Roadha Mihaaru
ގާސިމެއް ނުފިލާ، ހޯދަންވީ ފިލައިގެން އުޅޭ ކުށްވެރިން

ގާސިމެއް ނުފިލާ، ހޯދަންވީ ފިލައިގެން އުޅޭ ބޮޑެތި ކުށްވެރިން: ޖޭޕީ

03 އޮކްޓޯބަރ 2017

ބޭސްފަރުވާ އަށް މިހާރު ސިންގަޕޫރަށް ވަޑައިގެން ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އުޅުއްވަނީ ފިއްލަވައިގެން ނޫން ކަމަށާއި، ގާސިމްގެ ބަދަލުގައި ފުލުހުން ހޯދަންވީ މި ގައުމުގައި ފިލައިގެން އުޅޭ ބޮޑެތި ކުށްވެރިން ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ބޭސްފަރުވާ އަށް މިހާރު ސިންގަޕޫރަށް ވަޑައިގެން ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އުޅުއްވަނީ ފިއްލަވައިގެން ނޫން ކަމަށާއި، ގާސިމްގެ ބަދަލުގައި ފުލުހުން ހޯދަންވީ މި ގައުމުގައި ފިލައިގެން އުޅޭ ބޮޑެތި ކުށްވެރިން ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މ. ކުނޫޒުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަމީރު ވިދާޅުވީ، ގާސިމް ފިއްލަވައިގެން އުޅުއްވާ ކަމަށް، ކަރެކްޝަނަލް ސާވިސް އިން ބުނުމަކީ އަދުލުވެރިކަމެއް ނޫން ކަމަށެވެ. އަދި އޭނާއަކީ ފިއްލަވާނެ އަދި ފިއްލެވޭނެ ހާލަތެއްގައި ވެސް ހުންނެވި ބޭފުޅެއް ނޫން ކަމަށް ސަމީރު ވިދާޅުވި އެވެ.

ކަރެކްޝަންސް އިން މިއަދު ބުނީ ސިންގަޕޫރުން ފަރުވާ ހޯއްދަވަން ގާސިމަށް ތިން ފަހަރަށް ދިން މުއްދަތު ހަމަވިއިރު ވެސް ރާއްޖެ ވަޑައިނުގަތުމުން، މިހާރު އެ ތަނުން ބަލަނީ އޭނާ ފިއްލަވައިގެން އުޅުއްވާ ކަމަށެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސިންގަޕޫރުން ފަރުވާ ހޯއްދަވަން ގާސިމަށް ދެ ފަހަރަށް ދިން މުއްދަތު ހަމަވުމުން، ހަފުތާއެއް އިތުރުކޮށްދިނީ ރާއްޖެ ވަޑައިގަތުމަށް ވާން ޖެހޭ ތައްޔާރީތަކަށް ކަމަށެވެ. އެކަމަކު އެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވި އިރު ވެސް އޭނާ ރާއްޖެ ވަޑައިނުގަތުމުން އޮންނަ އުސޫލުގެ ދަށުން ހޯދަން ފުލުހުންނަށް ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.

މި ވާހަކަ އަށް ރައްދު ދެއްވަމުން ސަމީރު ވިދާޅުވީ ގާސިމަށް ވުރެ، ރާއްޖޭގައި ފިލައިގެން އުޅޭ ކުށްވެރިން ހޯދުން މާ އައުލާކަން ބޮޑު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާސިމް އެނބުރި ވަޑައިގެންނެވޭ ގޮތް ނުވަނީ އޭނާގެ ބޭސް ފަރުވާގެ ކަންކަން ނުނިމުމާއި ސިއްހީ ހާލަތު ހުރި ގޮތުންނެވެ. އަދި އެ ހުރިހާ ކަމެއް ވެސް ޑޮކްޓަރުގެ ރިޕޯޓުތަކާއި ޓެސްޓުތަކުގެ ނަތީޖާއާ އެކު ކަރެކްޝަންސް އަށް ފޮނުވާފައިވާނެ ކަމަށް ވިދާޅުވި އެވެ.

ގާސިމްގެ ވަކީލުން ބުނާ ގޮތުގައި ކަރެކްޝަންސްގެ އެންގުމާ އެއްގޮތަށް ރާއްޖެ ވަޑައިގަތުމަށް ދެ ފަހަރަށް ގާސިމް އެއާޕޯޓަށް ވަޑައިގެންނެވި އެވެ. އެކަމަކު ދަތުރުކުރައްވަން ސިއްހީ ހާލު ތަން ނުދޭތީވެ ސިންގަޕޯ އެއާލައިނުގެ ބޯޓަށް ގާސިމް ނޭރުވިކަން ވެސް ކަރެކްޝަނަށް އަންގާފައިވާނެ ކަމަށް ވަކީލުން ބުނެ އެވެ.

ސަމީރު ވިދާޅުވީ ބޭސްފަރުވާގެ ކަންކަން ނިމެންދެން އެކަށީގެންވާ މުއްދަތެއް ދޭން ޖެހޭނެ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވީ ނަމަވެސް އެއާ އެއްގޮތަށް ކަރެކްޝަންސް އިން އަމަލު ނުކުރާތީ އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި މި މައްސަލަ ކޯޓަށް ވައްދާފައި އޮއްވައި، ކަރެކްޝަންސް އިން މި ގޮތަށް ބުނުމަކީ ގިނަ ރައްޔިތުންތަކެއް ހިތްހަމަނުޖެހޭނެ ކަމެއް ކަަމަށާއި އެކަން އިސްލާހުކޮށް، ބޭސް ފަރުވާ ހޯދުމުގެ ފުރުސަތު ގާސިމަށް ދެއްވުމަށް ޖުމްހޫރީ ޕާޓީން ވަނީ އެދިފަ އެވެ.

ގާސިމްގެ އޮޕަރޭޝަނަށް ފަހު ތިން މަސް ދުވަހު ސިންގަޕޫރުގައި މަޑުކުރަން ޑޮކްޓަރުން ވަނީ ލަފާ ދެއްވައިފަ އެވެ. ގާސިމްގެ ވަކީލުން ބުނަނީ އޭނާގެ ހިތުގެ އީޕީ ސްޓަޑީ މި މަހު 19 ގައި ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ނޮވީނާ ހޮސްޕިޓަލުގައި ހަދަން ޝެޑިއުލް ކޮށްފައިވާ ކަމަށެވެ. އީޕީ ސްޓަޑީ އަށް ފަހު ވެސް އިތުރު ފަރުވާ އަށް ސިންގަޕޫރުގައި ހުންނަވަން ޖެހޭނެ ކަމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާކަން ކަރެކްޝަނަށް އަންގާފައިވާނެ ކަމަށް ވެސް ވަކީލުން ބުނެ އެވެ.