Roadha Mihaaru
ބޮޑު ކަރަންޓު ބިލެއް ތައްޔާރުކުރި މުވައްޒަފު ވަކިކޮށްފި

44،000 ރުފިޔާގެ ކަރަންޓު ބިލެއް ގެއަކަށް ފޮނުވި ފެނަކައިގެ މުވައްޒަފު ވަޒީފާ އިން ވަކިކޮށްފި

06 ޖޫން 2017

ގެއެއްގެ ކަރަންޓު ބިލްގައި ބޮޑު އަދަދެއް ޖަހައި، ގެއަކަށް ފޮނުވި މައްސަލައިގައި ރ. މަޑުއްވަރީ ފެނަކަ ބްރާންޗުގެ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފަ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ގެއެއްގެ ކަރަންޓު ބިލްގައި ބޮޑު އަދަދެއް ޖަހައި، ގެއަކަށް ފޮނުވި މައްސަލައިގައި ރ. މަޑުއްވަރީ ފެނަކަ ބްރާންޗުގެ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފަ އެވެ.

މަޑުއްވަރީގައި މިހާރު ހަދަމުން އަންނަ ހިޔާވަހިގެ އަށް މިދިޔަ ހުކުރުދުވަހު ފޮނުވި ކަރަންޓު ބިލްގައިވާ ގޮތުން އެ ގޭގެ ކަރަންޓަށް 44،000 އަށް ވުރެ ގިނަ ރުފިޔާ ވަނީ އަރައިފަ އެވެ. ފެނަކަ އިން ބުނިގޮތުގައި އާއްމުކޮށް އެ ގޭގެ ކަރަންޓު ބިލަށް އަރަނީ ހައެއްކަ ރުފިޔާ އެވެ.

ފެނަކައިގެ މުވައްޒަފު ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން

ފެނަކައިގެ މުވައްޒަފު ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން

ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި މި މައްސަލައިގައި، މަޑުއްވަރީގައި ހުންނަ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އީސާ ހުސެންފުޅު ވަޒީފާ އިން ވަކިކުރީ، އެނގިހުރެ އެ ކުންފުނި ބަދުނާމު ކުރުމަށް ކުރި ކަމަކަށް ވާތީ އެވެ. އަދި ވަޒީފާގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ފަރުވާކުޑަކުރުމާއި އޭނާ ވަޒީފާގައި ބަހައްޓައިފިނަމަ ފެނަކައިގެ ނަން ކިލަނބުވެ، ގެއްލުންތައްތައް ލިބިދާނެ ކަމަށް ބަލާފައި އެޅި ފިޔަވަޅެއް ކަމަށް ފެނަކަ އިން ބުންޏެވެ.

މި ކަރަންޓުބިލްގެ ކޮޕީއެއް، "ފެނަކަ ބޮޑުބިލް"ގެ ނަމުގައި ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ.

ފެނަކަ އިން ބުނީ އާއްމުކޮށް ހައެއްކަ ރުފިޔާ އަރާ ގެއެއްގެ ކަރަންޓު ބިލަށް މިހާބޮޑު އަދަދެއް އަރާފައިވަނީ ބިލްގެ ރީޑިން އެންޓާ ކުރުމާއި ޕްރޮސެސް ކުރުމުގައި ކުންފުނިން ކަނޑައަޅާފައިވާ މިންގަނޑާއި އުސޫލުން ބޭރުން ބިލް ތައްޔާރުކޮށްފައިވާތީ ކަމަށެވެ.