14 އޮކްޓޯބަރ 2017
ހޮލީވުޑްގެ ނުފޫޒުގަދަ ޕްރޮޑިއުސަރު ހާވީ ވައިންސްޓީންގެ މައްޗަށް ފެންމަތިވި ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ތުހުމަތުތަކާ އެކު އުފެދިފައިވާ ވަރުގަދަ ތޫފާން ވަރުގަދަވަމުން ގޮސް އެންމެ ފަހުން އެކްޓަރު ބެން އެފްލެކްގެ ދުވަސް ވެސް ހިނގައިދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
ހޮލީވުޑްގެ ނުފޫޒުގަދަ ޕްރޮޑިއުސަރު ހާވީ ވައިންސްޓީންގެ މައްޗަށް ފެންމަތިވި ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ތުހުމަތުތަކާ އެކު އުފެދިފައިވާ ވަރުގަދަ ތޫފާން ވަރުގަދަވަމުން ގޮސް އެންމެ ފަހުން އެކްޓަރު ބެން އެފްލެކްގެ ދުވަސް ވެސް ހިނގައިދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
ހޮލީވުޑްގެ ފުންނާބުއުސް އެހެން މީހުންނެކޭ އެއްގޮތަށް އެފްލެކް ވެސް ވަނީ ވައިންސްޓީންގެ އަމަލުތައް ކުށްވެރިކޮށް "ހިތާމަ އާއި ރުޅިވެރިކަން" ފާޅުކޮށްފަ އެވެ. އެފްލެކް ބުނެފައިވާ ގޮތުގައި ތިރީހަކަށް އަހަރުގެ ދިގު މުއްދަތަކަށް އެތަކެއް އަންހެނުންނަށް ވައިންސްޓީން ކޮށްފައިވާ ކަމަށް ބެލެވޭ ގޯނާ އާއި ފުރައްސާރައިގެ ވާހަކަތައް ކިޔާފައި އޭނާ "މޭނުބައިކުރި" އެވެ.
އެކަމަކު އެ ވާހަކަތައް ވެގެން ދިޔައީ އެފްލެކްގެ މައްޗަށް ވެސް ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް ފެންމަތިވާން ފެށި ކަމަކަށެވެ. ކެމެރާގެ ފުރަގަހުގަ އާއި ކުރިމަތީގައި ވެސް އެފްލެކް އެތަކެއް އަންހެނުންނާ ބެހިފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ވައިންސްޓީން އާއި އެ ނޫން ވެސް ބައެއް ފިރިހެނުން ޖިންސީ ފުރައްސާރަކުރާކަން އެފްލެކް ދެނެހުރި ކަމަށް ވެސް އެއް ބަޔަކު ބުނެ އެވެ.
ޖިންސީ ގޯނާގެ ވާހަކަ އެއް އަންހެނަކު ދައްކައިފި ނަމަ އިތުރު މީހުންނަށް ވެސް ހިތްވަރު ލިބި އެ މީހުންގެ އަމިއްލަ ތަޖުރިބާތައް ހާމަކުރުމަކީ އާއްމު ކަމެކެވެ. އެކްޓްރެސް އޭޝްލީ ޖަޑް އާއި އިތުރު ބަޔަކު ނިއު ޔޯކް ޓައިމްސްގެ ލިޔުމެއްގައި ފާޅުގައި ވައިންސްޓީންގެ މައްޗަށް ކުރި ތުހުމަތުތަކަށް ފަހު އެތައް އަންހެނުނެއް ވަނީ ވައިންސްޓީންގެ ޝިކާރައަކަށް އެ މީހުން ވެފައިވާކަން ހާމަކޮށްފަ އެވެ. އަދި މިފަދަ ތުހުމަތުތަކެއް ބެން އެފްލެކްގެ މައްޗަށް ވެސް ވަނީ ފެންމަތިވެފަ އެވެ.
އެފްލެކް އަށް ފާޑުކިޔުންތައް އަމާޒުވަމުންދާ އެއް ސަބަބަކީ އޭނާގެ ކޮއްކޮ ކޭސީ އެފްލެކްގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ދެ ދައުވާއެއް ކޮށްފައި ވަނިކޮށް އޭނާ އަށް އޮސްކާ އެވޯޑް ހޯދައިދޭން މިދިޔަ އަހަރު ކުރި މަސައްކަތެވެ. އެ ކެމްޕެއިން ކާމިޔާބުކޮށް "މެންޗެސްޓާ ބައި ދަ ސީ" އިން އެންމެ މޮޅު އެކްޓަރުގެ އެވޯޑް ގެންދިޔައީ ކޭސީ އެވެ. ވައިންސްޓީން ކުށްވެރިކޮށް އެފްލެކް ބަޔާނެއް ނެރުނު އިރު ކޮއްކޮ ކޭސީއާ ބެހޭގޮތުން އެފަދަ އެއްވެސް އެއްޗެއް ބުނެފައި ނުވާކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ.
މުޅި ކެރިއަރުގައި އެފްލެކް އުޅުނީ ވައިންސްޓީންއާ ވަރަށް ގާތްކޮށެވެ. ހޮލީވުޑް ތަރިއެއްގެ ގޮތުގައި އޭނާ ވިދާލި "ގުޑް ވިލް ހަންޓިން" ޕްރޮޑިއުސްކުރީ ވައިންސްޓީން އެވެ. އޭގެ ފަހުން އެފްލެކް އާއި ވައިންސްޓީން އެކުގައި "ޝޭކްސްޕިއާ އިން ލަވް" އަދި "ޖާޒީ ގާލް" ފަދަ އެތައް ފިލްމެއްގައި މަސައްކަތްކޮށްފައިވެ އެވެ.
ވައިންސްޓީން (ކ) އާއި އެފްލެކް: ވަރަށް ކުރިންސުރެ ގާތް ދެ މީހުން
ވައިންސްޓީންގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށްފައިވާ އަންހެނުންގެ ތެރޭގައި ހިމެނޭ އެކްޓްރެސް ރޯޒް މެގައުވެން ބުނާގޮތުގައި ވައިންސްޓީން އަންހެނުންނާ މެދު ކަންތައް ކުރާ ގޮތް އެފްލެކް އަށް ރަނގަޅަށް އެނގެ އެވެ. އެކަމާ ބެހޭގޮތުން އޭނާ އާއި އެފްލެކް ވާހަކަ ވެސް ދައްކާފައި އޮތްކަން ހަނދާންކޮށްދީ، މެގައުވެން ވަނީ ޓްވިޓާގައި އެފްލެކަށް އެއްޗެހި ކިޔައި އޭނާއަކީ ދޮގުވެރިއެއް ކަމަށް ބުނެފަ އެވެ.
ރޯޒް މެކްގައުވެން: ވައިންސްޓީންގެ މައްސަލަގަނޑުގެ ތެރޭގައި އެންމެ އަޑުހަރުކޮށް ވަކާލާތުކުރަމުން ގެންދަނީ އޭނާ.
ވައިންސްޓީންއާ ބެހޭގޮތުން ދެއްކި ވާހަކައަށް ފަހު އެފްލެކް އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ "މަޖާކުރުމުގެ ތެރޭގައި" އޭނާ ދެ އަންހެނަކާ ބެހި އަދި ބޭއަދަބީ ވާހަކަތައް ދައްކާ މަންޒަރު ފެންނަ ވީޑިއޯތަކެއް ދައުރުވާން ފެށުމެވެ. އެއް ވީޑިއޯގައި، "ވަން ޓްރީ ހިލް"ގެ އެކްޓްރެސް ހިލަރީ ބާޓަންގެ ގައިގައި އަތްލައި ގޯނާކުރެ އެވެ. އެއީ 2003ގައި އެމްޓީވީގެ ޓީއާރުއެލް ޕްރޮގްރާމްގައި ހިނގި ހާދިސާއެކެވެ.
އެކަމާ ހިތްހަމަނުޖެހިގެން ބާޓަން އޭރު ވެސް ވާހަކަދައްކާފައިވާ އިރު ފަހުން ޓްވިޓާގައި އޭނާ ބުނީ އެ ދުވަސް އަދިވެސް ހަނދާން ނުނެތޭ ކަމަށާއި ނުރޯންވެގެން އޭނާ އަށް މަޖުބޫރުވީ ހޭން ކަމަށެވެ. އެ ވާހަކަ ޓްވިޓާގައި ފެންމަތިވުމާ ގުޅިގެން އެފްލެކް ވަނީ އޭނާ އަށް ބާޓަންއާ މެދު އަމަލުކުރެވުނީ ގޯސްކޮށް ކަމަށް އެއްބަސްވެ މައާފަށް އެދިފަ އެވެ.
އެކަމަކު އޭގެ ފަހުން އަނެއްކާވެސް އެހެން ވީޑިއޯއެއްގެ މައްސަލަ ފެންމަތިވި އެވެ. ކެނެޑާގެ ޓީވީ ސިލްސިލާއެއް ކަމަށްވާ "ބޮކްސް އޮފީސް"ގެ ސެގްމެންޓެއްގައި 2004 ވަނަ އަހަރު އޭނާއާ އިންޓަވިއުކުރި އޭން-މެރީ ލޮސީކްއާ ބެހޭގޮތުން ބޭއަދަބީ ވާހަކަތައް ދައްކައި އޭނާގެ ގައިގައި އެފްލެކް އަތްލާ ހަދަނީ ވެސް "ސަމާސާއެއް"ގެ ތެރެއިންނެވެ. އެ މައްސަލަ ހިލުމާ އެކު ލޮސީކް ވަނީ އެފްލެކްގެ ދިފާއުގައި ތެދުވެފަ އެވެ. ހޮލީވުޑް ރިޕޯޓާ އަށް ދިން އިންޓަވިއުއެއްގައި ލޮސީކް ބުނީ އެއީ އޭނާ ވެސް ބައިވެރިވެގެން ކެމެރާ އަށް ކުޅުނު މަންޒަރެއް ކަމަށާއި އެފްލެކް އެއްވެސް ގޯހެއް ހަދާފައި ނުވާ ކަމަށެވެ.
އެކަމަކު ލޮސީކްއާ ޚިލާފަށް އެހެން ބައެއް އަންހެނުން ވަނީ އާއްމު ތަންތަނުގައި އެފްލެކް އެ މީހުންގެ ގަޔަށް އަތްލައި ހަދާފައި ވަނީ އެ މީހުން ރުހުމުގައި ނޫން ކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި ދެ ލިޔުންތެރިއެއް ކަމަށްވާ ޖެން ސްޓެޓްސްކީ އާއި އެނާމެރީ ޓެންޑްލާ ހިމެނެ އެވެ.
ވައިންސްޓީންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ އަދަދާއި ސީރިއަސް ކަމަށް ބަލާ އިރު އޭނާ ދެން އަވަހަކަށް އެނބުރި ހޮލީވުޑަށް އަތުވެދާނެ ކަމަކަށް ނުބެލެވެ އެވެ. ފަހަރުގައި، މެލް ގިބްސަން އަށް ވުރެ ވެސް ގިނަ ދުވަސް ނަގާފާނެ އެވެ. ގިނަ ބަޔަކު ވެގެން އޭނާގެ ލޯބިވެރިޔާ ރޭޕްކޮށްލިޔަސް އެ ވާނީ ބައިވެރިޔާގެ މައްސަލައަކަށް ކަމަށް ގިބްސަން ބުނާ އޯޑިއޯއެއް އާއްމުވި އެވެ. އޭނާ ހޮލީވުޑުން ގެއްލިފައި އެނބުރި އައީ ދިހަ ވަރަކަށް އަހަރު ފަހުންނެވެ.
ހޮލީވުޑްގެ ނުފޫޒުގަދަ ފިރިހެނުންގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް ކުރާ އަންހެނުން އިތުރުވަމުން ދިޔަ ވަރަކަށް، އެފަދަ ކަންކަން ފަޅާއެރުވުމުގެ ނުރައްކާތެރިކަމާއި ގެއްލުން ދަނީ ކުޑަވަމުންނެވެ. އެކަމަކު އެފަދަ ފިރިހެނުންގެ ކެރިއަރު އެހާ ހިސާބުން ނިމިގެންދާ ތަނެއް އަދި ނުފެނެ އެވެ. ކުޑަކުދިންނާ ބެހުނު ކަމުގެ ތުހުމަތުތަކާ އެކު ވެސް ވުޑީ އެލެން އަދިވެސް އުޅެނީ މަސައްކަތުގަ އެވެ. ތޭރަ އަހަރުގެ ކުއްޖަކު ރޭޕްކުރިކަމުގެ ކުށް ސާބިތުވެފައިވާ ރޯމަން ޕޮލެންސްކީ ވެސް ހަމަ އެފަދަ އެވެ. އަދި އެތައް ބަޔަކު ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވޭ ބިލް ކޮސްބީ އަށާއި ގެވެށި އަނިޔާގެ ތުހުމަތުކުރެވޭ ޖޮނީ ޑެޕް އަށް ވެސް މިހާތަނަށް އެއްވެސް އަދަބެއް ލިބިފައެއް ނުވެ އެވެ.
ހާވީ ވައިންސްޓީންގެ ދުވަސް ދިޔަ ގޮތަށް ބެން އެފްލެކްގެ ނަން ވެސް ކިލަނބުވެ އިންޑަސްޓްރީން އޭނާ ބާކީވެގެންދިޔުން އެކަށީގެންވެ އެވެ. އެކަމަކު އެއީ ކިހާ ވަރަކަށްކަން އަދި އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.
ހޮލީވުޑްގެ ނުފޫޒުގަދަ ހާވީ ވައިންސްޓީންގެ ކުއްލި ވެއްޓުން
ކައިވެނީގެ އަހަރީ ދުވަހު ޖެނިފާ ވަރިވާން ނިންމައިފި
އެއާ: މައިކަލް ޖޯޑަން އާއި ނައިކީގެ ވާހަކަ
އަނެއްކާވެސް ބެން އެފްލެކަށް ހާއްސަ ޖޭލޯގެ އަލްބަމެއް
ޖޭލޯ އާއި އެފްލެކް އަނެއްކާ ކައިވެނިކޮށް ބޮޑު ހަފުލާއެއް
އެންމެފަހުން ޖޭލޯ އާއި އެފްލެކް ކައިވެނިކޮށްފި
ޖޭލޯގެ އަނގޮޓީގެ އަގަކީ ފަސް މިލިއަން ޑޮލަރު
ޖޭލޯ އާއި އެފްލެކް އަނެއްކާ ވެސް އެންގޭޖުވެއްޖެ
ސްޕޭސީ 31 މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ
ކައިވެނީގެ އުންމީދު ބޮޑު: ޖޭލޯ