Roadha Mihaaru

ސިފައިންނާއި ފުލުހުން ރައްޔިތުންގެ މަޖިލިހަށް އަރައިގަތް ދުވަސް!

ލަދުވެތި، މަންޒަރުތަކެކެވެ؛ ސަރުކާރުގެ އަމުރަށް، ގާނޫނު ހަދާ ބާރުގެ މައްޗަށް ސިފައިން ވެރިވެގަނެ، މަޖިލީސް "ހިސޯރުކުރީ" އެވެ. ރައްޔިތުންގެ މަންދޫބުން، މަޖިލީހުގެ އިދާރާ އަށް ވެންނެވުމަށް ހުރަސްއަޅައި މަގުމަތީގައި "ރަހީނުކުރީ" އެވެ. ވަކި ހިސާބަކުން މެމްބަރުން ދޫކޮށްލުމުން، ލިބުނު ހަނި ފުރުސަތެއްގައި، ފާރު މަތިން ފުންމާލައިގެން މެމްބަރުން މަޖިލީހުގެ އިދާރާ އަށް ވެންނެވި އެވެ. އެއާއެކު، ދެން ވެސް ފެނުނީ ސަލާމަތީ ބާރުތަކުން، ދައުލަތުގެ ބޮޑު ބާރެއް ތަމްސީލުކުރައްވާ މެމްބަރުންނާ މެދު އަމަލްކުރި ހުތުރު ގޮތެވެ.

ސިފައިންނާއި ފުލުހުން މަޖިލިހަށް އަރައިގަތް ދުވަސް!
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

25 ޖުލައި 2017

ލަދުވެތި، މަންޒަރުތަކެކެވެ؛ ސަރުކާރުގެ އަމުރަށް، ގާނޫނު ހަދާ ބާރުގެ މައްޗަށް ސިފައިން ވެރިވެގަނެ، މަޖިލީސް "ހިސޯރުކުރީ" އެވެ. ރައްޔިތުންގެ މަންދޫބުން، މަޖިލީހުގެ އިދާރާ އަށް ވެންނެވުމަށް ހުރަސްއަޅައި މަގުމަތީގައި "ރަހީނުކުރީ" އެވެ. ވަކި ހިސާބަކުން މެމްބަރުން ދޫކޮށްލުމުން، ލިބުނު ހަނި ފުރުސަތެއްގައި، ފާރު މަތިން ފުންމާލައިގެން މެމްބަރުން މަޖިލީހުގެ އިދާރާ އަށް ވެންނެވި އެވެ. އެއާއެކު، ދެން ވެސް ފެނުނީ ސަލާމަތީ ބާރުތަކުން، ދައުލަތުގެ ބޮޑު ބާރެއް ތަމްސީލުކުރައްވާ މެމްބަރުންނާ މެދު އަމަލްކުރި ހުތުރު ގޮތެވެ.

ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި މަޖިލީހުގެ އިދާރާ ތެރޭގައި މެމްބަރުންގެ "ގަޔަށް، ބޮލަށް އަރައިގަނެ" ފުލުހުންނާއި ސިފައިން ބާރުގެ ބޭނުންކުރީ އިންތިހާ ދަރަޖައަށެވެ. ބައެއް މެމްބަރުން ކޮއްޕައި ވައްޓައި، މޫނަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖެހި އެވެ. މަޖިލިސް ތެރޭގައި ނުތިއްބެވޭނެ ކަމަށް ބުނެ، އެސްއޯ ފުލުހުން މަޖިލީހުގެ އިދާރާގެ ތެރެއަށް ވައްދައި މެމްބަރުން ބޭރުކުރީ އެވެ. ޓީވީތަކުން ލައިވްކުރަމުން ދިޔައިރު ފެނުނީ، ބައެއް މީހުން ބުނިގޮތުގައި، ސަލާމަތީ ބާރުތަކުގެ އަމަލުތައް "ހައްދުން ނެއްޓިފައިވާ މިންވަރެ"ވެ. ގާނޫނުއަސާސީއެއް، ގާނޫނެއް، މެމްބަރުންނަށް ލިބިފައިވާ ހިމާޔަތާއި ހައްގުތަކަށް ވެސް ބެލުމެއް ނެތި އެވެ.

އިދިކޮޅު މެމްބަރުން މަޖިލީހުގެ އިދާރާ ދޮށަށް ދާން އުޅުމުން، އެ މެމްބަރުންނަށް އެއްވެސް ތަނަކަށް ނުދެވޭނެ ގޮތަށް ފަނޑިޔާރު މަގުގައި ފުލުހުން ހިފަހައްޓާފައި --ފޮޓޯ: ހުސައިން ވަހީދު/މިހާރު

އިދިކޮޅު މެމްބަރުން މަޖިލީހުގެ އިދާރާ ދޮށަށް ދާން އުޅުމުން، އެ މެމްބަރުންނަށް އެއްވެސް ތަނަކަށް ނުދެވޭނެ ގޮތަށް ފަނޑިޔާރު މަގުގައި ފުލުހުން ހިފަހައްޓާފައި --ފޮޓޯ: ހުސައިން ވަހީދު/މިހާރު

ސަލާމަތީ ބާރުތަކުން އިއްޔެ ހިންގި އަމަލުތައް، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ގާނޫނީ ބައެއް ވަކީލުން ސިފަކުރައްވަނީ، "މިލިޓަރީ ބަޣާވާތެއްގެ" ގޮތުގަ އެވެ. މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، އެއީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް، ހަމައެކަނި ވެރިންގެ އެންގުމަށް، ސަލާމަތީ ބާރުތަކުން ހިންގި ޖަރީމާއެކެވެ.

އިއްޔެ އަކީ، ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި، ކަޅު ދުވަހެކެވެ. މީގެ ކުރިން ތާރީޚުން ދައްކާފައި ނުވާވަރުގެ ދުވަހެކެވެ.

މަޖިލިސް "ހިފުން"، ބޮޑު ޖަރީމާއެއް!

މަޖިލީހުގައި ވޯޓެއް ނަގައިފި ނަމަ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރާނެ ކަން ވަރަށް ސާފެވެ. މަޖިލީހުގެ ޖޯރިޓީ ސަރުކާރަށް ގެއްލި، އަޣުލަބިއްޔަތު އިދިކޮޅަށް އޮތީ ލިބިފަ އެވެ. އެހެންވެ، ވޯޓާ ގުޅޭ ޖަލްސާއެއް މަޖިލީހުގައި ކުރިއަށް ގެންދަން ސަރުކާރުން އެއްގޮތަކަށް ވެސް ބޭނުމެއް ނުވެ އެވެ. މަސީހުގެ ވޯޓަށް ހުރަސްއަޅަން، ސަލާމަތީ ބާރުތައް ލައްވައި މަޖިލީސް "ހިފުމަކީ"، ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، ރާއްޖޭގެ ގާނޫނުއަސާސީ މުގުރާލައި ފުނޑުފުނޑުކޮށްލުމެވެ.

މަޖިލީހަށް މެމްބަރުން ވަދެވަޑައިގަތުން މަނާކޮށް، ސިފައިން ފުރަތަމަ ކުރި ކަމަކީ މަޖިލީހުގެ އިދާރާގެ ގޭޓްތަކުގައި ތަޅު އެޅުވުމެވެ. ގާނޫނުއަސާސީން ތިން ބާރު ވަކިކޮށްފައި ވަނިކޮށް، މަޖިލީހުގެ ބާރުތައް ނިގުޅައިގަތީ އެވެ. ގާނޫނުއަސާސީގައި ބުނާ ގޮތުން އެއީ، ޣައިރު ގާނޫނީ އަމަލެކެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ މައި ގޭޓުގައި ސިފައިން ތަޅު އަޅުވާފައި --މިހާރު ފޮޓޯ: ހުސެއިން ވަހީދު

ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ މައި ގޭޓުގައި ސިފައިން ތަޅު އަޅުވާފައި --މިހާރު ފޮޓޯ: ހުސެއިން ވަހީދު

"މެމްބަރުންގެ ޒިންމާ އަދާކުރައްވަން މަޖިލީހަށް ވަދެވަޑައިގަތުމަށް ހުރަސް އެޅުމަކީ، ރައީސުލް ޖުމްހޫރިއްޔާ ރައީސް އޮފީހަށް ވަންނަން ހުރަސްއެޅުން އަދި ފަނޑިޔާރުން ސުޕްރީމް ކޯޓަށް ވަންނަން ހުރަސްއެޅުން ފަދަ ކަމެއް،" ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވި އެވެ.

މެމްބަރު އަނާރާ އާއި މަޑުއްވަރި ދާއިރާގެ ކުރީގެ މެމްބަރު އަމީތު މަޖިލިހުގެ އިދާރާގައި: މަޖިލިހަށް ވަޑައިގަންނަވަން އުޅުއްވުމުގެ ތެރޭގައި އަނާރާ އަށް ވެސް އަނިޔާވި.

މެމްބަރު އަނާރާ އާއި މަޑުއްވަރި ދާއިރާގެ ކުރީގެ މެމްބަރު އަމީތު މަޖިލިހުގެ އިދާރާގައި: މަޖިލިހަށް ވަޑައިގަންނަވަން އުޅުއްވުމުގެ ތެރޭގައި އަނާރާ އަށް ވެސް އަނިޔާވި.

މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގެ ބާބަކަށް ފަހު ބާބެއް ފުނޑާލަމުން ގޮސް، ގާނޫނު ހަދާ ބާރު ހިސޯރުކޮށް، މެމްބަރުންނަށް ހުރަސްއެޅުމުން ރާއްޖޭގެ ހާލަތު އޮތް ގޮތް ސާފުވީ އެވެ. ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރުތައް ނިގުޅައިގެންފައިވާއިރު، މެމްބަރުންގެ ވާޖިބު އަދާކުރަން ވެސް ހުރަސްއަޅާފައިވާ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.

"ރައްޔިތުންގެ މަޖިލީހަށް، ރައްޔިތުންގެ މަންދޫބުންނަށް ނުވަދެވޭ ގޮތަކަށް ތަޅެއް ނޭޅުވޭނެ. ސިފައިން ކުރި ނަމަވެސް އެއީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފު އަމަލެއް، އެ އަމަލަށް ސިފައިން ޒިންމާވާން ޖެހޭނެ،" ރޮޒައިނާ ވިދާޅުވި އެވެ.

ގަދަބާރުން މެމްބަރުން ނެރުން، އަނިޔާވެރި އަމަލެއް!

ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ސަލާމަތީ ބާރުތަކުން އިއްޔެ އަމަލުކުރަމުން ދިޔައީ ޣައިރު ގާނޫނީ އަމުރުތަކަކަށެވެ.

ހެކި ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ އަބްދުﷲ ޝާހިދު ވިދާޅުވީ ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރައްވަން މެމްބަރުން މަޖިލީހަށް ވެންނެވުމުން ސަލާމަތީ ބާރުތަކުން ވަދެގަނެ މެމްބަރުން "އުފުރާލައިގެން" ބޭރަށް ނެރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެއީ، ސަލާމަތީ ބާރުތަކުން ހިންގި ގާނޫނާ ޚިލާފު، ވަރަށް އަނިޔާވެރި އަމަލެއްގެ ގޮތުގައި ޝާހިދު ސިފަކުރެއްވި އެވެ.

"މަޖިލިސް އެ އޮތީ ހިސޯރުކޮށްފައި. ގަދަބާރުން މެމްބަރުން މަޖިލީހުގެ އިދާރާ އިން ނެރެވޭނެ ގާނޫނީ ހަމައެއް ނެތް. މިއީ، ގާނޫނީ ވެރިކަމެއް ހިނގާ ތަނެއްގައި ވާން ޖެހޭނެ ގޮތެއް ނޫން،" ޝާހިދު ވިދާޅުވި އެވެ.

މެމްބަރު އިބްރާހިމް ޝަރީފްގެ މޫނަށް ޕެޕާ ސްޕްރޭ ޖަހާފައި: މަޖިލީހުގެ އިދާރާ އިން މެމްބަރުން ނެރެން ސަލާމަތީ ބާރުތަކުން، ބާރުގެ ބޭނުންކުރި --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މެމްބަރު އިބްރާހިމް ޝަރީފްގެ މޫނަށް ޕެޕާ ސްޕްރޭ ޖަހާފައި: މަޖިލީހުގެ އިދާރާ އިން މެމްބަރުން ނެރެން ސަލާމަތީ ބާރުތަކުން، ބާރުގެ ބޭނުންކުރި --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޣައިރު ގާނޫނީ އަމުރުތަކަށް ތަބާނުވުމުގެ ހައްގު ގާނޫނުއަސާސީން ކޮންމެ މީހަކަށް ވެސް ވަނީ ލިބިދީފަ އެވެ.

ފުލުހުންގެ ގާނޫނުގެ 13 ވަނަ މާއްދާގެ ބ. ގައި ވަނީ އެއްވެސް ފުލުހަކުު، ދައުރު އަދާކުރުމުގައި ނުވަތަ އެ މީހަކަށް ހަވާލުކުރެވިފައިވާ އެއްވެސް މަސައްކަތެއް ފުރިހަމަކުރުމުގައި، ގަސްތުގައި އެނގި ހުރެ އެ މީހަކަށް ބާރާއި އިޚްތިޔާރު ލިބިފައިވާ ދާއިރާގެ ބޭރުން އެހެން މީހެއްގެ މައްޗަށް ބާރު ހިންގައިފި ނަމަ ނުވަތަ އެ ނޫން ގޮތަކަށް ވެސް އަމަލުކޮށްފި ނަމަ އެ މީހަކު އެ ކުރަނީ ކުށެކެވެ. އަދަބަކީ ޖޫރިމަނާ ކުރުން ނުވަތަ ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުން ކަމަށް ވެސް ފުލުހުންގެ ގާނޫނުގައިވެ އެވެ.

މަޖިލީހުގެ އިދާރާ ތެރެއަށް ގިނަ އަދަދެއްގެ އެސްއޯ ފުލުހުންތަކެއް ވަދެ، މެމްބަރުން ނެރުނު މައްސަލަ ވެސް މެމްބަރުން ގެންދަވަނީ ކުށްވެރި ކުރައްވަމުންނެވެ. ކޯޓު އަމުރަކާ ނުލައި މަޖިލީހުގެ އިދާރާ ތެރެއަށް އެސްއޯ ފުލުހުންތަކެއް ވަދެގަނެ، އިމްތިޔާޒުގެ ގާނޫނުން މެމްބަރުންނަށް ލިބިދޭ ހައްގުތަކަށް ވެސް އަރައިގަނެފައިވާ ކަމަށް މެމްބަރުން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފުލުހުންގެ ސަފުތައް ރޫޅާލައިފައި މަޖިލިހުގެ ތެރެއަށް ވަންނަވާފައި ---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފުލުހުންގެ ސަފުތައް ރޫޅާލައިފައި މަޖިލިހުގެ ތެރެއަށް ވަންނަވާފައި ---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މަޖިލީހުގެ އިދާރާގެ ތެރެއަށް ފުލުހުން ވަނީ، ސިފައިން އެދިގެން ކަަމަށް ފުލުހުން ބުނި ނަމަވެސް، ގާނޫނުގައިވާ ގޮތުން ކޯޓު އަމުރަކާ ނުލައި ފުލުހުންނަށް އެތަނަށް ނުވަދެވޭނެ ކަމަށް ގާނޫނީ ވަކީލުން ވިދާޅުވެ އެވެ.

"ފުލުހުން މަޖިލިސް ތެރެއަށް ވަނުމަކީ ސީދާ ޣައިރު ގާނޫނީ ކަމެއް. މަޖިލީހަކީ ފުލުހުންނަށް ވަދެވޭ ގޮތަށް އޮންނަ ތަނެއް ނޫން. އެހެން ނަމަވެސް ސީދާ އެސްއޯ ފުލުހުން މަޖިލީހުގެ ގޯތި ތެރެއަށާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އޮފީސް ތެރެއަށާއި މަޖިލީހުގެ ހުރިހާ ތަނަކަށް ވަނީ. އެއީ ފުލުހުންނަށް ލިބިފައިވާ ބާރުތަކުގެ ބޭރުން ހިންގި ބޮޑު ޖަރީމާއެއް،" ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވި އެވެ.

"މެމްބަރުން މަޖިލީހަށް ވަނީ ކުށެއް ކުރާކަށް ނޫން. އަޅުގަނޑުމެން މަޖިލީހުގައި ކުރި ކުށެއް ނޯންނާނެ. އެހެންވެ މެމްބަރުން ނެރެވޭނެ އެއްވެސް ސަބަބެއް ނޯންނާނެ."

އިދިކޮޅު މެމްބަރުން މަޖިލީހަށް ވަންނަވަން އުޅުއްވުމުން ފުލުހުން ހުރަސް އަޅަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އިދިކޮޅު މެމްބަރުން މަޖިލީހަށް ވަންނަވަން އުޅުއްވުމުން ފުލުހުން ހުރަސް އަޅަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ނިގުޅައިގަނެ، ސަލާމަތީ ބާރުތަކުން އަމަލްކުރި ގޮތް ރައްޔިތުންނަށް ވަގުތުން ފެނުނެވެ. ރައްޔިތުންނަށް މަޖިލިހުގެ މެމްބަރުންނަށް، ކޮންމެ ވަގުތަކު ވެސް މަޖިލިހުގެ އިދާރާއަށް ވަދެވެ އެވެ. އެއީ އެ މެމްބަރުންގެ އޮފީހެވެ. އެއީ ރައްޔިތުން ތަމްސީލުކުރައްވަން އެ ބޭފުޅުން ބައްދަލުކުރައްވާ މަރުކަޒެވެ. އެއީ ގާނޫނު ހަދާ މަޖިލިހުގެ ހައިބަތެވެ.

ސިފައިންނާއި ފުލުހުން އިއްޔެގެ އަމަލްތައް ދިފާއުކުރަން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް، ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި، ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ސާފުކޮށް ލިއެފައިވާ ކަންކަން ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ އެވެ. އެ އަމަލްތަކަށް ޖަވާބުދާރިވުމާއި ޖަވާބުދާރީކުރުވުމުގެ ދުވަސް ވެސް އަންނާނެ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.