Roadha Mihaaru

ބެން އެފްލެކްގެ "އެއާ"؛ މައިކަލް ޖޯޑަން އާއި ނައިކީގެ ވާހަކަ ކިޔައިދޭ ފިލްމަށް ބޮޑު ތަރުހީބެއް

10 އެޕްރީލް 2023

މިދިޔަ ބުދަ ދުވަހު ރިލީޒްކުރި، ހޮލީވުޑްގެ ބަތަލް ބެން އެފްލެކްގެ އާ ފިލްމު "އެއާ" އަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މިދިޔަ ބުދަ ދުވަހު ރިލީޒްކުރި، ހޮލީވުޑްގެ ބަތަލް ބެން އެފްލެކްގެ އާ ފިލްމު "އެއާ" އަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

އެ ފިލްމުގައި ކިޔައިދެނީ މަޝްހޫރު ފުޓްވެއާ ބްރޭންޑް "ނައިކީ" އާއި ބާސްކެޓްބޯޅަ ތަރި މައިކަލް ޖޯޑަން ގުޅިގެން ނެރުނު ބޫޓް ލައިން "އެއާ ޖޯޑަން" އުފެދިގެން އައި ގޮތުގެ ވާހަކަ އެވެ.

ބާސްކެޓް ބޯޅަ ކުޅުންތެރިޔާ މައިކަލް ޖޯޑަން ޒުވާންއިރު، 'ނައިކީ' ބްރޭންޑުގެ ބޫޓެއް ހިފައިގެން

ބާސްކެޓް ބޯޅަ ކުޅުންތެރިޔާ މައިކަލް ޖޯޑަން ޒުވާންއިރު، 'ނައިކީ' ބްރޭންޑުގެ ބޫޓެއް ހިފައިގެން

އެކަން ހިނގީ ބާސްކެޓް ބޯޅައަށް 80ގެ އަހަރުތަކުގައި ނިކުތް ޒުވާން ކުޅުންތެރިޔާ، ޖޯޑަން އޭނާގެ މެޗުތައް ކުޅޭއިރު ނައިކީ ބޫޓަށް އަރައިގެން ކުޅެން ސޭލްސްމަން ސޮނީ ވަކާރޯ ރޭވި ޕްލޭނަށް ފަހު އެވެ.

މައިކަލް ޖޯޑަން: "ނައިކީ" އާ އެކު ވި އެއްބަސްވުމަށް ފަހު އޭނާ އަށް ވަނީ މިހާތަނަށް 1.3 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައި

މައިކަލް ޖޯޑަން: "ނައިކީ" އާ އެކު ވި އެއްބަސްވުމަށް ފަހު އޭނާ އަށް ވަނީ މިހާތަނަށް 1.3 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައި

"އެއާ ޖޯޑަން" ބޫޓް ވިއްކަން ވި އެއްބަސްވުމަށް ފަހު ޖޯޑަންގެ މުޅި ދިރިއުޅުން ބަދަލުވި އެވެ. އަހަރަކު ލިބޭ އާމްދަނީ ހަފްތާއަކު ލިބުން ފަދަ އެވެ. "ނައިކީ"އާ އެކު 1984 ވަނަ އަހަރު ޖޯޑަން ވި އެއްބަސްވުމުގެ ދަށުން މިހާތަނަށް އޭނާ އަށް ވަނީ 1.3 ބިލިއަން ޑޮލަރަށްވުރެ ގިނަ ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.

ބޭރުގެ ނޫސްތަކުގެ ރިވިއުތަކަށް ބަލާއިރު، އެ ފިލްމަކީ ރީތިގޮތަކަށް ވާހަކަ ކިޔައިދީފައިވާ، ކުރީ ޒަމާނާ އެއްގޮތަށް ރީތި މަންޒަރުތަކެއް ގެނެސްދިން ވަރަށް ހިތްގައިމު ފިލްމެކެވެ. އަދި ފިލްމު ރޭޓުކުރާ ވެބްސައިޓް، "ރޮޓަންޓޮމާޓޯސް" ގައި ފުރަތަމަ ތިން ދުވަސްތެރޭ ވަނީ 98 ޕަސެންޓުގެ ސްކޯއެއް ލިބިފަ އެވެ.

ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު، 3،507 ތިއޭޓަރަކުން 3.2 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.

މައިކަލް ޖޯޑަން "ނައިކީ" ގެ ބޫޓެއް ހިފަހައްޓައިގެން

މައިކަލް ޖޯޑަން "ނައިކީ" ގެ ބޫޓެއް ހިފަހައްޓައިގެން

"އެއާ" ޑައިރެކްޓުކުރި އެފްލެކްގެ އިތުރުން މެޓް ޑޭމަން އާއި ޖޭސަން ބޭޓްމަން އާއި ކްރިސް ޓަކާ އަދި ވަޔޯލާ ޑޭވިސް ފިލްމުގެ މުހިންމު ރޯލުތަކުން ފެނެ އެވެ.

އެމަޒޮން ސްޓޫޑިއޯއިން ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމަކީ، 2019 ވަނަ އަހަރަށް ފަހު އެ ސްޓޫޑިއޯގެ ފިލްމެއްގެ ޕްރިމިއާ ހަމައެކަނި ސިނަމާތަކުގައި އަޅުވާ ފުރަތަމަ ފަހަރެވެ. އާންމުކޮށް އެ ސްޓޫޑިއޯގެ ފިލްމުތައް، ތިއެޓްރިކަލް ރިލީޒާއެކު "އެމަޒޮން ޕްރައިމް ވީޑިއޯ" ސްޓްރީމިން ޕްލެޓްފޯމުގައި ރިލީޒްކުރެ އެވެ.

ނޫސްތަކުން ބުނާ ގޮތުގައި، އެ ފިލްމު ސިނަމާތަކުގައި އަޅުވާނީ ގާތްގަނޑަކަށް 45 ދުވަސް ވަންދެން ކަމަށް ވުމުން، އެމަޒޮން ޕްރައިމްގައި ފިލްމު ރިލީޒްކުރާނީ އެންމެ އަވަހަށް ވެސް މެއި މަހުގެ ފަހުކޮޅު އެވެ.