Roadha Mihaaru
އިޓަލީ ބަލިކޮށް ސްޕެއިން ވޯލްޑް ކަޕާ ދިމާލަށް

އިޓަލީ ބަލިކޮށް ސްޕެއިން ވޯލްޑް ކަޕާ ދިމާލަށް

03 ސެޕްޓެމްބަރ 2017

މެޑްރިޑް (ސެޕްޓެމްބަރު 3) – އިސްކޯގެ ދެ ލަނޑާ އެކު އިޓަލީ އަތުން 3-0 އިން މޮޅުވެ ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް ސްޕެއިން ޖެހުނުއިރު ޕްލޭއޮފުގައި ވާދަކުރަން ޖެހުމުގެ ފުރުސަތު އިޓަލީ އަށް ބޮޑުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެޑްރިޑް (ސެޕްޓެމްބަރު 3) – އިސްކޯގެ ދެ ލަނޑާ އެކު އިޓަލީ އަތުން 3-0 އިން މޮޅުވެ ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް ސްޕެއިން ޖެހުނުއިރު ޕްލޭއޮފުގައި ވާދަކުރަން ޖެހުމުގެ ފުރުސަތު އިޓަލީ އަށް ބޮޑުވެއްޖެ އެވެ.

ގްރޫޕް ޖީ ގެ އެއް ވަނައިގައި 19 ޕޮއިންޓާ އެކު ސްޕެއިން ތިން ޕޮއިންޓުގެ ލީޑެއް ނެގިއިރު އިޓަލީ ދެ ވަނައިގައި އޮތީ 16 ޕޮއިންޓެވެ. އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕުން ސީދާ ޖާގައެއް ލިބޭނީ އެއް ވަނަ ޓީމަށެވެ. ނުވަ ގްރޫޕުގެ ދެ ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު އަށް ޓީމު ޖެހޭނީ ޕްލޭއޮފް ކުޅޭށޭވެ. މި ގްރޫޕުގެ ތިން ވަނައިގައި 12 ޕޮއިންޓާ އެކު އޮތީ އަލްބޭނިއާ އެވެ.

އިޓަލީ 2006 ގެ ފަހުން ފުރަތަމަ ފަހަރަށް ކޮލިފައިން މެޗަކުން ބަލިވިއިރު އެ ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިންނަށް ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.

މެޑްރިޑުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ސްޕެއިނުން ވަނީ އެ ޓީމުގެ ކުރީގެ މޮޅު ކުޅުން ތަކުރާރުކޮށްފަ އެވެ.

ފުރަތަމަ ލަނޑު 22 ވަނަ މިނެޓުގައި އިސްކޯ ކާމިޔާބުކޮށްދިނީ ހިލޭ ޖެހުމަކުންނެވެ. ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް އޭނާ ދެ ވަނަ ލަނޑު ޖެހީ އަންދްރޭ އިނިއެސްޓާ ދިން ބޯޅައަކުންނެވެ. ސްޕެއިނުގެ ތިން ވަނަ ލަނޑު 77 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޒުވާން ފޯވާޑް އަލްވާރޯ މޮރާޓާ އެވެ.

މި މެޗުގެ ފަހުކޮޅު ސްޕެއިނުގެ ތަޖުރިބާކާރު ފޯވާޑް ޑޭވިޑް ވިޔާ ވަނީ ކުޅެން އަރައިފަ އެވެ. މިއީ ސްޕެއިނާ އެކު ވޯލްޑް ކަޕާއި ޔޫރޯ ކާމިޔާބުކޮށް އަދި މިހާރު އެމެރިކާގެ މޭޖާ ލީގުގައި ކުޅޭ ވިޔާ ތިން އަހަރަށް ފަހު ގައުމީ ޓީމަށް ކުޅުނު ފުރަތަމަ ފަހަރެވެ.

މި މެޗުގައި އިޓަލީން ބޭނުންކުރީ 4-2-4 ސިސްޓަމެވެ. އިޓަލީގެ ކޯޗު ޖިއަމްޕިއޭރޯ ވެންޗޫރާ ބުނީ ކޮންމެ ސިސްޓަމެއް ބޭނުންކުރި ނަމަވެސް ފާޑުކިއުން އަންނާނެކަން އެނގޭ ކަމަށެވެ.

ވެންޗޫރާ ބުނީ ފުރަތަމަ ހާފުގައި ރަނގަޅު ކަންތައްތަކެއް ދިޔަ ކަމަށާއި އޯޕަން ކުޅުމުގެ ތެރެއިން ސްޕެއިނަށް ގޯލަށް އަމާޒުކުރެވުނީ އެންމެ ބޯޅައެއް ކަމަށެވެ. އަދި އަންދްރޭ ބެލޮއްޓީ ފޮނުވާލި ނުރައްކާތެރި ހަމަލާ ވެސް އޭނާ ފާހަގަކުރި އެވެ.

"މިހާތަނަށް ކުރެވުނު ހުރިހާ ރަނގަޅު ކަމެއް އެންމެ މެޗަކުން ކެންސަލްވާ ނަމަ އަހަރެން ވެސް މިހާރު ހުއްޓާލަން ޖެހިދާނެ،" ވެންޗޫރާ ބުންޏެވެ.

ސްޕެއިނުގެ ކޯޗު ހުލެން ލޮޕެޓެގުއީ ބުނީ އިސްކޯ ވަރަށް ތަފާތު ކަމަށާއި ސްޕެއިނަށް މެޗު ހުޅުވާލަދިނީ އިސްކޯ ކަމަށެވެ.

"އަހަރެމެން ކުޅުނީ ވަރަށް ބޮޑު އިތުބާރަކާ އެކު. ވަރަށް ރަނގަޅު ރޫހަކާ އެކު،" އޭނާ ބުންޏެވެ.