Roadha Mihaaru
ކުޑަހުވަދޫ ބަލިކޮށް ގްރީންސްޓްރީޓްސް ދެ ވަނަ އަށް

ކުޑަހުވަދޫ ބަލިކޮށް ގްރީންސްޓްރީޓްސް ދެ ވަނަ އަށް

24 އޯގަސްޓް 2017

ދ. ކުޑަހުވަދޫ އަތުން 1-0 އިން ހޯދި މޮޅާ އެކު އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް ގްރީންސްޓްރީޓްސް މިއަދު ޖެހިލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދ. ކުޑަހުވަދޫ އަތުން 1-0 އިން ހޯދި މޮޅާ އެކު އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް ގްރީންސްޓްރީޓްސް މިއަދު ޖެހިލައިފި އެވެ.

ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ ހަތަރު މެޗުން 10 ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ގްރީން ސްޓްރީޓްސް ޖެހިލީ ހަތަރު މެޗުން ނުވަ ޕޮއިންޓާ ހަމަކޮށްގެންނެވެ. ތިން ވަނައިގައި ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ. ހަތަރު ވަނައިގައި ނިއު ރޭޑިއަންޓް އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކު އެވެ. ނިއު މިރޭ ކުޅޭ މެޗުން އއ. މާޅޮސްގެ މައްޗަށް ބޮޑު ނަތީޖާ އަކުން ކުރި ހޯދައިފިނަމަ ލީގުގެ ދެ ވަނަ އަށް އެރުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.

މެޗަށް ނުކުތްއިރު ގްރީން ސްޓްރީޓްސްގެ ކެޕްޓަން ފަރުހާދު އިސްމާއިލް (ފަރޭ) ހުރީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޝަނުގަ އެވެ. އޭނާގެ ބަދަލުގައި އެ މަގާމަށް ކުޅުނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމަށް ބަދަލުވި ވިކްޓަރީގެ އަލީ ޝާމިސް (ތޮއްޕޭ) އެވެ. އަނިޔާގެ ސަބަބުން މުހުތާރް ނަސީރު (ޓޫކިލޯ) ނުކުޅޭއިރު އޭނާގެ ބަދަލުގައި ކުޅުނީ އިބްރާހިމް ރިޒުހާން އެވެ.

މެޗު ފަށައިގެން 13 މިނިޓް ތެރޭ ގްރީން ސްޓްރީޓްސްގެ އަހުމަދު ހަސަންގެ އަތުގެ ހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާގެ ބަދަލުގައިވަނީ އަލީ އިފާޒު ކުޅެން އަރުވައިފަ އެވެ.

ގްރީން ސްޓްރީޓްސް އަށް މެޗުގެ 17 ވަނަ މިނިޓްގައި ލީޑުނަގައިދޭން އެ ޓީމުގެ ތޮއްޕޭ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ރިޒުހާން ނަގައިދިން ހުރަހަކުން ހުސްކޮށްހުރެ ތޮއްޕޭ ފޮނުވާލި ބޯޅަ ރަނގަޅަށް ފަޔަށް އަރާ ގޮތްނުވުމުން ދިޔައީ ބޭރަށެވެ.

ފުރަތަަމަ ހާފްގެ ބޮޑުބައި ކުޑަހުވަދޫ އިން ކުޅުނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެންނެވެ. އެހެން ކަމުން ގޯލު ޖަހާނެ ފުރުސަތުތައް ހޯދަން ގްރީން ސްޓްރީޓްސް އަށް ވަރަށް ބޮޑަށް އުނދަގޫވި އެވެ. ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅުނު ނަމަވެސް އޭގެ ބޭނުމެއް ނުހިފުނެވެ.

ކުޑަހުވަދޫގެ ކުރިއަށް ކުޅޭ ބިދޭސީ ފޯވާޑް އަފޮންޖާ ޖިބޯލާ އާއި ވިންގަށް ކުޅުނު އާދަމް ޝަހީމް ކައުންޓަ އެޓޭކުގައި ގްރީން ސްޓްރީޓްސްގެ ފަހަތަށް ނުރައްކާ ކުރަން މަސައްކަތް ކުރި ނަމަވެސް އޭގެ ބޭނުމެއް ނުހިފުނީ ކުޑަހުވަދޫގެ ގިނަ ކުޅުންތެރިން އެޓޭކަށް ނާރާތީ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ގްރީން ސްޓްރީޓްސް އަށް ލީޑުނަގައިދިނީ ސްލޮވާކިއާގެ މިޑްފީލްޑަރު ވިލިއަމް މެކޯ އެވެ. އޭރިއާ ތެރެއިން ވިލިއަމް އަށް ލިބުނު ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ކުޑަހުވަދޫގެ ކީޕަރު އަބްދުﷲ ޔަޒީދަށް އެއްވެސް ފުރުސަތެއް ނުދީ އޭނާ ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ހަތަރު މިނިޓް ތެރޭ ގްރީން ސްޓްރީޓްސްގެ ލީޑުފުޅާކުރަން އެ ޓީމުގެ ކުރިއަށްކުޅޭ އަހުމަދު ރަޝީދު (އައްމަޑޭ) އަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނެވެ. އޭގެ މިނިޓެއް ފަހުން އައްމަޑޭ ހުސްކޮށްލާފައި ތޮއްޕޭ އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ކީޕަރު ޔަޒީދު ވަނީ މަތަކޮށްފަ އެވެ.

ކުޑަހުވަދޫގެ ހަސަން (ކ) ކައިރިން ގްރީން ސްޓްރީޓްސްގެ އިލިއާ ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުޑަހުވަދޫގެ ހަސަން (ކ) ކައިރިން ގްރީން ސްޓްރީޓްސްގެ އިލިއާ ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗުގެ 58 ވަނަ މިނިޓްގައި ކުޑަހުވަދޫ އިން ރަނގަޅު ހަމަލާއެއް އުފެއްދި އެވެ. ހާފްގެ މެދުތެރެއިން ލިބުނު ހިލޭޖެހުމަކުން އިބްރާހިމް އުޝާމަތު ނަގައިދިން ބޯޅަ އޭރިއާ ތެރެއިން އެ ޓީމުގެ ކްރިސްޓިއަން ޑޯޑްޒީ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ކުޑަހުވަދޫ އަށް މެޗުގެ 76 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަ ކޮށްދިނުމަށް އެ ޓީމުގެ ހަަސަން އިބްރާހިމް ވަނީ ނުރައްކާތެރި ހަަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިއާ ބޭރުން ހަސަން ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސްގެ ޖަޕާން ކީޕަރު ޖުން ކޮޗީ އަތްމަތިން އޮއްސިގެން ގޮސް އަމާޒުވީ ހުރަސް ދަނޑިއަށެވެ.

މެޗުގެ ފަހު ފަސް މިނިޓް ގްރީން ސްޓްރީޓްސް އިން ކުޅުނީ 10 ކުޅުންތެރިންނާ އެކު އެވެ. އެއީ ތިން ބަދަލު ހަމަވުމާ އެކު އެ ޓީމުގެ އަހުމަދު ނިޒާމް (ނިޒާމްބެ) އަށް އަނިޔާވެ އޭނާ އަށް ނުކުޅެވުމުންނެވެ.

ފަހު ވަގުތުގައި ގްރީން ސްޓްރީޓްސް ހާފްގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޑަހުވަދޫ އިން ކުޅެ ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރަން މަސައްކަތް ކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ.

މިއީ ކުޑަހުވަދޫއިން މި ފަހަރު ޕްރިމިއާ ލީގުގައި ފުރަތަމަ ޑިވިޝަނުގެ ޓީމަކާ ދެކޮޅަށް ކުޅުނު ތިން ވަނަ މެޗެވެ. މީގެ ކުރިން އެ ޓީމު ވަނީ މާޒިޔާ އަތުން 4-0 އަދި ޓީސީ އަތުން 6-1 އިން ބަލިވެފަ އެވެ. މިއަަދުގެ މެޗަށް ފަހު ކުޑަހުވަދޫގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މެޗަކަށް ފަހު މެޗެއް އެ ޓީމުގެ ކުރިއެރުން ފެނުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

"ހަގީގަތުގައި ބޭނުންވި ޑިސިޕްލިން އެބަފެނޭ. މި މެޗުގައި ވަރަށް ރަނގަޅަށް ކުޅެފި. ދެން ފުރުސަތު ވެސް ލިބިފައި މިދިޔައީ. ހަގީގަތުގައި މިއީ މި ކުޅުންތެރިންނަށް ލިބޭ ތަޖުރިބާ. މާ ބޮޑު ޓާގެޓްތަކެއް އޮވެގެނެއް ނޫން މި ކުޅެނީ. މި މުބާރާތް ކާމިޔާބު ކުރާކަށެއް ނޫން. އަންނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕުގައި އަޅުގަނޑު ނެތަސް މި ޓީމު އޭރަށް މޮޅު ކުރެވޭތޯ މި ބަަލަނީ،" މިނިވަން ޗެމްޕިއަންޝިޕް އެ ޓީމަށް ކާމިޔާބު ކޮށްދިން މޯހަން ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނީ މޮޅުވުމުން ލިބުނު ތިން ޕޮއިންޓާ އެކު އެ ހިތްހަމަ ޖެހުން އެބައޮތް ކަމަށާއި އެހެން ނަމަވެސް ކުޅުމާ ދޭތެރޭ ހިތްހަމަ ނުޖެހޭ ކަމަށެވެ.

"ކޮންމެ ދުވަހަކު މި ކަހަލަ ދުވަސް އަންނާނެޔޭ ބުނެގެން ވާކަށް ނެތް. ހަގީގަތުގައި ތިން ޕޮއިންްޓް ލިބިގެން މި ވަގުތު ދެ ވަނަ އަށް އެރުމުން އެ ހިތްހަމަ ޖެހުން އެބައޮތް. އެކަމަކު ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ނޫން މި ފެންނަނީ. މި ގޮތަށް ކުޅެގެން ނެތް ވާން. މިއަށް ވުރެން ރަނގަޅަށް ޕާފޯމް ކޮށްގެން އަޅުގަނޑުމެން ކުރިއަށްދާނީ،" ސޮބާ ބުންޏެވެ.

އޭނާ ބުނީ އެ ޓީމުގެ ޔޫކްރޭނުގެ މިޑްފީލްޑަރު ސޮބޮލް އިލިއާގެ ފަރާތުން މިއަދު ވެސް އެންމެ ރަނގަޅު ކުޅުމެއް ނުފެންނަ ކަމަށެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ނިއު ރޭޑިއަންޓް ނުކުންނާނީ އއ. މާޅޮހާ ދެކޮޅަށެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.