Roadha Mihaaru
އެންމެ ފަހުން ޑުޓާޓެގެ ދަރިއަށް ޑްރަގު ވިޔަފާރީގެ ތުހުމަތު

އެންމެ ފަހުން ޑުޓާޓެގެ ދަރިއަށް ޑްރަގު ވިޔަފާރީގެ ތުހުމަތު

08 ސެޕްޓެމްބަރ 2017

މެނީލާ (ސެޕްޓެމްބަރު 8) - ފިލިޕީންސްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން މަރަން އަމުރުކުރައްވާފައިވާ އެ ގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓެގެ ފިރިހެން ދަރިފުޅުގެ މައްޗަށް މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ކަމަށް ތުހުމަތުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މެނީލާ (ސެޕްޓެމްބަރު 8) - ފިލިޕީންސްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން މަރަން އަމުރުކުރައްވާފައިވާ އެ ގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓެގެ ފިރިހެން ދަރިފުޅުގެ މައްޗަށް މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ކަމަށް ތުހުމަތުކޮށްފި އެވެ.

ރައީސް ޑުޓާޓެގެ ދަރިކަލުން ޕައޮލޯ ޑުޓާޓެގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ މަސްތުވާތަކެތީގެ 125 މިލިއަން ޑޮލަރުގެ ޝިޕްމަންޓެއް ޗައިނާ އިން އެތެރެކޮށް ވިއްކަން އުޅުމެވެ. މި މައްސަލާގައި އެ ގައުމުގެ ސެނެޓަށް އޭނާ ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ. ޕައޮލޯ ވިދާޅުވެފައި ވަނީ އެއީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. މި މައްސަލާގައި ވަނީ ޑުޓާޓެ ދަނބިދަރިއެއް ކަމަށްވާ މަނަސެސް ކާޕިއޯގެ މައްޗަށް ވެސް ތުހުމަތުކޮށްފަ އެވެ. އޭނާ ވެސް ވިދާޅުވެފައި ވަނީ އެއީ ހަދައިގެން ދައްކާ ވާހަކަތަކެއް ކަމަށެވެ.

ރައީސް ޑުޓާޓެގެ ދަރިއަކާއި އަނބިދަރިއެއްގެ މައްޗަށް މަސްތުވާތަކެތީގެ ވިޔަފާރީގެ ތުހުމަތުކޮށްފައި ވަނީ ކަސްޓަމްސް ބްރޯކަރަކު ދިން ހެކި ބަހަކާ ގުޅިގެންނެވެ. އޭނާ ބުނެފައި ވަނީ މަސްތުވާތަކެތީގެ ޝިޕްމަންޓާ ގުޅޭ ގޮތުން ރައީސްގެ ދަރިކަލުންނާއި ދަނބިދަރިކަލުންގެ ނަން އޭނާ އަށް އިވިފައިވާ ކަމަށެވެ.

ސެނެޓުގެ އިދިކޮޅު މެންބަރަކު ވިދާޅުވީ ޕައޮލޯ ޑުޓާޓެ އަކީ މަސްތުވާތަކެތީގެ ގޭންގެއްގެ މީހެއްކަން އޭނާގެ ބުރަކަށީގައި ޖަހާފައިވާ ޓެޓޫ އިން ވެސް ދޭހަވާ ކަމަށެވެ. ޑާވައޯ ސިޓީގެ ވައިސް މޭޔަރުކަން ކުރައްވާ ޕައޮލޯ ވިދާޅުވީ ހެއްކެއް ނެތި މީހުން ދައްކާ ވާހަކަތަކަށް ބިނާ ކުރާ ސުވާލަށް އޭނާ އަށް ޖަވާބު ނުދެވޭނެ ކަމަށެވެ. އަދި ޓެޓޫއާ ބެހޭ ތަފްސީލް ދިނުމަށް ދެކޮޅު ހެއްދެވި އެވެ. ރައީސްކަމަށް ވަޑައިގަތުމުގެ ކުރިން ޑުޓާޓެ ވަނީ ޑަވާއޯ ސިޓީގެ މޭޔަރުކަން 10 އަހަރު ކުރައްވައިފަ އެވެ.

ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ. --ފޮޓޯ:އޭއެފްޕީ

ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ. --ފޮޓޯ:އޭއެފްޕީ

ސަރުކާރަށް ފާޑު ވިދާޅުވަމުން ގެންދަވާ ސެނޭޓަރެއް ކަމަށްވާ އެންޓޯނިއޯ ޓްރިލޭންސް ވަނީ މަސްތުވާތަކެތީގެ ޝިޕްމަންޓާ ގުޅުން ހުރި ވިޔަފާރިވެރިއަކާ އެކު ޕައޮލޯ ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯއެއް ސެނެޓުގެ ޕެނަލް އަށް ދައްކައިފަ އެވެ. އޭނާ ވިދާޅުވީ ޕައޮލޯގެ ބުރަކަށީގައިވާ ޑްރެގަންއެއް ކަހަލަ ޓެޓޫގައި ސިއްރު ޑިޖިޓްތަކެއް ހިމެނޭ ކަމަށެވެ. ޓެޓޫއާ ބެހޭ ގޮތުން ސުވާލު ކުރުމުން ޕައޮލޯ ވަނީ ޓެޓޫއެއް އިންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއާ ބެހޭ މައުލޫމާތު ނުދެނީ އެއީ ޒާތީ މައުލޫމާތަކަށް ވާތީ ކަމަށް ވިދާޅުވި އެވެ.

ޓްރިލެންސް ވަނީ އެ ޓެޓޫގެ ފޮޓޯއެއް ނަގާ އޭގައިވާ ސިއްރު ޑިޖިޓްތައް ހޯދަން އެމެރިކާގެ ޑްރަގު އެންފޯސްމަންޓް އެޖެންސީ އަށް ފޮނުވަން އެއްބަސްވާނަންތޯ ޕައޮލޯ އަށް ސުވާލު ކުރައްވައިފަ އެވެ. ޕައޮލޯ ވިދާޅުވެފައި ވަނީ އެގޮތަށް އެއްބަސް ނުވާނެ ކަމަށެވެ. ބޭންކު އެކައުންޓާ ބެހޭ ގޮތުން ސުވާލު ކުރުމުން ވެސް ޕައޮލޯ ޖަވާބު ދެއްވައިފައެއް ނުވެ އެވެ.

ޑުޓާޓެ ވަނީ އޭނާގެ އާއިލާގެ މީހެއްގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވެއްޖެ ނަމަ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ދަރިކަލުން ޕައޮލޯ ސެނެޓަށް ހާޒިރުވީ ޑުޓާޓެގެ އެދިވަޑައިގަތުމަކަށް ކަމަށްވެ އެވެ.

ފިލިޕީންސްގެ ވެރިކަމަށް މިދިޔަ އަހަރުގެ ޖޫން މަހު ޑުޓާޓެ ވަަޑައިގަތުމަށް ފަހު ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ފައްޓަވައިފަ އެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ހައްޔަރު ކުރަން އުޅޭ އިރު ގަދަ ދައްކާ ނަމަ އެ މީހުން މެރުމަށް ޑުޓާޓެ ވަނީ ފުލުހުންނަށް އަމުރު ކުރައްވައިފަ އެވެ. އަދި މި ގޮތަށް ބަޑި ޖަހައިގެން ފުލުހަކު ކުށްވެރިވެ ހުކުމް އިއްވައިފި ނަމަ އެ ފުލުހަކަށް މައާފް ދެއްވާނެ ކަމަށް ވެސް ޑުޓާޓެ ވިދާޅުވެފައިވެ އެވެ.

ޑްރަގާ ދެކޮޅު އޮޕަރޭޝަންތަކުގައި މިހާތަނަށް ފިލިޕީންސްގައި ވަނީ 3،800 މީހުން މަރައިފަ އެވެ. ޝަރީއަތަކާ ނުލައި މީހުން މަރާތީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ދަނީ ޑުޓާޓެ އަށް ފާޑު ކިޔަމުންނެވެ.