Roadha Mihaaru
މުސްލިމުންނަށް ކުރާ އަނިޔާ ހުއްޓާލަން އދ. އިން ގޮވާލައިފި

މުސްލިމުންނަށް ކުރާ އަނިޔާ ހުއްޓާލަން މިއަންމާ ސަރުކާރަށް އދ. އިން ގޮވާލައިފި

14 ސެޕްޓެމްބަރ 2017

ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 14) - މިއަންމާގެ ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނަށް ކުރާ އަނިޔާތައް ހުއްޓާލަން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 14) - މިއަންމާގެ ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނަށް ކުރާ އަނިޔާތައް ހުއްޓާލަން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެ އެވެ.

ރޮހިންޖާ މުސްލިމުންގެ ހާލަތާ ގުޅޭ ގޮތުން 15 މެންބަރުން ހިމެނޭ ސަލާމަތީ މަޖިލީހުން އިއްޔެ ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ. ސިއްރު ބައްދަލުވުން ފެށުމުގެ ކުރިން ގުޓަރޭޒް ވިދާޅުވީ ރޮހިންޖާ ރެފިއުޖީންގެ ހާލަތު ވަރަށް ގޯސްކަމަށާއި އެއީ ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ރަކީން ސްޓޭޓުގައި މިދިޔަ މަހު 25 ވަނަ ދުވަހު ހަމަނުޖެހުންތައް ފެށި ފަހުން 370،000 އަށް ވުރެ ގިނަ ރެފިއުޖީން އަވަށްޓެރި ބަންގްލަދޭޝް އަށް ވަދެފައިވާ ކަމަށް އދ. އިން ބުނެފައިވެ އެވެ.

"މިއަންމާ ސިފައިން ހިންގާ އޮޕަރޭޝަން ވަގުތުން ހުއްޓާލާ ހަމަނުޖެހުންތަކަށް ނިމުން ގެންނަން ގޮވާލަން. އަދި ގައުމު ދޫކޮށް ދިޔަ މީހުން އަނބުރާ އައުމުގެ ހައްގު އެ މީހުންނަށް ދިނުމަށް ވެސް ގޮވާލަން،" ނިއު ޔޯކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގުޓަރޭޒް ވިދާޅުވި އެވެ.

މިއަންމާގެ ރަކީން ސްޓޭޓުގައި މުސްލިމުންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަނާ މެދު ކަންބޮޑުވާ ކަމަށް ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ހާމަކޮށްފަ އެވެ. އަދި ހަމަނުޖެހުންތައް ހުއްޓާލުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.

މިއަންމާގެ މުސްލިމުން އެހީއަށް އެދި އާދޭސް ކުރަނީ.

މިއަންމާގެ މުސްލިމުން އެހީއަށް އެދި އާދޭސް ކުރަނީ.

ސަލާމަތީ މަޖިލީހުގެ ބައްދަލުވުން ބޭއްވުމަށް ހުށަހެޅި އެއް ގައުމު ކަމަށްވާ އިނގިރޭސިވިލާތުގެ ސަފީރު މެތިއު ރީކްރޮފްޓް ވިދާޅުވީ މިއީ މިއަންމާއާ ބެހޭ ގޮތުން ވޭތުވެދިޔަ ނުވަ އަހަރު ތެރޭ ސަލާމަތީ މަޖިލީހުން ނެރުނު ފުރަތަމަ ބަޔާން ކަމަށެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނާ ޒައިދު ރާދު އަލް ހުސައިން ވަނީ މިއަންމާގައި ނަސްލެއް ނެތިކޮށްލުމުގެ މަސައްްކަތް ކުރަމުންދާ ކަމަށް މި ހަފުތާގައި ވިދާޅުވެފަ އެވެ.

މިއަންމާގައި ހިންގަނީ ނަސްލެއް ނެތިކޮށްލުމުގެ މަސައްކަތްތޯ ނޫސްވެރިން ގުޓަރޭޒަށް ސުވާލު ކުރުމުން ޖަވާބު ދެއްވީ ވެސް ސުވާލަކުންނެވެ.

"ތިޔަ ސުވާލަށް އަޅުގަނޑު ޖަވާބު ދޭނީ އެހެން ސުވާލަކުން. ރޮހިންޖާ އާބާދީގެ ތިންބައިކުޅަ އެއްބައި ގައުމު ދޫކޮށް ދިއުމުން އެކަން ބަޔާންކޮށްދިނުމަށް ނަސްލެއް ނެތިކޮށްލުމަށް ވުރެ ރަނގަޅު ބަހެއް ހޯދިދާނެތަ؟" ގުޓަރޭޒް ވިދާޅުވި އެވެ.

ރަކީން ސްޓޭޓަށް އދ. އާއި އެހީދޭ ބައިނަލްއަގުވާމީ ފަރާތްތައް ވަނުމުގެ ހުއްދަ ދިނުމަށް ގުޓަރޭޒް ވަނީ ގޮވާލަައްވައިފަ އެވެ. އަދި ރޮހިންޖާ މުސްލިމުން އާދައިގެ ދިރިއުޅުމަކަށް މަގު ފަހިކުރުމަށް އެ މީހުންނަށް މިއަންމާގެ ރައްވެހިކަން ނުވަތަ ގާނޫނީ ހައިސިއްޔަތު ދިނުމަށް ވެސް ގުޓަރޭޒް ވަނީ ގޮވާލައްވައިފަ އެވެ.

ސަލާމަތީ މަޖިލީހުގެ ބައްދަލުވުން ބާއްވާފައިވާ އިރު އަންނަ ހަފުތާގައި ފަށާ އދ.ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިއަންމާގެ ލީޑަރު އަން ސަން ސޫކީ ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރު ވަނީ ކެންސަލް ކުރައްވައިފަ އެވެ. މިއަންމާގެ ހާލަތާ ގުޅޭ ގޮތުން ޓީވީ މެދުވެރިކޮށް އަންނަ ހަފުތާގައި އެކަމަނާ ބަޔާނެއް ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.