Roadha Mihaaru
އިންޓެލް މައުލޫމާތުގެ އަލީގައި ފިޔަވަޅު އަޅާނެ:އަޒްލީން

ޖާސޫސީ މައުލޫމާތުތައް ބަލައި ބަރާބަރަށް ފިޔަވަޅު އަޅާނެ: މިނިސްޓަރު

01 އޯގަސްޓް 2017

އެކި ކަންކަމާ ގުޅޭ ގޮތުން ސިފައިންނާއި ފުލުހުންނަށް ލިބޭ ޖާސޫސީ މައުލޫމާތުތަކުގެ އަލީގައި އެކަމަކަށް ބަރާބަރަށް ފިޔަވަޅު އަޅަމުން ގެންދާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެކި ކަންކަމާ ގުޅޭ ގޮތުން ސިފައިންނާއި ފުލުހުންނަށް ލިބޭ ޖާސޫސީ މައުލޫމާތުތަކުގެ އަލީގައި އެކަމަކަށް ބަރާބަރަށް ފިޔަވަޅު އަޅަމުން ގެންދާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގައި ޖެހިޖެހިގެން ބޮޑު ދެ މާރާމާރީއެއް ހިންގައި ދެ ޒުވާނަކު މަރާލިިއިރު، އެ ކަމާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ކުރިން ލިބިފައި ނުވަނީތޯ، މިއަދުގެ ނިއުސް ބްރީފިންގައި ދެންނެވުމުން އަޒްލީން ވިދާޅުވީ ކުއްލިއަކަށް ދިމާވާ ކަންކަމާ ގުޅިގެން ބައެއް ހާލަތްތަކުގައި އެ މައުލޫމާތު ނުލިބި ހިނގައިދާނެ ކަމަށެވެ. އެހެންވެ ދެ ގުރޫޕެއް ނުވަތަ ދެ މީހެއްގެ ދެމެދުގައި ހިނގާ ކަންކަމުގެ މައުލޫމާތު ސިފައިންނާއި ފުލުހުންނަށް ނުލިބި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ފަހުގެ މާރާމާރީގައި ދެ މީހަކު މަރާލި މައްސަލައިގެ މައުލޫމާތު ފުލުހުންނަށް ކުރިން ލިބިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް އަޒްލީން ވިދާޅެއް ނުވެ އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މޯލްޑިވްސް ޕޮލިސް ސާވިސް އަށާއި ދިވެހިރާއްޖޭގެ ދިފާއީ ބާރަށް ލިބިވަޑައިގަންނަވާ އިންޓެލް މައުލޫމާތުގެ އަލީގައި އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފިއްޔާ އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ބަރާބަރަށް ދުވަހުން ދުވަހަށް އަޅުއްވަމުން ގެންދަވާނެ،" ސަލާމަތީ ޚިދުމަތްތަކުގެ ތެރެއިން ޚާއްސަކޮށް ފުލުހުން، އިދިކޮޅު ސިޔާސީ މީހުން ހައްޔަރުކުރުމާއި ފިޔަވަޅު އެޅުމުގައި ޖާސޫސީ ރިޕޯޓްތައް އާންމުކޮށް ކޯޓުތަކަށް ހުށަހަޅާ މައްސަލާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދަނިކޮށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

"ޕޮލިހަށާއި އެމްއެންޑީއެފަށް ލިބިވަޑައިގަންނަވާ އެއްވެސް އިންޓެލްއެއްގެ ތެރެއިން ދިވެހި ރައްޔިތަކަށް ގެއްލުންވާ އެއްވެސް ކަމެއް އެ ބޭފުޅުންނަށް އެނގިވަޑައިގެން، އެކަމަށް ފިޔަވަޅު ނާޅުއްވައި ނުތިއްބަވާނެ ކަމުގެ ޔަގީންކަން އަރުވަން."

ޖާސޫސީ ރިޕޯޓަކީ ސިޔާސީ މީހުން ހައްޔަރުކުރުމުގެ ހަތިޔާރަކަށް ފުލުހުން ހަދަމުންދާ ކަމަށް ބުނެ ފާޑުކިޔާއިރު، ބައެއް މީހުންގެ ކަންބޮޑުވުމަކީ މާރާމާރީ އާއި މީހުން މެރުން ފަދަ ކަންކަމުގައި އެފަދަ މައުލޫމާތު ފުލުހުންނަށް ކުރިން ނޭނގޭ މައްސަލަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އާއި ރޭ މާލޭގައި ހިންގި މާރާމާރީގައި ދެ ޒުވާނަކު މަރާލި މައްސަލާގައި ސަރުކާރަށް ބޮޑެތި ފާޑުކިޔުން އަމާޒު ވެފައި ވަނިކޮށް، ބޭއްވި ނިއުސް ކޮންފަރެންސްގައި އަޒްލީން ވިދާޅުވީ ފުލުހުން މަސައްކަތް ކުރަނީ ވަކި ބަޔަކަށް އެކަނި ބަލައިގެން ނޫން ކަމަށާއި ކޮންމެ މީހަކު ވެސް ކުށެއް ކޮށްފި ނަމަ އެކަމަށް ފުލުހުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ހޯމް މިނިސްޓަރު އަޒްލީން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ހޯމް މިނިސްޓަރު އަޒްލީން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އޭނާ ވިދާޅުވީ ފުލުހުން ހަމައެކަނި މަސައްކަތް ކުރަނީ ސިޔާސީ ފަރާތްތަކާ ދެކޮޅަށް ކަމަށް ބުނެ ފަތުރަނީ ހަގީގީ ވާހަކަތަކެއް ނޫން ކަމަށެވެ. ކޮންމެ ބަޔަކު ވެސް ކުށެއް ކޮށްފި ނަމަ ފުލުހުން އެކަމަށް ފިޔަވަޅު އަޅާނެ ކަމަށާއި އެއްވެސް ބަޔަކު އެކަމުން އިސްތިސްނާ ނުވާނެ ކަމަށް އަޒްލީން ވިދާޅުވި އެވެ.

"ކުށެއް ކޮށްފިއްޔާ އެކަން ނިސްބަތް ވަނީ ކޮން ގްރޫޕަކަށް ތޯ މޯލްޑިވްސް ޕޮލިސް ސާވިސް އިން ނުބަލާނެ. އެއީ ކޮންމެ ގްރޫޕަކަށް ވިޔަސް ކުށެއް ކޮށްފިއްޔާ އެކަން ބަލާނެ. އެނގިވަޑައިގަންނަވާނެ މިއުޅެނީކީ ސަރުކާރުން ބަލައިގަންނަ ކަމެއް ކޮށްގެނެއް ނޫން. މާރާމާރީ ހިންގުމަކީ ސަރުކާރުން ބަލައިގަންނަ ކަމެއް ނޫން،" އަޒްލީން ވިދާޅުވި އެވެ.

ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން އަބަދުވެސް ކުށްކުރުން އިތުރުވަމުންދާ ކަން ފާހަގަ ކުރައްވައި، އަޒްލީން ވިދާޅުވީ ހިނގައިދިޔަ މާރާމާރީތަކުގައި ސިޔާސީ ފަރާތްތަކުގެ އަތެއް އޮތްތޯ ބަލަމުންދާ ކަމަށާއި ތަހުގީގުތައް ދަނީ ކުރިއަށް ކަމަށް އަޒްލީން ވިދާޅުވި އެވެ.

"ސިޔާސީ ގޮތުން މީހަކު މިކަމުގައި ނުބައި ރޯލެއް ކުޅެމުންދޭތޯ މިދަނީ އިންވެސްޓިގޭޓް ކުރަމުން. ސިޔާސީ ގޮތުން ބަޔަކު ކުރިކަމެކޭ ނުވަތަ ސިޔާސީ ބަޔަކު ބެކިން ދޭތޯ ނުވަތަ ނުދޭތޯ ދެންނެވޭނީ އިންވެސްޓިގޭޝަން ނިމުނީމަ." އަޒްލީން ވިދާޅުވި އެވެ.

ކުށްކުރުން ހުއްޓުވުުމަށްޓަކައި ސިފައިންނާއި ފުލުހުން މަގުތަކަށް ނިކުތުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެ، އަޒްލީން ވިދާޅުވި ގޮތުގައި ކުށްކުރުން ހުއްޓުވުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެ އެވެ. އެކަމުގައި ރައްޔިތުންގެ އެއްބާރުލުން މުހިންމު ކަމަށް ވިދާޅުވެ، އެކަމަށް އެހީތެރިވުމަށް އަޒްލީން އެދިވަޑައިގަތެވެ.