Roadha Mihaaru
ގާސިމް ރާއްޖެ ގެނެސްދޭން ފުލުހުންގެ ކިބައިން އެދެފި

ގާސިމް ރާއްޖެ ގެނެސްދޭން ފުލުހުންގެ ކިބައިން އެދެފި

04 އޮކްޓޯބަރ 2017

ތިން ފަހަރަށް ދިން މުއްދަތު ހަމަވިއިރު ވެސް ރާއްޖެ ވަޑައިނުގެންނެވުމުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖެ ގެނެސްދިނުމަށް ފުލުހުންގެ ކިބައިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެދެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ތިން ފަހަރަށް ދިން މުއްދަތު ހަމަވިއިރު ވެސް ރާއްޖެ ވަޑައިނުގެންނެވުމުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖެ ގެނެސްދިނުމަށް ފުލުހުންގެ ކިބައިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެދެފި އެވެ.

ކަރެކްޝަންސް އިން ބުނީ ސިންގަޕޫރުން ފަރުވާ ހޯއްދަވަން ގާސިމަށް ތިން ފަހަރަށް ދިން މުއްދަތު ހަމަވިއިރު ވެސް ރާއްޖެ ވަޑައިނުގަތުމުން، މިހާރު އެ ތަނުން ބަލަނީ އޭނާ ފިއްލަވައިގެން އުޅުއްވަނީ ކަމަށެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވި ގޮތުގައި ގާސިމް ރާއްޖެ ގެނެސްދިނުމަށް އެދި ފުލުހުންގެ ކިބައިން ކަރެކްޝަނުން އެދިފައިވާތީ އެމަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"އާންމު އުސޫލުގެ ދަށުން ހުށަހަޅާފައި ވަނީ. ގާސިމް ރާއްޖެ ގެނައުމަށް ކުރަން ޖެހޭ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން،" ޝިފާން ވިދާޅުވި އެވެ.

ގާސިމް ގެނައުމުގެ ކަންކަން ހަމަޖައްސަން ފުލުހުންގެ ޓީމެއް ސިންގަޕޫރަށް ފުރައިފި ކަމުގެ އަޑުތައް ރޭ ސޯޝަލް މީޑިއާގައި އަޑު ފެތުރުނެވެ. އެކަމަކު ޝިފާން ވިދާޅުވީ އެކަމާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވާން ބޭނުންނުވާ ކަމަށެވެ.

ގާސިމްގެ ވަކީލުން ކުރިން ބުނެފައިވާ ގޮތުގައި ކަރެކްޝަންސްގެ އެންގުމާ އެއްގޮތަށް ރާއްޖެ ވަޑައިގަތުމަށް ދެ ފަހަރެއްގެ މަތިން ގާސިމް ސިންގަޕޫރު އެއާޕޯޓަށް ވަޑައިގެންނެވި އެވެ. އެކަމަކު ދަތުރުކުރައްވަން ސިއްހީ ހާލުކޮޅު ތަން ނުދޭތީވެ ސިންގަޕޯ އެއާލައިނުގެ ބޯޓަށް ގާސިމް ނޭރުވިކަން ކަރެކްޝަނަށް އަންގާފައިވާނެ ކަމަށް ވެސް ވަކީލުން ބުނެ އެވެ.

ގާސިމްގެ އޮޕަރޭޝަނަށް ފަހު ތިން މަސް ދުވަހު ސިންގަޕޫރުގައި މަޑުކުރަން ޑޮކްޓަރުން ވަނީ ލަފާ ދެއްވައިފަ އެވެ.

ގާސިމްގެ ވަކީލުން ބުނަނީ އޭނާގެ ހިތުގެ އީޕީ ސްޓަޑީ މި މަހު 19 ގައި ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ނޮވީނާ ހޮސްޕިޓަލުގައި ހަދަން ޝެޑިއުލް ކޮށްފައިވާ ކަމަށެވެ. އީޕީ ސްޓަޑީ އަށް ފަހު ވެސް އިތުރު ފަރުވާ އަށް ސިންގަޕޫރުގައި ހުންނަވަން ޖެހޭނެ ކަމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާކަން ކަރެކްޝަނަށް އަންގާފައިވާނެ ކަމަށް ވަކީލުން ބުނެ އެވެ.