Roadha Mihaaru
ރަކީން ސްޓޭޓުގައި މުސްލިމުންނަށް ހިމާޔަތް ދެން: ސޫކީ

ރަކީން ސްޓޭޓުގައި މުސްލިމުންނަށް ހިމާޔަތް ދެން: ސޫކީ

06 ސެޕްޓެމްބަރ 2017

ޔަންގޫން (ސެޕްޓެމްބަރު 6) - މިއަންމާގެ ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނަށް ހިމާޔަތް ދޭ ކަމަށް އެ ގައުމުގެ ލީޑަރު އަން ސަން ސޫކީ މިއަދު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޔަންގޫން (ސެޕްޓެމްބަރު 6) - މިއަންމާގެ ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނަށް ހިމާޔަތް ދޭ ކަމަށް އެ ގައުމުގެ ލީޑަރު އަން ސަން ސޫކީ މިއަދު ވިދާޅުވެއްޖެ އެވެ.

މިއަންމާގައި މުސްލިމުންނަށް ދޭ އަނިޔާތައް ހައްދުފަހަނަޅައި ދިޔަ ފަހުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ސޫކީ ވިދާޅުވީ ރަކީން ސްޓޭޓުގައި ހިނގާ ކަންކަން ވަރަށް ބޮޑަށް އޮޅުވާލާފައިވާ ކަމަށެވެ. އަދި ޚަބަރުތައް އާއްމު ކުރަމުން ދަނީ ރޮހިންޖާ މުސްލިމުން ޕްރޮމޯޓް ކުރާ ގޮތަށް ކަމަށް ވިދާޅުވި އެވެ. ރަކީންގެ މުސްލިމުން އެކަމަނާ ސިފަ ކުރައްވާފައި ވަނީ ޓެރަރިސްޓުންގެ ގޮތުގަ އެވެ.

ނޯބެލް ސުލްހައިގެ އިނާމު ހޯއްދަވާފައިވާ ސޫކީ މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ ފޯނުން ދެއްކެވި ވާހަކަތަކެއްގައި ކަމަށް އެކަމަނާގެ އޮފީހުން ބުންޏެވެ. ރަކީންގައި ތިބި އެންމެންނަށް ދެވެން އޮތް އެންމެ ފުރިހަމަ ހިމާޔަތް ދެމުންދާ ކަމަށް އުރުދުޣާން އަރިހު ސޫކީ ދެންނެވި ކަމަށް އެ ގައުމުގެ ރަސްމީ މީޑިއާ އިން ބުންޏެވެ. ރަކީންގެ ހާލަތާ ގުޅޭ ގޮތުން ދައުރުވަމުންދާ ފޮޓޯތަކަކީ ފޭކް އެއްޗެހި ކަމަށް ވެސް އެކަމަނާ ވަނީ ވިދާޅުވެފަ އެވެ.

މިއަންމާގެ ރަކީން ސްޓޭޓުގެ ހަމަނުޖެހުންތަކުން ސަލާމަތްވާން ބައެއް މީހުން އެ ސްޓޭޓް ދޫކޮށް ދަނީ.

މިއަންމާގެ ރަކީން ސްޓޭޓުގެ ހަމަނުޖެހުންތަކުން ސަލާމަތްވާން ބައެއް މީހުން އެ ސްޓޭޓް ދޫކޮށް ދަނީ.

ރަކީން ސްޓޭޓުގެ ހާލަތާ ބެހޭ ގޮތުން ސޫކީ ބަހެއް ވިދާޅުވެފައި މި ވަނީ މި މައްސަލާގައި އެކަމަނާ ހިމޭނުން ހުންނަވާތީ ދުނިޔޭގެ އެކި ހިސާބުތަކުން ފާޑުކިޔުންތައް އަމާޒުވަމުން ދަނިކޮށެވެ. މިއަންމާ އަށް ކަނޑައަޅާފައި ހުންނަ އދ.ގެ ޚާއްސަ ރެޕަޓުއާ ވެސް ވަނީ ރަކީންގެ މައްސަލަ ހައްލު ކުރުމަށް ސޫކީ ފިޔަވަޅު އެޅުމަށް ގޮވާލައްވައިފަ އެވެ. ނޯބެލް ސުލްހައިގެ އިނާމު ހާސިލްކޮށްފައިވާ އެހެން ބައެއް ފަރާތްތަކުން ވެސް ވަނީ މުސްލިމުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް މަސައްކަތް ކުރުމަށް ސޫކީ އަށް ގޮވާލައްވައިފަ އެވެ.

ރަކީންގައި މިއަންމާ ސިފައިންގެ އަނިޔާވެރިކަން ބޮޑުވުމުން ވޭތުވެދިޔަ 10 ވަރަކަށް ދުވަހު ވަނީ އެ ސްޓޭޓް ދޫކޮށް 125،000 މީހުން ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝް އަށް އެތެރެވެފަ އެވެ.

ރަކީންގައި އެންމެ ފަހުގެ ހަމަނުޖެހުންތައް ފަށާފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ސްޓޭޓް ދޫކޮށް ހިމާޔަތަށް އެދި ބަންގްލަދޭޝް އަށް ވަންނަ ރެފިއުޖީން ބުނެފައި ވަނީ މިއަންމާ ސިފަިއންނާއި ބުޑިސްޓުން ދަނީ އެ މީހުންގެ އަވަށްތަކުގައި އަލިފާން ޖަހަމުން ކަމަށެވެ. އަދި މުސްލިމުންގެ ނަސްލު ނައްތާލުމުގެ މަގްސަދުގައި އެތައް އާއްމުންނެއް މަރަމުންދާ ކަމަށް ބުނެފައިވެ އެވެ.