26 އޮކްޓޯބަރ 2017
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ށ. މިލަންދޫއާ 1-1 އިން އެއްވަރުވެ ގްރީން ސްޓްރީޓްސް ލީގުގެ ހަތަރު ވަނަ އަށް އަލުން ޖެހިލައިފި އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ށ. މިލަންދޫއާ 1-1 އިން އެއްވަރުވެ ގްރީން ސްޓްރީޓްސް ލީގުގެ ހަތަރު ވަނަ އަށް އަލުން ޖެހިލައިފި އެވެ.
އިއްޔެ މާޒިޔާ އަތުން ގދ. ތިނަދޫ ޕޮއިންޓެއް ހޯދުމުން އެ ޓީމަށް ވަނީ ލަނޑުގެ ތަފާތުން ހަތަރު ވަނަ ލިބިފަ އެވެ. މި މެޗުން ލިބުނު ޕޮއިންޓާ އެކު ގްރީން ސްޓްރީޓްސް ހަތަރު ވަނަ އަށް އެރީ 10 މެޗުން 13 ޕޮއިންޓް ހަމަކޮށްގެންނެވެ. ތިނަދޫ ފަސް ވަނައިގައި އޮތީ 10 މެޗުން 12 ޕޮއިންޓާ އެކު އެވެ. މިލަންދޫ އޮތީ 10 މެޗުން ހޯދި ހަ ޕޮއިންޓާ އެކު ލީގުގެ ހަތް ވަނައިގަ އެވެ.
މިއަދުގެ މެޗަށް ނުކުތްއިރު ގްރީން ސްޓްރީޓްސްގެ ޒުވާން ކުޅުންތެރިއާ އަލީ ޝާމިސް (ތޮއްޕޭ) ވަނީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފަ އެވެ. އެ ޓީމުގެ ކެޕްޓަން ފަރުހާދު އިސްމާއިލް (ފަރޭ) އަމިއްލަ ސަބަބުތަކާ ހުރެ ޓީމާ ވަކިވިއިރު، އަނިޔާގެ ސަބަބުން ޖަޕާން ކީޕަރު ޖުން ކޮޗީގެ ބަދަލުގައި މިއަދުގެ މެޗުގައި އެ ޓީމުގެ ގޯލު ބެލެހެއްޓީ ބަދަލު ކީޕަރު އަހުމަދު ފައިރޫޒް އެވެ.
ކޯޗިން ކޯސް ފުރިހަމަ ކުރަން މި ވަގުތު ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބާސެލޯނާގައި ހުރުމުން މި މެޗުގައި އެ ޓީމަށް އިރުޝާދު ދިނީ އެސިސްޓަންޓް ކޯޗު ފަރީދު މުހައްމަދު (ފަރިއްޓެ) އެވެ.
ލީގުގެ ދެ ވަަނަ ބުރުގައި މިހާތަނަށް ކުޅުނު ދެ މެޗުން ބަލިވެފައިވުމުން މި ދެ ޓީމު ވެސް މިއަދުގެ މެޗަށް ނުކުތީ މޮޅެއް ހޯދުމުގެ އަޒުމުގަ އެވެ. މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަަމަހަމަ ކުޅުމެކެވެ.
މެޗުގެ 17 ވަނަ މިނިޓްގައި އޭރިއާ ތެރެއިން މިލަންދޫގެ މޫސާ ފަތުހީ ފޮނުވާލި ބޯޅަ ކީޕަރު ފައިރޫޒް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން މެޗުގެ 23 ވަނަ މިނިޓްގައި މިލަންދޫ އަށް ކުޅޭ ބ. އޭދަފުށީ ކުޅުންތެރިއާ އިޝާން އިބްރާހިމް (ސައްޓު) ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
ފުރަތަމަ 25 މިނިޓަށް ފަހު ގްރީން ސްޓްރީޓްސް އިން މެޗުގެ ތެރެއަށް ވަދެ ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ.
މެޗުގެ 34 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ މުހައްމަދު ސާއިފަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ސޮބޮލް އިލިއާ ނަގައިދިން ކޯނަރަކުން އޭރިއާ ތެރެއިން ހުސްކޮށް އަރައި ސާއިފް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އޭގެ ދެ މިނިޓް ފަހުން އޭރިއާ ތެރެއިން އިބްރާހިމް ރިޒުހާން (ރިޒްކޯ) ފޮނުވާލި ބޯޅަ މިލަންދޫ ކީޕަރު މުހައްމަދު އިމްރާން (ކުޑަ އިންމަ) ވަނީ އަތަށް ނަގައިފަ އެވެ.
ގްރީން ސްޓްރީޓްސް އަށް މެޗުގެ ލީޑުނަގައިދިނުމާ އެންމެ ގާތަށް ޖެހިލީ މެޗުގެ 38 ވަނަ މިނިޓްގައި އެ ޓީމަށް ކުޅޭ ސްލޮވާކިއާގެ މިޑްފީލްޑަރު ވިލިއަމް މެކޯ އެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ވިލިއަމް ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ.
ދެ ވަނަ ހާފް ފަށައިގެން ތިން ވަނަ މިނިޓް ތެރޭގައި ރިޒްކޯ ވަނީ ގްރީން ސްޓްރީޓްސް އަށް ލީޑުނަގައިދީފަ އެވެ. އަރިމަތިން މުހައްމަދު ނައްޒާމް ނަގައިދިން ހުރަހަކުން އޭރިއާ ތެރެއިން ރިޒްކޯ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
އޭގެ ހަތަރު މިނިޓް ފަހުން ދެ ވަނަ ލަނޑެއް ޖަހަން ގްރީން ސްޓްރީޓްސްގެ އަހުމަދު ހަސަން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ދިޔައިރު، އޭރިއާ ތެރެއިން މުޅި ހުސްކޮށްހުރެ ވިލިއަމް ފޮނުވާލި ބޯޅަ ކުޑަ އިންމަ ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 74 ވަނަ މިނިޓްގައި މިލަންދޫ އިން ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް ޖެހިލި އެވެ. ލިބުނު ކޯނަރަކުން އޭރިއާ ތެރެއިން ސައްޓު އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް އަމާޒުވީ ހުރަސް ދަނޑިއަށެވެ. އޭގެ ދެ މިނިޓް ފަހުން ގްރީން ސްޓްރީޓްސްގެ ރިޒްކޯ ފޮނުވާލި ބޯޅަ ވެސް ޖެހުނީ ހުރަސް ދަނޑީގަ އެވެ.
ގްރީން ސްޓްރީޓްސް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ މިލަންދޫ އިން މެޗުގެ 87 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަ ކުރުމެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ސައްޓު އެވެ. މެދު ހާފުން ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) ކައިރިން ނައްޓާލުމަށް ފަހު ބޯޅަ ހިފައިގެން ވަދެ ސައްޓު ވަނީ ގޯލުގެ ކަނަށް ބޯޅަ ތިރިތިރިން ފޮނުވާލައިފަ އެވެ.
އޭގެ ފަހުން މެޗުގެ އިތުރު ވަގުތުގައި މިލަންދޫ މޮޅުކޮށްދޭން ސައްޓު އަށް ލިބުނު ހުސް ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ ކީޕަރު ފައިރޫޒް ވަނީ މަތަކޮށްފަ އެވެ.
މެޗަށް ފަހު މިލަންދޫގެ ކޯޗު މުހައްމަދު ނާސިރު ބުނީ ކުރިން ކުޅުނު މެޗުތަކަށް ވުރެން ރަނގަޅަށް މި މެޗުގައި އެ ޓީމުން ކުޅުނު ކަމަށެވެ.
"އެންމެ ފަހުން ކުޅުނު ދެ މެޗުގައި 12 ގޯލު ވަދެފައި މީނީ. މި މެޗުގައި އެންމެ ގޯލެއް މިއީ ކުރިއެރުމެއް ހަގީގަތުގައި. ދެން ލިބުނު ފުރުސަތުތަކަށް ބަލާއިރު މޮޅުވެސް ވެވޭނެ މެޗެއް. އެކަމަކު ނަސީބު އެހީވެސް ނުވީމަ ކާމިޔާބުނުވީ،" ނާސިރު ބުންޏެވެ.
ގްރީން ސްޓްރީޓްސްގެ އެސިސްޓަންޓް ކޯޗު ފަރިއްޓެ ބުނީ ލިބުނު ފުރުސަތުތަކަށް ބަލާއިރު މި މެޗުން މޮޅުވެވޭނެ ކަމަށެވެ.
"ލިބުނު ފުރުސަތުތަކަށް ބަލާއިރު މި މެޗުން މޮޅުވެވޭނެ. ދެން ފަހު ވަގުތު ކޮޅަށް ލަނޑު ވަދެފައި މީނީ ކުޅުންތެރިންގެ ކޮންސަންޓްރޭޝަން ދަށްވި ވަގުތުގައި. އުއްމީދަކީ ކުރިއަށް ހުރި މެޗުތަކުން މޮޅުވެ ގަދަ ހަތަރެއް ތެރޭގައި އޮތުން،" ފަރިއްޓެ ބުންޏެވެ.
އޭނާ ބުނީ ލީގުގައި އައި ބްރޭކުތަކުގެ ސަބަބުން ގްރީން ސްޓްރީޓްސް އަށް ގިނަ މައްސަލަތަކެއް ދިމާވި ކަމަށާއި ކުޅުން ވެސް ދަށްވި ކަމަށެވެ.
ގްރީން ސްޓްރީޓްސް ބަލިކޮށް ޓީސީ އަށް ލީގުގެ ދެ ވަނަ
މިލަންދޫ އަތުން ބަލިވެ ތިނަދުއަށް އިތުރު އިންތިޒާރެއް
ކުޑަހުވަދޫ ބަލިކޮށް މިލަންދު އަށް ހަމަޖެހުމެއް
ގްރީން ބަލިކޮށް މާޒިޔާއާ އެކު އިންމަ އަށް މޮޅެއް
ޕީކޭ މައްސަލައިގައި މިލަންދޫގެ ގޯހެއް ނެތް!
މިލަންދޫން އޮޅުވާލައިގެން ލީގު ހޯދަން ނޫޅެން: ކޯޗު
މިލަންދޫ އިން ފަހަތުން އަރައި މާޒިޔާ ހިފަހައްޓައިފި
މިލަންދޫ ކުޅުންތެރިއަކާ ދެކޮޅަށް މައްސަލަ ޖައްސައިފި
ހާލަތު ބަދަލުކުރަން މިލަންދޫ-ގްރީން މުހިއްމު މެޗަކަށް
ގްރީން ބަލިކޮށް ނިއު އަށް ފަސް ޕޮއިންޓުގެ ލީޑެއް