Roadha Mihaaru
ކުއްޖާ މަރުވީ ގެއްލުނުތާ 15 މިނެޓް ތެރޭ

ކުޑަކުއްޖާ މަރުވެފައި އޮއްވައި ފެނުނީ ގެއްލުނުތާ 15 މިނެޓް ފަހުން

26 އޮކްޓޯބަރ 2017

ހުވަފެންފުށީގައި މިދިޔަ ހޯމަ ދުވަހު މަރުވި ކުޑަކުއްޖާ ޕޫލްތެރޭގައި މަރުވެފައި އޮއްވައި ފެނުނީ އެ ކުއްޖާ ގެއްލިގެން ހޯދާތާ 15 ވަރަކަށް މިނިޓް ފަހުންކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހުވަފެންފުށީގައި މިދިޔަ ހޯމަ ދުވަހު މަރުވި ކުޑަކުއްޖާ ޕޫލްތެރޭގައި މަރުވެފައި އޮއްވައި ފެނުނީ އެ ކުއްޖާ ގެއްލިގެން ހޯދާތާ 15 ވަރަކަށް މިނިޓް ފަހުންކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އަޔަލެންޑުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މަރުވީ އަޔަލެންޑުގެ ދެމަފިރިއެއްގެ ދެ އަހަރުގެ ފިރިހެން ކުއްޖެއް ކަމަށްވާ މެކްސް މުސްގްރޭވް އެވެ. އެ ކުއްޖާ މަރުވެފައި އޮއްވައި ފެނުނީ އެ މީހުން ތިބޭ ކޮޓަރީގައި ހުންނަ ޕްރައިވެޓް ޕޫލެއްގެ ތެރެއިންނެވެ. އެހެންވެ، އެތަނުގައި ލައިފް ގާޑެއް ވެސް ނުހުންނާނެ އެވެ.

ހުވަފެންފުށި ރިސޯޓްގައި ޓޫރިސްޓަކު ޕޫލަކަށް އެރިގެން. -- ފޮޓޯ: ހުވަފެންފުށި

ހުވަފެންފުށި ރިސޯޓްގައި ޓޫރިސްޓަކު ޕޫލަކަށް އެރިގެން. -- ފޮޓޯ: ހުވަފެންފުށި

އަޔަލެންޑްގައި ފުޅާ ދާއިރާއެއްގައި ކާރުގެ ވިޔަފާރިކުރާ ދެމަފިރިންގެ މި ކުއްޖާ އަކީ އެ މީހުންގެ ތިން ދަރިންގެ ތެރެއިން ހަގު ކުއްޖާ އެވެ. އެ ކުއްޖާ މަރުވީ އަނެއް ދެ ކުދިންނާ އެކު ބިދޭސީ ބޭބީސިޓާ އަކާ ހަވާލުކޮށްފައި ވަނިކޮށެވެ.

"ތިން ކުދިން ގޮވައިގެން އެ ދެމަފިރިން ދިޔައީ. ކުޑަކުއްޖާ ގެއްލިގެން ހޯދަން ފެށީ ހައެއް ޖަހާކަންހާއިރު. އޭގެ 15 ވަރަކަށް މިނިޓް ފަހުން އެ ކުއްޖާ ޕޫލުގައި އޮއްވާ ފެނުނީ،" އެކަން އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިނެވެ.

ބޭރުގެ ނޫސް ތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކުޑަކުއްޖާ ފެނުނީ އެ ކުއްޖާ ހޯދަން ދިޔަ ސެކިއުރިޓީ ގާޑަކަށެވެ. އާއިލާއާ ހަވާލާދީ އެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ކުޑަކުއްޖާ މަރުވީ ގެނބިގެންނެވެ.

މި ހާދިސާގެ ތަފްސީލު ފުލުހުން އަދި އެ ރިސޯޓުން ވެސް އަދި ހާމައެއް ނުކުރެ އެވެ.

މިދިޔަ ހަފުތާގައި ވެސް ވަނީ ހަނީމޫނަށް ރާއްޖެ އައި އަޔަލެންޑްގެ ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ ގެނބިގެން މަރުވެފަ އެވެ.