Roadha Mihaaru
ނޯތު ކޮރެއާގެ މިސައިލް ޓެސްޓާ އެކު ދުނިޔޭގެ ބާރުތައް ބައިބައިވެއްޖެ

ނޯތު ކޮރެއާގެ މިސައިލް ޓެސްޓާ އެކު ދުނިޔޭގެ ބާރުތައް ބައިބައިވެއްޖެ

16 ސެޕްޓެމްބަރ 2017

ވޮޝިންޓަން (ސެޕްޓެމްބަރު 16) - ނޯތު ކޮރެއާ އިން އެންމެ ފަހުން ޖަޕާން މަތިން ފޮނުވާލި މިސައިލްއާ އެކު ދުނިޔޭގެ ބޮޑެތި ބާރުތައް އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތުކޮށް، ޚިޔާލު ތަފާތުވުންތައް އުފެދިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ސެޕްޓެމްބަރު 16) - ނޯތު ކޮރެއާ އިން އެންމެ ފަހުން ޖަޕާން މަތިން ފޮނުވާލި މިސައިލްއާ އެކު ދުނިޔޭގެ ބޮޑެތި ބާރުތައް އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތުކޮށް، ޚިޔާލު ތަފާތުވުންތައް އުފެދިއްޖެ އެވެ.

މި މަހު 3 ވަނަ ދުވަހު ނޯތު ކޮރެއާ އިން ޓެސްޓްކުރި ނިއުކްލިއާ ބޮމަށް އަދަބު ދިނުމުގެ ގޮތުން އެ ގައުމަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ސަލާމަތީ މަޖިލީހުގެ ހުރިހާ މެންބަރުން އިއްތިފާގުވި ނަމަވެސް އެމެރިކާ އިން ބުނެފައި ވަނީ ނޯތު ކޮރެއާ ހުއްޓުވޭނީ ޗައިނާ އާއި ރަޝިޔާ އަށް ކަމަށެވެ. އެކަމަކު ޗައިނާ އިން ބުނެފައި ވަނީ އެމެރިކާ އިން ދަނީ އެ ގައުމުގެ އަމިއްލަ ޒިންމާ އިން ރެކެން މަސައްކަތް ކުރަމުން ކަމަށެވެ. ރަޝިޔާ އިން ވަނީ އެމެރިކާގެ ބަސް މަގާއި ބިރު ދެއްކުމުގެ އިންޒާރުތައް ކުށްވެރިކޮށްފަ އެވެ.

ނޯތު ކޮރެއާ އިން އިއްޔެ ޖަޕާން މަތިން ފޮނުވާލާފައި ވަނީ އެމެރިކާގެ ޓެރިޓަރީއެއް ކަމަށްވާ ގުއާމަށް ވެސް ފޯރާވަރުގެ ގާބިލްކަން ލިބިފައިވާ މިސައިލެކެވެ. ޖަޕާނުގެ ހޮކައިޑޫ ޖަޒީރާ މަތިން ފޮނުވާލި މިސައިލް ވަނީ ކަނޑަށް ވެއްޓުމުގެ ކުރިން 3،700 ކިލޯ މީޓަރަށް ދަތުރުކޮށްފަ އެވެ. މިއީ ނޯތު ކޮރެއާގެ މިސައިލެއް އެންމެ ދުރަށް ދަތުރު ކުރި ފަހަރު ވެސް މެ އެވެ.

ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ ވިދާޅުވެފައި ވަނީ ނޯތު ކޮރެއާގެ ބިރު ދެއްކުންތަކަށް ދެން ކެތް ނުކުރެވޭނެ ކަމަށެވެ.

ނޯތު ކޮރެއާއާ ދެކޮޅަށް ސަލާމަތީ މަޖިލީހުގައި ނެގި ވޯޓަށް ފަހު މެންބަރު ގައުމުތަކުގެ ބައެއް މަންދޫބުން މަޝްވަރާ ކުރައްވަނީ. --ފޮޓޯ:ބީބީސީ

ނޯތު ކޮރެއާއާ ދެކޮޅަށް ސަލާމަތީ މަޖިލީހުގައި ނެގި ވޯޓަށް ފަހު މެންބަރު ގައުމުތަކުގެ ބައެއް މަންދޫބުން މަޝްވަރާ ކުރައްވަނީ. --ފޮޓޯ:ބީބީސީ

ނޯތު ކޮރެއާ އިން އިއްޔެ މިސައިލެއް ފޮނުވާލާފައި ވަނީ އެ ގައުމުން ޓެސްޓްކުރި ނިއުކްލިއާ ބޮމާ ގުޅިގެން ސަލާމަތީ މަޖިލީހުން މިދިޔަ ހަފުތާގައި ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވަނިކޮށެވެ. އެމެރިކާ އިން ބުނެފައި ވަނީ މި ފިޔަވަޅުތަކުން އެ ގައުމަށް އަހަރަކު 1.3 ބިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ވިދާޅުވީ ނޯތު ކޮރެއާ މައިތިރިކުރުމުގެ ބާރު މިހާރު އޮތީ ޗައިނާ އާއި ރަޝިޔާގެ އަތުގައި ކަމަށެވެ. އަދި ނޯތު ކޮރެއާ އަށް އެންމެ ގިނައިން ތެޔޮ ފޯރުކޮށް ދެނީ ޗައިނާ އިން ކަމަށާއި ނޯތު ކޮރެއާ މީހުން އެންމެ ގިނައިން މަސައްކަތް ކުރަނީ ރަޝިޔާގައި ކަމަށް ވިދާޅުވި އެވެ.

ޓިލަސަން އަށް ރައްދު ދެއްވާ ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ހުއާ ޗުންޔިން ވިދާޅުވީ "މި މައްސަލަގަނޑުގެ އަމާޒުފަތްގަނޑަކަށް ޗައިނާ ނުވާނެ" ކަމަށެވެ. އަދި ޒިންމާ ނަގަން ޖެހޭނީ މައްސަލައިގެ ތެރޭގައި އުޅޭ ފަރާތްތައް ކަމަށް ވިދާޅުވި އެވެ. އޭނާ އެ އިޝާރާތް ކުރައްވާފައި ވަނީ އެމެރިކާ އާއި ސައުތު ކޮރެއާ އަށެވެ.

"މި މައްސަލައިން އެ ގައުމުތައް އަތްދޮވެލަން އުޅުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް. އަދި އެއީ މައްސަލަ އަށް ހައްލެއް ހޯދޭނެ ކަމެއް ވެސް ނޫން،" އޭނާ ވިދާޅުވި އެވެ.

ތަރުޖަމާން ވިދާޅުވީ ނޯތު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ މައްސައިގެ ހައްލެއް ނޫން ކަމަށާއި އޭގެ ބަދަލުގައި ޑިޕްލޮމެޓިކް ވަސީލަތްތައް ބޭނުންކޮށްގެން ސުލްހަވެރި ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.

ރަޝިޔާ ރޭޑިއޯގައި ވާހަކަ ދައްކަވަމުން އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާރިއާ ޒަކަރޯވާ ވިދާޅުވީ ނޯތު ކޮރެއާގެ މިސައިލް ޓެސްޓްތަކަށް ހިތްޖަމަނުޖެހުން ފާޅު ކުރުމުގެ އިތުރުން ރަޝިޔާ އިން ދަނީ ކޮރެއާ ޕެނިސުލާގެ މައްސަލަ ހައްލު ކުރުމަށް ވެސް މަސައްކަތް ކުރަމުން ކަމަށެވެ. އޭގެ ބަދަލުގައި އެމެރިކާގެ ފަރާތުން ފެންނަނީ ބިރު ދެއްކުން އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.

ނޯތު ކޮރެއާ އިން މިސައިލް ޓެސްޓް ކުރުމުގެ ކުރިން އެ ގައުުމުން ބުރާސްފަތި ދުވަހު ވަނީ ޖަޕާން ފައްތާލާ، އެމެރިކާ އަޅިއަށް ހަދާލާނެ ކަމުގެ އިންޒާރު ދީފަ އެވެ.