Roadha Mihaaru
ތިނަދޫ އާ އިންޖީނުގެ ހެދުން ލަންކާ ބަޔަކާ ހަވާލުކޮށްފި

ތިނަދޫ އާ އިންޖީނުގެ ހެދުން ލަންކާ ބަޔަކާ ހަވާލުކޮށްފި

27 ޖޫން 2016

ދައުލަތުގެ ބަޖެޓުން 11 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ގދ. ތިނަދޫގައި އާ އިންޖީނުގެއެއް އަޅަން ލަންކާ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދައުލަތުގެ ބަޖެޓުން 11 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ގދ. ތިނަދޫގައި އާ އިންޖީނުގެއެއް އަޅަން ލަންކާ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ލަންކާގެ އެޑްވާންސް ސްޓްރީޓް ސްޓްރަަކްޗާސްގެ ޑިރެކްޓަރު ދުޝަން ދަޔަރްތްރޭ އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވަނީ އެއްބަސްވުމުގައި ސޮއިކުރައްވައިފަ އެވެ.

ތިނަދޫގައި އާ އިންޖީނުގެއެއް އަޅަނީ، މިދިޔަ ޖެނުއަރީ 26 ވަނަ ދުވަހުގެ ރޭ އެ ރަށު އިންޖީނުގޭގައި ރޯވެ އެތަން ބޭނުންނުކުރެވޭ ވަރަށް އަނދާފައިވުމުންނެވެ. އެ ހާދިސާގެ ސަބަބުން 22 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުމެއް ލިބުނު ކަމަށް ފެނަކަ އިން ބުންޏެވެ.

ނިމާލް ވިދާޅުވީ ރާވައިލެވޭ ގޮތަށް ހަދާ އިންޖީނުގޭގެ މަސައްކަތްތައް ކުރި އަށް އޮތް 10 ދުވަސް ތެރޭގައި ފެށޭނެ ކަމަށެވެ. އަދި އެންމެ ޒަމާނީ ފެންވަރަށް ހަދާ އެ އިންޖީނުގޭގެ މަސައްކަތް ނިމުމުން އެއީ ނަމޫނާ އިމާރާތަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޖީނުގެ އެނދުމުން ތިނަދޫ ރައްޔިތުން ހިތްދަތި ދުވަސްތަކެއް ތަހައްމަލު ކުރެއްވި ކަމަށާއި ނަމަވެސް ކުރިއަށް އޮތް ފަސް މަސް ތެރޭގައި އެ ރަށުގެ ރައްޔިތުންނަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އިރާދަ ކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި އިންޖީނުގެ ހުޅުވިގެން ދާނެ،" ނިމާލް ވިދާޅުވި އެވެ.

ތިނަދޫގައި އާ އިންޖީނުގެއެއް އަޅަން ބަޔަކާ ހަވާލުކުރުމަށް ފަހު ފެނަކަ ކުންފުނީގެ އެމްޑީ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --މިހާރު ފޮޓޯ: މުހައްމަދު ޝަރުހާން

ތިނަދޫގައި އާ އިންޖީނުގެއެއް އަޅަން ބަޔަކާ ހަވާލުކުރުމަށް ފަހު ފެނަކަ ކުންފުނީގެ އެމްޑީ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --މިހާރު ފޮޓޯ: މުހައްމަދު ޝަރުހާން

އޭނާ ވިދާޅުވީ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ތިނަދު އަށް ގެންނަ ހަތަރު ޖަނަރޭޓަރަށް އޯޑަރުކުރާނެ ކަމަށެވެ. އަދި އާ އިންޖީނުގެ ހަދަން ރާވާފައިވަނީ އެ ރަށުގައި ހިންގާ މަޝްރޫއުތަކަށް ވެސް ބަލައިގެން ކަން ނިމާލް ފާހަގަކުރެއްވި އެވެ.

"ހަތަރު އިންޖީނު ގެންނަނީ ތިނަދޫ ރައްޔިތުންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް. މިހާރު ވެސް އޮތީ ދާއިމީ ކަރަންޓެއް. ނަމަވެސް އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ހިދުމަތް ދެވޭނީ ތަން ތަރައްގީވުމުން،" ނިމާލް ވިދާޅުވި އެވެ.

އިންޖީނުގެ އެނދުމުގެ ކުރިން އެތަނުގައި ބޭނުންކުރީ ތިން ޖަނަރޭޓަރެވެ. އެތާނގައި އޭރު ހުރީ 2320 ކިލޯވޮޓްގެ ޖަނަރޭޓަރަކަށް ވިއަސް އެ އިން ނަގާނީ 1675 ކިލޯވޮޓްގެ ކަރަންޓެވެ. ނިމާލް ވިދާޅުވީ އިންޖީނުގެ އެނދުމުގެ ކުރިން އެ ރަށުން ކަރަންޓަށް އޮތް ޑިމާންޑަކީ 1300 ކިލޯވޮޓް ކަމަށެވެ.

އެ ހާދިސާ އަށް ފަހު ތިނަދު އަށް ކަރަންޓު ދެމުން އަންނަނީ، އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯގެ އެހީގައި ގެންދިޔަ ތިން ޖަނަރޭޓަރުންނެވެ. އެއީ ޖުމްލަ 3120 ކިލޯވޮޓްގެ ޖަނަރޭޓަރެވެ. ނަމަވެސް މިހާރު ތިނަދޫގައި ކަރަންޓް ބޭނުންކުރާ މިންވަރު ކުރިއަށް ވުރެ އިތުރު ވެފައިވާކަން ނިމާލް ފާހަގަކުރެއްވި އެވެ.

ތިނަދޫ އިންޖީނުގޭގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި އެ ތަނުގެ ތިން މުވައްޒަފަކު މިދިޔަ ފެބްރުއަރީ މަހުގައި ހައްޔަރުކުރި އެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ ދޫކޮށްލައިފަ އެވެ.