Roadha Mihaaru
އެއްވެސް މެމްބަރަކު ސޮއި އަނބުރާ ނުގެންދެވި

މަސީހާ ދެކޮޅަށް ކުރި ސޮއި އެއްވެސް މެމްބަރަކު އަނބުރާ ނުގެންދެވި

18 ޖުލައި 2017

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކިކުރަން ހުށަހެޅި ލިޔުމުގައި ކުރެއްވި ސޮއި އަނބުރާ ގެންދެވުމަށް، ޕީޕީއެމުން ވަކިވެވަޑައިގަތް 10 މެމްބަރުންނަށް އެ ޕާޓީން އެންގި ނަމަވެސް އެއްވެސް މެމްބަރަކު ސޮއި އަނބުރާ ނުގެންދެވި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކިކުރަން ހުށަހެޅި ލިޔުމުގައި ކުރެއްވި ސޮއި އަނބުރާ ގެންދެވުމަށް، ޕީޕީއެމުން ވަކިވެވަޑައިގަތް 10 މެމްބަރުންނަށް އެ ޕާޓީން އެންގި ނަމަވެސް އެއްވެސް މެމްބަރަކު ސޮއި އަނބުރާ ނުގެންދެވި އެވެ.

މަސީހު ވަކިކުރަން ސޮއި ކުރެއްވުމަކީ އެ މެމްބަރުންނަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށް ބުނެ، ރޭ 12ގެ ކުރިން ސޮއި އަނބުރާ ގެންދިޔުމަށް 10 މެމްބަރަކަށް ޕީޕީއެމުން ސިޓީ ފޮނުވި އެވެ. އެކަމަކު އެ ހުރިހާ މެމްބަރުން ވެސް ވަނީ އެ ކަމަށް އިންކާރު ކުރައްވައިފަ އެވެ.

ބައެއް މެމްބަރުން ވިދާޅުވީ ޕީޕީއެމުން އެ މެމްބަރުން ވަކިވެވަޑައިގެންފައި ވަނިކޮށް ވަކި ގޮތަކަށް އަމަލުކުރަން އެންގުމުގެ ހައިސިއްޔަތެއް ޕީޕީއެމަށް ނެތް ކަމަށެވެ. އަދި އެ އެންގުމަކީ އަދިވެސް މެމްބަރުންނަށް މަޖުބޫރު ކޮށްގެން ޕާޓީގައި ހިފަހައްޓަން އުޅޭ ކަން ދައްކައިދޭ ހެއްކެއް ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.

ސޮއި ނަގަން އެންގީ ޕީޕީއެމާ މެދު ހިތްހަމަނުޖެހިގެން އެ ޕާޓީން ވަކިވެވަޑައިގަތް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ދަނގެތީ ދާއިރާގެ އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ އާއި ތިނަދޫ ދެކުނު ދާއިރާގެ މުހައްމަދު އަބްދުﷲ އާއި މަހިބަދޫ ދާއިރާގެ މުހައްމަދު ތޯރިގާއި ތިމަރަފުށި ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހަށެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅޭ މައްސަލައިގައި މި ބޭފުޅުން ސޮއި ކުރެއްވުމުން، ދައުލަތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުމާ އެކު އެ ހުރިހާ މެމްބަރުން ވެސް ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފަ އެވެ. އެކަމަކު ވަކިވާން އެދިވަޑައިގެން މި މެމްބަރުން ފޮނުއްވި ސިޓީތަކަށް ޖަވާބު ނުދީ، ޕާޓީން އެ މެމްބަރުންނަށް އަންގާފައިވަނީ އެ މެމްބަރުންގެ ސުލޫކީ މައްސަލައެއް ބަލަމުންދާ ކަމަށެވެ.

އެ މެމްބަރުން ވިދާޅުވެފައިވާ ގޮތުގައި ސުލޫކީ މައްސަލައެއް ބެލުމަށް ފަހު އަޅާ އެންމެ ބޮޑު ފިޔަވަޅަކީ ވެސް ޕާޓީން ވަކިކުރުން ކަމަށްވާ އިރު، އެ ބުނާ މައްސަލައެއް ބަލަން ފެށުމުގެ ކުރިން ޕާޓީން ވަކިވެފައިވާތީ އެ މެމްބަރުންނަކީ މިހާރު ޕީޕީއެމްގެ މެމްބަރުންނެއް ނޫނެވެ. އަދި ޕާޓީން ވަކިނުވާ ކަމަށް ބުނާ ނަމަ އެއީ އެ މެމްބަރުން "ހައިޖެކްކުރުމެއް" ކަމަށް ދެކެވަޑައިގަންނަވަ އެވެ.