08 ފެބުރުއަރީ 2018
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރު ކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ސުޕްރީމް ކޯޓަށް ވަން ހުރިހާ ސިފައިންނާއި ފުލުހުން، އެ ކޯޓުގެ ހުރުމަތް ކަނޑާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާތީ، އެ މީހުން 15 ދުވަހަށް ޖަލަށް ލުމަށް ވަގުތުން ހުކުމް ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށް އުއްތަމަ ފަނޑިޔާރުގެ ގާނޫނީ ވަކީލުންގެ ޓީމުން މިރޭ ބުނެފި އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރު ކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ސުޕްރީމް ކޯޓަށް ވަން ހުރިހާ ސިފައިންނާއި ފުލުހުން، އެ ކޯޓުގެ ހުރުމަތް ކަނޑާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާތީ، އެ މީހުން 15 ދުވަހަށް ޖަލަށް ލުމަށް ވަގުތުން ހުކުމް ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށް އުއްތަމަ ފަނޑިޔާރުގެ ގާނޫނީ ވަކީލުންގެ ޓީމުން މިރޭ ބުނެފި އެވެ.
އުއްތަމަ ފަނޑިޔާރުގެ ގާނޫނީ ވަކީލުންގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ސިފައިންނާއި ފުލުހުން ސުޕްރީމް ކޯޓުގެ ދޮރުތައް ހަލާކުކޮށްލައިގެން، ގަދަކަމުން އެތަނަށް ވަދެ، ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާތީ، އެކަމުގައި ބައިވެރިވި ހުރިހާ ސިފައިންނާއި ފުލުހުން 15 ދުވަހަށް ޖަލަށް ލުމަށް ވަގުތުން ހުކުމް ކުރައްވާފައިވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވާ ކަމަށެވެ. އަދި އެ ހުކުމް އެމަނިކުފާނު ކުރެއްވީ ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވާ ކަމަށް ބަޔާނުގައިވެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މިދިޔަ ހޯމަ ދުވަހުގެ ރޭ ސިފައިންނާއި ފުލުހުން ސުޕްރީމް ކޯޓަށް ވަދެ ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ފަނޑިޔާރު އަލީ ހަމީދު ވެސް ހައްޔަރުކޮށްފަ އެވެ. އެ ދެބޭފުޅުންނަށް ވެސް ފުލުހުން ކުރަނީ ރިޝްވަތު ހިފުމުގެ ދައުވާ އެވެ.
އުއްތަމަ ފަނޑިޔާރުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ އެމަނިކުފާނު ހައްޔަރުކޮށްގެން ގެންދިޔައީ، ހަށިކޮޅަށް އަތްލައި، ބިންމައްޗަށް ވައްޓާލައި، ބިންމަތީގައި ދަމައި ކޫއްތައިގެން ކަމަށެވެ.
ވަކީލުންގެ ބަޔާނުގައި ބުނީ، އުއްތަމަ ފަނޑިޔާރު ދޫނިދޫގައި ބަންދުކޮށްފައި ވަނީ ގާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ގާނޫނުގެ އިމުގެ ތެެރެއިން ދައުލަތުގެ އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ އިސް ފަރާތަށް ލިބިދޭ ގާނޫނީ ރައްކާތެރިކަމާއި އިމްތިޔާޒުތަކާ ކަނޑައެޅިގެން ޚިލާފުވާ ގޮތަށް އަދި ގާނޫނީ އިޖުރާއަތުގެ ބޭރުން ކަމަށެވެ.
އުއްތަމަ ފަނޑިޔާރުގެ ގާނޫނީ ޓީމުން ބުނީ، އެމަނިކުފާނުގެ މައްޗަށް ސަރުކާރުން ކުރާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އެ ތުހުމަތަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އިންކާރު ކުރައްވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"އަދި ދައުލަތުގެ އެއްބާރުގެ އެންމެ އިސް ފަރާތް ސިޔާސީ ސަބަބުތަކަށްޓަކައި ގާނޫނުއަސާސީއާ ޚިލާފަށް ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަކީ އަޅުގަނޑުމެން ނުހަނު ކަންބޮޑުވާ ކަމެކެވެ،" އުއްތަމަ ފަނޑިޔާރު ހައްޔަރުކުރި ފަހުން ގާނޫނީ ޓީމުން ނެރުނު ފުރަތަމަ ބަޔާނުގައި ބުންޏެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދަށް ފުލުހުން ކުރަނީ، ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށް ފަހު، ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރުމަށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މަސައްކަތް ކުރެއްވުން އަދި ދައުލަތާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގުމަށް ގަސްދުގައި ހުރަސްއެޅުމުގެ ތުހުމަތެވެ. އެ ދެބޭފުޅުންގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާއަށް ތުހުމަތު ކުރަނީ ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމަށް ރިޝްވަތުގެ ފައިސާ ދިނުމާއި ރިޝްވަތުގެ ގޮތުގައި ލިބިފައިވާ ފައިސާ ބޭނުންކޮށްގެން މަންފާ ހޯދުމެވެ.
ފުލުހުން ބުނެފައި ވަނީ ހަސަންގެ ކޮޓަރީގައި އޭނާ ނިދާ އެނދުގެ ގޮދަޑި ދަށުން ގިނަ އަދަދެއްގެ ފައިސާ މިހާތަނަށް ފެނިފައިވާ ކަމަށާއި އިތުރު ހެކިތައް ވެސް ހޯދާފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުން ރިޝްވަތުގެ ގޮތުގައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު އެތައް މިލިއަން ރުފިޔާއެެއް ނެގި ކަމުގެ ހެކި ވަނީ ލިބިފަ އެވެ.
ސުޕްރީމް ކޯޓަށް ވަން މީހުންނަށް ހުކުމެއް ނެތް
ސުޕްރީމް ކޯޓަށް ވަން މީހުން ޖަލަށްލުމަށް ގޮވާލައިފި
އުއްތަމަ ފަނޑިޔާރަކަށް ޑރ. ޑީޑީ އައްޔަން ކުރަނީ
ލުތުފީ އަށް ފާޑުކިޔުން: "އިސްތިއުފާ ދީ"
އިސްލާހުކުރަން މިއީ ރަނގަޅު ވަގުތެއް: ފާއިޒް
ފަނޑިޔާރުން ގަތް މުދަލުގެ މައުލޫމާތު ދޭންޖެހޭ: ޝިއާން
"އަލީ ހަމީދުގެ ދަބަހަކުން 3.4 މިލިއަން ފެނިފައިވޭ"
ރިޝްވަތަށް ދެފަނޑިޔާރުން އެތައް މިލިއަނެއް ނެގި:ޕޮލިސް
ސިޔާސީ ނުފޫޒުން މިންޖުކުރަންވީ ސިފައިން އެކަންޏެއް ނޫން
"ލޭ އޮހޮރުވުމަށް އިންޑިއާ ސިފައިން ތިބީ ތައްޔާރަށް"