Roadha Mihaaru
ވޭލްސް ޔޫރޯގެ ގަދަ އަށަކަށް

ވޭލްސް ޔޫރޯގެ ގަދަ އަށަކަށް

25 ޖޫން 2016

ޕެރިސް، ފްރާންސް (ޖޫން 25) - ނޮދަން އަޔަލެންޑުގެ މައްޗަށް 1-0 އިން ކުރި ހޯދައި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ވޭލްސް މިރޭ ޖާގަ ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޕެރިސް، ފްރާންސް (ޖޫން 25) - ނޮދަން އަޔަލެންޑުގެ މައްޗަށް 1-0 އިން ކުރި ހޯދައި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ވޭލްސް މިރޭ ޖާގަ ހޯދައިފި އެވެ.

ސްވިޑަންގައި 1958 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ވާދަކުރި ފަހުން ވޭލްސް ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއްގައި ވާދަކުރި ފަހަރު، އަނެއްކާ ވެސް ކުއާޓާ އިން ޖާގަ ހޯދިއިރު ތަފާތު ދެއްކީ ޔޫރަޕުގެ ބޮޑު ކްލަބްތަކަށް ކުޅޭ އެ ޓީމުގެ ތަރިންނެވެ. އެގޮތުން ރެއާލް މެޑްރިޑުގެ ގަރެތު ބޭލް އާއި އާސެނަލްގެ އާރޮމް ރަމްސީ ވަނީ މުހިއްމު ވަގުތު ތަފާތު ދައްކައިފަ އެވެ.

ގްރޭޓް ބްރިޓަން އަށް ނިސްބަތްވާ މި ދެ ގައުުމުގެ މެޗުން ވޭލްސް އަށް ކުރި ލިބުނީ 75 ވަނަ މިނެޓުގައި ނޮދަން އަޔަލެންޑުގެ ގަރެތު މެކްއުލީ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ރަމްސީ ތަނަވަސްކުރި ފުރުސަތެއްގައި އޭރިއާ ތެރެއަށް ބޭލް ނެގި ހުރަސް މެކްއުލީ ފައިގައި ޖެހިފައި ގޯލަށް ވަނީ، އެ ބޯޅަ ބޭރުކުރަން އުޅުމުގެ ތެރޭގަ އެވެ. އޭނާގެ ފައިގައި ނުޖެހުނު ނަމަ އެ ބޯޅަ ދެން ލިބުނީހީ، ވޭލްސްގެ ފޯވާޑް ހަލް ރޮބްސަން-ކާނޫ އަށެވެ.

މިރޭގެ މެޗުގައި ނޮދަން އަޔަލެންޑުން ވަނީ ޖުމްލަކޮށް ވޭލްސް ހިފެހެއްޓުމުގައި މޮޅު ޑިފެންސިވް ކުޅުމެއް ދައްކައިފަ އެވެ. އަދި ފުރަތަމަ ހާފުގައި އެ ޓީމުން ލަނޑެއް ޖެހުމާ ގާތަށް ވެސް ދިޔަ އެވެ. އެކަމަކު އޭރިއާ ތެރެއިން އެ ޓީމުގެ ސްޓުއަޓް ޑަލަސް ފޮނުވާލި ބާރު ބޯޅަ ވޭލްސްގެ ގޯލްކީޕަރު ވޭން ހެނެސްސީ ވަނީ މަތަކޮށްފަ އެވެ.

ބޭލް އަށް މާބޮޑު ޖާގައެއް ނޮދަން އަޔަލެންޑުން ނުދިން ނަމަވެސް އޭނާ ވަނީ ހިލޭ ޖެހުމަކުން ނުރައްކާކޮށްފަ އެވެ. މުބާރާތުގައި މި މެޗުގެ ކުރިން ކުޅުނު ތިން މެޗުގައި ވެސް ލަނޑު ޖެހި ބޭލް 57 ވަނަ މިނެޓުގައި ފޮނުވާލި ހިލޭ ޖެހުން މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ނޮދަން އަޔަލެންޑުގެ ގޯލްކީޕަރު މައިކަލް މެކްގޮވާން ވަނީ މަތަކޮށްފަ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި ވޭލްސް ބައްދަލުކުރާނީ ދެ ވަނަ ބުރުގައި މާދަމާރޭ ބެލްޖިއަމާއި ހަންގޭރީ ކުޅެ މޮޅުވާ ޓީމަކާ ދެކޮޅަށެވެ.