Roadha Mihaaru
"މިހާރު"ގެ އައިއޯއެސް އެޕް ލޯންޗް ކޮށްފި

"މިހާރު" އަށް، ހިތްގައިމު އައިއޯއެސް އެޕާ އެކު އިތުރު ފުރިހަމަކަމެއް

17 އޯގަސްޓް 2017

ކިޔުންތެރިންނާ ވީހާ ވެސް ގާތުން ހިދުމަތް ދިނުމަށް "މިހާރު"ން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، އައިއޯއެސް ބޭނުންކުރާ ފަރާތްތަކަށް ބޮޑު ހަދިޔާއެއް މިއަދު ދީފި އެވެ؛ އެ މީހަކު ކިޔާ ހިތްވާ ޚަބަރުތަކެއް އަމިއްލަ އަށް ހިޔާރު ކޮށްލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ފުރަތަމަ ދިވެހި އައިއޯއެސް އެޕް "މިހާރު"ން މި ވަނީ ލޯންޗުކޮށްފަ އެވެ.

އަލީ ޝިނާން އަލީ ޝިނާން

ކިޔުންތެރިންނާ ވީހާ ވެސް ގާތުން ހިދުމަތް ދިނުމަށް "މިހާރު"ން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، އައިއޯއެސް ބޭނުންކުރާ ފަރާތްތަކަށް ބޮޑު ހަދިޔާއެއް މިއަދު ދީފި އެވެ؛ އެ މީހަކު ކިޔާ ހިތްވާ ޚަބަރުތަކެއް އަމިއްލަ އަށް ހިޔާރު ކޮށްލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ފުރަތަމަ ދިވެހި އައިއޯއެސް އެޕް "މިހާރު"ން މި ވަނީ ލޯންޗުކޮށްފަ އެވެ.

ކަސްޓަމައިޒް ކުރެވޭ ފުރަތަމަ ދިވެހި އެޕް "މިހާރު"ން މިދިޔަ އޮކްޓޯބަރު 18 ގައި އެންޑްރޮއިޑަށް ތައާރަފްކޮށްފައި ވާއިރު، މިއަދު ލޯންޗުކުރި އައިއޯއެސް އެޕްގައި ގިނަ ފަސޭހަތަކެއް ވަނީ ހިމަނާފަ އެވެ. އެ ގޮތުން، "މިހާރު"ގެ ވެބްސައިޓުގައި ޝާއިއުކުރާ ހުރިހާ ލިޔުންތަކާއި ފޮޓޯ ގެލެރީތައް، ވަރަށް ފަސޭހަ ލޭއައުޓަކުން ބަލައިލެވޭނެ އެވެ. އެކަމަކު، މި ލޭއައުޓް ފަރުމާ ކޮށްފައި ވަނީ "މިހާރު"ގެ ވެބްސައިޓަށް ވަންނަ މީހަކަށް ބީރައްޓެހިކަން އިހުސާސް ނުކުރެވޭނެ ގޮތަށެވެ.

އެންޑްރޮއިޑް އެޕެކޭ ވެސް އެއްގޮތަށް، އައިއޯއެސް އެޕްގެ ވެސް އެންމެ ހާއްސަ ކަމަކީ އެ މީހަކު ކިޔާ ހިތްވާ ސެކްޝަނެއް ހޯމްޕޭޖުން ފަސޭހަކަމާ އެކު ބަލައިލެވޭ ގޮތަށް ކަސްޓަމައިޒް ކުރެވުމެވެ. ބޭރުގެ ބައެއް ނޫސްތަކުގެ މޮބައިލް އެޕްތަކުގައި ހުންނަ ގޮތަށް، އެ މީހަކު އެންމެ ބޮޑަށް ޝައުގުވެރިވާ ދާއިރާއެއްގެ ލިޔުންތައް ހޯމްޕޭޖުގައި ހިމަނައި، އެޕް ބޭނުންކުރާ ކޮންމެ ފަހަރަކު އެ ސެކްޝަންތަކަށް ފަސޭހައިން ވަދެލެވޭނެ އެވެ. ބޭނުންވެއްޖެ ނަމަ އެ ސެކްޝަންތައް ހޯމްޕޭޖުން ނަގައި، އޭގެ ބަދަލުގައި އެހެން ސެކްޝަންތައް ވެސް ހިމަނާލެވޭނެ އެވެ.

"ޓެކްނޮލޮޖީގެ ފަސޭހަތަކާ އެކު، ޚަބަރާއި މައުލޫމާތު ހޯދުމުގައި ވެސް އެ ފަސޭތައް އަޅުގަނޑުމެންގެ ކިޔުންތެރިންނަށް ގެނެސް ދިނުމަށް މިހާރުން ކެނޑިނޭޅި މަސައްކަތް ކުރަން. އައިއޯއެސް އެޕަކީ ވެސް އެ މަސައްކަތަށް އިތުރުވި އާ ބޮޅެއް،" "މިހާރު"ގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު ޝަމްއޫން އަފީފް ވިދާޅުވި އެވެ.

އަވަދިނެތި އުޅެމުން ވެސް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ހިނގާ ކަންތައްތަކުގެ އެންމެ ފަހުގެ ޚަބަރާއި މައުލޫމާތު ބަރާބަރަށް ލިބޭ ގޮތަށް ނޮޓިފިކޭޝަންއާ އެކު ތައްޔާރުކޮށްފައިވާ އައިއޯއެސް އެޕް ފަސޭހައިން ޑައުންލޯޑް ކުރެވޭނެ ގޮތް ވެސް ވަނީ ހަދާފަ އެވެ. އެ ގޮތުން، "މިހާރު"ގެ ވެބްސައިޓަށް ފޯނުން ވަނުމުން، އެޕް ޑައުންލޯޑް ކުރަން ބޭނުންތޯ އޮޓަމެޓިކުން އަހާނެ އެވެ.

"މިހާރު" ނޫސް އޭގެ ވެބްސައިޓާ އެކު އިފްތިތާހު ކުރީ މިދިޔަ އަހަރުގެ މޭ 24 ގަ އެވެ. އޭގެ ފަހުން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި "މިހާރު"ން ވަނީ، ނޫހުގެ ޗާޕު ކޮންމެ ހަފުތާއެއްގެ ފަސް ދުވަހު ނެރުމާއި ވެބްސައިޓް ކޮންމެ ދުވަހަކު 24 ގަޑިއިރު ތާޒާކުރުމުގެ އިތުރަށް ވެސް ގިނަ ހިދުމަތްތަކެއް ތައާރަފްކޮށްފަ އެވެ.

"މިހާރު" އައިއޯއެސް އެޕް ކަސްޓަމައިޒް ކުރެވޭނެ-- ފޮޓޯ: މިހާރު

"މިހާރު" އައިއޯއެސް އެޕް ކަސްޓަމައިޒް ކުރެވޭނެ-- ފޮޓޯ: މިހާރު

ރާއްޖޭގެ މުހިއްމު ޚަބަރުތައް ޒަމާނީ ފަސޭހަތަކުގެ ތެރެއިން ވަގުތުން ގެނެސްދިނުމަށް، "މިހާރު ލައިވް"ގެ ނަމުގައި އެސްއެމްއެސް މެދުވެރިކޮށާއި، ކޮމްޕިއުޓަ ނޮޓިފިކޭޝަންގެ އިތުރުން ޓެލެގްރާމުން ވެސް ޚަބަރުތައް ލިބޭ ހިދުމަތެއް ވަނީ ތައާރަފްކޮށްފަ އެވެ. އަދި ނޫހަށް ސަބްސްކްރައިބް ކުރުމަށް އޮންލައިންކޮށް ފޯމް ހުށަހެޅޭ ގޮތް ވަނީ ހަދާފަ އެވެ.

ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތައް ފަސޭހައިން އަންގައިދިނުމާ އެކު، ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާގެ ފުރުސަތަކަށް ކެތްމަދުވެފައި ތިބި އެތައް ހާސް ބަޔަކު ގުޅުވައިދިނުމަށް، "މިހާރު ކަނެކްޓް"ގެ ނަމުގައި ހާއްސަ ޕްލެޓްފޯމެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ. އަދި "މިހާރު"ގެ ބްރޭންޑެއްގެ ގޮތުގައި، "ދޯ" ލައިފްސްޓައިލް މަޖައްލާ ވެސް މިދިޔަ މޭ 25 ގައި ވަނީ ތައާރަފްކޮށްފަ އެވެ. ތަފާތު ތީމަކަށް މަހަކު އެއްފަހަރު ނެރޭ މި މަޖައްލާ އާއި އޭގެ ވެބްސައިޓް ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އެންމެ މަގުބޫލް ލައިފްސްޓައިލް ޕްލެޓްފޯމަށް ވެފަ އެވެ.