Roadha Mihaaru
ދެ ފުލުހެއްގެ މައްސަލަ ބަލައިދޭން އެންއައިސީ އަށް

ނޫސްވެރިންނަށް އަނިޔާކުރި ކަމަށް ބުނާ ދެ ފުލުހެއްގެ މައްސަލަ އެންއައިސީ އަށް

29 ޖުލައި 2017

އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ހަރުގެ ކައިރީގައި މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި އެއްވުން ކަވަރު ކުރަމުން ދަނިކޮށް ބައެއް ނޫސްވެރިންނަށް އަނިޔާކޮށް، އެއްވުން ކަވަރު ކުރަން ގެންގުޅުނު ސާމާނުތަކަށް ގެއްލުން ދިން ކަމަށް ބުނެ ދެ ފުލުހުއްގެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އެމްޑީޕީން ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ހަރުގެ ކައިރީގައި މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި އެއްވުން ކަވަރު ކުރަމުން ދަނިކޮށް ބައެއް ނޫސްވެރިންނަށް އަނިޔާކޮށް، އެއްވުން ކަވަރު ކުރަން ގެންގުޅުނު ސާމާނުތަކަށް ގެއްލުން ދިން ކަމަށް ބުނެ ދެ ފުލުހުއްގެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އެމްޑީޕީން ހުށަހަޅައިފި އެވެ.

އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު މިއަދު ވިދާޅުވީ އެއްވުން ކަވަރުކުރަން އުޅުނު ބައެއް ނޫސްވެރިންނަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރަނީ ސްޓާފް ސާޖަންޓް އަލީ އަހުމަދާއި ލާންސް ކޯޕްރަލް އަހްމަދު އިމްތިޔާޒަށް ކަމަށެވެ. އަދި މައްސަލަ އެންއައިސީ އަށް ހުށަހެޅީ އެ ދެ ފުލުހުންނާ ދެކޮޅަށް ހެކި ހުރުމުން ކަމަށް އަނަސް ވިދާޅުވި އެވެ.

އެއްވުމުގައި މީގެ ތެރެއިން އެކަކު ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުރުޝިދު އަބްދުލް ހަކީމަށް އަނިޔާކުރާ ވީޑިއޯ އާއި ފުޓޭޖް ހުށަހަޅާފައިވާއިރު، ޓީވީ ސްޓޭޝަނެއްގެ ތަކެއްޗަށް ގެއްލުން ދޭ މަންޒަރުގެ ވެސް ހެކި ހުށަހަޅާފައިވާނެ ކަމަށް އަނަސް ވިދާޅުވި އެވެ.

"ގާނޫނާ ޚިލާފުވެ، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ރައްޔިތުންނަށް އަނިޔާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެކަންކަން ބަލައި ފިޔަވަޅު އަޅައިދޭން އެންއައިސީގައި އެދިފައި ވާނީ،" އަނަސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާންމުންނަށް އަނިޔާކުރާ ފުލުހުންގެ މައްސަލަ ހެކި ލިބޭ މިންވަރަކުން އެންއައިސީ އަށް ހުށަހަޅާނެ އެވެ.

އިދިކޮޅު އެއްވުން ކަވަރުކުރަމުން ދަނިކޮށް ސަންގު ޓީވީގެ ހަތަރު ނޫސްވެރިންނާއި، ރާއްޖެ ޓީވީގެ ތިން ނޫސްވެރިއަކު ހައްޔަރުކުރި އެވެ. އެ މީހުން ހައްޔަރުކުރިއިރު، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާކުރި ކަމަށް ނޫސްވެރިން ބުނެ އެވެ.

އެ އެއްވުމުގެ ތެރެއިން ފުލުހަކު ނޫސްވެރިއަކަށް އަނިޔާކުރާ މަންޒަރު ހިމެނޭ ވީޑިއޯ ވެސް ވަނީ އާއްމުވެފަ އެވެ. މި ނޫސްވެރިން ދޫކޮށްލީ، މޯލްޑިވެސް މީޑިއާ ކައުންސިލާއި މީޑިއާގެ ފިއްތުންތަކާ އެކުގަ އެވެ.