Roadha Mihaaru
ކުރާ ހޭދަތަކުން ރަނގަޅު ބަދަލެއް ލިބެންޖެހޭ:މުނައްވަރު

ކުރާ ހޭދަތަކުން ރަނގަޅު ބަދަލެއް ލިބެންޖެހޭ: މިނިސްޓަރު މުނައްވަރު

20 ސެޕްޓެމްބަރ 2017

ސަރުކާރުގެ އެކި އިދާރާތަކުން ކުރަމުންދާ ހޭދަތަކުން ރަނގަޅު ބަދަލެއް ލިބެންޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސަރުކާރުގެ އެކި އިދާރާތަކުން ކުރަމުންދާ ހޭދަތަކުން ރަނގަޅު ބަދަލެއް ލިބެންޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ތައްޔާރު ކުރި ދެ ސިސްޓަމެއް އިފްތިތާހް ކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ޓެކްނޮޮލޮޖީގެ ދާއިރާއާ ގުޅޭ ކަންތައްތަކަށް އެކި އިދާރާތަކުން 10 މިލިއަން ޑޮލަރު ހޭދަކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ހަރަދުތަކާ އެއްވަރުގެ ބަދަލެއް ނުދެވޭ ކަން ފާހަގަކުރެއްވި އެެވެ.

މުނައްވަރު ވިދާޅުވީ ސަރުކާރުގެ އެކި އިދާރާތަކާއި މުއައްސަސާތަކުގެ ގުޅުން ވަރަށް މުހިއްމު ކަމަށާއި އެކަމަށް މަގު ފަހިވެގެން ދަނީ ވެސް ޓެކްނޮލޮޖީގެ ސަބަބުން ކަމަށެވެ. އެކަމަށް ބަޖެޓުން ކޮންމެ އަހަރަކު ވެސް ބޮޑު ހަރަދެއް ކުރާ ކަމަށް ވިދާޅުވި އެވެ.

"މި އަހަރު އެކަނި ވެސް ގާތްގަނޑަކަށް 10 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް މުޅި ދައުލަތުން ކުރޭ. މިއީ ހަމައެކަނި އެންސީއައިޓީގެ ބަޖެޓެއް ނޫން. މުޅި ދައުލަތުގެ އެކި މުއައްސަސާތައް. އެންސީއައިޓީ ތެރޭ މަޝްވަރާކުރަމުން މިދަނީ، އަޅުގަނޑުމެން މި ކުރާ ހަރަދުގެ ރަނގަޅު ނަފާ ލިބެންޖެހޭ ގޮތަށް. އެކަން ރަނގަޅު ކުރުމަށްޓަކައި މުއައްސަސާތަކުގެ ގުޅުން، އެންސީއައިޓީ މެދުވެރިކޮށް ރަނގަޅުކޮށް ހިދުމަތްތަކުން ލިބެންޖެހޭ،" ބަނޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން މުނައްވަރު ވިދާޅުވި އެވެ.

އެންސީއައިޓީން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކި އިދާރާތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނަވަނީ.-- ފޮޓޯ: އެންސީއައިޓީ

އެންސީއައިޓީން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކި އިދާރާތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނަވަނީ.-- ފޮޓޯ: އެންސީއައިޓީ

އޭނާ ވިދާޅުވީ އިދާރާތަކުން ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، އަވަސް ވާން ޖެހޭ ކަމަށެވެ. އެ ކަމަށް ވެސް އެންމެ ބޮޑު އެހީއެއް ލިބިގެންދާނީ އެއް އިދާރާ އާއި އަނެއް އިދާރާގެ ގުޅުން ހަރުދަނާވެގެން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އިދާރާތަކުގެ ގުޅުން ހަރުދަނާވުމުން، ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުތައް ވެސް އެކަށީގެންވާ ގޮތެއްގައި ކުރެވިގެންދާނެ ކަން މުނައްވަރު ފާހަގަކުރެއްވި އެވެ. އެހެންކަމުން އެ ކަންތައްތަކަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށް ވިދާޅުވި އެެވެ.

ދިވެހިންނަކީ ޓެކްނޮލޮޖީއާ ވަރަށް ރައްޓެހި، އަދި އެ ދާއިރާއިން އަންނަމުންދާ ބަދަލުތަކަށް ހޭނެމުންދާ ބައެއްކަމަށާއި ނަމަވެސް ޓެކްނޮޮލޮޖީގެ ހަރަދުތަކާ އެއްވަރަށް އެކަންކަމުގެ ބޭނުމެއް ނުހިފޭ ކަމަށެެވެ. އޭގެ މިސާލެއްގެ ގޮތުން މިނިސްޓަރު ނެންގެވީ އައިފޯނުން ކުރެވޭ ބޭނުންތަކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންސީއައިޓީ ހިންގުމާ ހަވާލުވެ ހުންނެވި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ވިދާޅުވީ މިއަދު ތައާރަފްކުރީ ވަރަށް ބޭނުންތެރި ދެ ސިސްޓަމެއް ކަމަށެވެ. އޭގެ ސަބަބުން މުސާރަ ހެދުމާއި މުވައްޒަފުންގެ ހާޒިރީ ބެލުމަށް ފަސޭހަ ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

އެންސީއައިޓީން މިއަދު ބޭއްވ ރަސްމިއްޔާތުގައި، ފިނޭންސްގެ ސްޓޭޓް މިނިސްޓަރު އަޝްމަލީ ވާހަކަދައްކަވަނީ.-- ފޮޓޯ: އެންސީއައިޓީ

އެންސީއައިޓީން މިއަދު ބޭއްވ ރަސްމިއްޔާތުގައި، ފިނޭންސްގެ ސްޓޭޓް މިނިސްޓަރު އަޝްމަލީ ވާހަކަދައްކަވަނީ.-- ފޮޓޯ: އެންސީއައިޓީ

އެންސީއައިޓީން މިއަދު ތައާރަފުކުރި ދެ ސިސްޓަމަކީ ވެވު،އެމްވީ އަދި ޕޭރޯލް އެޑްމިނެެވެ.

ވެވު.އެމްވީ އަކީ ކޮންޓެންޓް ޝެއާކުރާ ވެޓް ޕޯޓަލްއެކެވެ. އެ ޕޯޓަލް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ މީހަކަށް ވެސް ކޮންޓެންޓް ޝެއާކޮށް ބަލައިލެވޭނެ އެވެ. އެގޮތުން ކިޔަވާ ދަރިވަރުންނަށާއި ޓީޗަރުން އަދި ވިޔަފާރިތަކާ ގުޅޭ ދާއިރާތަކުން ކޮންޓެންޓް ތައްޔާރުކޮށް ޕޯޓަލް މެދުވެރިކޮށް ޝެއާކުރެވޭނެ އެވެ.

އެންސީއައިޓީން ބުނިގޮތުގައި އެ ދެ ސިސްޓަމްގެ ބޭނުމަކީ ރާއްޖެއާ ގުޅޭ އަދި ރާއްޖެއާ ގުޅޭ ދާއިރާތަކުން، އެކިއެކި ކަންކަމާއި ކިޔަވައިދިނުން ފަދަ ދާއިިރާތަކުގެ މައުލޫމާތު އެންމެންނަށް އެއް ތަނަކަުން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ޕޭރޯލް މޮޑިއުލް މެދުވެރިކޮށް ސަރުކާރުގެ މުވައްޒަފުންގެ މައުލޫމާތާއި ހާޒިރީ ބެލެހެއްޓުމާއި މުސާރަ ބެލެހެއްޓުން އަދި ހުރިހާ މަސައްކަތްތައް ސިވިލް ސާވިސް ގާނޫނުގައިވާ ގޮތުގެ މަތިން ހިންގަން ފުުރުސަތު ލިބިގެންދާނެ ކަމަށެވެ