Roadha Mihaaru
ދިރާގަށް 209 މިލިއަން ރުފިޔާގެ ފައިދާއެއް

ދިރާގަށް މިދިޔަ ކުއާޓަރުގައި 209 މިލިއަން ރުފިޔާގެ ފައިދާއެއް

01 އޯގަސްޓް 2017

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް 209 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް 209 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 626.4 މިލިއަން ރުފިޔާ އެވެ.

އެ ކުންފުނިން ނެރުނު މާލީ ރިޕޯޓުގައި ބުނެފައި ވަނީ ޓޫރިޒަމަށް އައި ހީނަރުކަމާ ގުޅިގެން ރޯމިން އިން ލިބުނު އާމްދަނީ ދަށްވުމުން މިދިޔަ ކުއާޓަރުގައި ކުންފުންޏަށް ލިބުނު ޖުމްލަ އާމްދަނީ ދަށްވެފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް ދިރާގުން ބުންޏެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 643.8 މިލިއަން ރުފިޔާ އެވެ. އަދި ސާފު ފައިދާ އަކީ 286 މިލިއަން ރުފިޔާ އެވެ.

ދިރާގުން ބުނިގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާ އިން 642 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ވަނީ ބަހައިފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި ދިރާގު ހިންގުމުގެ ޚަރަދުގެ ގޮތުގައި 301 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ޓެކްސްގެ ގޮތުގައި 37.2 މިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވާ ކަމަށް ބުނެފައިވެ އެވެ.

ދިރާގުގެ ހިއްސާއަކަށް މިިދިޔަ ކުއާޓަރުގައި ޖެހިފައި ވަނީ 2.75ރ. އެވެ.