Roadha Mihaaru
ބަޑީގެ ވަޒަނަކުން ޑްރަގު ނުހުއްޓުވޭނެ

ބަޑީގެ ވަޒަނަކުން ޑްރަގު ނުހުއްޓުވޭނެ: ފިލިޕީންސްގެ ނައިބް ރައީސް

16 މާޗް 2017

މެނީލާ (މާޗް 16) - ބަޑީގެ ވަޒަން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރި ނުހުއްޓުވޭނެ ކަމަށް ވިދާޅުވެ ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ އަށް އެ ގައުމުގެ ނައިބް ރައީސް ލެނީ ރޮބްރެޑޯ ފާޑު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

މެނީލާ (މާޗް 16) - ބަޑީގެ ވަޒަން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރި ނުހުއްޓުވޭނެ ކަމަށް ވިދާޅުވެ ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ އަށް އެ ގައުމުގެ ނައިބް ރައީސް ލެނީ ރޮބްރެޑޯ ފާޑު ވިދާޅުވެއްޖެ އެވެ.

މިއީ ޑުޓާޓެގެ ކެމްޕޭނަށް ނައިބް ރައީސް އެންމެ ފާޅުކަން ބޮޑު ގޮތުގައި ފާޑު ވިދާޅުވި ފަހަރެވެ. އެކަމަނާ ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ ހަރުކަށި ޖަރީމާތަކުގެ ހަގީގަތް ނޭނގޭ ކަމަށެވެ. އެކަން ކުރަނީ އަޑި ނޭނގޭ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

ޑުޓާޓެ ވެރިކަމަށް ވަޑައިގެން މަސްތުވާތަކެއްޗާ ދެކޮޅު ކެމްޕޭން މިދިޔަ ޖުލައި މަހު ފެއްޓެވި ފަހުން މިހާތަނަށް 7،000 މީހުން މަރާފައިވާ ކަމަށް ވީޑިއޯ މެދުވެރި ކުރައްވާ ރޮބްރެޑޯ ދެއްވި މެސެޖުގައި ވިދާޅުވި އެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ގިނަ ބައެއްގެ ފަރާތުން އެކަމަނާ އަށް ޝަކުވާ ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރޮބްރެޑޯ ވިދާޅުވީ އާއްމުންގެ އިތުރުބާރު ލިބޭ ގޮތަށް ގާނޫނުގެ ތެރޭން ކަންކަން ކުރުމަށް ޑުޓާޓެ އަށް އޭނާ ދަންނަވާފައިވާ ކަމަށެވެ.

ޑުޓާޓެގެ ކެމްޕޭނަށް ފިލިޕީންސްގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ކޮމިޝަނުގެ އިތުރުން ބައިނަލްއަގުވާމީ ފަރާތްތަކުން ވެސް ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.