Roadha Mihaaru
ހަތަރު ދުވަހަށް ފަހު އަލިފުއްޓަށް ކަރަންޓު ދީފި

ހަތަރު ދުވަހަށް ފަހު އަލިފުއްޓަށް ކަރަންޓު ދީފި

01 ޖުލައި 2017

ރ. އަލިފުއްޓަށް ރޭ ގެންދިޔަ ޖަނަރޭޓަރު ބަހައްޓައި ހަތަރު ދުވަހަށް ފަހު އެ ރަށަށް މިއަދު ކަރަންޓު ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރ. އަލިފުއްޓަށް ރޭ ގެންދިޔަ ޖަނަރޭޓަރު ބަހައްޓައި ހަތަރު ދުވަހަށް ފަހު އެ ރަށަށް މިއަދު ކަރަންޓު ދީފި އެވެ.

ކައުންސިލް މެމްބަރު އިބްރާހިމް ޒަހީން ވިދާޅުވީ މިއަދު ހެނދުނު 6:00 ހާއިރު މުޅި ރަށަށް ކަރަންޓު ދީފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އަދި ކަރަންޓު ކެނޑުމުގެ މައްސަލައެއް ދިމާނުވާ ކަމަށް ވިދާޅުވި އެވެ.

ފެނަކައިން އަލިފުއްޓަށް ފޮނުވާފައިވަނީ 600 ކިލޯ ވޮޓްގެ އާ ޖަނަރޭޓަރެކެވެ.

ފެނަކައިން ކުރިން ބުނިގޮތުގައި ކުރިން އަލިފުއްޓަށް ކަރަންޓު ދެމުން ދިޔައީ ރަށް ދެ ބަޔަށް ބަހާލައިގެން، ވަކި ވަގުތުތަކެއްގަ އެވެ. އެހެންކަމުން އަލަށް ގެންދިޔަ ޖަނަރޭޓަރުން ވަގުތީ ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފނިން ކުރިން ބުންޏެވެ.

ޒަހީން ވިދާޅުވީ ފެނަކަ އިން މި ވަގުތަށް މަސައްކަތް ކުރީ ޖަނަރޭޓަރެއް ގެނެސް، ކަރަންޓު ކެނޑުމުގެ މައްސަލަ އަށް ވަގުތީ ހައްލެއް ގެނައުމަށް ކަމަށް ފެނަކަ އިން ބުނި ކަމަށެވެ.

"ޖަނަރޭޓަރު ބެހެއްޓުމުން މިވަގުތަށް މައްސަލައަށް ހައްލެއް ލިބިފައި މިވަނީ،" ޒަހީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަރަންޓު ކެނޑުމަށް މައްސަލަ ދިމާވި ރޭޑިއޭޓަރު މަރާމާތު ކުރުމާއި އާ ރޭޑިއޭޓަރެއް ގެނައުމުގެ މަސައްކަތް ފެނަކަ އިން ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވާ ކަމަށެވެ.

ކައުންސިލުން ބުނެފައިވާ ގޮތުގައި މިދިޔަ ރޯދަމަހުން ފެށިގެން އެ ރަށުން ކަރަންޓު ކެނޑެމުން ދަނީ މައްސަލަ ޖެހުނު ޖަނަރޭޓަރުގެ ރޭޑިއޭޓަރު ހަލާކުވެގެންނެވެ. އެންމެ ފަހުން މިދިޔަ އަންގާރަދުވަހު ކަރަންޓު ކަނޑައިގެން ގޮސް، ގިނައިރުތަކެއް ވަންދެން އެރަށު މީހުން ކަނު އަނދިރީގައި ތިބެން ޖެހުނެވެ. ކަރަންޓް ނެތިގެން ރުޅިގަދަވެ ރައްޔިތުންގެ ބަޔަކު ވަނީ ކައުންސިލް އިދާރާ ދޮށުގައި ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފަ އެވެ. އަދި މީހުންް ނިދާ އުޅުނީ މަގުމަތީގަ އެެ.