހައްގެއް އަތުލައިގެންފި މީހަކު، އެ ހައްގެއް އަނބުރާ ރައްދު ކޮށްފުމަށް ދާންދެން އަހުރެން އޭނާގެ ކޯތާފަތް ބިންމަތީގައި ޖައްސައި، އަހުރެންގެ އަނެއް ފައިން އޭނާގެ އަނެއް ކޯތާފަތް މައްޗަށް އަރައިގެން ހުންނަ ހުށީމެވެ. އަދި ޢިއްފަތްތެރި މުރުއްވަތްތެރިންނަށްޓަކައި އަހުރެންގެ ކޯތާފަތް އަހުރެން އަމިއްލަ އަށް ބިންމަތީގައި ޖައްސާ ހުށީމެވެ."
މިއީ މުސްލިމުންގެ ދެ ވަނަ ޚަލީފާ ޢުމަރުގެފާނު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ދެއްވެވި ފުރަތަމަ ރިއާސީ ބަޔާނެވެ. އެންމެ ފުރަތަމަ ވެސް ބަޔާން ކުރެއްވީ، ރައްޔިތުންގެ ކުރިމަތީގައި އެކަލޭގެފާނުގެ ނިކަމެތި ކަމާއި އާރެއް ބާރެއް ނެތް ކަމެވެ. އެއީ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ވަރުގަދަ މަސްއޫލިއްޔަތާ ހަވާލުވުމުގެ ސަބަބުން އެ މީހުންގެ ޚާދިމަކަށްވީތީ އެވެ. ހިތްޕުޅު މަޑުމޮޅިވެ، އެކަލޭގެފާނުގެ މިޒާޖުފުޅުގައި ކުރިން ހުރި ހަރުކަށި ގޮތް ނެތިގެން ދިޔައީ އެ ވަރުގަދަ އިލާހީ މަސްއޫލިއްޔަތުގެ ސަބަބުންނެވެ.
ޢުޘްމާންގެފާނަށް ޚަލީފާގެ މަސްއޫލިއްޔަތު ހަވާލު ކުރެވުނީ ވެސް، އެކަލޭގެފާނު އެ ކަމުން ތަނާޒުލުވެވަޑައިގަންނަވަން އެތައް މަސައްކަތެއް ކުރެއްވުމާ ވެސް އެކުގަ އެވެ. އުފެދި ބޮޑުވަމުން، ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ ރޯމަނުންނާއި ފާރިސީންގެ މައްޗަށް ވެރިވަމުން ދިޔަ އިސްލާމީ އުންމަތުގެ ވެރިކަން ލިބިވަޑައިގަތުމުން، ތިމަންނާ އަށް މި ލިބުނީ ހާދަހާ ބޮޑު ބާރަކާއި އިއްޒަތަކާއި ޝަރަފެކޭ ހިތްޕުޅަކަށް އަރައިވަޑައެއް ނުގަންނަވަ އެވެ. ޚިލާފަތަށް އިސްކުރެވުނު ހިނދު ކަންތައް ވެގެން ދިޔައީ ކިހިނެއްތޯ އެވެ؟
އެކަލޭގެފާނު ޚިލާފަތަށް އިސްކުރުމަށް ނިންމުމުން ރައްޔިތުންނާ މުޚާތަބު ކުރެއްވުމަށް މިންބަރަށް އަރައިވަޑައިގެންނެވި އެވެ. ނަމަވެސް އެކަލޭގެފާނުގެ ޙާލުކޮޅު އަބޫބަކުރުގެފާނާއި ޢުމަރުގެފާނަށް ވުރެ ވެސް ބޮޑުވި އެވެ. ދެ ފައިންޕުޅު ތުރުތުރުލާ ވަރުން މިންބަރުގައި ހުންނެވޭ ގޮތެއް ނުވި އެވެ. އޭރު އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ތިއްބެވީ ސުވަރުގެވަންތަވެރި ކަމުގެ ޚަބަރު ލިބިވަޑައިގެންނެވި 10 ބޭކަލުންގެ ތެރެއިން އޭރު ދުނިޔޭގައި ތިއްބެވި ބޭކަލުންނާއި ބަދުރު ހަނގުރާމައިގެ ބައިވެރިންނާއި ބައިޢަތުއް ރިޟްވާންގެ އަހުލުވެރިންނެވެ. އަރިއަޅައިލަފާނެ ހެން ހީފުޅުވުމުން މިންބަރުން ފައިބައިވަޑައިގެންނެވި އެވެ. އަދި ވިދާޅުވި އެވެ؛ "ތިޔަ ބޭކަލުން މިއަދު ބޭނުންފުޅުވެފައި ތިޔަ ތިއްބެވީ ފަޞާޙަތްތެރި ޚަޠީބަކަށް ވުރެ ބޮޑަށް، ޢަދުލުވެރި ވެރިއަކަށެވެ."
ޢިބާރާތް ކިތަންމެ ކުރަސް ޢިބްރަތްތަކުގެ ކަންޒެކެވެ. އެކަލޭގެފާނަށް އެ ހާލަތު މެދުވެރިވެ މިންބަރުގައި ނުހުންނެވުނީ، ކޮނޑުފުޅުގައި އެޅިގެން ދިޔަ މަސްއޫލިއްޔަތުގެ ނުރައްކާ ކަމާއި އުފުލަން ޖެހުނު ހައްގުތަކާއި އަމާނާތްތައް ހިތްޕުޅަށް ވެރިވި ވަރުންނެވެ. އެއީ ލިބުނު އިއްޒަތަކާއި ޝަރަފެއް ނޫން ކަމާއި، ކުރިމަތިވި ވަރުގަދަ އިމްތިހާނެއް ކަމަށް ގަބޫލުފުޅު ކުރެއްވުމުންނެވެ.
ޢަލީގެފާނު ވެރިކަމާ ހަވާލުވެވަޑައިގަތީ އުންމަތުގައި ލި ފުރަތަމަ ރެނދު ފުޅާވެ ބޮޑުވަމުން ދަނިކޮށެވެ. އިސްލާމީ ދައުލަތުގައި އޭރު ތިއްބެވި ކަމުވޮށިގެންވާ ބޭބޭކަލުންގެ އާދޭހާ އެކުގައި އާންމު ރައްޔިތުން ބައިއަތު ހިފުމުން ވިދާޅުވީ ކީކޭތޯ އެވެ!
"ހަމަކަށަވަރުން އަހުރެންނަކީ ވެސް ހަމަ ތިޔަބައިމީހުންގެ ތެރެއިން ވާ މީހަކީމެވެ. އަހުރެންނަށް ލިބިގެންވަނީ ތިޔަބައިމީހުންނަށް ވެސް ލިބިގެންވާ ހައްގުތަކެވެ. އަދި އަހުރެންގެ މައްޗަށް ވަނީ ހަމަ ތިޔަބައިމީހުންގެ މައްޗަށް ވެސް ވާ ހައްގުތަކެވެ. އަހުރެން ތިޔަބައިމީހުންގެ މައްޗަށް ހިންގާނީ ﷲގެ ނަބިއްޔާގެ މަންހަޖެވެ. އަދި ﷲގެ ވާގިފުޅާ އެކު އަހުރެން ތިޔަބައިމީހުންގެ މައްޗަށް ތަންފީޒުކުރާނީ، އެކަންކަން ޤާއިމުކުރުމަށް އަހުރެންނަށް އަމުރުވެވިގެންވާ ކަންކަމެވެ. މުޙައްމަދުގެފާނުގެ އުންމަތުގެ މައްޗަށް ވެރިއަކު ކަމުގައި އިސްވުމަކީ އަހުރެން ނުރުހޭ ކަމެއް ކަން، އުޑުތަކާއި ޢަރުޝީގެ މަތިން ﷲ ސުބްޙާނަހޫ ވަތަޢާލާ ދެނެވޮޑިގަންނަވާނެ އެވެ. ތިޔަބައިމީހުންނީ ﷲގެ އަޅުންނެވެ. މި މުދާތަކަކީ ﷲގެ މުދަލެވެ. އެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ބަހާ ހުށީ ހަމަހަމަކަމާ އެކުގަ އެވެ. އެ މުދާ ލިބުމުގައި ތިޔަބައިމީހުންގެ ތެރެއިން އެކަކު އަނެކެއްގެ މައްޗަށް މާތްކުރެވިގެން ނުވެ އެވެ. ތަޤްވާވެރިންނަށް އެކަމުގެ ދަރުމަ ހުރީ ﷲގެ ޙަޒްރަތުގައި އާޚިރަތް ދުވަހުންނެވެ..."
މިއީ މުޅި ދުނިޔެ އެ ބައެއްގެ ހަނދާން އައުކޮށް އެ ބޭކަލުންގެ އަސްކަރީ އަދި ސިޔާސީ ފަލްސަފާތަކުގެ މައްޗަށް އެތައް ފޮތްތަކެއް ލިޔެފައިވާ، އިސްލާމީ އުންމަތުގެ ހަތަރު ޚަލީފާ އަމަލުފުޅުތައް ބެހެއްޓެވި ގޮތެވެ. އެ ބޭކަލުންނަށް ނުލިބުނު ޝަރަފަކާއި އިއްޒަތަކާއި މަގާމެއް މިއަދު އަޅުގަނޑުމެންގެ ތެރެއިން އެކަކަށް ވެސް ލިބޭނެބާ އެވެ. ނުލިބޭނެ ކަން ކަށަވަރެވެ. ވީއިރު، މިއަދު މަތީ މަގާމަކާއި ބާރެއް ލިބުނޭ ކިޔާފައި ތިމާމެން ވަރުގެ ބަޔަކު ނެތިގެން އުޅެންވީ ކީއްކުރަންތޯ އެވެ؟ ހަގީގަތުގައި އަހަރެމެންގެ އެއްވެސް ބާރެއް ނެތް ކަން ގަބޫލުކުރަމާ ހިނގާށެވެ. ދައުލަތުގެ ތިން ބާރުގެ ވެރިންނާއި ހަތަރު ވަނަ ބާރު ކަމަށް ބުނާ ނޫސްވެރިން ވެސްމެ އެވެ.
ކޮލަމް އޮޅުންބޮޅުން: ދިވެހި ޑެމޮކްރަސީ
ފަސް މިނެޓް: ދިވެހި ގައުމު 4 އަބްދުﷲގެ އަތްމަތީގައި
ޔާމީން ފުނޑާލެއްވި ނިޒާމް ހަމަ އެގޮތަށް؟!
ޒިންމާ ކުރުވެން ވާނެ! ޒިންމާ އުފުލަން ވެސް ޖެހޭނެ!
12 މެންބަރުންނަށް މި ހަދަނީ ކިހިނެއް؟
ސުޕްރީމް ކޯޓުގެ ބާރު ކަނޑުވައިލެވިގެން ނުވާނެ
ތުހުމަތާއި ތަހުގީގާއި ދައުވާ، އުޑާއި ބިމާހާ ތަފާތު!
ގައުމު މި ހާލަތަށް ވެއްޓުނު ގޮތުގެ ހަގީގަތް
އެންމެންގެ ލޯމަތީ ނެގި ވޯޓަށް މި ހެދީ ކިހިނެއް؟
ސިޔާސީ ނުފޫޒުން މިންޖުކުރަންވީ ސިފައިން އެކަންޏެއް ނޫން