12 އޯގަސްޓް 2022
ޖިނާއީ އެކި މައްސަލަތަކުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދެވި ސިޔާސީ ބޭފުޅުން ދޫކޮށްލުމަށް އަންގައި ސުޕްރީމް ކޯޓުން މީގެ ހަތަރު އަހަރު ކުރިން ނެރުނު އަމުރަށް ފަހު, ލޭ އޮހޮރުވުމެއް ހިނގި ނަމަ އިންޑިއާގެ ސިފައިން ތިބީ ރާއްޖެ އަރަން ތައްޔާރަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޖިނާއީ އެކި މައްސަލަތަކުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދެވި ސިޔާސީ ބޭފުޅުން ދޫކޮށްލުމަށް އަންގައި ސުޕްރީމް ކޯޓުން މީގެ ހަތަރު އަހަރު ކުރިން ނެރުނު އަމުރަށް ފަހު, ލޭ އޮހޮރުވުމެއް ހިނގި ނަމަ އިންޑިއާގެ ސިފައިން ތިބީ ރާއްޖެ އަރަން ތައްޔާރަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ގިނަ ދުވަސްތަކަށް ފަހު ރޭ ބޭއްވި ގާތްގަނޑަކަށް ހަތަރު ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން ޔާމީން ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގާ އެކު ނެރުނު ވަރުގަދަ އަމުރާ ގުޅޭގޮތުން ތަފްސީލުކޮށް ވާހަކަފުޅު ދައްކަވައިފަ އެވެ.
ޔާމީން ވިދާޅުވީ ހިޔާނާތުގެ މައްސަލައިގައި ބަންދުގައި ހުރި އެ މަނިކުފާނުގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ޓެރަރިޒަމްގެ ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދެވި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދޫކޮށްލުމުން، އެ ބޭފުޅުންގެ ސަޕޯޓަރުންނާއި ޕީޕީއެމަށް ތާއިދުކުރާ މީހުންގެ މެދުގައި ހަމަނުޖެހުން ހިންގާނެ ކަމަށް އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު އިސްވެ ތިއްބަވައި ދެން ތިބި ފަނޑިޔާރުންނަށް ވިސްނައިދިން ކަމަށެވެ.
އެ ހަމަނުޖެހުންތަކުގައި ލޭ އޮހޮރުވުމަކަށް ދާނެ ކަމަށް ބަލައި މި ސަރަހައްދުގައި އިންޑިއާގެ ހަނގުރާމައިގެ މަނަވަރެއް އޮތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި އެފަދަ ކަމެއް ހިނގިނަމަ އިންޑިއާ ސިފައިން ރާއްޖެ އެރީސް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"އެހާ ނުރައްކާތެރި ހާލަތަކަށް ދިވެހިރާއްޖޭގައި އޭރު ތިބި ސުޕްރީމް ކޯޓު ފަނޑިޔާރުން ވައްޓާލީ. މިއީ ހަގީގަތް،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެ ކަންތައްތަކަށް ފަހު ޗީފް އޮފް ޑިފެންސް ފޯސް މެޖަ ޖެނެރަލް އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އަދި އިތުރު ބޭފުޅަކު ސުޕްރީމް ކޯޓުގައި ދެން ތިބި ތިން ފަނޑިޔާރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކުން، ސިފައިން އޭރުގެ ސަރުކާރު ދެކެ ރުޅި އަންނަކަން އަންގައިދޭން އުޅުނުކަން އެނގިވަޑައިގަތް ކަމަށެވެ.
އެ ބޭފުޅުން ފަހިކޮށްދިނީ ބޮޑު ލޭ އޮހޮރުވުމަކަށް ދިއުމަށް ކަމަށް، ދިމްޔާތު ހޮޓަލުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ޔާމިނު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ސޮޔާއެކު އެ އަމުރު އެންމެ ފުރަތަމަ ނެރުނީ ފުލުހުން ވެސް ވާގިވެރިވެގެންނެވެ. އެ އަމުރާ ގުޅޭ މައުލޫމާތު އޭރުގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފަށް ލިބިވަޑައިގަތުމުން އެކަމަށް ވަރުގަދަ ފޯސްއެއް އޮތީ ތައްޔާރުކޮށްފައި ކަމަށް ޔާމީން ވިދާޅުވި އެވެ. ނަމަވެސް، އެ ދުވަހުގެ އިރާކޮޅު އަރީފަށް ގުޅުއްވުމުން އަމުރާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިފައިނުގަންނަވާ ކަމަށް ވިދާޅުވިއަސް އެ އަމުރު އޮތީ އަރީފްގެ މޭޒު މަތީގައި ކަމަށް ވެސް ވިދާޅުވި އެވެ.
ޖަލުން މިނިވަންކުރަން ސުޕްރީމް ކޯޓުން އަމުރުކުރި ބޭފުޅުން.
އަމުރު ނެރުމުގެ ކުރިން އެކަން ތަންފީޒުކުރަން ދެކޮޅު ހަދާނެހެން ހީވާ ބައެއްގެ ޑިއުޓީ، ފުލުހުން ތަމްރީން ހަދާ ދ. ވާނީއަށް ބަދަލުކޮށް ފުލުހުން ތިބީ އަމުރު ތަންފީޒުކުރަން ގަދަފައި ވިއްދާފައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އޭނާ ތަންފީޒުކުރުމުގެ ހުރިހާ މަސައްކަތެއް ކުރަމުން ދިޔަ އޭރު. ދެން އަޅުގަނޑު ގުޅާގުޅާ މީނަ ފޯނު ނުނެގީ. ދެން އަޅުގަނޑު ގުޅާގުޅާ ފޯނު ނުނެގީމަ އަޅުގަނޑު ގުޅީ އެތަނުގެ ޑެޕިއުޓީ ކޮމިޝަނަރަށް. އަޅުގަނޑު ދެންނެވީމަ ވިދާޅުވި ސޯ މިހާރު މޯލްޑިވްސް ޕޮލިސް ސާވިސް އިން ނިންމައިފިއޭ ސުޕްރީމް ކޯޓުގެ އަމުރަކީ ގާނޫނީ އަމުރެއް ވީމަ އެ ތަންފީޒުކުރަން." ޔާމީން ވިދާޅުވި އެވެ.
ދެން އަޅުގަނޑު އެ ބޭފުޅާއަށް ދެންނެވިން ތަންފީޒެއް ނުކުރެވޭނެއޭ. ފުލުހުން ގާނޫނީ ލަފާ ހޯދިން ހެއްޔޭ؟ [ވިދާޅުވީ] ނޯ ސޯ. ތިމަންނަމެން ނުހޯދަމޭ. ކަލޭމެންގެ ގާނޫނީ ވަކީލަކޭ ކާކު ހެއްޔޭ؟ ބަންޑާރަ ނައިބޭ. ބަންޑާރަ ނައިބުގެ ލަފާ ހޯދިން ހެއްޔޭ. ނުހޯދަމޭ. ހޯމް މިނިސްޓަރުގެ ލަފާ ހޯދިން ހެއްޔޭ. ނުހޯދަމޭ. މި މީހުން އަމިއްލައަށް ނިންމީ، އޭރު އެތަނުގެ އެތެރޭގައި އޮތީ ބަޣާވާތެއްގައި ބައިވެރިވެފައި އެ އޮތީ،"
ޔާމީން ވިދާޅުވީ ނުރައްކާވީ އެ ހިސާބުން ކަމަށެވެ.
"ވަރަށް ނުރައްކާވީ. އެ ހިސާބުން އަޅުގަނޑު ނިންމައިފިން މިކަމެއް މިހާ ފަސޭހައަކުން ނުދާނެއޭ."
ޔާމީން ވިދާޅުވީ މިނިސްޓަރު އާދަމް ޝަރީފް ގުޅުއްވުމުން އެ ބޭފުޅުންނާ ބައްދަލުކުރައްވަަން ވަޑައިގެންނެއިރު، އެ ތަނުގައި ސިފައިންގެ ޗީފް އަހުމަދު ޝިޔާމާއި އެޓާނީ ޖެނެރަލް މުހައްމަދު އަނީލާއި ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް އަދި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރު ވެސް ހުންނެވި ކަމަށެވެ. އެ ތަނަށް ވަޑައިގަތުމުން ސުޕްރީމް ކޯޓުގެ އަމުރަކީ ތަބާވާންޖެހޭ އަމުރެއް ކަމަށް ބަންޑާރަ ނައިބު ވިދާޅުވި ކަމަށް އާދަމް ޝަރީފް ވިދާޅުވި ކަމަށް ޔާމީން ވިދާޅުވި އެވެ.
ނަމަވެސް އޭގެ ރައްދުގައި ޔާމީން އެ ބޭފުޅުން ގާތުގައި ވިދާޅުވީ އެ އަމުރު ތަންފީޒުކުރަން ނުޖެހޭނެ ކަމަށެވެ.
ދިމްޔާތު ހޮޓަލުގައި ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ކުރީގެ ރައީސް ޔާމީން ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
"އެ ހިސާބުން އެ ބޭފުޅުންނަށް އައީ ހައިރާންކަމެއް. އެ އަމުރު އޮތްގޮތް ބެލިން، އަޅުގަނޑު ދެންނެވިން މިއީ ގާނޫނާ ހިލާފަށް އޮތް އަމުރެކޭ. ބަންޑާރަނައިބު ވިދާޅުވެއްޖެ ކީއްވެގެން ހެއްޔޭ ގާނޫނާ ހިލާފު އަމުރަކަށް ވަނީ. އަޅުގަނޑު ދަންނަވައިިފިން މި އަމުރުގައި ލިޔެފައި އެބައޮތޭ މި އަމުރު ނެރުމާ ގުޅިގެން މި އަމުރު ނެރުނު އެއްވެސް ފަނޑިޔާރަކު ތަހުގީގު އިދާރާއަކަށް ހާޒިރެއް ނުކުރެވޭނެއޭ. މި އުޅެނީ ހަމައެކަނި ކުށްވެރިންތަކެއް ދޫކޮށްލާކަށް ނޫނޭ،" ޔާމީން ވިދާޅުވި އެވެ.
"ކުށްވެރިންތައް ވެސް ދޫކޮށްލާނީ އެކަން ކުރަން އޮންނަ އިޖުރާއީ ގޮތުން އެ ކަން ކުރަން އޮންނަ ގޮތަށޭ. އެ މީހުންގެ އަޑުއެހުމެއް އޮންނަން ޖެހޭނެއޭ. ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރަލަކަށް މިކަމެއް ނޭނގެއޭ. ސުޕްރީމް ކޯޓަށް އަމިއްލަ އަމިއްލައަށް ނިންމޭ ކަންތައްތަކެއް ނޫނޭ. މީގެ ތެރޭގައި މި ހިރީ މިވެނި ކަންކަމޭ."
އެއީ ދެ ބާރަށް ކޮށްފައި އޮތް އަމުރެއް ކަމަށާއި ނަމަވެސް ސިފައިންގެ ގާނޫނު އަދި ފުލުހުންގެ ގާނޫނުގައި ވެސް ސަލާމަތީ ބާރުތަކުން ތަބާވާނީ ގާނޫނާ އެއްގޮތަށް ކުރާ އަމުރުތަކަށް ކަމަށް ތަކުރާރުކޮށް ބުނާ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެ ބޭފުޅުންގެ ބަދު ނަސީބު، އަޅުގަނޑުގެ ނަސީބު، ގައުމުގެ ނަސީބު އެއީ ސިފައިންނާއި ފުލުހުންނަށް މި އަމުރުކޮށްފައި އިންކަން. އަޅުގަނޑު ބުނިން މި އަމުރު ތަންފީޒެއް ނުކުރާނަމޭ އެއީ ގާނޫނާ ހިލާފު އަމުރެއް ވީމަ. އެ ހިސާބުން ހުރިހާ ލޯޔަރުން އެއްބަސްވެވަޑައިގެންނެވީ މިއީ ގާނޫނާ ހިލާފު އަމުރެއް ކަމަށް."
ކޯޓުން އަމުރު ނެރުނީ ފުލުހުންގެ އެއްބާރުލުމާއެކު ކަމަށް ޔާމީން ގަބޫލުކުރައްވާތީ، އެ ބައްދަލުވުމަށްފަހު ޔާމީން ދެން ބައްދަލު ކުރެއްވީ ސިފައިންގެ ޖެނެރަލުންނާ އެވެ. ޔާމީން ވިދާޅުވީ ޖެނެރަލުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ވެސް އަމުރު ތަންފީޒުކުރިޔަ ނުދޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވި ކަމަށެވެ. އެއަށްފަހު، ރައީސް އޮފީހުގެ މިނިސްޓަރަށް އަންގަވައިގެން އަރީފް މަގާމުން ވަކިކުރެއްވީ އެވެ.
އަރީފް ވަކިކުރެއްވުމަށް ފަހު ފުލުހުންގެ މުއައްސަސާ ހިންގެވުން ވަގުތީ ގޮތުން އަބްދުﷲ ނަވާޒުއާ ހަވާލުކުރައްވައި، ސިފައިންގެ އިސްވެރިންނާ އެކު ސަރުކާރުން ފުރަތަމަ ފަހަރަށް އެ އަމުރާ ގުޅޭގޮތުން ވާހަކަދެއްކެވި އެވެ. ލައިވް ޓީވީގައި އެ ބޭފުޅުން ވިދާޅުވީ، ސިޔާސީ ބޭފުޅުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުނުކުރާނެ ކަމަށެވެ.
ކޯޓުގެ އަމުރަށް އަސްކަރިއްޔާގެ ތާއިދު ނެތްކަން އެ ފަނޑިޔާރުންނަށް އެ ހިސާބުން އެނގިވަޑައިގަތަސް ދެ ދުވަސް ވަންދެން ގުޅުމުން ވެސް އެ ބޭފުޅުން ފޯނަށް ޖަވާބު ނުދެއްވި ކަމަށް ޔާމީން ވިދާޅުވި އެވެ.
ސިޔާސީ ބޭފުޅުން މިނިވަންކުރަން ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އެމްޑީޕީގެ ހަރުގެ ސަރަހައްދުގައި އޭރުގެ އިދިކޮޅު ފަރާތްތައް އުފާ ފާޅުކުރަނީ -- ފައިލް ފޮޓޯ: މިހާރު
އެއަށްފަހު ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ވެސް އެ އަމުރާ މެދު ހިޔާލު ތަފާތުވުންތަކެއް އުފެދުނު ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އަމުރު ތަންފީޒުކުރަން ދައުލަތުގެ މީހުން ވެސް ހައްޔަރުކުރަން އުޅުނު ކަމަށް ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރުކުރީ އެ އަމުރު ނެރެގެން ނޫން ކަމަށެވެ. ބޭނުންވީ އެ އަމުރު ނެރުނު ސަބަބު ބަލަން ކަމަށާއި އޭގެ ފަހުން މުލިއާގޭގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާއަށް ގުޅުއްވައި އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައިމަން ވަނީ އެ ދެ ފަނޑިޔާރުން ހުޅުމާލެއިން ދެ ތިން ފްލެޓު ގަތުމަށް ވިލާ ޝިޕިން އިން ގެރެންޓީ ދީފައިވާ ކަމަށް ވިދާޅުވެފަ އެވެ. މެލޭޝިޔާއިން ވެސް އެ ބޭފުޅުން ފްލެޓު ގަތުމަށް ގެރެންޓީ ދީފައިވަނީ ވިލާ ޝިޕިން ކުންފުނިން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި އެ އަމުރު ނެރުނީ ރިޝްވަތު ހުށަހަޅައިގެން ކަމަށެވެ.
"ސުޕްރީމް ކޯޓަށް ވަންނާނެ، ފުލުހުންގެ އަމުރަށް ތަބައެއް ނުވި. ރައީސާއި ރައީސްގެ މަންދޫބުންނާ ބައްދަލެއް ނުކުރި. މީގައި ކަނޑައެޅިގެން އިނގޭ ނުބައި ނުފޫޒުން ކޮށްފައި ހުރި ކަމެއްކަން."
"ހިތްދަތި އެކަމަކު ޑިސްގަސްޓިން މޯ ލައިކް. ޑިސްގަސްޓިން ކަންތައްތަކެއް އެ ކުރީ. އުނދަގޫ އެކަމަކު ޑިސްގަސްޓިން ކަންތައްތަކެއް،" ޔާމީން ވިދަޅުވި އެވެ.
ޔޫޓީއެފް މައްސަލާގައި ޑިފެންސުން ޔާމީނަށް ރައްދު ދީފި
"1 ފެބްރުއަރީގެ އަމުރު ލިޔުނީ އިންޑިއާ އެމްބަސީން"
އިންޑިއާ ސިފައިން ޖެހޭނީ މި ގައުމުން ފައިބަން: ޔާމީން
މުއިއްޒަށް، ޔާމީން ފާސް މާކްސް ދޭނީ ދެކަމެއް ކުރުމުން
"ވޯޓަކީ އިންޑިއާގެ އަޅުވެތިކަމުން ސަލާމަތްވާ ފުރުސަތު"
"އިންޑިއާ ސިފައިން ތިބިކަން ނުވަތަ ނެތްކަމެއް ނޭނގޭ"
އިންޑިއާގެ ދިފާއުގައި "ބާކީ ނުވޭ" ކެމްޕެއިނެއް!
ބެނާއެއް ހަޖަމް ނުވުމަކީ ނުރައްކާ އޮތް ވަރު: އަދުރޭ
ޗައިނާ އޮތީ އޮތް ތަނުގައި، ގާތްވީ އިންޑިއާ: ޔާމީން
އިންޑިއާގެ އެއްބަސްވުންތައް ހާމަކޮށް، އުވާލާނެ: ޝިޔާމް