Roadha Mihaaru
ފަހު މެޗުން މާޅޮހާއި ކުޑަހުވަދޫ އެއްވަރުވެއްޖެ

ފަހު މެޗުން މާޅޮހާއި ކުޑަހުވަދޫ އެއްވަރުވެއްޖެ

25 ނޮވެމްބަރ 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގާއި އއ. މާޅޮހާއި ދ. ކުޑަހުވަދޫ ކުޅުނު ފަހު މެޗު މިއަދު ހަވީރު 3-3 އިން އެއްވަރުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އުރީދޫ ދިވެހި ޕްރިމިއާ ލީގާއި އއ. މާޅޮހާއި ދ. ކުޑަހުވަދޫ ކުޅުނު ފަހު މެޗު މިއަދު ހަވީރު 3-3 އިން އެއްވަރުވެއްޖެ އެވެ.

މިނިވަން ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ކުޑަހުވަދޫ މޮޅެއް ނުލިބި މުބާރާތް ނިންމާލީ ތިން ޕޮއިންޓާ އެކު ފުލުގައި އޮވެގެންނެވެ. މާޅޮސް ހަތް ވަނައިގައި ލީގު ނިންމާލީ ނުވަ ޕޮއިންޓާ އެކު އެވެ.

މިއަދުގެ މެޗުގެ 10 ވަނަ މިނެޓުގައި މާޅޮހުން ވަނީ ލީޑު ނަގައިފަ އެވެ. އަހުމަދު އާރިފް ނެގި ހުރަސް ގޯލަށް ވައްދާލީ މާޅޮހުގެ ކެޕްޓަން އިބްރާހިމް ނާއިފެވެ. އޭގެ ކުރިން އެ ޓީމުގެ އެންހެލް މުނޯޒަށް ރަނގަޅު ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ.

ކުޑަހުވަދޫން ވަނީ 28 ވަނަ މިނެޓުގައި އެއްވަރުކޮށްފަ އެވެ. އެ ޓީމުގެ ކުޅުންތެރިއެއްގެ އަތުން ގެއްލުނު ފުރުސަތެއްގައި އަލުން ބޯޅަ ހޯދައި މި ގޯލް ޖެހީ އަބްދުލްހާލިގެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި މާޅޮހުން އަލުން ލީޑު ނެގީ އާރިފް ޖެހި ގޯލުންނެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅު ކުޑަހުވަދޫން ވަނީ ފަހަތުން އަރައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް އެއްވަރުކޮށްދިނީ 54 ވަނަ މިނެޓުގައި ކްރިސްޓިއަން ޑޯޒީ އެވެ. އޭގެ މިނެޓެއް ފަހުން އެ ޓީމަށް ލީޑު ނަގައިދިނީ އާދަމް ޝަހީމެވެ. އޭނާ މި ގޯލް ޖެހީ މުޅިން ހުހަށް އަރަ އެވެ. އޭގެ މިނެޓެއް ފަހުން ތަފާތު ބޮޑުކުރަން ޝަހީމަށް ލިބުނު ރަނުގެ ފުރުސަތު ބޭކާރުވި އެވެ.

މާޅޮހުން އެއްވަރުކުރީ 81 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން މުނޯޒް ޖެހި ގޯލުންނެވެ. މެޗުގެ ފަހު ބައިގައި ދެ ޓީމުން ވަރަށް ބޮޑަށް އޯޕަން ކުޅުމެއް ކުޅެ ލީޑު ނަގަން މަސައްކަތްކުރި އެވެ. އެކަމަކު އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވި އެވެ.

މާޅޮހުގެ ކޯޗު އަލީ ނިޝްތާރު ބުނީ ޓާގެޓަށްވީ ލީގުން 10 ޕޮއިންޓް ހޯދުން ކަމަށާއި އެކަން ހާސިލްނުވުމުން ހިތްހަމަނުޖެހުން އެބަހުރި ކަމަށެވެ. އޭނާ ބުނީ މިއަދު ގޯލް ވަނީ ގޯސްތަކެއް ހެދިގެން ކަމަށާއި އެކަމަކު ފަހަތުން އަރައި އެއްވަރުކުރަން ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރާ ކަމަށެވެ.

"އަންނަ އަހަރު ވެސް މާޅޮސް ރަނގަޅުވާނެ. މި ޓީމު ވާދަކުރާނެ އަންނަ އަހަރު ވެސް. މިއީ އަޅުގަނޑު ވެސް ޕްރިމިއާ ލީގުގައި ކޯޗުކޮށްދިން ފުރަތަމަ ފަހަރު. އެހެންވެ ރަނގަޅު ތަޖުރިބާއެއް މިއީ. ކުރިއަށް އޮތްތަނުގައި މި ޓީމުން އަޅުގަނޑު ފެނުމާ މެދު އެއްޗެއް ބުނާނީ ކްލަބުން،" ނިޝްތާރު ބުންޏެވެ.