Roadha Mihaaru
އެމްޕީއެލްގައި އެއްޗެއް ގޮވައި މީހަކު ފިހިއްޖެ

އެމްޕީއެލް ސަރަހައްދުގައި އެއްޗެއް ގޮވައި، މީހަކު ފިހިއްޖެ

12 ސެޕްޓެމްބަރ 2017

އެމްޕީއެލްގެ ވެލްޑިން ވޯކްޝޮޕް ސަރަހައްދުގައި މިއަދު އެއްޗެއް ގޮވައި، މީހަކު ވަރަށް ބޮޑަށް ފިހިއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އެމްޕީއެލްގެ ވެލްޑިން ވޯކްޝޮޕް ސަރަހައްދުގައި މިއަދު އެއްޗެއް ގޮވައި، މީހަކު ވަރަށް ބޮޑަށް ފިހިއްޖެ އެވެ.

ފުލުސް އޮފީހުން ބުނީ އެމްޕީއެލް ސަރަހައްދުގައި ގޮވީ ތެޔޮ ފީފާ ކަމަށާއި އެ ހާދިސާ ހިނގީ އެ ފީފާ ކައިރީގައި ވެލްޑިން ކުރަނިކޮށް ކަމަށެވެ. ހެނދުނު 10:00 ހާއިރު ހިނގި މި ހާދިސާގައި ވާތް ވަރަށް ބޮޑަށް ފިހުނު މީހާއަށް އައިޖީއެމްއެޗްގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.

އެމްޕީއެލް އިން ބުނިގޮތުގައި އެ ހާދިސާ ހިނގީ ބޭނުންކޮށްފައި ހުރި ތެޔޮ ފީފާއެއްގައި ރޯވެގެންނެވެ. އެކަން ހިނގަން ދިމާވި ސަބަބު އެ ކުންފުނިން ބަލަމުން އަންނަ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.

"މި ހާދިސާ ދިމާވި ސަބަބު ބެލުމަށް ފަހު މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް މި ކުންފުނިން ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" އެމްޕީއެލް އިން ނެރުނު ނޫސް ބަޔާނެއްގައިވެ އެވެ.

މިދިޔަ ހޯމަ ދުވަހު ވެސް އެމްޕީއެލްގައި ވަނީ ނުރައްކާތެރި ހާދިސާއެއް ހިނގައި، މީހެއްގެ ފައި ޗިސްވެފަ އެވެ. ބޯޓަކަށް ކޮންޓެއިނާތަކެއް ބަރުކުރަން އުޅެނިކޮށް އަނިޔާވި އެމީހާއަށް، އިންޑިއާގައި މިހާރު ފަރުވާ ދެމުން އަންނައިރު އޭނާގެ ފައި ބުރިކޮށްލަން ވަނީ ޖެހިފަ އެވެ.

އޭނާ މަސައްކަތް ކުރީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެން ނަމަވެސް އެމްޕީއެލުން ބުނިގޮތުގައި ކާގޯ ބޯޓުތަކުގައި ކޮންޓެއިނަރު ބަރުކުރުމާއި ބޭލުމަކީ ރިސްކު ބޮޑު ކަމެކެވެ. އަދި އެފަދަ ހާދިސާއެއް މަދުން ނަމަވެސް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމްޕީއެލުން ބުންޏެވެ.

މީގެ ކުރިން ވެސް އެމްޕީއެލުގައި ވަނީ މި ފަދަ ނުރައްކާތެރި ހާދިސާތައް ހިނގައިފަ އެވެ.