Roadha Mihaaru
ކުނި އުކާ ގޮތް ދެނެގަތުމަށް ވެމްކޯ އިން ގޭގެ އަށް

ކުނި އުކާ ގޮތް ދެނެގަތުމަށް ވެމްކޯ އިން ގޭގެ އަށް

14 ސެޕްޓެމްބަރ 2017

ރަޖިސްޓްރީ ނުކޮށާއި ވެމްކޯ މެދުވެރިކޮށް އަދި އަމިއްލަ އަށް ކުނި އުކާ ފަރާތްތައް ދެނެގަތުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މާލޭގެ ހުރިހާ ގެއަކަށް ޒިޔާރަތް ކުރަން ނިންމައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރަޖިސްޓްރީ ނުކޮށާއި ވެމްކޯ މެދުވެރިކޮށް އަދި އަމިއްލަ އަށް ކުނި އުކާ ފަރާތްތައް ދެނެގަތުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މާލޭގެ ހުރިހާ ގެއަކަށް ޒިޔާރަތް ކުރަން ނިންމައިފި އެވެ.

ރަޖިސްޓްރީ ނުކޮށް ކުނިއުކުން މިދިޔަ މަހު އެކަކުން ފެށިގެން މަނާކޮށްފައިވާ އިރު، ވެމްކޯ މެދުވެރިކޮށް ކުނި އުކަން މިހާތަނަށް 17،180 ގޭބިސީއަކުން އެ ކުންފުނީގައި ރަޖިސްޓްރީ ކޮށްފައިވެ އެވެ. އަދި އަމިއްލަ އަށް ކުނި އުކާލަން 1100 އަށް ވުރެ ގިނަ ގޭބިސީން ވަނީ ރަޖިސްޓްރީކޮށްފަ އެވެ. މާލޭގައި 27،000 ގޭބިސީ ހުންނައިރު، ރަޖިސްޓްރީކޮށްގެން އަދި ނުކޮށް ކުނި އުކާ މީހުން ދެނެގަތުމަށް، މި މަހުގެ ތެރޭގައި މި ސާވޭ ފަށާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވެމްކޯގެ އޮފިޝަލަކު ވިދާޅުވީ އެތަނުގެ މަގްސަދަކީ ވެމްކޯގައި ރަޖިސްޓްރީ ކުރުވައިގެން ކުނި އުކުން ނޫން ކަމަށާއި އެކަން ވަކި ސިސްޓަމެއްގެ ތެރެއަށް ވެއްދުން ކަމަށެވެ.

"އަޅުގަނޑުމެންގެ މައްސަލައެއް ނެތް ރަޖިސްޓްރީކޮށްގެން އަމިއްލައަށް ކުނި އުކިޔަސް. ބައެއް ގެތަކުން ބޭނުންވޭ ގޭގައި ހުންނަ ކުނިކޮޅު އެ މީހުން އަމިއްލައަށް އުކާލަން. އެކަމަކު ގެތަކުން މިކަން ކުރާގޮތް އެނގުނީމައި، ސިސްޓަމްގެ ތެރޭގައި އެގޮތް ހިމަނަން އެނގޭނީ،" އޮފިޝަލް ވިދާޅުވި އެވެ.

ރަޖިސްޓްރީ ނުކޮށް ކުނި އުކާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ވެމްކޯއިން ވަނީ ނިންމާފަ އެވެ. މި ފިޔަވަޅު އަޅަނީ އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފައިވާ އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދުގެ ދަށުންނެވެ.

މި ގަވާއިދާ ހިލާފުވާ ފަރާތްތައް 750ރ. އިން ޖޫރިމަނާ ކުރާނެ އެވެ.

ވެމްކޯ އިން ބުނި ގޮތުގައި މިިދިޔަ މަހު އެ ކުންފުނިން ފެށި ކުނި އުކުމުގެ ހިދުމަތާ މެދު އާއްމުންގެ ޝަކުވާ ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އެކަމަކު ގަވައިދުން ކުނި ބަލާ ނުދާ ކަމަށް ބުނެ އާންމުން އަދިވެސް ޝަކުވާ ކުރެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމެއްގައި އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޝިފާއު ވިދާޅުވީ މިހާރު ކުނި ނުނެގި ދަނީ ދުވާލެއްގެ މައްޗަށް 100 ވަރަކަށް ގެއިން ކަމަށެވެ. ނަމަވެސް އެކަން ހައްލުކުރަން ގޮތްތަކެއް ރާވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާފިއު ވިދާޅުވި ގޮތުގައި މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުނި ބަލައި ދާއިރު ގޭގެއަށް ވަންނަން ދިމާވާ ދަތިތަކާއި ކަސްޓަމަރުންނާ ބައްދަލު ނުވުމެވެ.

ކުރިމަގުގައި ރޭގަނޑު 11:00 ގެ ކުރިން ހުރިހާ ގޭބިސީއަކަށް ކުނި ބަލައި ދާނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ވެމްކޯ އިން ބުންޏެވެ.