Roadha Mihaaru

ސިޔާސީ ނުފޫޒުން ސަލާމަތް ކުރަންވީ ސިފައިން އެކަންޏެއް ނޫން!

އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް، ގާނޫނުއަސާސީގެ 26 ވަނަ މާއްދާ އިން މައިގަނޑު ތިން ހައްގެއް ކަށަވަރުކޮށްދެ އެވެ. ފުރަތަމަ ހައްގަކީ، އިންތިޚާބުތަކުގަ އާއި އާންމުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓުތަކުގައި ވޯޓު ދިނުމުގެ ހައްގެވެ. ދެ ވަނަ ހައްގަކީ އިންތިޚާބުތަކުގައި އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގެވެ. ތިން ވަނަ ހައްގަކީ، އެ މީހަކު އަމިއްލަ އަށް ނުވަތަ އެ މީހަކު މިނިވަންކަމާ އެކު އިޚްތިޔާރު ކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގެވެ.

ސިޔާސީ ނުފޫޒުން މިންޖުކުރަންވީ ސިފައިން އެކަންޏެއް ނޫން
އަހުމަދު އަބުދުﷲ ސައީދު
އަހުމަދު އަބުދުﷲ ސައީދު

03 މާޗް 2017

އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް، ގާނޫނުއަސާސީގެ 26 ވަނަ މާއްދާ އިން މައިގަނޑު ތިން ހައްގެއް ކަށަވަރުކޮށްދެ އެވެ. ފުރަތަމަ ހައްގަކީ، އިންތިޚާބުތަކުގަ އާއި އާންމުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓުތަކުގައި ވޯޓު ދިނުމުގެ ހައްގެވެ. ދެ ވަނަ ހައްގަކީ އިންތިޚާބުތަކުގައި އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގެވެ. ތިން ވަނަ ހައްގަކީ، އެ މީހަކު އަމިއްލަ އަށް ނުވަތަ އެ މީހަކު މިނިވަންކަމާ އެކު އިޚްތިޔާރު ކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގެވެ.

އެހެންކަމުން ގާނޫނުއަސާސީން ސިފައިންނަށް ކަށަވަރު ކޮށްދެނީ ހަމައެކަނި ވޯޓު ލުމުގެ ހައްގެއް ނޫނެވެ. އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްގު ވެސް ކަށަވަރު ކޮށްދެ އެވެ. އެހެން ކަމަށްވާއިރު، ވޯޓު ނުލެވޭ ގޮތަށް ހަދާތީ އެކަމާ ދެކޮޅު ހަދާއިރު، ރިއާސީ އިންތިޚާބާއި އާންމު އިންތިޚާބާއި ލާމަރުކަޒީ އިންތިޚާބުގައި ސިފައިންނަށް ވާދަ ނުކުރެވޭތީ އެކަމާ ދެކޮޅު ނުހަދަނީ ކީއްވެ ހެއްޔެވެ؟

ގާނޫނުއަސާސީގެ 16 ވަނަ މާއްދާ ބުނާ ގޮތުން ގާނޫނުއަސާސީގެ ދެ ވަނަ ބާބުގައި ބަޔާންކޮށްފައިވާ ހައްގުތަކުގެ ތެރެއިން ބައެއް ހައްގުތައް ހިފެހެއްޓިދާނެ އެވެ. ވޯޓު ލުމަކީ ވެސް ދެ ވަނަ ބާބުން ކަށަވަރުކޮށްދޭ ހައްގެކެވެ.

ނަމަވެސް އެއިން ހައްގެއް ހިފެހެއްޓޭނީ، މަޖިލީހުން ފާސްކުރާ ގާނޫނަކުންނެވެ. އެއީ ވެސް ތިން ޝަރުތެއްގެ މަތިންނެވެ. ފުރަތަމަ ޝަރުތަކީ، އެ ހައްގު ހިފަހައްޓަން ހަދާ ގާނޫނަކީ ގާނޫނުއަސާސީއާ ތައާރަޒް ނުވާ ގާނޫނަކަށް ވުމެވެ. ދެ ވަނަ ޝަރުތަކީ ގާނޫނަކުން ވިޔަސް މިއިން ހައްގެއް ހިފަހައްޓަނީ، މިނިވަން ޑިމޮކްރެޓިކް މުޖްތަމައެއްގައި އެފަދަ ހައްގުތައް ހިފަހައްޓާ މިންވަރަށް ކަމުގައިވުމެވެ. އަދި ތިން ވަނަ ޝަރުތަކީ އިސްލާމް ދީނުގެ އަސްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި މިއިން ހައްގެއް ހިފެހެއްޓުމެވެ.

ހަމަގައިމު ވެސް ސިފައިން ވޯޓުލައިގެން އިސްލާމް ދީނުގެ އަސްލަކާ ޚިލާފުވީ ކަމަކަށް ނުވާނެ އެވެ. އެހެން ކަމުން ދެން ބަލަންޖެހެނީ މިނިވަން ޑިމޮކްރެޓިކް މުޖްތަމައުތަކުގައި އެ ފަދަ ހައްގުތައް ހިފަހައްޓައި އުޅެނީ ކޮން ގޮތަކަށްތޯ އެވެ.

އެންމެ ފުރަތަމަ ރާއްޖެ އަށް ބަލައިލާއިރު، މިހާރުގެ ގާނޫނުއަސާސީ އަށް އަމަލު ކުރަން ފެށުމުގެ ކުރިން، ވޯޓުލުން އޮންނަނީ ސިފައިންނާއި ފުލުހުންނަށް މަނާކޮށްފަ އެވެ. އެ ހައްގު ފުރަތަމަ ފަހަރަށް ސިފައިންނާއި ފުލުހުންނަށް ލިބިދިނީ ޑިމޮކްރެސީ ގާއިމުކުރުމުގެ ބޭނުމުގައި އެކުލަވައިލި މިހާރުގެ ގާނޫނުއަސާސީންނެވެ.

އެހެންކަމުން، އިންތިޚާބުތަކުގައި ވޯޓު ލުމުގެ ހައްގު ސިފައިންނާއި ފުލުހުންނަށް ކަށަވަރުކޮށްދިނުމަކީ، އަދުގެ ދިވެހިން ބަލައިގެންފައިވާ އަސާސީ އަދި ޑިމޮކްރެޓިކް ހައްގެކެވެ. އެ މީހުންގެ ކިބައިން އެ ހައްގު ނިގުޅައިގަތުމަކީ ޑިމޮކްރެސީގައި ފަހަތަށް ސޮއްސައިލުން ކަމުގައި ނޫނީ ނުވާނެ އެވެ. ދެން އޮތީ ޑިމޮކްރެޓިކް ގައުމުތަކެވެ.

ޑިމޮކްރެސީތަކުގައި އޮތީ ކިހިނެއް؟

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީ ކަމުގައިވާ އިންޑިއާގައި ބާއްވާ އިންތިހާބުތަކުގައި ވޯޓުލުމަކީ 2014 ވަނަ އަހަރާ ޖެހެންދެން، އެ ގައުމުގެ ސިފައިންނަށް އޮތް ހައްގެއް ނޫނެވެ. އިންޑިއާގެ ގާނޫނުއަސާސީން ސިފައިންނަށް ވެސް ކަށަވަރު ކޮށްދީފައި އޮތް އެ ހައްގު ހިފަހައްޓާފައި އޮންނަތާ 67 އަހަރު ފަހުން، 2014 ވަނަ އަހަރު އިންޑިއާގެ ސުޕްރީމް ކޯޓުން ކުރި ހުކުމަކުން ވަނީ އެ ހައްގު އަލުން އަނބުރާ ހޯދައިދީފަ އެވެ.

އެމެރިކާ ސިފައިންގެ މީހަކު މިދިޔަ އަހަރުގެ ރިއާސީ އިންތިޚާބުގައި ވޯޓުލަނީ.

އެމެރިކާ ސިފައިންގެ މީހަކު މިދިޔަ އަހަރުގެ ރިއާސީ އިންތިޚާބުގައި ވޯޓުލަނީ.

ލަގްޒަމްބާގްގައި އިންތިހާބުތަކުގައި ސިފައިންނަށް ވޯޓުލެވެ އެވެ. ނަމަވެސް މަގާމުތަކަށް ވާދައެއް ނުކުރެވެ އެވެ. ޑެންމާކްގައި، ކުއްލި ނުރައްކަލުގެ ހާލަތުގައި ނޫނީ، ސިފައިންނަށް ވޯޓު ވެސް ލެވެ އެވެ. އަދި އިންތިހާބީ މަގާމުތަކަށް ވާދަ ވެސް ކުރެވެ އެވެ. ޖަރުމަން ވިލާތުގައި ވެސް ސިފައިންނަކީ ވޯޓު ލުމާއި މަގާމުތަކަށް ވާދަކުރުމުގެ ހައްގު ލިބިގެންވާ ބައެކެވެ. ނަމަވެސް އިންތިހާބީ މަގާމުގައި ހުންނަ މުއްދަތުގައި ސިފައިންގެ ޚިދުމަތަށް ނުކުންނާކަށް ނުޖެހޭނެ އެވެ.

އޮސްޓްރިއާ އާއި ލެތުވިއާގައި ވެސް މި ދެ ހައްގު ސިފައިންނަށް އޮވެ އެވެ. ފަރަންސޭސި ވިލާތުގައި ވެސް ސިފައިންނަށް މި ހައްގުތައް ލިބިގެންވެ އެވެ. ނަމަވެސް ސިފައިންގެ ވަޒީފާގައި ހުންނަ އިރު ސިޔާސީ ޕާޓީއެއްގައި ބައިވެރިއެއް ނުވެވޭނެ އެވެ. މިއާ ޚިލާފަށް ސްޕެއިންގައި އޮތީ ހަރުކަށި އުސޫލެކެވެ. ޕްރޮފެޝަނަލް ސިފައިންނާއި ރިޒާވް ސިފައިންނަށް މަގާމުތަކަށް ވާދަ ނުކުރެވުނަސް، ވޯޓުލުމުގައި ބައިވެރިވުމުގެ ފުރުސަތު ސްޕެއިންގައި ކަށަވަރުކޮށްދެ އެވެ.

ވިލާތުގެ ގައުމުތަކުގެ ތެރެއިން އެންމެ ހަރުދަނާ ޑިމޮކްރެސީއެއް ކަމަށް ބެލެވޭ އިނގިރޭސި ވިލާތުގައި ވެސް، ވޯޓުލުމުގެ ހައްގު ސަލާމަތީ ބާރުތަކަށް ކަށަވަރުކޮށްދީފައިވެ އެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ޑިމޮކްރެސީ ކަމަށްވާ އެމެރިކާއަކީ ވެސް އިންތިޚާބުތަކުގައި ވޯޓުލުމުގެ ހައްގު ކަށަވަރު ކޮށްދީފައިވާ ގައުމެކެވެ. މީގެ އިތުރުން ޗައިނާ، ރަޝިޔާ، ކެނެޑާ، ނިއު ޒީލޭންޑް އަދި ދެކުނު އެފްރިކާގައި ވެސް ސިފައިންނަށް އެ ހައްގު އޮވެ އެވެ.

މިއާ ޚިލާފަށް ވޯޓުލުމުގެ ހައްގު ހިފަހައްޓާފައިވާ ގައުމުތަކެއް ވެސް އެބަހުއްޓެވެ. ތުރުކީ ވިލާތުގެ އަސްކަރިއްޔާގައި ހިމެނޭ ޕްރައިވެޓުންނާއި އެންލިސްޓެޑް ސިފައިންނާއި ކެޑޭޓުންނަށް ވޯޓުލުމުގެ ހައްގެއް ނޯވެ އެވެ. އާޖެންޓީނާ، ބްރެޒީލް، ކޮލަމްބިއާ، އިންޑޮނީޝިޔާ، ކުވައިތު، ތޫނިސް، އިކުއެޑޯ ފަދަ ގައުމުތަކަކީ ވެސް ވޯޓުލުމުގެ ހައްގު ސިފައިންނަށް ނޯންނަ ގައުމުތަކެވެ.

އެހެންކަމުން ޑިމޮކްރެޓިކް ގައުމުތަކުގައި، ބައެއް ހާލަތްތަކުގައި ބައެއް އަސާސީ ހައްގުތައް ހިފެހެއްޓިކަމުގައި ވިޔަސް އެ ގައުމުތަކުގައި ވެސް އަމަލުކުރަމުން އަންނަ އުސޫލަކީ ވޯޓުލުމުގެ ހައްގު ސިފައިންނަށް ދިނުމެވެ. ހިފެހެއްޓުމެއް ނޫނެވެ.

ސިޔާސީ ނުފޫޒުން އެއްކިބާކުރުން

އިންތިޚާބުތަކުގައި ސިފައިންނަށް ވޯޓު ނުލެވޭ ގޮތަށް ގާނޫނު ބަދަލުކުރަން ނިންމެވި ސަބަބެއް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ، ސިޔާސީ ނުފޫޒުތަކުން ސިފައިން އެއްކިބާ ކުރުމެވެ. ގާނޫނު އަސާސީގެ 246 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ "ސަލާމަތީ ޚިދުމަތްތަކުގައި ހިމެނޭ މީހުން ސިޔާސީ އެއްވެސް ހަރަކާތެއްގައި، ނުވަތަ ސިޔާސީ ޕާޓީއެއްގައި ނުވަތަ މަސައްކަތްތެރީންގެ ޖަމިއްޔާއެއްގައި ބައިވެރިވެގެން ނުވާނެ" ކަމަށެވެ.

އެހެންކަމުން ސިފައިންނާއި ފުލުހުން ސިޔާސީ ނުފޫޒުތަކުން ސަލާމަތް ކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ސުވާލަކީ ސިފައިންނާއި ފުލުހުން ސިޔާސީ ނުފޫޒުގައި ޖެހެނީ، އިންތިޚާބުތަކުގައި ވޯޓު ލީމާ ހެއްޔެވެ؟ ނުވަތަ ސިޔާސީ އެކިއެކި ވެރިން ސިޔާސީ މަގްސަދުތައް ހާސިލު ކުރުމަށްޓަކައި ސިފައިންނާއި ފުލުހުން ލައްވާ "ޗާޓުން ބޭރުން" ކުރުވާ ކަންތަކުގެ ސަބަބުން ހެއްޔެވެ؟

ވޯޓުލުމުގައި ބައިވެރިވުމަކީ ސިޔާސީ ނުފޫޒުގައި ޖެހުންކަމުގައި މާނަކުރެވޭތީ، ވޯޓު ނުލެވޭ ގޮތް ހަދަން ބަލާއިރު، ސިޔާސީ ނުފޫޒުން އެއްކިބާވާންޖެހޭނެ ކަމަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބުނާ އެހެން ބަޔަކު ވެސް އެބަ ތިއްބެވެ. އެއީ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނެވެ.

ގާނޫނުއަސާސީގެ 141ވަނަ މާއްދާގެ (ނ)، (ރ) އާއި 142 ވަނަ މާއްދާގައި ބުނާ ގޮތުން ފަނޑިޔާރުންނަކީ ހުރިހާ ނުފޫޒުތަކުން އެއްކިބާވެ، ވަކި ފަރާތަކަށް ބުރަނުވެ ތިބޭ މުސްތަގިއްލު ބައެކެވެ. ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ޅ)ގެ (1)، (2) ގައި ބުނެފައިވާ ގޮތުގައި ފަނޑިޔާރުންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ބަޔަކު ކަމުގައިވާންޖެހޭނެ އެވެ.

އިދިކޮޅު ފަރާތްތަކުން އިސްލާމީ މަރުކަޒުގެ ބޭރުގައި ދުއާ ކުރާއިރު ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ. ސިފައިންނާއި ފުލުހުން ސިޔާސީ ނުފޫޒުން ސަލާމަތް ކުރުމަކީ މުހިންމު ކަމެއް. ފޮޓޯ މިހާރު

އިދިކޮޅު ފަރާތްތަކުން އިސްލާމީ މަރުކަޒުގެ ބޭރުގައި ދުއާ ކުރާއިރު ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ. ސިފައިންނާއި ފުލުހުން ސިޔާސީ ނުފޫޒުން ސަލާމަތް ކުރުމަކީ މުހިންމު ކަމެއް. ފޮޓޯ މިހާރު

ގާނޫނުއަސާސީގެ 157 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވާ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުންނަކީ ވަކި ފަރާތަކަށް ބުރަ ނުވާ ބަޔަކަށް ވާންޖެހޭނެ އެވެ. ޖޭއެސްސީގެ ގާނޫނުގައި ބުނާ ގޮތުން އެ ކޮމިޝަންގެ ވަކި މެންބަރުންތަކަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ބަޔަކު ކަމުގައިވާންޖެހޭނެ އެވެ.

ގާނޫނުއަސާސީގެ 167 ވަނަ މާއްދާ އާއި އިލްކެޝަންސް ކޮމިޝަންގެ ގާނޫނުގެ 5 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އެ ކޮމިޝަންގެ މެމްބަރުންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ބަޔަކު ކަމުގައިވާންޖެހޭނެ އެވެ. ގާނޫނުއަސާސީގެ 179 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ސިވިލް ސާވިސް ކޮމިޝަނަކީ ވެސް ވަކި ފަރާތަކަށް ބުރަ ނުވާ މުސްތަގިއްލު މުއައްސަސާއެކެވެ. އެހެންކަމަށްވާ ނަމަ، އެ ކޮމިޝަންގެ މެންބަރުންނަކީ ވެސް ސިޔާސީ ނުފޫޒުތަކުން އެއްކިބާވެފައިވާ ބަޔަކު ކަމުގައި ވާންޖެހޭނެ އެވެ.

ގާނޫނުއަސާސީގެ 189 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ހިއުމަން ރައިޓްސް ކޮމިޝަނަކީ ވަކި ފަރާތަކަށް ބުރަނުވާ މުސްތަގިއްލު އިދާރާއެކެވެ. އަދި އެ ކޮމިޝަނުން މަސައްކަތް ކުރަންވާނީ އެއްވެސް ފަރާތަކަށް ބުރަ ނުވެ، ތައައްސުބުން އެއްކިބާވެ ތިބެގެންނެވެ. އެ ކޮމިޝަންގެ ގާނޫނުގެ ހަ ވަނަ މާއްދާގެ (އ) ގައި ބުނެފައިވާ ގޮތުގައި އެ ކޮމިޝަންގެ މެންބަރުންނަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވަތަ އެފަދަ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ވެގެން ނުވާނެ އެވެ.

ގާނޫނުއަސާސީގެ 199 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަކީ ވަކި ފަރާތަކަށް ބުރަނުވާ މުސްތަގިއްލު ތަނެކެވެ. އަދި އޭސީސީގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ބ) އަދި 17 ވަނަ މާއްދާގެ (ހ)ގެ (5)ގައި ބުނެފައިވާ ގޮތުގައި އޭސީސީގެ މެމްބަރުންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެގެންވާ ބަޔަކު ކަމުގައި ވާންޖެހޭނެ އެވެ.

ގާނޫނުއަސާސީގެ 209 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި އޮޑިޓަ ޖެނަރަލަކީ ވެސް ވަކި ފަރާތަކަށް ބުރަނުވާ މުސްތަގިއްލު މަގާމެކެވެ. އެހެންކަމުން އެ މަގާމަކީ ވެސް ސިޔާސީ އެންމެހައި ނުފޫޒުތަކުން އެއްކިބާވެގެންވާ މީހަކަށް ވާންޖެހޭނެ އެވެ.

އޭސީސީގެ ބައެއް މެންބަރުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: މިނިވަން މުއައްސަސާތައް ވެސް ސިޔާސީ ނުފޫޒުގައި ނުޖެހި މަސައްކަތް ކުރުން މުހިންމު

އޭސީސީގެ ބައެއް މެންބަރުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: މިނިވަން މުއައްސަސާތައް ވެސް ސިޔާސީ ނުފޫޒުގައި ނުޖެހި މަސައްކަތް ކުރުން މުހިންމު

ގާނޫނުއަސާސީގެ 220 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަކީ ވެސް ވަކި ފަރާތަކަށް ބުރަ ނުވާ މުސްތަގިއްލު މަގާމެކެވެ. ޕީޖީގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ޅ)ގައި ބުނެފައިވާ ގޮތުގައި ޕީޖީއަކީ ސިޔާސީ ހުރިހާ ނުފޫޒަކުން އެއްކިބާވެފައިވާ މީހެއް ކަމުގައިވާންޖެހޭނެ އެވެ.

ސިފައިންނަށް ވޯޓު ނުލެވޭ ގޮތް ހަދަނީ، ސިފައިންނާއި ފުލުހުންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ބަޔަކު ކަމުގައި ވާންޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާތީ އެކަން ފުރިހަމަ ކުރުމުގެ ގޮތުން ކަމުގައިވާ ނަމަ، ސިޔާސީ ނުފޫޒުން އެއްކިބާވާންޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ އެންމެހައި ފަރާތްތައް އެ ނުފޫޒުން ސަލާމަތް ކުރަން ނުޖެހޭނެ ބާވަ އެވެ.

ވޯޓު ލުމަކީ ސިޔާސީ ނުފޫޒެއްގައި ޖެހުންކަމުގައިވާ ނަމަ، އެ ސިޔާސީ ނުފޫޒުގައި ސިފައިން ޖެހިގެން ގައުމަށާއި ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކަށް ވުރެ، ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އެ ސިޔާސީ ނުފޫޒުގައި ޖެހުމުން ކުރިމަތިވެދާނެ ގެއްލުން މާ ބޮޑުވާނެ އެވެ.

އެހެންކަމުން ސިޔާސީ ނުފޫޒުގެ ސަބަބުން ލިބިދާނެ ގެއްލުމެއް ނައްތައިލަން އެދޭ ނަމަ، ވޯޓުލުމުގެ ހައްގު ސިފައިންގެ ކިބައިން ނިގުޅައިގަތުމުގެ ކުރިން ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ކިބައިން އެ ހައްގު ނިގުޅައިގަތުން މާ އައުލާކަން ބޮޑެވެ.

ސިޔާސީ ނުފޫޒުގައި ޖެހިއްޖެ ނަމަ، ފަނޑިޔާރަކު ކުރައްވާ ހުކުމެއްގެ ސަބަބުން ކިތަންމެ ބޮޑު އަނިޔާއެއް ވެސް މީހަކަށް ލިބިދާނެ އެވެ. މިހާރު ލިބެނީއެކޭ ނޫނެވެ. ހަމަ އެފަދައިން އޭސީސީގެ މެމްބަރުންނާއި އޮޑިޓާ ޖެނެރަލް ފަދަ ބޭފުޅަކު ސިޔާސީ ނުފޫޒުގައި ޖެހިފައިވާ ނަމަ، ކިތަންމެ ބޮޑު ކޮރަޕްޝަންގެ އަމަލަކީ ވެސް ދީލަތި ސޮދަގާތެއް ކަމުގައި ވެސް ބަލައިފާނެ އެވެ. ނުވަތަ މީހަކު ހެޔޮހިތުން ކުރާ ސޮދަގާތަކީ ކޮރަޕްޝަން ކަމަށް ވެސް ނިންމިދާނެ އެވެ.

ކުރައްވަން ތިޔަ އުޅުއްވާ ކަންތައް ގޯހެކޭ ނޫނެވެ. ސިފައިންނާ ހަމައިން އެކަން ފެށުމުގެ ކުރިން، އެހެން މުއައްސަސާތަކުން ފެއްޓެވިއްޔާ އެކަމުގައި ހުރި އިޚްލާސްތެރިކަމާއި ހެޔޮ ނިޔަތް ބަލައިގަންނަން ފަސޭހަވާނެ އެވެ.