Roadha Mihaaru
އެންމެންގެ ލޯމަތީ ނެގި ވޯޓަށް މި ހެދީ ކިހިނެއް؟

ކޮލަމް ފަސް މިނެޓް: އެންމެންގެ ލޯމަތީ ނެގި ވޯޓަށް މި ހެދީ ކިހިނެއް؟

28 މާޗް 2017

ރައްޔިތުންގެ މަޖިލީހުގައި މީގެ ކުރިން ވެސް ބޮޑެތި ކިތަންމެ މައްސަލައެއްގައި ވޯޓު ނަގައިފި އެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅި އެވެ. ދެ ނައިބު ރައީސެއްގެ މައްޗަށް އިތުބާރު ނެތް ކަމަށް ވޯޓު ނެގި އެވެ. އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު މަގާމުން ދުރު ވެސް ކުރި އެވެ. ސިވިލް ސާވިސް ކޮމިޝަންގެ ރައީސާ ދެކޮޅަށް ވެސް ވޯޓު ނެގި އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގައި މީގެ ކުރިން ވެސް ބޮޑެތި ކިތަންމެ މައްސަލައެއްގައި ވޯޓު ނަގައިފި އެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅި އެވެ. ދެ ނައިބު ރައީސެއްގެ މައްޗަށް އިތުބާރު ނެތް ކަމަށް ވޯޓު ނެގި އެވެ. އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު މަގާމުން ދުރު ވެސް ކުރި އެވެ. ސިވިލް ސާވިސް ކޮމިޝަންގެ ރައީސާ ދެކޮޅަށް ވެސް ވޯޓު ނެގި އެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށްޓަކައި އިއްޔެ ނެގި ވޯޓުހާ ހުތުރުކޮށް ކަންތައް ދިޔަ ވޯޓެއް މިހާތަނަށް ނުފެނެޔޭ ދެންނެވިދާނެ އެވެ. ގާނޫނާއި ގަވާއިދުގެ އިމުން ބޭރުގައި މިހާ ގިނަ ކަންތައްތަކެއް ހިނގި ވޯޓެއް ނުނަގާ ކަމަށް ވެސް މަޖިލީހުގައި ގިނަ ދުވަސް ވީ ބައެއް މެމްބަރުން ވިދާޅުވެ އެވެ.

އިއްޔެގެ ވޯޓާ ގުޅޭ ގޮތުން ފާހަގަކުރެވޭ ފުރަތަމަ ކަމަކީ ވޯޓު ނެގުމުގައި އަމަލު ކުރި އުސޫލެވެ. މަޖިލީހުގެ ގަވާއިދުގެ 164 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި މަޖިލީހުގައި ވޯޓު ނެގުމުގައި އަމަލު ކުރާނެ އާންމު އުސޫލަކީ އިލެކްޓްރޯނިކް މެޝިން ބޭނުންކޮށްގެން ވޯޓު ލުމެވެ. އެ ނޫން ގޮތަކަށް ވޯޓު ނަގާނީ ޚާއްސަ ހާލަތްތަކުގަ އެވެ.

ދެ ވަނަ ކަމަކީ ވަކިވަކި މެމްބަރުންނާ ސުވާލު ކޮށްގެން (ރޯލް ކޯލް) ވޯޓު ނެގުމުގެ އުސޫލެވެ. ގަވާއިދުގައި ބުނާ ގޮތުން ރޯލް ކޯލް ވޯޓު ނަގާނީ، މެޝިނުން ވޯޓު ނަގާއިރު، ކަނޑައެޅިގެން ފާޅުގައި އެނގެން އޮތް މައްސަލައެއް ދިމާވެގެން، އެ ވޯޓާ މެދު އިތުރު ސުވާލެއް ކޮށްފި ނަމަ އެވެ. އެފަދަ ހާލަތުގައި ދެން ވޯޓު ނަގާނީ، ކޮންމެ މެމްބަރަކާ ވަކިވަކިން ސުވާލުކޮށް، އެ މެމްބަރަކު ވޯޓު ދޭން ބޭނުންވާ ގޮތެއް އޮޅުންފިލުވައިގެންނެވެ.

ގަވާއިދުގައި މިހެން ބުނާ އިރު، މަޖިލީހުގައި އިއްޔެ ވޯޓު ނެގީ މި އުސޫލާ މުޅިން ޚިލާފަށެވެ. އެއީ، ރޯލް ކޯލް ވޯޓު ނަގަން ޖެހެނީ މެޝިން ބޭނުންކޮށްގެން ނަގާ ވޯޓާ މެދު ސުވާލު އުފައްދައިފި ނަމަ އެވެ. އަދި ރޯލް ކޯލް ނެގޭނެ ކަމަށް ގަވާއިދުގައި ދެން ބުނާ ހާލަތަށް ވެސް ނުފެތޭތީ އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު. --ފޮޓޯ މަޖިލިސް

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު. --ފޮޓޯ މަޖިލިސް

މަސީހާ މެދު އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގައި ރޯލް ކޯލް ވޯޓެއް ނެގުމަށް، މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ދެއްކެވި ހުއްޖަތަކީ ވެސް، ވޯޓިން ސިސްޓަމާ މެދު ސުވާލު އުފެދޭ ކަމަށް ކުރެވޭ ތުހުމަތެވެ. އެހެންކަމުން އިއްޔެގެ ޖަލްސާގައި ރޯލް ކޯލް ވޯޓެއް ނަގަން ހުށަހެޅުއްވީ މެޝިނުން ނަގާ ވޯޓު ސައްހަ ނުވެދާނެ ކަމަށް ބަލައިފަ އެވެ.

އެ ހުށަހެޅުމަށް ތާއީދު ލިބިގެން ރޯލް ކޯލް ވޯޓު ނެގުމަށް ނިންމީ، ރޯލް ކޯލް ވޯޓު ނަގަން ފެނޭތޯ ބެލުމަށް އިލެކްޓްރޯނިކް މެޝިން މެދުވެރިކޮށް ވޯޓެއް ނަގައި އެ ގޮތަށް ފާސް ކޮށްގެންނެވެ. އެ ގޮތަށް ހެދުމުން ވަރަށް މުހިންމު ދެ ކަމެއް ސާބިތުވި އެވެ. މެޝިން މެދުވެރިކޮށް ނެގި ވޯޓު ސައްހަ ކަމަށް ރިއާސަތުން ގަބޫލުކުރުމުން، އެއިން ސާބިތުވި ފުރަތަމަ ކަމަކީ، މެޝިނުން ނެގި ވޯޓާ މެދު ރިއާސަތަށް ސުވާލެއް ނުއުފެދޭ ކަމެވެ.

މެޝިނުން ވޯޓު ނެގުމާ މެދު ސުވާލު އުފެދޭ ކަމަށް ތުހުމަތުކޮށް، ރޯލް ކޯލް ވޯޓެއް ނަގަން ފާސްކުރި އިރު، މެޝިންގެ ވޯޓުގެ ސައްހަކަމާ މެދު އެއްވެސް މެމްބަރަކު ވެސް ސުވާލެއް ނުއުފައްދަވަ އެވެ. އެހެންކަމުން އެ ހާލަތުގައި ރޯލް ކޯލް ވޯޓު ނެގުމަށް މަޖިލީހުގެ ގަވާއިދު ހުއްދައެއް ނުދެ އެވެ. އެއީ މެޝިނުން ނަގާ ވޯޓާ މެދު އެއްވެސް ވަރަކަށް ސުވާލު އުފެދިފައި ނެތީމަ އެވެ. ވީމާ، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ރޯލް ކޯލް ވޯޓެއް ނަގަން ޖެހޭ ސަބަބެއް ނެތެވެ.

މެޝިންގެ ވޯޓުން ސާބިތުވި ދެ ވަނަ ކަންތައް ހުއްޓެނީ އެ ވޯޓުގެ ނަތީޖާއާ ހަމައަށެވެ. އެ ނަތީޖާ ބުނާ ގޮތުގައި މާފުށީ ޖަލުގައި ހުންނެވި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫމް ވޯޓުގައި ބައިވެރިވި އެވެ. އަދި މަޖިލީހުގެ ރިއާސަތުގައި އިންނެވި، މަޖިލީހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވެސް ވޯޓުގައި ބައިވެރިވި އެވެ.

މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު. --ފޮޓޯ މަޖިލިސް

މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު. --ފޮޓޯ މަޖިލިސް

މި ނަތީޖާ އަށް ބަލާއިރު، މެޝިންގެ ވޯޓަކީ ސައްހަ ވޯޓެއް ކަމަކަށް ނުބެލެވޭނެ އެވެ. އެ ގޮތަށް މެޝިންގެ ނަތީޖާ ދެއްކި ސަބަބަކީ، މެޝިންގައި މައްސަލައެއް ޖެހިފައި ހުރުމެވެ. ނުވަތަ ވޯޓުގެ ސިސްޓަމާ ކޮންމެވެސް ބަޔަކު ކުޅުގެން ނަތީޖާ ބަދަލުކޮށްލީ އެވެ. މިއިން ކޮންމެ ގޮތެއް މެދުވެރިވެގެން ކަމުގައި ވިޔަސް، އެ ވޯޓުގައި ބައިވެރިނުވެވޭނެ ދެ މެންބަރަކު ވޯޓު ދެއްވި ކަމަށް ނަތީޖާ ދައްކާފައިވާ އިރު، ދެން ހުރި ވޯޓުތަކުގެ ނަތީޖާ އެ ދެއްކީ އެ މެންބަރުން ވޯޓު ދެއްވި ގޮތަށް ކަމާ މެދު ޔަގީންކަމެއް ނެތެވެ.

މިފަދަ ހާލަތެއް މެދުވެރިވެފައިވާ އިރު، އެ ވޯޓުގެ ސައްހަ ކަމެއް ނޯންނާނެ އެވެ. އެހެންކަމުން ރޯލް ކޯލް ވޯޓެއް ނެގުމާ މެދު ގޮތެއް ނިންމޭނީ ވެސް ރޯލް ކޯލް ވޯޓެއް ނަގައިގެން ނުވަތަ އަތް އުފުލައިގެން ނަގާ ވޯޓަކުންނެވެ. ސަބަބަކީ ވޯޓު މެޝިންގައި މައްސަލަ ޖެހިފައި ހުރުމުންނެވެ. އެހެންކަމުން، ރޯލް ކޯލް ވޯޓެއް ނަގަން ނިންމި ނިންމުމަކީ ވެސް އޭގެ ޒާތުގައި ބާތިލު ނިންމުމަކަށް ނޫނީ ނުވާނެ އެވެ.

މަޖިލީހުގެ ގަވާއިދުގެ 165 ވަނަ މާއްދާގައި ބުނާ ގޮތުން، މެޝިނުން ނަގާ ވޯޓާ މެދު ސުވާލެއް ނުއުފެދުނު ކަމުގައި ވިޔަސް، ވަކިވަކި މެމްބަރުން ކުރެން އަހައިގެން ވޯޓު ނަގަން ހުށަހަޅައި ތާއީދު ލިބިގެން އެ ގޮތަށް ފާސްވާ މައްސަލަތަކުގައި ރޯލް ކޯލް ވޯޓެއް ނެގިދާނެ އެވެ.

ނަމަވެސް އިއްޔެގެ ޖަލްސާގައި ކަން ހިނގީ އެ ގޮތަކަށް ނޫނެވެ. އިއްޔެގެ ޖަލްސާގައި ރޯލް ކޯލް ވޯޓެއް ނަގަން ހުށަހެޅީ ވޯޓު ނަގާ މެޝިންގައި މައްސަލަ އުޅޭ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އެހެނެއް ކަމަކު އިއްޔެގެ ޖަލްސާގައި ސާބިތުވެގެން ދިޔައީ ވޯޓު މެޝިންގައި މައްސަލައެއް ނެތް ކަމެވެ.

ޕީޕީއެމް ބައެއް މެމްބަރުން، މަސީހުގެ ވޯޓާ ދެކޮޅުކަން ދައްކަވަނީ

ޕީޕީއެމް ބައެއް މެމްބަރުން، މަސީހުގެ ވޯޓާ ދެކޮޅުކަން ދައްކަވަނީ

މި ގޮތަށް ކަން ހިނގާފައި ހުރި އިރު، ރޯލް ކޯލް ވޯޓެއް ނަގަން ހުއްޖަތެއްގެ ގޮތުގައި ފާހަގަކުރެއްވި ހާލަތު މެދުވެރިވެފައި ނުވާތީ، މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ހަމަތަކުގެ މަތިން އިއްޔެގެ ޖަލްސާގައި ނެގި ރޯލް ކޯލް ވޯޓު ސައްހަ ކަމަށް ކަނޑައެޅޭނެ ގާނޫނީ ހަމައެއް އޮތް ކަމަކަށް ނުފެނެ އެވެ.

އެކަމަކު ވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ކަމަށް ބުނާ މީހުން އެ ގޮތަށް ނިންމީ އެވެ. ނަމަވެސް މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ވަކި ހިސާބަކުން ސާބިތުވެގެން ދިޔައީ އެ ބުނާ ސުޕަ މެޖޯރިޓީ ނެތް ކަމެވެ. އޮތީ ސިމްޕަލް މެޖޯރިޓީ އެވެ. އެ ސިމްޕަލް މެޖޯރިޓީއާ މެދު ވެސް ޔަގީންކަން ނެތުމުން، ކޮންމެ މެމްބަރަކު ވަކިވަކިން ކޮޅަށް ތެދުވެ، "ތިމަންނާ މަސީހަށް ތާއީދުކުރަމޭ" ބުނަން މަޖުބޫރު ކުރީ އެވެ. އެއީ ސިމްޕަލް މެޖޯރިޓީގެ ތެރޭގައި ތިބި ބައެއް މެމްބަރުން ވެސް، ނޫނެކޭ ބުނާ އެހެން މެންބަރުންގެ އަދަދު މަތިވާ ނިސްބަތަކުން ނޫނެކޭ ބުނެފާނެ ކަމުގެ ބިރު އޮތުމުންނެވެ.

މީގެ ކުރިން މަޖިލީހުގައި ނެގި ބައެއް ހައްސާސީ ވޯޓުތަކުގައި ވެސް، ބައެއް މެމްބަރުންނަށް އޮޅިގެން، ޕާޓީގެ ވިޕްލައިނާ ޚިލާފަށް ވޯޓު ދެވިފައި އެބަ ހުއްޓެވެ. އެކަމާ މެދު ފިޔަވަޅެއް އަޅަން، ސުލޫކީ ކޮމިޓީން ސުވާލު ކުރާއިރު ޖަވާބަކަށް އަންނަނީ "އޮޅުނީ" ކަމުގަ އެވެ. ވޯޓު ބަދަލު ކުރަން ބެލި އިރު، މެޝިނުން ވޯޓު ލުމަށް ކަނޑައަޅާފައި އޮންނަ 30 ސިކުންތު ހަމަވެއްޖެ އެވެ. އެހެންކަމުން ފިޔަވަޅެއް އެޅޭކަން ނޯވެ އެވެ.

މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ވޯޓު ނެގުމުގެ ޖަލްސާ މަޖިލީހުގައި ކުރިއަށް ދިޔަ އިރު، އެމްޑީޕީ އޮފީސް ސަރަހައްދަށް އެއްވި މީހުން އެސަރަހައްދުން ދުރުކުރުމަށް ފުލުހުން ހަރަކާތްތެރިވަނީ. --ފޮޓޯ: ހުސައިން ވަހީދު/މިހާރު

މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ވޯޓު ނެގުމުގެ ޖަލްސާ މަޖިލީހުގައި ކުރިއަށް ދިޔަ އިރު، އެމްޑީޕީ އޮފީސް ސަރަހައްދަށް އެއްވި މީހުން އެސަރަހައްދުން ދުރުކުރުމަށް ފުލުހުން ހަރަކާތްތެރިވަނީ. --ފޮޓޯ: ހުސައިން ވަހީދު/މިހާރު

އިއްޔެ އަކީ ވެސް އެ ކަހަލަ ދުވަހެކެވެ. މަސީހާ އެއްކޮޅަށް ވޯޓު ލުމަށް ޕީޕީއެމުން ވިޕް ނެރެފައި އޮތަސް، މެޝިނުން ވޯޓު ލަމުން ދިޔަ އިރު އިއްޔެ ވެސް ބައެއް މެމްބަރުންނަށް އޮޅިގެން ފިތައިލެވޭނީ ރަތް ފިތަށެވެ. އެކަން އެނގިގެން ފެހި ފިތަށް ފިތާލަން ބެލި އިރު އޮންނާނީ 30 ސިކުންތު ހަމަވެފަ އެވެ. ދެން ވޯޓު ބަދަލު ކުރެވޭނެ ގޮތެއް ނޯންނާނެ އެވެ.

އެ ފުރުސަތު ނުދިނުމަށްޓަކައި މަޖިލީހުގެ ގަވާއިދާއި ނިޒާމުން ބޭރުން ވިޔަސް، ރޯލް ކޯލް ވޯޓެއް ނަގަން ނިންމީ އެވެ. ސުވާލަކީ އެހާ ވަރަކުން މަސީހް ހިމާޔަތް ކުރަން ޖެހުނީ ކީއްވެ ހެއްޔެވެ؟

ޖަވާބު ވަރަށް ސާފެވެ. އެއީ މަސީހަށް އެ މަގާމު ގެއްލިއްޖެ ނަމަ، ސަރުކާރުން ބޭނުންވާ އެހެން މީހަކު އެ މަގާމަށް ގެނެވޭނެ ކަމުގެ ޔަގީންކަން ނެތުމެވެ. ސުޕަ މެޖޯރިޓީ، ސިމްޕަލް މެޖޯރިޓީ އަށް ބަދަލުވެ އެ ސިމްޕަލް މެޖޯރިޓީއާ މެދު ވެސް ކަށަވަރުކަމެއް ނެތީމަ އެވެ.