Roadha Mihaaru
ރޮހިންޖާ ރެފިއުޖީންގެ ބޯޓެއް ފެތި 60 މީހުން މަރު

ރޮހިންޖާ ރެފިއުޖީންގެ ބޯޓެއް ފެތި 60 މީހުން މަރުވެއްޖެ

29 ސެޕްޓެމްބަރ 2017

ކޮކްސް ބާޒާރު (ސެޕްޓެމްބަރު 29) - މިއަންމާގެ ރަކީން ސްޓޭޓުގެ އަނިޔާ އިން ސަލާމަތްވުމަށް ދަތުރުކުރި ރޮހިންޖާ ރެފިއުޖީންގެ ބޯޓެއް ބަންގްލަދޭޝްގެ ކައިރިއަށް ފެތި 60 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮކްސް ބާޒާރު (ސެޕްޓެމްބަރު 29) - މިއަންމާގެ ރަކީން ސްޓޭޓުގެ އަނިޔާ އިން ސަލާމަތްވުމަށް ދަތުރުކުރި ރޮހިންޖާ ރެފިއުޖީންގެ ބޯޓެއް ބަންގްލަދޭޝްގެ ކައިރިއަށް ފެތި 60 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

އދ.ގެ ތަރުޖަމާނަކު ވިދާޅުވީ ރާޅުތައް ބޮޑުވުމުގެ ސަބަބުން ބޯޓު ބަންޑުން ޖަހާލާފައިވާ ކަމަށެވެ. މި ހާދިސާގައި 23 މީހަކު މަރުވިކަން ޔަގީންވެފައިވާ އިރު ގެއްލިފައިވާ 40 މީހުން ވެސް މަރުވެފައިވާނެ ކަމަށް ބެލެވޭ ކަމަށް އދ. އިން ބުންޏެވެ.

ސަލާމަތްވި މީހުންނާ ހަވާލާދީ އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަންގެ ތަރުޖަމާނަކު ބުނީ ފެތުނު ބޯޓުގައި 80 ވަރަކަށް މީހުން ތިބި ކަމަށެވެ. ސަލާމަތްވި މީހުން ބުނެފައި ވަނީ ކަނޑުމަތީގައި އެއް ރޭ ހޭދަކުރަން ޖެހުނީ ކާނެ އެއްޗެއް ނެތި ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަ ކުދިން ވެސް ހިމެނެ އެވެ.

ބޯޓު ފެތިގެން މަރުވި މީހުންގެ ޖަނާޒާ ކުރިއަށް ގެންދަނީ. --ފޮޓޯ:ގެޓީ އިމޭޖަސް

ބޯޓު ފެތިގެން މަރުވި މީހުންގެ ޖަނާޒާ ކުރިއަށް ގެންދަނީ. --ފޮޓޯ:ގެޓީ އިމޭޖަސް

ބަންގްލަދޭޝް އަށް އެތެރެވާން އުޅުމުގެ ތެރޭގައި ބޯޓު ފެތިގެން މީގެ ކުރިން ވެސް ވަނީ އެތައް ރެފިއުޖީންނެއް މަރުވެފަ އެވެ.

ރަކީންގައި މިދިޔަ މަހު 25 ވަނަ ދުވަހު ހަމަނުޖެހުން ހިނގަން ފެށި ފަހުން ބަންގްލަދޭޝް އަށް އެތެރެވި ރެފިއުޖީންގެ އަދަދު މިހާރު ވަނީ ބައި މިލިއަނަށް އަރައިފަ އެވެ. ރެފިއުޖީން ބުނި ގޮތުގައި ރަކީންގައި އެ މީހުން ދިރިއުޅުނު އަވަށްތަކުގައި މިއަންމާ ސިފައިންނާއި ބުޑިސްޓުން ވަނީ އަލިފާން ޖަހާ ގެދޮރު ސުންނާފަތި ކޮށްލައިފަ އެވެ. އެހެންވެ ކަނޑުމަގުން ބަންގްލަދޭޝް އަށް އެތެރެވާ ގިނަ ރެފިއުޖީން ބޭނުން ކުރަނީ ނަފް ކޯރެވެ.