Roadha Mihaaru
ހިންމަފުށީ މަރާ ގުޅިގެން ޕްލާންޓްގެ މެނޭޖަރު ހައްޔަރު!

ބިދޭސީގެ މަރާ ގުޅިގެން ހިންމަފުށީ ފެން ޕްލާންޓްގެ މެނޭޖަރު ހައްޔަރުކޮށްފި

06 ސެޕްޓެމްބަރ 2017

ކ. ހިންމަފުށީގައި ހުންނަ، ލައިފް ފެން އުފައްދާ ޕްލާންޓުގައި މަސައްކަތްކުރާ ބިދޭސީމީހާގެ މަރާ ގުޅިގެން އެ ތަނުގެ މެނޭޖަރު ހައްޔަރުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކ. ހިންމަފުށީގައި ހުންނަ، ލައިފް ފެން އުފައްދާ ޕްލާންޓުގައި މަސައްކަތްކުރާ ބިދޭސީމީހާގެ މަރާ ގުޅިގެން އެ ތަނުގެ މެނޭޖަރު ހައްޔަރުކޮށްފި އެވެ.

ފެން ޕްލާންޓުގެ މެނޭޖަރު މުހައްމަދު އިމްތިޔާޒު، މިދިޔަ މަހުގެ 30 ވަނަ ދުވަހު ހައްޔަރުކޮށް، 12 ދުވަހުގެ މުއްދަތު ވަނީ ޖަހައިފަ އެވެ.

މިދިޔަ މަހުގެ 19 ގައި ބިދޭސީ މީހާ މަރުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިމްތިޔާޒު ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އުމުރުން 38 އަހަރުގެ ބަންގްލަދޭޝް މީހާގެ މަރާ ގުޅިގެން މީގެ ކުރިން ވެސް ވަނީ އެހެން ދިވެއްސަކު ހައްޔަރުކޮށްފަ އެވެ. ރޭގަނޑު ފެން ޕްލާންޓްގެ ސެކިއުރިޓީ ބަލަހައްޓާ އަދި ކުރިން ފުލުހުންގެ ވަޒީފާގައި އުޅުނު އެ މީހާ، މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ލައިފް ފެން އުފައްދާ ހެޕީމާކެޓުގެ މެނޭޖިން ޑިރެކްޓަރު އަދި އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހްސާން ވިދާޅުވީ ބިދޭސީ މީހާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް، އޭނާ ބެލި ހިންމަފުށީ ސިއްހީ މަރުކަޒުން ބުނެފައިވާ ކަމަށެވެ. އެކަމަކު އެކަން އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނާ ހަވާލުކުރީ، އެ މީހާ އަށް އަނިޔާ ކުރި ކަމަށް އެތަނުގައި މަސައްކަތް ކުރާ އެހެން ބިދޭސީން ބުނެފައިވާތީ ކަމަށް އިހްސާން ވިދާޅުވި އެވެ.

ތަހުގީގު ކުރިއަށް ދާތީ، ބިދޭސީ މީހާ މަރުވީ ކިހިނެއް ވެގެން ކަމެއް ފުލުހުންނެއް އަދި ނުބުނެ އެވެ. އެކަމަކު ހިންމަފުށިން ވާހަކަ ދެއްކި ބައެއް މީހުން ބުނާގޮތުގައި، މި މައްސަލައިގައި ހައްޔަރު ކުރި ދެ މީހުން ވެސް ފެން ޕްލާންޓްގައި މަސައްކަތް ކުރާ ބިދޭސީންނަށް އަނިޔާކޮށް، ބިރު ދައްކައި ހަދަ އެވެ.

"ބަންގްލަދޭޝް މީހާ މަރުވީ، އަނިޔާކޮށްގެން ކަމެއް އަދި ނޭނގޭ. އެކަމަކު އެކަމުގައި މެނޭޖަރާއި ހައްޔަރު ކުރި [އަނެއް] މީހާގެ އަތެއް ވާކަމަށް ޝައްކު ކުރެވިގެން ފުލުހުން މައްސަލަ ބަލަމުން ދަނީ،" ހިންމަފުށިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މަރުވި ބަންގްލަދޭޝް މީހާ ވަނީ ގަލޮޅު މޯޗަރީގައި ބޭއްވުމަށް ފަހު، މިހާރު އަނބުރާ ގައުމަށް ފޮނުވާލައިފަ އެވެ.

މިދިޔަ ރޯދަ މަހު، ހއ. އިހަވަންދޫގައި ހުންނަ އައިސް ޕްލާންޓުގައި މަސައްކަތް ކުރާ ބިދޭސީއަކު ވަނީ އެތަނުގައި އެ މީހުންގެ އެންމެ އިސްވެރިއަކަށް ހުންނަ ދިވެއްސަކު ވެސް މަރާލައިފަ އެވެ.