Roadha Mihaaru

ނަދީމް މަރާލީ ބަދަލު ހިފަން، ހަތަރު މީހެއްގެ މައްސަލަ ކޯޓަށް ފޮނުވައިފި

މިދިޔަ ޖުލައި މަހު މާލޭގެ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ނަދީމް އަބްދުއްރަހީމް މަރާލި މައްސަލާގައި ހަތަރު މީހަކަށް ދައުވާކޮށް، ކޯޓަށް މައްސަލަ ފޮނުވައިފި އެވެ.

ނަދީމް މަރާލީ ބަދަލު ހިފަން، މައްސަލަ ޝަރީއަތަށް
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

27 ސެޕްޓެމްބަރ 2017

މިދިޔަ ޖުލައި މަހު މާލޭގެ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ނަދީމް އަބްދުއްރަހީމް މަރާލި މައްސަލާގައި ހަތަރު މީހަކަށް ދައުވާކޮށް، ކޯޓަށް މައްސަލަ ފޮނުވައިފި އެވެ.

އެ މައްސަލާގައި ދައުވާކޮށް މިދިޔަ ބުދަ ދުވަހު ކޯޓަށް ފޮނުވާފައިވަނީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ލ. ގަމު ތުނޑީ އަވަށު ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ސާމިހުގެ އިތުރުން ކުޑަކުއްޖެއްގެ މައްޗަށެވެ. އޭގެ ތެރެއިން އެކަކަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކުރާއިރު ބާކީ ތިބި ތިން މީހުންނަށް ކުރަނީ މީހަކު މެރުމުގައި ބައިވެރިވުުމުގެ ދައުވާ އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސްޓޭޝަން އިންސްޕެކްޓަރު މުހައްމަދު ސާމިހު ވިދާޅުވީ، ނަދީމަށް ހަމަލާދީފައިވަނީ ސިލްސިލާ މާރާމާރީތަކުގެ ތެރެއިން އުފެދިފައިވާ ރުޅިވެރިކަމުގެ ބަދަލު ހިފުމަށް ކަމަށެވެ. އެ ހަމަލާގައި ނަދީމްގެ ވާތް ފަރާތު ކަންފަތް ކައިރި އަށް ވަޅި ހަރާފައިވާ ކަމަށާއި އެ ވަޅި ވެސް ހޯދިފައިވާ ކަމަށް ސާމިހު ވިދާޅުވި އެވެ. ހަމަލާދިނީ އެކަމަށް ތައްޔާރުވެގެން ސައިކަލުތަކެއްގައި ގޮސް، އޭގެ ތެރެއިން ބަޔަކު ކެފޭގެ ތެރެއަށް ވަދެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމަލާ ދިނުމަށް ބޭނުން ކޮށްފައިވަނީ ބަދިގޭގައި ބޭނުންކުރާ ޒާތުގެ ވަޅިކަން ފާހަގަކޮށްލަން. ސީނަށް ބެލި ބެލުމުން މިދެންނެވި ވަޅި ސީނުން އެއްކުރެވިފައިވޭ އެވިޑެންސްގެ ގޮތުގައި." ފުލުހުންގެ މޭޖާ ކްރައިމް މެނޭޖްމަންޓް ސެންޓަރުގެ ފަރާތުން ވާހަކަ ދައްކަވަމުން ސާމިހު ވިދާޅުވި އެވެ.

ހަމަލާގައި މަރުވި ނަދީމް

ހަމަލާގައި މަރުވި ނަދީމް

ނަދީމްގެ އިތުރުން އޭނާއާ އެކު ކެފޭގައި އިން އެހެން މީހަކަށް ވެސް ހަމަލާދޭން އެ ގުރޫޕުން މަސައްކަތް ކުރި ކަމަށާއި އެކަން ކާމިޔާބު ނުވީ އެތަނުގައި އެވަގުތު ތިބި މީހުން އެކަމާ ދެކޮޅަށް އުޅުމުން ކަމަށް ސާމިހު ވިދާޅުވި އެވެ.

"އެ މީހުންނަށް ކާމިޔާބު ނުވީ އެ ފަރާތުން ވެސް އަދި ކެފޭގައި ތިބި ފަރާތްތަކުން ވެސް އެކަން ވިޔަ ނުދިނުމަށް އެ މީހުންނަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމުގެ ތެރޭގައި. މި މަސައްކަތުގެ ތެރޭގައި ކެފޭގައި ހުރި ބައެއް މުދާތަކަށް ވެސް ބޮޑެތި ގެއްލުންތައް ވެފައިވޭ،" ސާމިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަމަލާދީފައިވަނީ މޫނު ނިވާކޮށްގެން ކަމަށް ވިޔަސް އެ މީހުން އަތުލައިގެންފައި ވަނީ 60 ވަރަކަށް ގަޑިއިރުގެ ވީޑިއޯ ފުޓޭޖް އެއްކޮށް، ހޯދި ހޯދިންތަކުންނާއި ލިބުނު އެހެން މައުލޫމާތުތަކަށް ބިނާކޮށެވެ. އެ މައްސަލާގައި ފުރަތަމަ މީހާ ހައްޔަރުކުރީ މިދިޔަ މަހުގެ 11 ވަނަ ދުވަހު ކަމަށް ސާމިހު ވިދާޅުވި އެވެ.

"މާލެ ތެރޭގައި މި މީހުން އުޅުނީ. އެހެން ނަމަވެސް މިއީ މީގެ ކުރިން މިފަދަ ކަންކަމުގައި ބައިވެރިވާ ފަރާތްތައް ކަން ފާހަގަ ކުރެވޭ ހިނދު އެ މީސްމީހުން އެކި ތަންތަނުގައި ފިލާ އުޅޭކަން ފާހަގަ ކުރެވިފައި ވަނީ،" ސާމިހު ވިދާޅުވި އެވެ.

ސާމިހު ވިދާޅުވި ގޮތުގައި މަރުވި ނަދީމަކީ ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫނެވެ. އެކަމަކު ހައްޔަރުކުރި ހަތަރު މީހުންނަކީ އެކި ކުށުގެ ރެކޯޑް އޮންނަ އަދި ބައެއް މައްސަލަތަކުގައި ދައުވާކޮށްފައި ތިބި ފަރާތްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެ މައްސަލާގައި ދައުވާކުރާ މަފާޒަކީ މޮނިކޮން އަމުރަކާ ޚިލާފްވެގެން ދައުވާކޮށް، ޖަލަށްލި މީހެކެވެ. އޭނާ މިހާރު ވަނީ އެ ހުކުމް ތަންފީޒުކޮށް ނިމިފަ އެވެ.